ޓީޗަރުކަންކުރަން ބޭނުންވާ ކުދިންނަށް ސްކޮލަރޝިޕްތައް ކަނޑައަޅުއްވާނެ ކަމަށާއި، ޓީޗަރުންގެ މުސާރައަކީ ޓީޗަރުންނަށް އިޙްތިރާމް ލިބޭވަރުގެ މުސާރައަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އައްޑޫ ޝަރަފުއްދީން ސްކޫލްގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ އެހެން ސްކޫލުތަކާ އަޅާބަލާއިރުގައި، މި ވޭތުވެދިޔަ އަހަރު ޝަރަފުއްދީން ސްކޫލުވަނީ ވަރަށް ފުރިހަމަ ނަތީޖާތަކެއް ހޯދާފައިކަން ފާހަގަކުރައްވަމުން، ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާގައި އެމަނިކުފާނު މިރޭ ބައިވެރިވެވަޑައިގެންނެވި އެއްސަބަބަކީ، ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުން މިހާބޮޑު ހިތްވަރެއްކުރައްވައި، މިހާބޮޑު ކާމިޔާބީއެއް ހޯއްދެވުން ކަމުގައި ވިދާޅުވިއެވެ. އަދި އަނެއް ސަބަބަކީ، މިހާރު ޝަރަފުއްދީން ސްކޫލަކީ، ރާއްޖޭގެ ސްކޫލުތަކާ އަޅާބަލާއިރުގައި އެންމެ ކުރީ ސަފުގައި ހިމެނޭ ސްކޫލަކަށްވާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ކިޔަވައިދިނުމާއި އުނގަންނައިދިނުމަކީ ފަސޭހަކަމެއްނޫންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، ސްކޫލުގެ ބެލެނިވެރިންނާއި މުދައްރިސުން ކުރެއްވި މަސައްކަތަކީ ވަރަށް އުނދަގޫ މަސައްކަތެއް ކަމުގައި ވިދާޅުވިއެވެ. އަދި މި ނަތީޖާ ހާސިލުކުރުމުގެ ސިއްރަކީ ސްކޫލުގައި މަސައްކަތް ކުރައްވާ ބޭފުޅުން، ސްކޫލުގެ ކުރިއެރުމަށް ދެއްވާ އަހަންމިއްޔަތުކަން ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތަޢުލީމުގެ ދާއިރާއަށް ޝައުޤުވެރިކަން ހުރެގެން އެ ދާއިރާގައި މަސައްކަތް ކުރަން ނުކުންނަ ކުދިންގެ ޢަދަދު މިހާރު އެހާ ގިނަ ނޫން ކަމަށާއި، އޭގެ ނަތީޖާއަކީ ގިނަ ސްކޫލުތަކުގައި މަތީ ކްލާސްތަކުގައި މިއަދު މުޅިންހެން ބިދޭސީ ޓީޗަރުން ތިބުން ކަމުގައި ވިދާޅުވިއެވެ. އެހެންވާން މިޖެހެނީ ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރާނެ ޒުވާނުން މަދުވަމުންދާތީކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. "ސްކޫލުތަކުގެ ފެންވަރު ރަނގަޅުކޮށް ކުރިއަށް ގެންދިޔުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ، މުދައްރިސުންނަށް ސަމާލުކަން ދިނުން. މުދައްރިސުންނަށް ދޭންޖެހޭ ތަމްރީނު ދިނުން. އަދި ޚާއްޞަކޮށް، ތަޢުލީމީ ދާއިރާއަށް ވަނުމަށް، މުދައްރިސުންނަށްވުމަށް އެއްބާރުލުންދީ، ހިތްވަރުދީ، މޮޅުކުދިން ތަޢުލީމީ ދާއިރާއަށް ވެއްދުމަށްޓަކައި އެންމެން މަސައްކަތްކުރުން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމުގައި ކުރެވޭ އެންމެ ބޮޑު އިންވެސްޓްމަންޓަކީ، ތަޢުލީމަށް ކުރެވޭ އިންވެސްޓްމަންޓްކަން ބަޔާންކުރައްވަމުން، އެއީ ފަހުން ޤައުމަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނޭ ކަމެއް ކަމަށާއި، އެހެންވީމާ، ލޯނު ނަގައިގެންވެސް ކުރަންވީ ކަމަކީ ކިޔަވައިދިނުން ކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގެ ތަޢުލީމީ ފެންވަރު ރަނގަޅު ކުރުމަށްޓަކައ ތަޢުލީމުގެ މަންހަޖުގައި މިހާރަށްވުރެ ބޮޑަށް ތަރުބިއްޔަތުގެ ބައި ހިމަނައި، އަޅުގަނޑުމެންގެ ދަރިންނަކީ، އިސްލާމީ ރިވެތި އުސޫލުތަކުގައި އަދި ރިވެތި އަޚްލާޤެއްގެ މަތީގައި ބޮޑެތިވާ ކުދިންނަށް ހެދުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އައްޑޫ ސިޓީއަށް މިއަދު މި ކުރެއްވި ދަތުރުފުޅުގައި، މިއަދު ހަވީރު ފޭދޭ ސްކޫލަށް ޒިޔާރަތްކުރައްވައި، އެސްކޫލަށް 40 އަހަރުފުރުމުގެ އިޙްތިފާލުގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން ކޭކެއް ފަޅުއްވައިދެއްވިއެވެ.