އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހަދާފައިވާ ފުޑް ކޯޓް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ރަސްމީކޮށް މިއަދު ހުޅުއްވައިދެއްވައިފިއެވެ. މިކަމަށްޓަކައި މިއަދު ހެނދުނު އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ، ދުނިޔޭގެ ފެންވަރުގެ އެއަރޕޯޓަކަށް ވެގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށާއި، މިކަން މިވެގެންދަނީ، ދިވެހި މެނެޖްމަންޓެއްގެ ދަށުން ކަމަށްވުމަކީ، އެމަނިކުފާނު ވަރަށް އުފާފުޅު ކުރައްވާ ކަމެއް ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެއަރޕޯޓް ތަރައްޤީ ކުރުމަށް ކުރެވޭ މަސައްކަތުގައި، މިއީ ފުރަތަމަ ބޮޑު މަޝްރޫޢު ކަމަށާއި، މިފަދަ އިތުރު އެތައް މަޝްރޫޢުތަކެއް އަންނާނެ ކަމުގައި ވިދާޅުވިއެވެ. އަދި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުޅުވިގެން ދިޔުމުން ވަރަށް އުފާފުޅު ކުރައްވާ ކަމުގައި ވިދާޅުވެ، އެފަރާތްތަކުން އެ ހާމަކުރި އިތުބާރަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި އިރާދަކުރެއްވިއްޔާ، އައރޕޯޓްގެ އާ ރަންވޭއެއްގެ މަސައްކަތްވެސް ދާދި އަވަހަށް ފެށިގެންދާނެ ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ، އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ހުޅުވުނު ރެސްޓޯރަންޓްތަކުގެ ސަބަބުން، ރާއްޖޭގެ ތަރައްޤީއަށް ކުރާނެ ފައިދާތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، މިތަންތަނުގެ ސަބަބުން ދިވެހި ޒުވާނުންނަށް ވަކިން ޚާއްޞަކޮށް، ޕާޓްޓައިމް ވަޒީފާ އަދާކޮށްގެން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ވަރަށް ރަނގަޅު ފުރްޞަތުތަކެއް ހުޅުވިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.