بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާޞިމް އަޙްމަދު، ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްގެ ރެކްޓަރ ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލާ އާމިނަތު ޢަލީ، ޕަރމަނަންޓް ސެކްރެޓަރީ ޑޮކްޓަރ ޢަބްދުލްމުޙްސިން، ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން. އަދި މިއަދުގެ ފަޚްރުވެރި ނަޞީބުގަދަ އަޅުގަނޑުމެންގެ ލޮބުވެތި ދަރިވަރުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! އަޅުގަނޑު ވަރަށް އުފާކުރަން، ގިނަ ޢަދަދެއްގެ ދަރިވަރުންނަށް މަތީ ތަޢުލީމު ކުރިއަށް ގެންދިޔުމަށްޓަކައި، މަތީ ތަޢުލީމު ޙާޞިލު ކުރުމަށްޓަކައި ކުޑަނަމަވެސް އެހީތެރިކަމެއް ސަރުކާރުގެ ފަރާތުން ދެވޭތީ. އަޅުގަނޑުމެންގެ އުންމީދަކީ، ކުރިއަށް އޮތް ތާނގައި، ރާއްޖޭގެ ސްކޫލްތަކުން ނިމޭ ކުދިންގެ ތެރެއިން މިހާރު މަތީ ތަޢުލީމު ޙާޞިލުކުރާ ކުދިންގެ ޢަދަދު ދެގުނައަށް އިތުރުކުރުން. އަދި ހަމައެހެން، މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި މަތީ ތަޢުލީމުދޭ އެކިއެކި ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގެ ފެންވަރު މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކުރުން. ރާއްޖޭގައި މަތީ ތަޢުލީމުގެ ތާރީޚު، ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ދުރަށް މިވަނީ ދަތުރުކޮށްފައި.

އެނގިވަޑައިގަންނަވާނޭ ފަދައިން، މިވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި، މަތީ ތަޢުލީމުގެ ކަންކަން އަޅުގަނޑު އަންނަނީ ވަރަށް ގާތުން ބަލަހައްޓަމުން. 2008 ގައި ސަރުކާރު ބަދަލުވުމާ ގުޅިގެން، އަޅުގަނޑު ހުރީ ހަޔަރ އެޑިޔުކޭޝަން ކައުންސިލްގެ ރައީސަކަށް. އެމަސައްކަތުގެ ތެރޭގައި، މަތީ ތަޢުލީމު ކުރިއެރުވުމަށްޓަކައި ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވުނު. އެގޮތުން، ކުރެވުނު އެއް މަސައްކަތެއް، މި ކުއްލިއްޔާގެ ޤަޥާޢިދު އިޞްލާޙު ކުރުންވެސް. އެކަމުގައި ރެކްޓަރ ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ ވަރަށްބުރަ މަސައްކަތެއް ކޮށްދެއްވި. އަދި ހަމައެހެން، މަތީ ތަޢުލީމާބެހޭ ސިޔާސަތު ކަނޑައަޅައި، ޚާއްޞަކޮށް، މަތީ ތަޢުލީމަށްދާ ކުދިންނަށް ދެވޭ މާލީ އެހީ އިތުރުކުރުމަށްޓަކައި އެކަމާބެހޭ ދިރާސާއެއް ހެދުނު. އެ ދިރާސާގެ މައްޗަށް ބިނާކޮށްފައި، ހަތަރު ކޮމްޕޯނެންޓެއް އެކުލެވޭ މަތީ ތަޢުލީމުގެ ހަޔަރ އެޑިޔުކޭޝަން ފައިނޭންސިންގ ޕޮލިސީއެއް ހެދި، އެ ޕޮލިސީ ކެބިނެޓުން ކަނޑައެޅުނު. އެ ޕޮލިސީގެ ދަށުން މިދެންނެވި ހަތަރު ސްކީމްގެ މަސައްކަތް މިހާރު ފެށިފައި މިވަނީ. އޭގެތެރެއިން ބައެއް ޕްރޮގްރާމްތައް ތަންކޮޅެއް ބާރަށް ކުރިއަށް އެބަދޭ. އެގޮތުން، އެންމެ ބާރަށް މިހާރު މި ކުރިއަށްދާ ޕްރޮގްރާމަކީ، އެކިގޮތްގޮތުން މާލީ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް އެހީތެރިވުމުގެ ޕްރޮގްރާމެއް. މިވޭތުވެދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި، ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން، މަތީ ތަޢުލީމު ޙާޞިލު ކުރުމަށްޓަކައި ވަރަށްގިނަ ޢަދަދެއްގެ ކުދިންތަކަކަށް އެހީތެރިވެދެވިއްޖެ. އަދި ކުރިއާ އަޅާ ބަލާއިރުގައި، މީގެކުރިން އެއްވެސް އަހަރަކު އެހީތެރިނުވެވޭހާ ބޮޑަށް، މިވޭތުވެދިޔަ އަހަރުވަނީ އެހީތެރިވެދެވިފައި. އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން.

އާދެ! މިއަދު މަތީ ތަޢުލީމަށް ކޮލިފައިވާ ކުދިން ރާއްޖޭގައި ހަމަ ގިނަ. ހުރިހާ ކުދިންނަކީ އެންމެ މަތީ ފާސްތައް ހޯދާ ކުދިންނެއް ނޫން. އެހެން ނަމަވެސް، އެކުދިންނަކީވެސް ހަމަ މަތީ ތަޢުލީމުގެ އެކި ޕްރޮގްރާމްތަކުގައި ކުރިއަށް ދެވޭނެ ކުދިން. އެހެންވީމާ، އެގޮތުން ތަފާތު ޕްރޮގްރާމްތައް މި ހުންނަނީ ކަނޑައެޅިފައި. ބައެއް ކުދިންނަކީ އެއީ ވަރަށް އެކަޑަމިކް ގޮތުން، ކުރިއަށްދާން ބޭނުންވާނެ ކުދިން. މަތީ ތަޢުލީމު ޙާޞިލު ކުރުމަށްފަހުގައި، ބެޗްލަރޒް ނެގުމަށްފަހު މާސްޓަރޒްވެސް ނަގާ އަދި ޕީ.އެޗް.ޑީ.އާ ހަމައަށްވެސް ދާން ބޭނުންވާނެ ކުދިން. އަދި އެއަށްފަހުގައި، އެކިއެކި ރިސަރޗް ގްރާންޓްތައް ހޯދައި، އެ މަސައްކަތްވެސް ކުރާނެ ކުދިން. އަނެއްބައި ކުދިންނަކީ، ވަރަށް ޢަމަލީ މަސައްކަތަށް ނުކުންނާނެ ކުދިން. ޑިޕްލޯމާއެއް ނުވަތަ ބެޗްލަރޒް ޑިގްރީއަށްފަހުގައި މަސައްކަތަށްދާ ކުދިން. ނޫނީ މާސްޓަރޒްއެއް ނެގުމަށްފަހު، ސީދާ މަސައްކަތަށްދާ ކުދިން. އަނެއްބައި ކުދިންނަކީ އަދި ޔުނިވަރސިޓީގެ ޑިގްރީއެއް ނުލިބުނު ކަމުގައިވިނަމަވެސް، ޑިޕްލޮމާއަކާ ހަމައިން ނަމަވެސް ކޮންމެވެސް މަސައްކަތެއް ކުރަން ދަސްކޮށް، އެމަސައްކަތާއިގެން ކުރިއަށްދާނެ ކުދިން. މިހުރިހާ ކުދިންނަށްވެސް އެކިގޮތްގޮތުން އެހީތެރިވެދިނުމަކީ އެއީ، އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް.

ދެން ކުޑަކޮށް އަޅުގަނޑުގެ ވާހަކަ ދައްކާލާނަން. އެއީ، ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ތާރީޚުގައި، އެންމެ ފުރަތަމަ ތަޖުރިބާތަކެއް ލިބުނު މީހަކަށްވާތީ. އަޅުގަނޑު ސްކޫލުން ނިމުމަށްފަހުގައި، އެއްގޮތަކަށްވެސް މަތީ ތަޢުލީމަށް ދިޔުމުގެ މާބޮޑު ޝައުޤުވެރިކަމެއް ނެތި ހުރީ. އެއީ، އޭރު ސަރުކާރުގެ އޮފީހެއްގެ ސެކްރެޓަރީކަން ލިބުނީމާ ދެން ފުދޭ. އެއީ ވަރަށްބޮޑު ކަމެއް. ސަރުކާރުގެ ތަނެއްގެ ސެކްރެޓަރީ ކަމެއް ލިބުމަކީ. ދެން ބައިވަރު ސަނަދުތައް ނަގަންޖެހޭ. ގާތްގަނޑަކަށް ވިއްސަކަށް ސަނަދު ނެގުނު، ސްކޫލް ނިންމާފައި. އެއް ނަންބަރު ކާތިބު ކަމާއި، ދެނަންބަރު ކާތިބު ކަމާއި، އެއް ނަންބަރު ސެކްރެޓަރީ ކަމާއި، ސެކްރެޓަރީގެ އެހީތެރިޔާކަމާ، މިހެންގޮސް ދެން ހަމަ ބައިވަރު ސެޓްފިކެޓްތައް، ވަރަށް ފަސޭހައިން ލިބޭ. އެހެންވީމާ، އެ ސެޓްފިކެޓްތަކުގެ އެންމެ މަތީގައި އޮންނަ އެއް ސެޓްފިކެޓް ސެކްރެޓަރީ ކަމުގެ ސެޓްފިކެޓް. އަޅުގަނޑު ސްކޫލް ނިމުމާ އެކީގައި، މާގިނަ ދުވަސްތަކެއްނުވެ، ސެކްރެޓަރީކަން ލިބިއްޖެ. އެއީ އޭރުގައި ޖީ.ސީ.އޯ އޯ ލެވެލް ނެގުމަކީވެސް ވަރަށްބޮޑު ކަމެއް. އަދި އަމުދުން ބައެއް އޭ ފާސް ނުވަތަ ޑިސްޓިންކްޝަނާ އެކީގައި ފާސްވުމަކީ އެއީ، ވަރަށްބޮޑު ކަމެއް އޭރު.

އެހެންވީމާ، އަޅުގަނޑު ވަރަށް އުފަލުން ހުރީ. ހުއްޓާ އެ އަހަރު ރާއްޖެއަށް ލިބުނީ ހަތަރު ސްކޮލަރޝިޕް މުޅިއެކު. މިދިޔަ އަހަރު ދުއިސައްތަ ސައްބީސް ސްކޮލަރޝިޕް. ހަތަރު ސްކޮލަރޝިޕް އެ އަހަރު ލިބުނީ. އަޅުގަނޑުގެ ބެޗްގައި ޖީ.ސީ.އީ ގައި ބައިވެރިވީ އަޅުގަނޑު ހަނދާންވަނީ ހައެއްކަ ކުދިންނޭ. އޭގެތެރެއިން މި ހަތަރު ސްކޮލަރޝިޕަށް އެޕްލައިކޮށްގެން ދެމީހުންނަށް ސްކޮލަރޝިޕް ލިބުނީ. އަޅުގަނޑު އޭގެތެރެއިން އެ ނަޞީބު ލިބުނު އެކަކު މިއީ. އޭގެފަހުން ވަރަށްދިގު ދުވަސްތަކެއްގައި ބޭރުގެ އެކިއެކި ޤައުމުތަކުގެ ޔުނިވަރސިޓީތަކުގައި އަޅުގަނޑުވެސް އުޅެމުން މިދިޔައީ. އަޅުގަނޑަށް ރަނގަޅަށް އިޙްސާސް ކުރެވޭ، ކިޔެވުމުގެ ދައުރުގައި، ޔުނިވަރސިޓީ ދައުރުގައި ކުދިންނަށް ދިމާވާ ދަތިތައް. އަދި ކުޑަކުޑަ އެލަވަންސަކުން އުޅެން ޖެހުމުން ދިމާވާނެ ދަތިތައްވެސް. އަދި އެއަށްފަހު، ފަހުގެ މަރްޙަލާއެއްގައި، މީހަކާ އިނދެގެން ކުދިން ލިބިގެން އުޅޭ ދުވަސްވަރުވެސް ކިޔަވަންޖެހުނު. އެހެންވީމާ، ދެން އަޅުގަނޑު ތަންކޮޅެއް ގިނަދުވަހު ކިޔަވަން ޖެހުމުގެ ސަބަބުން ކުދިން ލިބުމަށްފަހުވެސް ކިޔަވަން އުޅެވުނު. އެހެންވީމާ، އަޅުގަނޑަށް އިޙްސާސް ކުރެވޭ އަދި ޢާއިލާއެއް ގޮވައިގެން އުޅޭއިރުގައި ދިމާވާނެ ދަތިތައްވެސް.

އެހެންވީމާ، އެ ތަޖުރިބާގެ މައްޗަށް ބިނާކޮށްފައި، އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިގެންދަނީ، ކިޔަވާ ދަރިވަރުންނަށް، ޔުނިވަރސިޓީ މަތީ ތަޢުލީމު ޙާޞިލު ކުރުމަށްޓަކައި މަސައްކަތްކުރާ ބޭފުޅުންނަށް ވީހާވެސް ބޮޑަށް އެހީތެރިވެދިނުމަށްޓަކައި. އެގޮތުން މިހާރު ދެ ސްކީމެއްގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް މިދަނީ. އޭގެތެރެއިން އެއް ސްކީމަކީ އެއީ ނޭޝަނަލް ސްކީމް. އެއީ ކިޔަވަން ފަށްޓަވާފައި ތިބި ބޭފުޅުންނަށް ދިމާވާ ދަތިތައް ޙައްލުކުރުމަށްޓަކައި އިތުރު ޓޮޕްއަޕް އެހީއެއްގެ ގޮތުގައި ދެއްވާ އެހީ. ދެން މިއަދު އެ އެހީ ލިބިވަޑައިގަންނަވާ ތިންސަތޭކަ ބޭފުޅުން އެބަތިއްބެވި. އެހެންވީމާ، އެއީ ވަރަށް ބޮޑަށް އަޅުގަނޑުމެން އުފާކުރަންޖެހޭ ކަމެއް.

ދެން މިއޮތީ މުޅިން އަލަށް އެދިވަޑައިގަންނަވާ ބޭފުޅުން. އަލަށް ކިޔަވަންދާއިރުގައި، ފުރަތަމަވެސް ލޯން ސްކީމެއްގައި ކިޔަވަންދާ ކުދިން. އެކުދިންނަށްވެސް ހުރިހާ ޚަރަދުތަކެއް ސަރުކާރުން ބަލަހައްޓާ ގޮތަށް ދެވޭ ލޯނުވެސް އެބަހުރި. އެހެންވީމާ، މިއީ ވަރަށްބޮޑު މަސައްކަތެއް ސަރުކާރުގެ ފަރާތުން ކުރެވެމުން މިދަނީ. މީގެކުރިން، މީގެ ދެއަހަރެއްހާ ދުވަހުގެ ކުރިން ނުވެވޭވަރުގެ ބޮޑު އެހީތެރިކަމެއް، ﷲ އިރާދަކުރެއްވީތީ މިއަދު ސަރުކާރުން މަތީ ތަޢުލީމު ކުރިއެރުވުމަށްޓަކައި މި ކުރެވެނީ. އެކަން ކުރަން އެބަޖެހޭ. އެކަން ކުރަންޖެހެނީ، ދިވެހިރާއްޖޭގައި މަތީ ތަޢުލީމަށްދާ ކުދިންގެ ޢަދަދު އަދިވެސް މާ މަދުވީމާ. އަޅުގަނޑުމެން މީގެ ދެތިން އަހަރުގެ ކުރިން ބަލައިލިއިރުގައި، ދިވެހިރާއްޖެ އޮތީ ގާތްގަނޑަކަށް ސަބްސަހާރަން އެފްރިކާގެ ޤައުމުތަކަކާ އެއްފެންވަރުގައި، މަތީ ތަޢުލީމަށްދާ ކުދިންގެ ނިސްބަތް. އެ ބަދަލުކޮށްގެން ނޫނީ މި ޤައުމަކަށް ކުރިއަށްދެވޭކަށް ނެތް. އަޅުގަނޑުމެންގެ އާބާދީ ކުޑަވުމާ އެކީގައި، މި އާބާދީގެ ކޮންމެ ދަރިއަކީ ތަޢުލީމީ ޤާބިލް މީހަކަށް އަޅުގަނޑުމެން ހަދަން އެބަޖެހޭ. ކޮންމެ ޤައުމެއްގައިވެސް އެ ޤައުމެއްގެ އެންމެބޮޑު ރައުސްމާލަކީ، އެޤައުމެއްގެ ރައްޔިތުން.

އެހެންވީމާ، ރައްޔިތުންގެ ޤާބިލުކަން އިތުރުކުރުމަކީ އެއީ، ޙަޤީޤީ އިންވެސްޓްމަންޓަކީ. ދިވެހިރާއްޖޭގެ ހިއުމަން ކެޕިޓަލް އިތުރުކުރުމަށްޓަކައި ކުރާ މަސައްކަތް މި މަސައްކަތަކީ. އެހެންވީމާ، މިއީ ވަރަށްބޮޑު އިންވެސްޓްމަންޓެއް. މި އިންވެސްޓްމަންޓް ދައުލަތުގެ ފަރާތުން މިކުރަނީ، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި. ރާއްޖެއަކީ ޞުލްޙަވެރި ތަނަކަށް ހެދުމަށްޓަކައި. ދިވެހިރާއްޖެއަކީ އުފަލުގައި މީހުން ދިރިއުޅޭ ތަނަކަށް ހެދުމަށްޓަކައި. އެހެންވީމާ، ތިޔަބޭފުޅުންގެ އިސްތަށިފުޅުގައި ވަރަށްބޮޑު މަސްއޫލިއްޔަތެއް އެބަ އެޅޭ. އެއީ ރާއްޖޭގެ ރައްޔިތުންގެ ނަމުގައި، ރާއްޖޭގެ މުސްތަޤްބަލަށްޓަކައި ކުރާ އިންވެސްޓްމަންޓެއްގެ އެއްކޮޅުގައި ތިޔަ ހިއްޕަވަނީ ތިޔަބޭފުޅުން. ތިޔަބޭފުޅުން އެ އިންވެސްޓްމަންޓްގެ ޙަޤީޤީ ނަތީޖާ ނެރެދެއްވާ ބޭފުޅުންނަކީ. އެހެންވީމާ، ވަރަށް ފަރުވާތެރިކަމާއެކީގައި، މި ކުޑަކުޑަ އެހީތެރިކަމުގެ ބޭނުން ހިއްޕަވައިގެން، ރަނގަޅު ނަތީޖާ ނެރުއްވުމަށްޓަކައި އެބަ މަސައްކަތް ކުރައްވަންޖެހޭ. އަދި ތިޔަބޭފުޅުން ކިޔަވާ ވިދާޅުވާ ރޮނގަކީ، އެއީ ވަޒީފާ ލިބޭ، ނަތީޖާ ނެރެވޭ ރޮނގަކަށް ހަދަން އެބަޖެހޭ. އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެންގެ ތެރެއިން ޚާއްޞަކޮށް، ދެން ތިޔަބޭފުޅުންނަށްވުރެ ތަންކޮޅެއް ޒުވާން ބޭފުޅުންކަންނޭނގެ އެއީ، ވަރަށް ބޮޑަށް ޢާއިލާއަށް ބަރޯސާވެގެން އަޅުގަނޑުމެން މިއުޅެނީ. ކިޔަވާ ނިމުމަށްފަހުގައިވެސް ބައެއްފަހަރު ވަޒީފާއަށް ނުނުކުމެ އުޅުއްވާ ބައެއް ޒުވާނުންވެސް އެބަ އުޅުއްވާ. އެހެން ނަމަވެސް، އަބަދަކު އެހެނެއް އަޅުގަނޑުމެންނަކަށް ނޫޅެވޭނެ އެހެން ނޫންތޯ. ދުނިޔެއިން ދުވަހެއް، ޙަޔާތުން ދުވަހެއް ވޭތުވަމުން ގޮސް، އަޅުގަނޑުމެން ކޮންމެ މީހަކީވެސް އަމިއްލަ ފައިމައްޗަށް ތެދުވަންޖެހޭ މީހެއް. އަޅުގަނޑުމެން ކޮންމެ މީހަކީވެސް ޢާއިލާއެއްވެސް ބަލަހައްޓަންޖެހޭ މީހެއް.

އެހެންވީމާ، އެކަން ކުރުމަށްޓަކައި ތިމާގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ކުރާ މަސައްކަތް މިހާރު މި ކުރެވެނީ. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، ތިޔަބޭފުޅުން ކިޔަވާ ވިދާޅުވާ އެއްޗަކީ އެއީ ތިޔަބޭފުޅުންނަށާއި، ތިޔަބޭފުޅުންގެ ޢާއިލާތަކަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަކަށްވާނެ ކަމަށް. ދިވެހިރާއްޖޭގެ އާބާދީ ކުޑަކަމާއެކީގައި، ރާއްޖޭގައި ވަޒީފާނެތި މީހުން ތިބެގެން ނުވާނެ. އެހެން ނަމަވެސް، މިހާރުވެސް އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ، މިހާރު އަޅުގަނޑުމެންނަށް ދެވޭ ތަޢުލީމުންވެސް ހަމަ ވަރަށްގިނަ ޢަދަދެއްގެ ކުދިންތަކެއް، އެއްވެސް ކަމެއް ނެތިފައި ތިބޭތަން. އެއީ، ތަޢުލީމުގެ މައްސަލައެއް ނޫން ހަމައެކަނި. އެއީ، އިޤްތިޞާދުގެގެވެސް މައްސަލައެއް. އަޅުގަނޑުމެން އިޤްތިޞާދު އެބަޖެހޭ ޑައިވަރސިފައިކޮށް ފުޅާކުރަން. ގިނަ ރޮނގުރޮނގުން ޒުވާނުންނަށް ވަޒީފާ ލިބޭނެ ފުރްޞަތުތައް އަޅުގަނޑުމެން އެބަޖެހޭ ހުޅުވާލަން. އިރާދަކުރެއްވިއްޔާ، އެކަންވެސް ސަރުކާރުގެ ފަރާތުން ކުރާނެ. އަދި ޚާއްޞަކޮށް، އަމިއްލަ މަސައްކަތުން، އަމިއްލަ މަސައްކަތް ފަށައިގެން ކުރިއަށްދާން ބޭނުންވާ ބޭފުޅުންނަށް، އެމަސައްކަތް ކުރެވޭނެ ގޮތްތައްވެސް އިރާދަކުރެއްވިއްޔާ ހަމަޖެހެމުންދަނީ. އެހެންވީމާ، ތިޔައިގެ ތެރެއިން ބިޒްނަސް ސްޓަޑީޒް ކިޔަވާ ވިދާޅުވެގެން، ނޫނީ ކޮންމެވެސް އެހެން ކަމެއް ކިޔަވާ ވިދާޅުވެގެން ނަމަވެސް، އަމިއްލައަށް މަސައްކަތް ފަށްޓަވައިގެން ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ބޭފުޅުންނަށް، އެކިވަރުވަރުގެ ލޯނުގެ އެހީ ދިނުމުގެ ޕްރޮގްރާމްތައް މިހާރުވެސް ރޭވިފައި އެބަހުރި. މިއަހަރުވެސް އެބާވަތުގެ ލޯނުތައް ސަރުކާރުން ދޫކުރައްވަމުން ގެންދަވާނެ. އަދި އެކަމުގައި ބޭރުގެ އެކިއެކި ބޭންކްތައް، ޚާއްޞަކޮށް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީ ދިވެހިރާއްޖެއަށް ދަނީ ލިބެމުން.

ދެން އަޅުގަނޑު ހަނދާނެއްނުވޭ، މި ކޮލެޖްގައި އަޅުގަނޑަށް ވާހަކަ ދެއްކުމުގެ ފުރްޞަތު، މީގެކުރިން ލިބުނު ހަނދާނެއް. އެހެންވީމާ، މިއަދު މިއީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. ވަރަށް ބޮޑަށް ޝުކުރިއްޔާ، އަޅުގަނޑަށް މިތަނަށް ދަޢުވަތު ދެއްވި ކަމަށްޓަކައި. އަޅުގަނޑުގެ ޙަޔާތުގައިވެސް ވަރަށްގިނަ ދުވަސްތަކެއް ހޭދަކުރަންޖެހުނީ، މިބާވަތުގެ ހޯލްތަކާއި، ކްލާސްރޫމްތަކުގައި. ގާތްގަނޑަކަށް އަޅުގަނޑު ދަންނަވާނީ، ފަނަރަވަރަކަށް އަހަރު އަޅުގަނޑުގެ ޙަޔާތުގައި ދިޔައީ މިތަންތާނގެ ތެރޭގައޭ.

އެހެންވީމާ، އަޅުގަނޑުވެސް ދެކޭހިތްވަނީ، ދިވެހިރާއްޖޭގައިވެސް ދުނިޔޭގައި ހުރި ހަމަ އެންމެ ފެންވަރު ރަނގަޅު ޔުނިވަރސިޓީތަކާއި ކޮލެޖްތައް ޤާއިމްވެގެން ދިޔުން. މިއަދު އަޅުގަނޑުމެންގެ ޤައުމީ ޔުނިވަރސިޓީ އަޅުގަނޑު ޤަބޫލުކުރާހިތްވަނީ ވަރަށް ބާރަށް ކުރިއަށްދާކަމަށް. ޤައުމުގެ އިސްކޮށް ތިބި މީސްމީހުންނާއި ރައްޔިތުންގެ އިސްކޮށް ތިބި މީހުންގެ ޚިޔާލުތަކާއި، ޤައުމުގެ ރައްޔިތުންގެ އުންމީދުތަކާ އެއްގޮތްވާ ގޮތަށް ޔުނިވަރސިޓީގެ ސިޔާސަތު ބައްޓަންވެގެން، ޔުނިވަރސިޓީ ކުރިއަރަމުންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަމުންދަނީ. މި ޤައުމުގައި މިހާރުހުރި މަތީ ތަޢުލީމުދޭ ހުރިހާ މުއައްސަސާތަކެއްގެ ކުރިބޯށި، ޤައުމީ ޔުނިވަރސިޓީއަކީ. އެހެންވީމާ، ޔުނިވަރސިޓީގެ ޕްރޮގްރާމްތަކާއި، ޔުނިވަރސިޓީގެ ފެންވަރާ، މިއަށްވުރެ މަތިކުރުމަށްޓަކައި ވަރަށްބޮޑެތި މަސައްކަތްތަކެއް އަޅުގަނޑުމެން ކެނޑިނޭޅި ކުރަންޖެހޭނެ. ދެން މިވާހަކަ ޤައުމީ ޔުނިވަރސިޓީގައި ދައްކާލާކަށް އަޅުގަނޑަށް އަދި ފުރްޞަތެއް ނުލިބޭ. އަޅުގަނޑު އުންމީދު ކުރަން، ކޮންމެވެސް ދުވަހަކުން އަޅުގަނޑަށް އެ ފުރްޞަތު، ޤައުމީ ޔުނިވަރސިޓީއިން ދެއްވާނެ ކަމަށް.

ދަންނަވަންތޯ، ދިވެހިރާއްޖޭގެ މުއްސަނދިކަން ހޯދައި، އޭގެ ބޭނުންކުރާނީ ދިވެހިން. އެއީ ބޭރު ބަޔަކު ކުރަންޖެހޭ ކަމެއް ނޫން. އެހެންވީމާ، ރާއްޖޭގެ ފަޅުތަކާއި، ފަރުތަކާއި، ބިންތަކުގައި ހުރި މުއްސަނދިކަން ހޯދުމަށްޓަކައި ބޭރުގެ ޔުނިވަރސިޓީތަކަށް، އެ ފުރްޞަތު ދޭކަށްނުޖެހޭ. ބޭރުބަޔަކާ ގުޅިގެން އެކަން ކުރުމަކީ މައްސަލައެއް އޮތް ކަމެއް ނޫން. އެހެންނަމަވެސް، މިބާވަތުގެ ކޮންމެ ކަމެއްގައިވެސް ދިވެހިންގެ ކޮންޓްރޯލް އޮތުމަކީ އެއީ ވަރަށް މުހިންމު ކަމެއް. މިއަދު އެހެނެއް ނޫން، މިހާ ހިސާބަށް ކަންކަން ވެފައި ހުރީކީ. ބޭރުގެ ޔުނިވަރސިޓީތަކުން ރާއްޖެ އައިސް، ރާއްޖޭގެ ސަރުކާރަށްވެސް ރަނގަޅަށް ނޭނގޭ ދަރަޖައަށް، ރާއްޖޭގެ ފަރުތަކާއި ފަޅުތަކުގެ ތަޙުލީލުތައްކޮށް، އޭގެ ފައިދާ ބަޔަކު ނަގަމުން އެބަގެންދޭ. އަޅުގަނޑުމެންގެ މެރިން ލައިފް އެއީ ދުނިޔޭގެ އެންމެ މުއްސަނދި މެރިން ލައިފް. އޭގެ ސަބަބުން އެކިއެކި ރޮނގު ރޮނގުން، ޚާއްޞަކޮށް، ބޭސްވެރިކަމަށް، މެޑިސިން، ފާމަސޫޓިކަލްސް، މިރޮނގުރޮނގުން ލިބެންހުރި، ހޯދެންހުރި އާ ހޯދުންތަކާއި، ލިބެންހުރި ފައިދާ އަދި ނުވެސް އެނގޭ. އެހެން ނަމަވެސް، އެހެން ހުރި ތަންތަން މިހާރުވެސް ބަޔަކު ހޯދަމުން، އެ އެއްޗެތި ބޭރު ބައެއްގެ ނަމުގައި ޕޭޓެންޓް ކުރަން ފަށައިފި ކަމަށްވާނަމަ، އޭރުންވާނީ ބާސްމަތީ ހަނޑޫ އެމެރިކާގައި ކޮޕީރައިޓް ކުރީމަ ވާގޮތަށް. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ، މިބާވަތުގެ ކަންކަމާ އަޅުގަނޑުމެންގެ ޔުނިވަރސިޓީތަކުން ވިސްނަން.

އަޅުގަނޑުމެންގެ ޔުނިވަރސިޓީ ވާންޖެހޭނީ މިބާވަތުގެ ކަންކަން ހޯދައި ތަޙުލީލު ކުރާ ތަނަކަށް. ރާއްޖޭގެ މުއްސަނދިކަން ހޯދައި، ރައްޔިތުންނަށް އޭގެ ފައިދާ ހޯދޭނެ ތަންތަނަށް. އޭގެ ވިޔަފާރީގައި މުއްސަނދިވާ ބަޔަކީ ދިވެހިންނަށްވާން އެބަޖެހޭ. އެހެންވީމާ، ބާރު ސްޕީޑެއްގައި އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ ޔުނިވަރސިޓީތަކަށް ރިސާރޗް ތަޢާރުފް ކުރަން. އެނގިވަޑައިގަންނަވާނޭ ފަދައިން، މިއަހަރު މިހާރު އަޅުގަނޑު ވާނީ، ޑޮކްޓަރަލް ގްރާންޓެއް ތަޢާރުފްކޮށްފައި. ޕީ.އެޗް.ޑީ ނަގާ ކުދިންނަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް. އަޅުގަނޑު އުންމީދު ކުރަން، ކުރިއަށް އޮތް ތާނގައި، ރިސާރޗް ގްރާންޓްވެސް މިގޮތަށް ހަމަޖެހިގެން ގެންދެވޭނެ ކަމަށް.

އަޅުގަނޑުމެންގެ ތެރޭގައި މިހާރު ވަރަށް މޮޅު ކުދިން އެބަތިބި. ޚާއްޞަކޮށް، މެޑިސިން، ސައުންޑްސް، މެތަމެޓިކްސް، ކޮމްޕިއުޓަރ ސައިންސް، މިރޮނގުތަކުން ވަރަށް މޮޅު ކުދިން ދިވެހިންގެ ތެރޭގައި މިހާރު އެބަތިބި. އެކުދިންނަށް ރިސާރޗްކޮށް، ކުރިއަށް ދިޔުމުގެ ފުރްޞަތު އަދި ހުޅުވެންވާވަރަކަށް ނުހުޅުވޭ. އަޅުގަނޑު އުންމީދުކުރަން، މި ކޮލެޖްވެސް މުސްތަޤްބަލުގައި މިއަށްވުރެ މަތީ ފެންވަރަކަށް، މަތީ ހަރުފަތަކަށް ގެންދެވުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް. ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ، ޔުނިވަރސިޓީއަކަށް ބަދަލުކުރުމުގެ ވިސްނުމަކީ އެއީ ދައުލަތުގެ ފަރާތުން ކުރައްވަމުން ގެންދަވާ ވިސްނުމެއް. ﷲ އިރާދަކުރެއްވިއްޔާ، އެކަންވެސް އަޅުގަނޑުމެންނަށް ވާނެ.

އާދެ! އަދިވެސް އެއްފަހަރު އަޅުގަނޑުގެ އިލްތިމާސަކީ މިއަދު ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ތިޔަ ލިބިވަޑައިގަންނަވާ ކުޑަކުޑަ އެހީތެރިކަން ފުރިހަމައަށް ބޭނުންކުރެއްވުން. ދައުލަތުގެ ފޯރުންތެރިކަން އަދި ހުރިވަރުން ހުރިހާ ބޭފުޅުންނަށް ގްރާންޓް ދިނުމަކީ އެއީ، ވެވޭވަރުގެ ކަމެއް ނޫން. ދިވެހިރާއްޖެ މިއަށްވުރެ މުއްސަނދިވި ދުވަހަކުން، ރާއްޖޭގެ އިޤްތިޞާދު މިހާރަށްވުރެ ބޮޑަށް ހަމަޖެހިގެންދާ ދުވަހަކުން ﷲ އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ހުރިހާ ކުދިންވާނީ ހަމަ ގްރާންޓް އެހީގައި ކިޔަވާ ކުދިންނަށް. އެދުވަސް އިރާދަކުރެއްވިއްޔާ މާ ދުރެއްގައެއް ނޫން އޮތީކީ. އެއީ ރާއްޖޭގެ ޕަބްލިކް ފައިނޭންސް އެބަޖެހޭ ރީސްޓްރަކްޗަރ ކުރަން. ރީސްޓްރަކްޗަރކޮށް، އެހީ ލިބެންވާ ފަރާތްތަކަށް އަމާޒުކޮށްގެން އެހީދެވެންޖެހެނީ. ކިޔަވާ ކުދިންނަކީ އެހީދޭންޖެހޭ ބައެއް. އެހެންވީމާ، މިހާރަށްވުރެވެސް ބޮޑަށް ކިޔަވާ ކުދިންނަށް އެހީތެރިކަން ދިނުމަކީ އެއީ، ދައުލަތުން ކުރަންޖެހޭ ކަމެއް.

އަޅުގަނޑު އެދެނީ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ވަރަށް އުޖާލާ މުސްތަޤްބަލެއް. ތިޔަބޭފުޅުން ތިޔަ ކުރައްވަމުން ގެންދަވާ މަސައްކަތުގައި މާތްﷲ ބަރަކާތް ލެއްވުން. ތިޔައިން ކޮންމެ ބޭފުޅަކީވެސް ތިޔަބޭފުޅުންގެ އަމިއްލަފުޅު މަޤްޞަދާއި، އަމިއްލަފުޅު ޙަޔާތަށްޓަކައި ކުރައްވާ އުންމީދުތަކަށް ކާމިޔާބު ލިބިވަޑައިގަންނަވާ ބޭފުޅަކަށްވުން. ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ބޮޑަށް އަޅުގަނޑު ހިތްވަރުދެން. ގަދައަޅައި މަސައްކަތް ކުރެއްވުމަށް. ތިޔަބޭފުޅުން ތިޔަ ފެށްޓެވި މަސައްކަތް، ފަށްޓަވައިގެން ކުރިއަށް ގެންދަވާ މަސައްކަތް ކާމިޔާބު ކުރެއްވުމަށްޓަކައި ހުރިހާވެސް ހިތްވަރެއް ކުރެއްވުން. ﷲ އިރާދަކުރެއްވިއްޔާ، ސަރުކާރުގެ ފަރާތުން ތިޔަބޭފުޅުންނާ އެކީގައި، ތިޔަބޭފުޅުންނަށް ދޭންޖެހޭ އެހީތެރިކަމެއް ދިނުމަށްޓަކައި މަސައްކަތް ކުރާނަން.

އަޅުގަނޑުގެ ދުޢާއަކީ، ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަކީވެސް ޢިލްމީ، ޤާބިލް، ހިތްހަމަޖެހޭ، އުފަލުގައި އުޅޭ ބައެއް ކަމުގައި ލެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه