ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ ދިވެހިންނަށް އާސަންދަ ލިބޭނެ ގޮތަށް ހަމަޖައްސަވައި، އެކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އިޢުލާންކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން އިޢުލާންކުރެއްވީ، އެމަނިކުފާނު ސްރީލަންކާއަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ރޭ ކޮޅުނބުގެ ސޯސަންވިލާގައި ބޭއްވުނު ދިވެހި މިޔުޒިކް ބޭންޑް "އޮލިމްޕިއަންސް" ގެ ޝޯވގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އެމީހަކު ދިރިއުޅޭ ޤައުމެއްގައި ހުންނަ އާސަންދަ ޤަބޫލުކުރާ ހޮސްޕިޓަލަކުން އެޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު ވަނީ، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމާ ބެހޭގޮތުންނާއި ދެޤައުމުން އަހަންމިއްޔަތުކަންދޭ ކަންކަމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާ ބެހޭގޮތުންނާއި، ސެޕްޓެމްބަރ މަހު ބޭއްވޭ ރިޔާސީ އިންތިޚާބުގެ ކަންކަމާ ބެހޭގޮތުން ސްރީލަންކާގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު ދެއްވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ލަންކާ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބި ދިވެހިންނާ ބައްދަލުކުރައްވައި، އެމީހުންގެ ހާލު އޮޅުން ފިލުއްވިއެވެ. އަދި ހޮސްޕިޓަލުގެ އިސް ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ހޮސްޕިޓަލުން ދޭ ތަފާތު ޚިދުމަތްތަކާ ބެހޭގޮތުން ހޮސްޕިޓަލުގެ ސީ.އީ.އޯ ރައީސުލްޖުމްހޫރިއްޔާއަށް މަޢުލޫމާތު އެރުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކފުޅުގައި މެޑިސިންގެ ރޮނގުން ކުރިއަށްދާ ރާއްޖޭގެ ކުދިންނަށް އެހޮސްޕިޓަލުގައި އިންޓަރންޝިޕް ހެދުމުގެ ފުރުސަތު ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ހޮސްޕިޓަލުގެ ސްޕެޝަލިސްޓް ޑޮކްޓަރުން އެކި މުއްދަތުތަކުގައި ރާއްޖެއަށް ޒިޔާރަތްކުރައްވައި، އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ޚިދުމަތް ދެއްވޭނެ އިންތިޒާމުތަކެއް ހަމަޖެއްސެވުމާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހޮސްޕިޓަލަށް ޒިޔާރަތްކުރެއްވުމަށްފަހު ސްރީލަންކާގެ ނޫސްވެރިންނާ ބައްދަލުކުރައްވަމުން އެހޮސްޕިޓަލުން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކަން ފާހަގަކުރައްވައި، އެކަމަށް ތަޢުރީފު ކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ.