ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ޙުސައިން ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިރޭ މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރައްވައި، ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމާ ބެހޭގޮތުންނާއި، ދެޤައުމުން އަހަންމިއްޔަތުކަންދޭ ކަންކަމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ހުކުރުދުވަހުގެރޭ ކޮޅުނބުގެ ސޯސަންވިލާގައި ބޭއްވުނު ދިވެހި މިޔުޒިކް ބޭންޑް "އޮލިމްޕިއަންސް"ގެ ޝޯވގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ ދިވެހިންނަށް، އާސަންދަ ލިބޭނެގޮތަށް ހަމަޖައްސަވައިފިކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނު ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި، ލަންކާ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި، ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ތިބި ދިވެހިންނާ ބައްދަލުކުރައްވައި، އެމީހުންގެ ހާލުވެސް އޮޅުންފިލުއްވިއެވެ. އަދި ހޮސްޕިޓަލްގެ އިސްބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ރާއްޖެއަށް އެހޮސްޕިޓަލުގެ އެހީތެރިކަން ހޯއްދެވުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން، ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހިންނާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިއެވެ.