بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ޕޮލިސް ކޮމިޝަނަރ، ޑެޕިއުޓީ ކޮމިޝަނަރ، އަޅުގަނޑުމެންގެ ލޮބުވެތި ފުލުހުން، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ޑިޕްލޮމެޓިކް ކޯގެ ޢިއްޒަތްތެރި މެންބަރުން އަދި ޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން، ޖިނާއީ ކޯޓުގެ އިސް ފަނޑިޔާރު ޢަބްދުﷲ މުޙަންމަދު.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދަކީ އަޅުގަނޑުމެން ވަރަށް އުފާކުރަންޖެހޭ ދުވަހެއް. ސަބަބަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ފުލުހުންގެ ޚިދްމަތަށް ވަރަށްބޮޑު ކުރިއެރުމެއް މިއަދު ލިބިގެންދާކަމަށްޓަކައި. އަޅުގަނޑުގެވެސް ފުރަތަމަ ވާޖިބަކީ، މިއަދު މިއުފެދުނު ސްޕެޝަލް ކޮންސްޓެބުލަރީގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންނަށް އެންމެ ފުރަތަމަވެސް މަރްޙަބާއާއި މުބާރަކްބާދީ ދެންނެވުން.

އާދެ! މިއަދު އަޅުގަނޑުމެންނަށް މި ކާމިޔާބު މި ޙާޞިލު ކުރެވުނީ، ވަރަށްބުރަ މަސައްކަތްތަކެއް ކޮށްގެން. އެނގިވަޑައިގަންނަވާނޭ ފަދައިން ކޮންސްޓެބުލަރީ އުފައްދަންވީތާ މިހާރު ކިތަންމެ ދުވަހެއް. އެންމެފަހުން މިއަދު އަޅުގަނޑުމެންނަށް މި ކާމިޔާބު މި ޙާޞިލު ކުރެވުނީ، ޚާއްޞަކޮށް، އަޅުގަނޑުމެންގެ ޕޮލިސް ކޮމިޝަނަރ ކުރެއްވި ވަރަށްބުރަ މަސައްކަތްޕުޅުން. އެމަނިކުފާނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ހަމައެހެން، އަޅުގަނޑުމެންގެ ކުރީގެ ހޯމް މިނިސްޓަރ ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދުވެސް މި ކޮންސްޓެބުލަރީ އުފެއްދެވުމަށްޓަކައި ބުރަ މަސައްކަތެއް ކުރެއްވި. އެމަނިކުފާނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުމެން އެންމެންގެވެސް މަޤްޞަދަކީ ދިވެހިރާއްޖެއަކީ، ދިވެހި މުޖުތަމަޢަކީ އަޅުގަނޑުމެންނަށް އަމާންކަމާއެކީގައި، ޞުލްޙަވެރިކަމާއެކީގައި، އުފަލާއެކީގައި އުޅެވުން. އަޅުގަނޑުމެންގެ ޢާއިލާތަކާއި، އަޅުގަނޑުމެންގެ އަނބިދަރިންނަށް މަގުމަތީގަޔާއި މުޖުތަމަޢުގައި ހިތްހަމަޖެހިލައިގެން އުޅެވޭނެކަމުގެ ޔަޤީންކަން އަޅުގަނޑުމެން އެބަޖެހޭ ޤާއިމްކޮށްދޭން. ތަރައްޤީވެފައިވާ މުޖުތަމަޢެއް ހޯދުމަށްޓަކައި އަޅުގަނޑުމެން މިއަދު މަސައްކަތް ކުރަމުން މިގެންދަނީ. ތަހުޒީބީ މުޖުތަމަޢެއް ޤާއިމުކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ. އެފަދަ މުޖުތަމަޢެއްގައި އަޅުގަނޑުމެންގެ އަނބިންނާއި، އަންހެން ދަރިން މަގުމަތީގައި ހިނގާފައިދާއިރުގައި، މީހުން، އެމީހުން ގަޔަށް އަތްލައި، އެމީހުންނަށް ގޯނާކޮށް ހަދައި، އެފަދަ މުޖްތަމަޢެއްގައި، އަޅުގަނޑުމެން ހިނގާފައިދާއިރުގައި، އަޅުގަނޑުމެންގެ އަތުގައި އޮންނަ އެއްޗެއް ފޭރިގަނެގެން ގެންދެވިގެން ނުވާނެ. އަޅުގަނޑުމެން ދިރިއުޅުމުގެ ކަންކަމުގައި ފުރިހަމަ ރައްކާތެރިކަމުގެ ޔަޤީންކަން އަޅުގަނޑުމެންނަށް ލިބިފައިވާންޖެހޭނެ. އެނޫން މުޖުތަމަޢެއްގައި އަޅުގަނޑުމެންނަކަށް ހިތްފަސޭހަ ދިރިއުޅުމެއް ނޫޅެވޭނެ. ތަހުޒީބީ މުޖުތަމަޢެއް ޤާއިމްކުރުމުގެ ނިޔަތުގައި އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަމުން މިގެންދަނީ ރެޔާދުވާލު. ސަރުކާރެއް، ދައުލަތެއް އުފެދި އޮތުމުގެ އެންމެ ބޮޑު އެއް ބޭނުމަކީވެސް އެބޭނުން.

ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ގަވާއިދުތަކާ ހެދި، އެ ތަންފީޛު ކުރުމަށްޓަކައި އެކިއެކި މަޤާމުތައް މީހުންނާ ޙަވާލުކުރެވި، ރައްޔިތުންގެ އަތުން ނެގޭ ފައިސާއިން އެ މީސްމީހުންނަށް ޚަރަދުކުރެވި، މިކަންކަން އިންތިޒާމު ކުރެވިފައި މިވަނީ، މަޤްޞަދުތަކެއް ޙާޞިލު ކުރުމަށްޓަކައި. އެ މަޤްޞަދުތައް ޙާޞިލު ނުކުރެވޭ ކަމަށްވާނަމަ، އެ ކުރެވެނީ ބޭކާރު މަސައްކަތެއް. އަޅުގަނޑު މިދަންނަވާ އެއްޗެއް ތިޔަބޭފުޅުންނަށް އެންމެ ބޮޑަށް އިޙްސާސް ކުރެއްވޭނީ. އެއީ އަމާން، ޞުލްޙަވެރި މުޖުތަމަޢެއް ޤާއިމް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތުގެ ވިސްނުންތަކުގައި ފުރަތަމަ ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅުން ތިޔަބޭފުޅުންނަކީ. އަދި އެކަމަކު ދިމާވާ ހުރިހާ ނުރައްކަލެއްވެސް އެންމެ ފުރަތަމަ ތަޙައްމަލް ކުރަންޖެހޭ ބަޔަކީ ތިޔަބޭފުޅުން ކަމުގައިވާތީ.

ޤައުމަށްޓަކައި ހެޔޮއެދުމަކީ މިދެންނެވި ކަހަލަ މުޖުތަމަޢެއް ޤާއިމް ކުރުމަށްޓަކައި އެންމެންއެކީ މަސައްކަތް ކުރުން. އަމިއްލަ އެދުމަށްޓަކައި، އަމިއްލަ ފައިދާއަކަށްޓަކައި ތަން ހަލަބޮލި ކުރުވުމަށްޓަކައި، ނުވަތަ ބިރުވެރިކަން އުފެއްދުމަށްޓަކައި މަސައްކަތް ކުރުމަކީ، އެއީ ކޮށްގެންވާނެ ކަމެއް ނޫން. އެފަދަ މަސައްކަތްކުރާ މީހުންގެ ނިޔަތާ ދޭތެރޭގައި، އަޅުގަނޑުމެން ސުވާލުކުރަންޖެހޭނެ. ރައްޔިތުން ޞުލްޙަވެރިކަމާއެކީގައި، އުފާވެރިކަމާއެކީގައި، ހިތްހަމަޖެހުމާއެކީގައި ދިރިއުޅޭނެ މާޙައުލު ކިލަނބު ކޮށްލުމަށްޓަކައި މަސައްކަތްކުރާ މީހުންގެ ނިޔަތާ ދޭތެރޭގައި އަޅުގަނޑުމެން ސުވާލުކުރަންޖެހޭނެ.

ދިވެހިރާއްޖޭގައި ޕޮލިސް ފޯސްއެއް އެންމެ ފުރަތަމަވެސް އުފެދުނީ ރާއްޖޭގެ ރައްޔިތުންނަށް އަމާން ވެށްޓެއް ޤާއިމްކުރުމަށްޓަކައި. މިވޭތުވެދިޔަ ގިނަ ދުވަސްތަކުގެ ތެރޭގައި، ފުލުހުންނަށްވަނީ ވަރަށް ބޮޑެތި ކުރިއެރުން ލިބިފައި. ފުލުހުންގެ މުއައްސަސާވަނީ ވަރަށް ބޮޑަށް ތަރައްޤީ ކުރެވިފައި. އެހެން ނަމަވެސް، ތިޔަބޭފުޅުން ހެކިވަޑައިގަންނަވާނެ، ދާދިފަހަކާ ޖެހެންދެން ފުލުހުންގެ މުއައްސަސާއަކީ ހަމަ އެވަގުތަކު ހުންނަ ވެރިޔަކު، އެ ވެރިޔަކު ބޭނުންވާ ކަންކަންކޮށް، ބަންދުކުރަންޖެހޭ މީހުން ބަންދުކޮށް، ދޫކުރަންޖެހޭ މީހުން ދޫކޮށް ހެދުމަށްޓަކައި ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި ފުލުހުންގެ މުއައްސަސާ ހުރީ. ތިޔަބޭފުޅުން ހަމަ ހެކިވެވަޑައިގަންނަވާނެ، މިވޭތުވެދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި، ތިޔައިން ބޭފުޅަކަށް އެންމެ ފަހަރަކުވެސް އަޅުގަނޑު ދަންނަވާފައެއް ނޯންނާނެ، މިވެނި މީހަކު ހައްޔަރު ކުރާށޭ. ނޫނީ އެވެނި މީހަކު ދޫކޮށްލާށޭ. ފުލުހުންގެ މުއައްސަސާއަށް ފުރިހަމަ މިނިވަންކަންދީ، އެ މުއައްސަސާ ތަރައްޤީ ކުރުމަށްޓަކައި ފުލުހުންގެ އިސްވެރިންގެ އިރުޝާދުގެ މަތިން ކުރަންޖެހޭ ކަންކަން ކުރަމުން އަޅުގަނޑު މިގެންދަނީ. ރާއްޖެ ސަލާމަތް ތަނެއްގެ ގޮތުގައި، އަމާން ތަނެއްގެ ގޮތުގައި ބެލެހެއްޓޭނީ، ފުލުހުންގެ މުއައްސަސާ ވަރުގަދަވީވަރަކުން. ޕްރޮފެޝަނަލް ބައެއްގެ ގޮތުގައި ވީވަރަކުން. ޕްރޮފެޝަނަލް ފުލުސް މުއައްސަސާއެއް ނުއުފެއްދޭނެ، އެ މުއައްސަސާގެ ތެރެއަށް ސިޔާސީ މީހުން އަތްބާނަން ވެއްޖިއްޔަކާ. އެހެންވީމާ، ސިޔާސީ ނުފޫޒުތަކުން އަޅުގަނޑުމެންގެ މުއައްސަސާ ޙިމާޔަތް ކުރެވިފައި އޮތުމަކީ އެއީ، ވަރަށް މުހިންމު ކަމެއް. އެފަދަ ނުފޫޒުތައް ވަނަނުދިނުމަށްޓަކައި ފުލުހުންގެ ވެރިން މަސައްކަތް ކުރެއްވުމަކީ އެއީ، ވަރަށް މުހިންމު ކަމެއް. އަޅުގަނޑު އެ ނަމޫނާ ދެއްކޭތޯ މަސައްކަތް ކުރަމުން މިގެންދަނީ.

އާދެ! ރާއްޖޭގައި އަމާން ވެށްޓެއް ޤާއިމް ކުރުމަށްޓަކައި ތިޔަބޭފުޅުންގެ ޚިދުމަތް ފުޅާކުރަން މިއަދު މިއޮތީ ޖެހިފައި. ވަރަށްގިނަ ރަށްރަށުގައި އެކަށީގެންވާ ޕޮލިސް ޕްރެޒެންސެއް ނެތް. ފުލުހުންގެ ޢަދަދު މަދުވުމާއެކީ، އަދި ފުލުހުންގެ އޮފީސްތައްވެސް މަދުވުމާއެކީގައި. ދާދި ފަހަކާ ޖެހެންދެން އަޅުގަނޑުމެންގެ ގިނަ ރަށްރަށަކީ، ވަރަށް ޞުލްޙަވެރި، ވަރަށް އަމާން، ވަރަށް މަޑުމައިތިރި ތަންތަން. އެހެން ނަމަވެސް، ފަހަކަށްއައިސް ރާއްޖެއަށް މި އައި ސިޔާސީ އިންޤިލާބުގެ ސަބަބުން މިހާރު އެކަމުގެ އަސަރު ހުރިހާ ރަށަކަށްވެސް ކުރަމުން މިދަނީ. އަދި ހަމައެއާއެކީގައި، ކުށުގެ އެކިއެކި ޙާދިޘާތައް ހުރިހާ ރަށެއްގައިވެސް ގިނަވަމުން މިދަނީ. ރާއްޖޭގެ ސަރަޙައްދު ރައްކާތެރިކުރަންވީ ވަރަށް ރައްކާތެރި ނުކުރެވުމުގެ ސަބަބުން ރާއްޖެއަށް އެތެރެވާ މަސްތުވާތަކެތި އިތުރުވަމުންދިޔައީ. ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ ކުދިންވެސް އިތުރުވަމުންދިޔައީ. އަދި އެއާ ގުޅިފައިވާ އެކިއެކި ޖިނާއީ ކަންކަން އިތުރުވަމުން މިދިޔައީ. މީގެ އަސަރުވެސް ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް މިހާރުވަނީ ފޯރާފައި. އެހެންވީމާ، ކުރިއާ ޚިލާފަށް ޕޮލިސްގެ ޚިދްމަތް މިއަދު އެބަ ބޭނުންވޭ، ހުރިހާ ރަށަކަށްވެސް. ހުރިހާ ދިމާއަކަށްވެސް. އެކަން އެގޮތަށް ފުޅާކުރެވޭތޯ ފުލުހުންގެ މުއައްސަސާއިން، ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ މާލީ ޙާލަތު މިވަގުތު ހުރިގޮތުން އަޅުގަނޑުމެން ހިތްއެދޭވަރަށް އެކަންކަން އަދި ނުކުރެވި މިހިރީ. މިއަދު އަޅުގަނޑުމެން މި އިފްތިތާޙުކުރި ކޮންސްޓެބްލަރުގެ ޚިދްމަތަކީ މިއީ ހަމައެކަނި އިޤްތިޞާދު ކުރުމަށްޓަކައި އެޅޭ ފިޔަވަޅެއް ނޫން.

އަމަންއަމާންކަން ޤާއިމް ކުރުމަކީ އެންމެންގެވެސް މަސްއޫލިއްޔަތެއް. ހުރިހާ ރައްޔިތުންގެ މަސްއޫލިއްޔަތެއް. ރައްޔިތުންގެ ތެރެއިން އިސްނަގައިގެން، އެކަމުގައި އެހީތެރިވާނެ ބަޔަކު މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ. ފުލުހުންގެ މުހިންމު މަސައްކަތުގައި އެހީތެރިވެދީ، އެއްބާރުލުންދީ، އެމަސައްކަތުގައި ބައިވެރިވާނެ ރައްޔިތުންގެ ތެރެއިން ނުކުތް ބަޔަކު އަޅުގަނޑުމެންނަށް މިއަދު ފެނިގެން މިދިޔައީ. އެނގިވަޑައިގަންނަވާނެ، ކޮންސްޓެބްލަރުންނަކީ ދާއިމީ ވަޒީފާއެއްގައި ފުލުހުންގެ ތެރޭގައި ތިއްބަވާ ބައެއް ނޫން. އަދި ދާއިމީ މުސާރައެއްވެސް ކޮންމެ މަހަކު ލިބޭ ބައެއްވެސް ނޫން. އެހެންވީމާ، ހިލޭ ސާބަހަށް ކޮށްދޭ ވަރަށްބޮޑު މަސައްކަތެއް. ޤައުމަށްޓަކައި ވަރަށްބޮޑު ޚިދްމަތެއް ކޮށްދިނުމަށްޓަކައި ނުކުތް ޒުވާނުންތަކެއް މިއަދު ކޮންސްޓެބްލަރީގައި މި ބައިވެރިވެވަޑައިގަތީ. އަދި އަޅުގަނޑުމެންނަށް މި ފެނިގެންދަނީ، އެހެންވީމާ، ދިވެހިރާއްޖޭގައި މިހާތަނަށް ނުފެންނަވަރުގެ ވަރަށްބޮޑު ޚިދްމަތެއްގެ ފެށުން. އެހެންވީމާ، ތިޔަބޭފުޅުން މި ކުރިމަތިލެއްވި މަސައްކަތް އަޅުގަނޑުމެން ވަރަށް އުފަލާއެކީ ބަލައިގަންނަން. މިއަދު ތިޔަބޭފުޅުން ތިޔަ ކުރެއްވި ހުވައިގެ މަތީގައި، ދިވެހި ޤައުމަށް ޚިދްމަތްކޮށްދޭން ތިޔަބޭފުޅުން ނުކުމެވަޑައިގެންނެވީތީ، އަޅުގަނޑު ތިޔަބޭފުޅުންނަށާއި، ތިޔަބޭފުޅުންގެ ޢާއިލާތަކަށް، ތިޔަބޭފުޅުންގެ މައިންބަފައިންނަށް އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން.

އަޅުގަނޑުމެންގެ އުންމީދަކީ، ތިޔަބޭފުޅުންގެ މި މަސައްކަތުގެ ސަބަބުން މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގެ އަމަންއަމާންކަން މިހާރަށްވުރެ ވަރުގަދަވެގެންދިޔުން. އަދި ހަމައެހެން، އެކަން ޙާޞިލު ކުރުމުގައި ކުރަންޖެހޭ ކަންތައްތަކުގެ ތެރެއިން އެކިއެކި ތަންތާނގެ ސަލާމަތް، ސެކިއުރިޓީ ބެލެހެއްޓުމަށްޓަކައި ތިޔަބޭފުޅުންގެ ވަރަށްބޮޑު ޚިދުމަތެއް ލިބިގެންދާނެ. މިއަދު ރާއްޖެއަށް އެތެރެކުރާ ބިދޭސީންގެ ތެރޭގައި ވަރަށްގިނަ، ސެކިއުރިޓީ ޞިނާޢަތާބެހޭ މީސްމީހުން. އަޅުގަނޑުމެންގެ ތެރޭގައި، އެތައް ބައިވަރު ޒުވާނުންނެއް ވަޒީފާނެތި އެބަތިބި. އެހެންވީމާ، މިއަދު މި އެޅުނު ފިޔަވަޅުގެ އަނެއް މުހިންމު ކަމަކީ، އެފަދަ މަޤާމުތަކަށް ދިވެހިން ތަމްރީނު ކުރުމުގެ ޕްރޮގްރާމް. މުސްތަޤްބަލުގައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ދިވެހިރާއްޖެއަކަށް ބޭނުމެއް ނުވާނެ، ބިދޭސީންނެއް ސެކިއުރިޓީ އިންޑަސްޓްރީގެ މަސައްކަތަކަށް.

އަޅުގަނޑުގެ އުންމީދަކީ، ރާއްޖޭގެ ހުރިހާ ސެކިއުރިޓީ ކުންފުނިތަކުންވެސް ދިވެހިންނަށް ވަޒީފާ ދެއްވާނެ ކަމަށް. އޭރުން މިހާރު ފުލުހުންގެ ތެރެއިން ތިޔަބޭފުޅުންނަށް ތިޔަ ލިބިވަޑައިގަންނަވާ މުހިންމު ހުނަރުތަކާއި މަޢުލޫމާތު ބޭނުންކުރައްވައިގެން، ހަމައެކަނި އަމަންޢާންމު ޤާއިމްކުރުމުގެ މަސައްކަތުގެ އިތުރުން އެކިއެކި ކުންފުނިތަކުގެ ސެކިއުރިޓީ ކަންތައްތައްވެސް ތިޔަބޭފުޅުންނަށް ކުރެއްވޭނެ.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، މިފަދަ މުހިންމު މަސައްކަތެއް ފެށުމުގެ ތައުފީޤު އަޅުގަނޑުމެންނަށް ލިބުނު ކަމަށްޓަކައި، ހެޔޮ ނަޞީބު އަޅުގަނޑުމެންނަށް ލިބުނު ކަމަށްޓަކައި އަޅުގަނޑު ފުރަތަމަވެސް اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ކުރަން. އެއަށްފަހުގައި، މިކަން ޙަޤީޤަތަކަށް ހެއްދެވުމަށްޓަކައި ފުލުހުންގެ އިސްވެރިން އަދި މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ބޭފުޅުން ކުރެއްވި މަސައްކަތް އަޅުގަނޑު ވަރަށް އުފަލާއެކީގައި ޤަބޫލުކުރަން. އެބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، މާތްﷲ އަޅުގަނޑުމެންގެ މި ލޮބުވެތި ވަޠަނަކީ އަމާން ޞުލްޙަވެރި، އުފާވެރި ތަނެއްގެ ގޮތުގައި މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.