بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين

މިނިސްޓަރ އޮފް ހެލްތް، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން، އެން.ޑީ.އޭ.ގެ ބޯޑުގެ ޗެއަރމަން އަދި ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން. އެން.ޑީ.އޭ.ގެ ސްޓާފް އަދި މި މަސައްކަތުގައި ބައިވެރިވާ އެކިއެކި އަމިއްލަ ޖަމާޢަތްތަކާއި، އެން.ޖީ.އޯސްތަކުގެ ހުރިހާ ބޭފުޅުން. ކޯހުގެ ބައިވެރިން އަދި ކޯހުގައި ކިޔަވައިދެއްވި ހުރިހާ ބޭފުޅުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދަކީ އެއްގޮތަކުން ވަރަށް އުފާވެރި ދުވަހެއް. ސަބަބަކީ އަޅުގަނޑުމެން ވަރަށްގިނަ ދުވަސް ވަންދެން ކުރަމުން އައި މަސައްކަތްތަކެއްގެ ނަތީޖާތަކެއް ފެންނަން މިފެށީ. އެނގިވަޑައިގަންނަވާނޭ ފަދައިން، މިހާރު ރާއްޖެއަށް ދިމާވެފައިވާ އެންމެބޮޑު އެއް މައްސަލަ، މަސްތުވާތަކެތީގެ މައްސަލައަކީ. އެހެންވީމާ، އެކަން ޙައްލު ކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން މަސައްކަތް ކުރާތާ ވަރަށްގިނަ ދުވަސްވެއްޖެ. ނަމަވެސް މިވޭތުވެދިޔަ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި، އަޅުގަނޑު ދަންނަވާނީ، ފުދޭވަރެއްގެ ބޮޑު މަސައްކަތްތަކެއް ކުރެވުނުކަން މިރޭ އެން.ޑީ.އޭ ބޯޑުގެ ޗެއަރމަންގެ ވާހަކަފުޅުން އެނގިވަޑައިގަންނަވާނެ.

މަސްތުވާތަކެއްޗާބެހޭ އާ ޤާނޫނެއް އެކުލަވައިލެވި، ރައްޔިތުންގެ މަޖިލީހުން އެ ޤާނޫނު 2011 ވަނަ އަހަރުގެ ތެރޭގައި ވަނީ ފާސްކުރައްވާފައި. ޤާނޫނު ފާސްވުމާ ގުޅިގެން، ވަރަށް މުހިންމު ބަދަލުތަކެއް، މަސްތުވާތަކެއްޗާބެހޭ މުޅި ނިޒާމަށް ގެނެވިގެންދިޔަ. އޭގެތެރެއިން ފާހަގަކުރާ އެންމެ މުހިންމު އެއްކަމަކީ، އަޅުގަނޑު ފާހަގަކުރާ އެއްކަމަކީ، ނޭޝަނަލް ޑްރަގް އޭޖެންސީ އުފެދިގެން ދިޔުން. ނޭޝަނަލް ޑްރަގް އޭޖެންސީއަކީ ވަރަށް މިނިވަންކޮށް ހިނގާ މުއައްސަސާއެއްގެ ގޮތުގައި ޤާއިމްކުރެވި، ޤާނޫނެއްގެ ދަށުން ކަނޑައެޅި، އެތަން ހިންގުމަށްޓަކައި ވަކި ބޯޑެއް އުފެދި، މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށްޓަކައި ކުރަންޖެހޭ ވަރަށްގިނަ ބާވަތްބާވަތުގެ މަސައްކަތް، މި އޭޖެންސީގެ ތެރޭގައި އެކުލެވިގެންދިޔަ. އޭގެތެރޭގައި މަސްތުވާތަކެތި އެތެރެކުރުމުގައި ދިމާވާ އެކިއެކި މައްސަލަތައް، ލޯ އެންފޯސްމަންޓް މައްސަލަތައް ބެލުމުގެ ޒިންމާވެސް މި އޭޖެންސީގެ ތެރޭގައި ހިމެނޭ. އަދި އޭގެއިތުރުން މަސްތުވާތަކެތި ބޭނުންކުރާ ކުދިންނަށް ދޭންޖެހޭ އެކިއެކި ފަރުވާތައް ރާވައި ހިންގުމާއި، އޭގެ ފެންވަރު ރަނގަޅު ކުރުމުގެ މަސްއޫލިއްޔަތުތައްވެސް ހިމެނިގެންދިޔަ. ހަމައެހެން، މަސްތުވާތަކެތި އެތެރެކުރާ މީހުންނާއި، ބޭނުންކުރާ މީހުންނާ ދޭތެރޭގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ޤާނޫނު ތަންފީޛު ކުރުމަށް އެހީތެރިވުމުގެ މަސްއޫލިއްޔަތުތަކެއްވެސް މި އޭޖެންސީގެ ތެރޭގައި ހިމެނިގެންދިޔަ.

ޙަޤީޤަތުގައި އެން.ޑީ.އޭ.އަކީ ވަރަށް ބާރުގަދަ، ވަރަށް މުހިންމު އޭޖެންސީއެއް. މި އޭޖެންސީ އުފެދުމާ ގުޅިގެން، އަލުން މަސައްކަތްތައް ރޭވި، އެމަސައްކަތްތައް ކުރިއަށްވުރެ ހަލުވިގޮތެއްގައި، ހަރުދަނާ ގޮތެއްގައި ކުރަމުން ގެންދެވުނު ކަމަށް އަޅުގަނޑު ގަބޫލުކުރަން. އެހެންވީމާ، އެކަމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުން، މިނިސްޓަރ އޮފް ހެލްތްގެ ބެއްލެވުމުގެ ދަށުން މި އެން.ޑީ.އޭ.ގެ މަސައްކަތް ހިނގަމުންދަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ޤާނޫނުގައި ބަޔާންކުރެވިފައިވާ ގޮތުން، މިކަމުގެ އެންމެ އިސް މަސްއޫލިއްޔަތެއް ނަންގަވައިގެން، މިކަން ބަލަހައްޓަވައިދެއްވާ ބޭފުޅަކީ، ނައިބު ރައީސް. އެހެންވީމާ، ނައިބު ރައީސްވެސް ވަރަށްގިނަ ވަގުތުތަކެއް މިކަމުގައި ހޭދަކުރައްވައި، ކަންކަން ރަނގަޅު ކުރެއްވުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެއްވިކަން އަޅުގަނޑު ވަރަށް އުފަލާއެކީ ފާހަގަކުރަން. އަދި މި ފުރްޞަތުގައި އަޅުގަނޑު އެމަނިކުފާނަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން. ދެން އޭޖެންސީ އުފެއްދުމާއި، އޭޖެންސީ ކުރިއަށް ގެންދިޔުމުގައި، އެން.ޑީ.އޭ.ގެ ބޯޑުގެ މެންބަރުން ވަރަށް މުހިންމު މަސައްކަތްތައް ކޮށްދެއްވައިފި. އަދި އެ މެންބަރުންނާއެކުގައި، ބޯޑުގެ ޗެއަރމަން އަލްއުސްތާޛާ ލުބްނާ ޒާހިރު ޙުސައިން ކޮށްދެއްވި މަސައްކަތްވެސް އަޅުގަނޑު ވަރަށް އުފަލާއެކީ ފާހަގަކުރަން.

އާދެ! މިއަހަރަށް ބަލައިލާއިރުގައިވެސް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއްވަނީ ކުރެވިފައި. އެކަމުގައި ޚާއްޞަކޮށް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ކަސްޓަމްސް ކުރައްވަމުން ގެންދަވާ މަސައްކަތް އަޅުގަނޑު ޚާއްޞަކޮށް ފާހަގަކުރަން. އަދި އުފަލާއެކީގައި، އެކަން ބަލައިގަނެ، އެބޭފުޅުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މިއަހަރުގެ ފެބްރުއަރީން އޭޕްރިލް މަހުގެ ނިޔަލަށް ވަރަށްގިނަ ޢަދަދެއްގެ މަސްތުވާތަކެތިވަނީ ހިފެހެއްޓިފައި. އޭގެތެރޭގައި، އެންމެ ގިނައިން އަޅުގަނޑުމެންގެ ތެރޭގައި މިގެންގުޅޭ އެއް ބާވަތެއް ކަމަށްވާ ހެރޮއިން އަދި ހަޝިޝް އޮއިލް ހިމެނޭ. މިވޭތުވެދިޔަ ކުޑަދުވަސްކޮޅުގެ ތެރޭގައިވެސް އަށްހާހަށްވުރެ ގިނަ ގްރާމްގެ މަސްތުވާތަކެތިވަނީ އަންދާލާފައި. މީގެތެރޭގައި، މި ކުށްކުށް ކުރުމުގައި، ދިވެހިންގެވެސް ބަޔަކު ހިމެނޭ. އަދި ހަމައެހެން، ބޭރު ބައެއްޤައުމުތަކުގެ މީހުންވެސް ހިމެނޭ.

އަޅުގަނޑު ދަންނަވާނީ، މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުން ހުއްޓުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގެވެސް ވަރަށް ބޮޑު މަސައްކަތެއްވަނީ މިވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި ކުރެވިފައޭ. އޭގެތެރެއިން އަޅުގަނޑު ޚާއްޞަ ގޮތެއްގައި ފާހަގަކުރާ އެއްކަމެއް، ބަނދަރުތައް ވަރުގަދަކުރުން. ކަސްޓަމްސްއާއި ޕޯޓްސް އަދި ސިފައިންނާއި ފުލުހުން، މިހުރިހާ އޭޖެންސީތަކެއް ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ޚާއްޞަކޮށް، ތިލަފުށީގައި ހުރި ބަނދަރުތައް މިހާރުވަނީ ބައިނަލްއަޤްވާމީ ފެންވަރަށް، އެތަންތަން އެ ސްޓޭންޑަޑްތަކަށް ފެއްތިފައި. އެނގިވަޑައިގަންނަވާނޭ ފަދައިން، ދިވެހިރާއްޖޭގެ ބޯޑަރ މީގެކުރިން ކިތަންމެވަރަކަށް ކޯސްޓްގާޑުން ޕޮލިސްކޮށް ބެލެހެއްޓި ކަމުގައިވިނަމަވެސް، މި ފިޔަވަޅު އެޅެންދެން، ތިލަފުށީގެ ޕޯޓަކީ، ވަންނާނެ މީހަކު ވަދެ، ބާލާނެ އެއްޗެއް ބާލައި، ގެންދާނެ އެއްޗެއް ގެންދާގޮތަށް ހުޅިފައި އޮތް ތަނެއް. ޙަޤީޤަތުގައި ރާއްޖޭގެ ބޯޑަރ އޮތީ ނުބެލެހެއްޓި. މި ފިޔަވަޅު އެޅުމާ ގުޅިގެން، ރާއްޖެއަށް އެތެރެކުރާ މަނާ ތަކެތި ހިފެހެއްޓުމުގެ ވަރަށްބޮޑު މަސައްކަތެއް ކުރެވިގެންދިޔައީ. އެމަސައްކަތުގައި އެންމެ އިސްކޮށް މަސައްކަތްކޮށްދެއްވި ބޭފުޅަކީ، އަނެއްކާވެސް އަޅުގަނޑުމެންގެ ލޮބުވެތި ނައިބު ރައީސް. ދެން ނައިބު ރައީސްގެ ބެއްލެވުމުގެ ދަށުން އަޅުގަނޑު ކުރިން ދެންނެވި މުއައްސަސާތަކުގެ އެކިއެކި ބޭފުޅުން އެމަސައްކަތް ކޮށްދެއްވީ.

އާދެ! ނޭޝަނަލް ޑްރަގް އޭޖެންސީ އުފެދުމަކީ ލިބުނު ވަރަށްބޮޑު ކުރިއެރުމެއް. ޑްރަގް އޭޖެންސީ އުފެއްދެވި މަޤްޞަދަކީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ، އެބައިމީހުން އަނބުރާ މުޖްތަމަޢަށް ނެރުން. އަދި މަސްތުވާތަކެތިން ލިބޭ ގެއްލުންތަކާ ބެހޭގޮތުން މުޖުތަމަޢު ހޭލުންތެރިކުރުވުމާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ޢަދަދު މަދުކުރަމުން ގެންދިޔުން. އެމަސައްކަތް ކުރެއްވުމަށްޓަކައިވެސް ސަރުކާރުގެ ބަޖެޓް ތަންދިންވަރަކުން މަސައްކަތްތަކެއް ވަނީ ކުރެވިފައި. ދެންމެގައި ޗެއަރމަންގެ ވާހަކަފުޅުގައި އެ ވިދާޅުވީ، އަލަށް އުފެދުނު ބައެއް ސަރވިސަސްގެ ވާހަކަ. އޭގެތެރޭގައި، އަޅުގަނޑު ވަރަށް އުފަލާއެކީގައި ފާހަގަކުރަން، އަންހެނުންނަށް ޚާއްޞަ ކްލިނިކެއްގެ މަސައްކަތް ފެށިގެންދިޔަކަން. އެއީވެސް ވަރަށްގިނަ ދުވަސް ވަންދެން އަޅުގަނޑުމެން އެކަން ކުރެވޭތޯ މަސައްކަތް ކުރަމުން އައިސް، މިހާ ހިސާބަށް އެދިޔައީ. އޭގެއިތުރުން، ކުޑަކުދިންނަށް ޚާއްޞަ ޚިދްމަތެއްވެސް މިހާރު ދެވެމުން އެބަދޭ. އަޅުގަނޑު އަދި ވަކިން ޚާއްޞަކޮށް އުފާކުރަން، މިހާރު އެން.ޑީ.އޭ.ގެ ދަށުން އިންސްޓިޓިއުޓް އޮފް ރިސަރޗް އެންޑް އެޑިކްޝަން ސްޓަޑީޒް އުފައްދަވައި، އެ އިންސްޓިޓިއުޓްގައި އެކިއެކި ކޯސްތައް ހިންގަވަމުން ގެންދަވާތީ.

އެން.ޑީ.އޭ.ގެ ވަރަށް މުހިންމު މަސްއޫލިއްޔަތެއް، މަސްތުވާތަކެތިން ސަލާމަތްވުމަށްޓަކައި މަސައްކަތްކުރާ ފަރާތްތަކުގެ ކެޕޭސިޓީ އިތުރުކުރުން. އޭގެ ސްކިލްސް، އޭގެ ހުނަރުތަކާއި، އެމީހުންގެ ޤާބިލިއްޔަތު އުފެއްދުން އެއީ، އެން.ޑީ.އޭ.ގެ ވަރަށްބޮޑު މަސްއޫލިއްޔަތެއް. އެހެންވީމާ، އެކަން އެގޮތަށް ކުރެއްވީތީ އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. އަދިވެސް ކުރަންޖެހޭ ކިތަންމެ ކަންތައްތައް އެބަހުރި. އަޅުގަނޑުމެން ކުރަން ފަށާފައި، ނުކުރެވި ހުރި ކިތަންމެ ކަންތައްތަކެއްވެސް އެބަހުރި. އޭގެތެރޭގައި، ހާފްވޭހައުސްއެއް ހެދުމުގެ މަސައްކަތް. މިއީވެސް ހަމަ ދިގުދެމެމުންދާ މަސައްކަތެއް. ދެން އެކަމަށްޓަކައި ބޭރުގެ ފަރާތެއް، ކަރީޓަރސްގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމެއް ދެއްވައިގެން އަޅުގަނޑުމެން އެ ހާފްވޭހައުސް ހެދުމުގެ މަސައްކަތް ފަށާފައިވަނީ. އަޅުގަނޑު އުންމީދު ކުރަން، މާލަސްތަކެއްނުވެ، އެ ހާފްވޭހައުސް ހެދޭނެ ކަމަށް. އަދި ހަމަ މިއާއެކީގައި، އާ ޤާނޫނުގެ ދަށުން އަޅުގަނޑުމެން އެބަޖެހޭ، ރިމާރކް ސެންޓަރެއްވެސް އުފައްދަން. އެ ރިމާރކް ސެންޓަރ އުފެއްދުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާތާ ދުވަސްކޮޅެއްވެއްޖެ. އެކިއެކި އޭޖެންސީތަކާ ގުޅިވަޑައިގަންނަވައިގެން، ޑީ.ޕީ.އާރު.އެސް އާއި އަދި އެހެނިހެންވެސް ފަރާތްތަކާ ގުޅިވަޑައިގަންނަވައިގެން މިހާރު ރިމާރކް ސެންޓަރެއް ހެދުމުގެ މަސައްކަތްވެސް އެބަ ކުރިއަށްދޭ.

އަޅުގަނޑު ދަންނަވާނީ، މަސްތުވާތަކެތީގެ މަސައްކަތުގެ ނިޒާމް ރަނގަޅު ކުރުމަށްޓަކައި ކުރެވުނު އެންމެ މުހިންމު އެއްކަމެކޭ، ޑްރަގް ކޯޓެއް ޤާއިމް ކުރެއްވުން. ޑްރަގް މައްސަލަތަކަކީ ވަރަށް ޚާއްޞަ މައްސަލަތަކެއް. އާދައިގެ ޖިނާއީ ކުށްތަކާ ވަރަށް ތަފާތު ސިފަތަކެއް އެކުލެވޭ ކަމެއް، މަސްތުވާތަކެތީގެ ކުށްތަކަކީ. އެހެންވީމާ، އެބަޖެހޭ އެކަމަށް ޚާއްޞަ ތަމްރީނު ލިބިފައި ތިބި ބަޔަކު ކޯޓުތަކުގައިވެސް ތިބެން. އެހެންވީމާ، ޤާނޫނުގެ ދަށުން މިހާރު ޑްރަގް ކޯޓު އުފެދި، ޑްރަގް ކޯޓުގެ ފަރާތުން އެކިއެކި މައްސަލަތައް ބައްލަވަމުން އެ ގެންދަވަނީ. ދެންމެ އަޅުގަނޑުމެންނަށް އިވުނު ގޮތުގައި، ގާތްގަނޑަކަށް ހަސަތޭކައެއްހާ މައްސަލަ ބައްލަވައި އަދި ނޭޝަނަލް ޑްރަގް އޭޖެންސީގެ ފަރާތުން އެ ހަދަންޖެހޭ އެސެސްމަންޓް ހެއްދެވުމަށް އަންގަވައި، އިންޑިކޭޓިވް އެސެސްމަންޓް ހެއްދެވުމަށް އަންގަވައި، އެވެސް ވަރަށްގިނަ ޢަދަދެއްގެ ބަޔަކު ހަދާ ނިމި އަދި އެ ހެދުމަށްފަހުގައި ޓްރީޓްމަންޓަށް ފޮނުވިފައިވޭ. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި، ޓްރީޓްމަންޓްގެ ފުރްޞަތުތައް އެބަ ފުޅާކުރަންޖެހޭ. އެއީ ޓްރީޓްމަންޓަށް މިހާރު ފޮނުއްވާ މީހުންގެ ޢަދަދު މިދަނީ ވަރަށްބޮޑަށް އިތުރުވަމުން. ނަމަވެސް ކެޕޭސިޓީ ހުރީ އަދިވެސް ވަރަށް ކުޑަކޮށް. ދެން އަޅުގަނޑުމެންނަށް އަބަދުވެސް ދިމާވާ ކަމެއް، އަޅުގަނޑުމެން ބޭނުންހާއިރެއްގައި، ހުރި ކެޕޭސިޓީވެސް ބޭނުންނުކުރެވުމުގެ މައްސަލަ. އެ މައްސަލަ އަޅުގަނޑުމެން އަދިވެސް ބަލަން އެބަޖެހޭ.

އަޅުގަނޑު ދަންނަވާނީ، މިރޭ މި ފެށްޓެވި ޕްރޮގްރާމްތަކަކީ، އެއީ ވަރަށް ބޭނުންތެރި ޕްރޮގްރާމްތަކެކޭ. މަސްތުވާތަކެތިން ސަލާމަތްވުމަށްޓަކައި މަސައްކަތްކުރާ ޒުވާނުން ވަރަށްބުރަ މަސައްކަތްތަކެއް ކުރަނީ. އަޅުގަނޑަށްވެސް އެކުދިންނާ މުޢާމަލާތުކޮށް، އެކުދިންގެ މައްސަލަތައް ދެނެގަތުމުގެ ފުރްޞަތު ލިބިފައި އޮތުމާއެކީގައި، އަޅުގަނޑަށް އެނގޭ، މަސްތުވާތަކެތިން ސަލާމަތްވުމަށްޓަކައި ރިކަވަރިންގ އެޑިކްޓްސް، ހަމަ ކޮންމެ ދުވަހަކު އެ ކުރަންޖެހޭ ހިތްވަރު. އެހެންވީމާ، އަމިއްލައަށް އެ މަސައްކަތްކުރާ ކުދިންނަކީ އެއީ އަޅުގަނޑުމެން އެކުދިންނަށް ކޮންމެހެން އެހީތެރިވާންޖެހޭ ބައެއް. ވަރަށް އުނދަގޫ މަސައްކަތެއް ކުރާ ބައެއް. އެކަމުގައި ސަރުކާރާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަދި ޚާއްޞަކޮށް، މުޖުތަމަޢު އެކުދިންނަށް އެބަޖެހޭ ވަރަށްބޮޑު އެހީތެރިކަމެއްދޭން. ވަރަށްބޮޑު ހިތްވަރެއް އެކުދިންނަށް ދޭން. އެ ހިތްވަރު ދިނުމަށްޓަކައި ކުރަންޖެހޭ އެއްކަމެއް. އެކުދިންނަކީ ބޭނުންތެރި ބައެއް ކަމުގައި ބަލައިގަތުން. މުޖުތަމަޢަށް ފައިދާހުރި ބައެއް ކަމުގައި އެކުދިން ބަލައިގަތުން އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް. އޭގެ އެއްބައި، އެކުދިންނަށް ބޭނުންތެރި އުފެއްދުންތެރި މަސައްކަތެއް ކުރެވޭނެ ފުރްޞަތު ހޯދައިދިނުން. އެހެންވީމާ، މިރޭ ތިޔަ ފެށްޓެވި ޕްރޮގްރާމް، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ ވަރަށް މުހިންމު ޕްރޮގްރާމެއް. އަދި ޚާއްޞަ އެހީ ހޯއްދަވައިގެން، އެކުދިންނަށް އެކިއެކި ފުރްޞަތުތައް ހޯއްދަވައިދެއްވަން އެބަޖެހޭ. ސަބަބަކީ ޢާންމު ގޮތެއްގައި، ހަމަ ގިނަ އެމްޕްލޯޔަރުން، މަސައްކަތްދޭ ފަރާތްތަކުން، މަސްތުވާތަކެތި ބޭނުންކޮށްފައި ތިބޭ ކުދިންނަށް ވަޒީފާ ނުދޭން އުޅޭނީ. އަދި ސަރުކާރުގެ އެކިއެކި ވަޒީފާތަކަށްވެސް، ކުންފުނިތަކުގެ ވަޒީފާތަކަށްވެސް ކުދިން ނެގުމުގެ ކުރިން ޕޮލިސް ރެކޯޑަށްވެސް ބަލާ. ޕޮލިސް ރެކޯޑް ފަސްއަހަރު ދުވަސް ވަންދެން އެބައޮވޭ ބާއްވާފައި. އެހެންވީމާ، އެ ފަސްއަހަރު ދުވަހުގެ ތެރޭގައި، ޕޮލިސް ރެކޯޑަށް ބަލާފައި ވަޒީފާދޭން އުނދަގޫވާނެ. މިހާރު އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ފަސްއަހަރަށްވުރެ ގިނަދުވަސްވާ ކުދިންގެ އެ ރެކޯޑު މިހާރު ނުބާއްވާ ގޮތަށް ހަމަޖެހިފައި މިވަނީ. އެހެންވީމާ، އަޅުގަނޑު މިދެންނެވީ، ޚާއްޞަ ހިތްވަރެއް ދިވެހި މުޖުތަމަޢުންވެސް އެބަ ކުރަންޖެހެއޭ މިކުދިންނަށް އެހީވެދިނުމަށްޓަކައި.

އަޅުގަނޑު މިހާރުވެސް ވަރަށް ރަނގަޅަށް ހަނދާން އެބަހުރި. އަޅުގަނޑު ނައިބު ރައީސަކަށް ހުރިއިރުގައި، އަޅުގަނޑާ ބައްދަލުކުރަން އެތަނަށް އައި އެއްކުއްޖަކު ހަމަ ވަރަށް ރަނގަޅަށް އަޅުގަނޑާ ވާހަކަ ދައްކަވައި، އަދި އެކިއެކި ޕްރޮގްރާމްތައް ރާއްވަވަމުން ގެންދަވާ ބޭފުޅެއް. ހައްތަހާވެސް ވިދާޅުވަނީ، ރިކަވަރިންގ އެޑިކްޓެކޭ ތިމަންނައަކީ. ދެން އޭރު އަޅުގަނޑަކަށް ނޭނގެ، ރިކަވަރިންގ އެޑިކްޓަކީ ކާކު ކަމެއްވެސް. އަޅުގަނޑު ދެންނެވިން، ކީއްވެތޯއޭ ތިޔަބޭފުޅާ އަމިއްލަފުޅަށް ތިޔަ ވިދާޅުވަނީ، ތިމަންނައަކީ ރިކަވަރިންގ އެޑިކްޓެކޭ. ކިހާ ދުވަހެއް ވެއްޖެތޯއޭ، މަސްތުވާތަކެތި ބޭނުންނުކުރާތާ. ވިދާޅުވި ތިންއަހަރު ދުވަސް ވެއްޖެއޭ މިހާރު އެއްގޮތަކަށްވެސް މަސްތުވާތަކެތި ބޭނުންނުކުރާތާ. ދެން ކީއްވެހޭ ރިކަވަރ ނުވެގެން ތިއުޅެނީ، އެހީމާ ވިދާޅުވީ، އަޅުގަނޑު ކައިރީގައި، ވަރަށް އަސަރުގަދަ ވާހަކައެއް ވިދާޅުވީ. ވިދާޅުވީ ތިމަންނައަށް މަސްތުވާތަކެތި ބޭނުންނުކޮށް، އެންމެ ދުވަހަކުވެސް ހުރުމަކީ އެއީ ވަރަށްބޮޑު ހަނގުރާމައެކޭ. ހަމަ ތިމަންނައަށް ފެންނަ އެއްޗަކުން ދުވާ ވަހަކުން ހަމަ މަސްތުވާތަކެތި ބޭނުންކުރާހިތްވެގެން ގޮސް އެކަމަށް ކެތްކުރަންދަތިވާ ހިސާބަށްދެޔޭ. މިއީކީ އަޅުގަނޑަށް ކުޑަކޮށްވެސް އިޙްސާސް ކުރެވުނު ކަމެއް ނޫން، އޭގެ ކުރިއަކުންނެއް. އެހެންވީމާ، އަޅުގަނޑު މިދެންނެވީ، އެގޮތަށް އެމަސައްކަތްކުރާ ކުދިންނަކީ އެއީ، ވަރަށްބޮޑު ހިތްވަރެއްކުރާ ކުދިންތަކެކޭ.

ހަމައެއާއެކީގައި، އަޅުގަނޑުމެން މިރޭވެސް ހަނދާންކުރަން އެބަޖެހޭ، އެކުދިންގެ މައިންބަފައިންނާއި، އެ ބޭނުންކުރާ މީސްމީހުންގެ އަނބިދަރިންނާއި، ފިރިންނާ، މި މީސްމީހުންނާ ދޭތެރޭގައިވެސް. އެނގިވަޑައިގަންނަވާނޭ ފަދައިން، މަސްތުވާތަކެތި ބޭނުންކުރާ ކުއްޖަކަށް އެކަންޏެއް ނޫން މީގެ އަސަރު ކުރަނީކީ، އަޅުގަނޑަކަށް ހިއެއްނުވޭ، މި ރާއްޖޭގައި މިހާރު އެއްވެސް މީހަކު ހުންނާނެހެން، މަސްތުވާތަކެތި ބޭނުންކުރާ މީހަކު ނުދަންނަ މީހަކު. ނޫނީވިއްޔާ އެއްވެސް ޢާއިލާއެއް އޮންނާނެހެނެއް މަސްތުވާތަކެތީގެ އަސަރު ނުކުރާ ޢާއިލާއެއް. މީގައި އެންމެ ބޮޑަށް އަސަރުކުރާ ބަޔަކީ، އެކުދިންގެ މައިންބަފައިންނާއި، އެ ބޭނުންކުރާ މީހުންގެ އަނބިދަރިންނާއި ފިރިން. އެކަމަށް އަޅުގަނޑުމެން ދޭންޖެހޭ އަހަންމިއްޔަތު މިހާތަނަށް އަދި އޮތީ ނުދެވި. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ސަރުކާރުންވެސް މިކަމަށްޓަކައި އެބަ މަސައްކަތްތަކެއް ކުރަންޖެހޭ. މިކަމުގައި މިހާތަނަށް އަޅުގަނޑަށް އެނގިގެން މަސައްކަތް ކުރައްވާ ބޭފުޅުން މި ތިއްބެވީ. ޢާފިޔާ ސްވޯޑްގެ ފަރާތުން. އެހެންވީމާ، އެމަސައްކަތް އެބޭފުޅުން މިހާ ގިނަ ދުވަސް ވަންދެން މިގޮތަށް ކުރައްވަމުން ގެންދަވާތީ، ޢާފިޔާއަށާއި، ތިޔަބޭފުޅުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

ދެން އެކުދިންނަށް އެހީތެރިވުމުގެ ގޮތުންވެސް މި ފިޔަވަޅުމަތީގައި ހުރެގެން، އަޅުގަނޑު އެބަޖެހޭ، އަޅުގަނޑުގެ ވާޖިބެއް، އެކަމަށްޓަކައި މަސައްކަތް ކޮށްދޭންޖެހޭ އެހެން ޖަމްޢިއްޔާ ޖަމާޢަތްތަކަށްވެސް ޝުކުރު އަދާކުރަން. އެގޮތުން، މާލޭގަޔާއި އަތޮޅުތެރޭގައި މަސައްކަތްކުރާ ތަފާތު ޖަމްޢިއްޔާތައް އެބަހުރި. އެހެންވީމާ، އެ ޖަމްޢިއްޔާތަކަށް އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

އާދެ! ކުރަންހުރި މަސައްކަތް އަދިވެސް ބައިވަރު. އެމަސައްކަތް ކުރުމަށްޓަކައި އިތުރު އެހީތެރިކަންވެސް ބޭނުންވޭ. ބޭރުގެ އެހީގައި އަޅުގަނޑުމެން ވަރަށް މުހިންމު ކަންތައްތަކެއް ކޮށްފީމު. އޭގެތެރެއިން އެއްކަމެއް، ކޮމްޕްރިހެންސިވް ސަރވޭއެއް އަޅުގަނޑުމެން ހަދައިފީމު، އ.ދ.ގެ އެހީގައި. މިހާތަނަށް ރާއްޖޭގައި ހެދުނު އެންމެ ފުރަތަމަ ކޮމްޕްރިހެންސިވް ސަރވޭ ހަދާ ނިމުނީ. ޑްރަގް ބޭނުންކުރުމާ ބެހޭގޮތުން. އޭގެ ސަބަބުން ވަރަށް މުހިންމު މަޢުލޫމާތުތަކެއް އަޅުގަނޑުމެންނަށް ލިބިގެންދިޔަ. އަޅުގަނޑުމެންނަށް ރޭކާވެސްނުލާކަހަލަ ބައެއްކަހަލަ ކަންތައްތައް އެނގިގެންވެސްދިޔަ. އޭގެތެރެއިން އެންމެ ކަންބޮޑުވާންޖެހޭ އެއްކަމަކީ، އެންމެ ގިނަ ޢަދަދަކަށް މަސްތުވާތަކެތި ބޭނުންކުރަނީ، ޢުމުރުން ފަނަރަ އަހަރާއި ނަވާރަ އަހަރާ ދޭތެރޭގެ ކުދިންނޭ. މިއީ ވަރަށްބޮޑު މައްސަލައެއް ނޫންތޯ. ފަނަރަ އަހަރާއި ނަވާރަ އަހަރާ ދޭތެރޭގެ ގިނަ ކުދިންނަކީ ސްކޫލްތަކުގައި އުޅޭ ކުދިން. އެހެންވީމާ، މިއަދު އަޅުގަނޑުމެންނަކަށް، އަޅުގަނޑުމެންގެ ސްކޫލްތަކުގައި މަސްތުވާތަކެތި ނުގެންގުޅެއޭ، ނޫނީ އަޅުގަނޑުމެންގެ ސްކޫލްތަކުގައި އުޅޭ ކުދިން މަސްތުވާތަކެތި ބޭނުންނުކުރެއޭ ބުނާނެ ތަނެއް ނެތޭ. އެކަން އަޅުގަނޑުމެންނަށް ނުވާ ކަމެއް ކަމަށް ހަދައިގެން، ކުނާދަށަށްލައި ފޮރުވައިގެން ތިބެވޭކަހަލަ ކަމެއް ނޫން މިއީކީ. އަޅުގަނޑުމެންގެ ދަރިން މިތިބީ މި ސްކޫލްތަކުގައި. އެހެންވީމާ، މިއަދު އަޅުގަނޑުމެން އެބަޖެހޭ، ސްކޫލްތަކުގައި މިކަމާ ބެހޭގޮތުން ވަރަށް ހުޅުވިގެން އެވާހަކަ ދައްކަން. އަޅުގަނޑަށް އެނގޭ، އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން މަސްތުވާތަކެއްޗާބެހޭ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި މިހާރު ޕްރޮގްރާމެއް ރާއްވަވައިގެން ބައެއް ސްކޫލްތަކުގައި ހިންގަވަމުން ގެންދަވާކަން. އެއީކީ ހުރިހާ ސްކޫލްތަކެއްގައެއް ނޫން. ޕައިލޮޓް ޕްރޮގްރާމެއްގެ ދަށުން އެމަސައްކަތް މިހާތަނަށް ހނގަމުން އައިސްފައިވާ ކަމަށް އަޅުގަނޑަށް އެނގިފައިވަނީ. އެހެން ނަމަވެސް، އެއީ މިހާރު ޕައިލޮޓް ސްޓޭޖުން، އެއަށްވުރެ ފުޅާކޮށް ކުރަން ޖެހިފައި އޮތް މަސައްކަތެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން.

އެހެންވީމާ، މިއަދު އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ ޚާއްޞަކޮށް، ތުއްތު ކުދިން، ޒުވާނުން މިކަމުން ސަލާމަތް ކުރުމަށްޓަކައި އެޅެންހުރި ފިޔަވަޅުތައް އަޅަން. ވަރަށްފާޅުގޮތެއްގައި، ވަރަށް ކެރިގެން އަޅުގަނޑުމެން އެބަޖެހޭ، މަސްތުވާތަކެއްޗާބެހޭ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި މަސައްކަތް ކުރަން. ދެންމެ ލުބްނާ އެ ވިދާޅުވިފަދައިން، މިއީކީ އާދައިގެ ކަމެއް ނޫން. މަސްތުވާތަކެތި ބޭނުންކުރާ ކުދިން މިހާރު އެއީ ކިތަންމެ މަޖާ ކަމަކަށްވެގެން، އެކަން ކުރި ކަމުގައިވިނަމަވެސް، އޭގެ އަސަރަކީ އެއީ މުޅި ޢުމުރަށް އޭގެ އަސަރު ދެމިގެންދާ ކަމެއް. އޭގެ ސަބަބުން މީހާ ބަލިކަށިވެ، ދުވަސްވާ ދުވަހު މީހާގެ ބުއްދިއަށް އޭގެ އަސަރު ކުރުމާއި، ހަށިގަނޑަށް އޭގެ އަސަރު ކުރުމާ، މިކަންކަން، މީގެ އެކިއެކި ކޮމްޕްލިކޭޝަންތައް އުފެދިގެންދާނެ. އަދި އޭގެ ސަބަބުން މި ޤައުމުގެ ޞިއްޙީ ނިޒާމަށް އޭގެ ވަރަށްބޮޑު އަސަރެއް ކޮށްގެންދާނެ. އޭގެ ސަބަބުން އުފެދޭ ބުރަދަން އަޅުގަނޑުމެންގެ މި ޤައުމުގެ މާލިއްޔަތަށްވެސް ކުރާނެ. އެހެންވީމާ، މިހާރު އަޅުގަނޑުމެން އެބަޖެހޭ، އެކަން ހުއްޓުވުމަށްޓަކައި ފައިސާ ޚަރަދުކުރަން. އެ ޚަރަދު، ފަހުން މާބޮޑުތަން އިތުރުވެގެން، އެތައް ގުނައެއް އިތުރުވެގެންދާނެކަން އަޅުގަނޑުމެންނަށް އެނގޭތީ. ނަމަވެސް، ކިތައްފަހަރުތޯ މިކަން ބޮޑުވެގެން އަޅުގަނޑުމެންގެ ސިޔާސީ ދާއިރާތަކުގައި މިވާހަކަ ދެކެވެނީ. ރަށެއްގެ ބަނދަރު ނުހެދުނީމާ، ނޫނީވިއްޔާ ނަރުދަމާ ނޭޅުނީމާ، އެވާހަކަ ވަރަށް ގަދައަށް އެބަ ދެކެވޭ. އެކަމަކު އަޅުގަނޑުމެންގެ ޒުވާނުންގެ، އަޅުގަނޑުމެންގެ ތުއްތު ކުދިންގެ މުޅި ޙަޔާތް ހަލާކުވާކަހަލަ ބޮޑުކަމެއް ހިނގާއިރުގައި، އެކަން އެއީ މާބޮޑުކަމަކަށްވެގެން، އަބަދު ވާހަކަ ދައްކައި، އެކަމާ ބެހޭގޮތުން މަސައްކަތްކުރާ ޕްރޮގްރާމްތަކަށް އިތުރު ފައިސާދީ، މިކަންކަމެއް ނުކުރައްވާ. މިދިޔަ އަހަރުގެ ބަޖެޓުން ވަރަށް ރަނގަޅަށް އެކަން އެނގިވަޑައިގަންނަވާނެ. މަސްތުވާތަކެއްޗަށާއި ޞިއްޙީ ޚިދްމަތްތަކަށް ކަނޑައަޅާފައި ހުރި ބަޖެޓް އަޅުގަނޑުމެންނަށް ޖެހުނީ އެހެން ދިމަދިމާއަށް ބަދަލުކުރަން. ހަމަ ދެންނެވި ކޮންމެ ބޭފުޅަކުވެސް ވިދާޅުވާނެ، އިންސާނުން ތަރައްޤީ ކުރުމަކީ ބޮޑުހިލައެއް އިންވެސްޓްމަންޓް ކުރުމެއް ނޫނޭ. އެކަމަކު މިހާތަނަށް އެކަން އޮތީ މިދެންނެވި ގޮތަށް. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ އިންވެސްޓްމަންޓް ޕްރައިވެޓީޒްތަކަށްވެސް ވިސްނަން. މިކަން ކުރެވިގެން އަޅުގަނޑުމެންނަށް މިކަން ޙައްލުކުރެވޭނީ. އިތުރު ރިސޯސަސް ދެވިގެން، އަޅުގަނޑުމެންނަށް މަސްތުވާތަކެތީގެ މައްސަލަތައް ޙައްލުކުރެވޭނީވެސް. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، އެން.ޑީ.އޭ.ގެ ބޯޑާއި އެން.ޑީ.އޭ.ގެ އެހީތެރިކަމާއެކީގައި އަދި ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގެ އެހީ އެން.ޑީ.އޭ.އަށް ލިބިގެން، އަޅުގަނޑުމެންނަށް މިހާރަށްވުރެ ބޮޑަށް، މި މަސައްކަތް ކުރުމުގެ އެކިއެކި ވަސީލަތްތައް ލިބިގެންދާނެ ކަމަށް.

ސަރުކާރުގެ ފަރާތުން އިރާދަކުރެއްވިއްޔާ، މިކަން މިހާރަށްވުރެވެސް ރަނގަޅު ކުރުމަށްޓަކައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތް ވަރުގަދަ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދާނަން. އަޅުގަނޑު އުފާކުރަން، މިހާތަނަށް މިވޭތުވެދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި، މުހިންމު ފިޔަވަޅުތަކެއް އެޅި، ރަނގަޅު ކަންތައްތަކެއް ކުރެވެމުންދާތީ. އެހެން ނަމަވެސް، އަނެއްކާވެސް އަޅުގަނޑުމެން އެބަޖެހޭ، ތަންކޮޅެއް ބާރަށް މަސައްކަތްކޮށްލައި، މިހާރަށްވުރެ ބޮޑަށް މި ޚިދްމަތްތައް ރަނގަޅު ކުރަން. އެކަމުގެ ޢަޒުމާއި އުންމީދާއި އަދި އެހެން ބޭފުޅުންނަށްވެސް އެކަމުގެ އިލްތިމާސް ކުރަމުން، އަޅުގަނޑު މިރޭ ވާހަކަކޮޅު ނިންމާލާނީ.

އަދިވެސް އެއްފަހަރު، މި މަސައްކަތުގައި އެހީތެރިވެދެއްވާ ހުރިހާ ފަރާތްތަކަކަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑު ހިތަށްއެރި މިރޭ ކީއްވެގެންބާވައޭ، ތިޔަބޭފުޅުން މިހާ ކުޑަކުޑަ ކޮޓަރިއެއްގައި މިހާ މަދު މީސްކޮޅަކާ އެކީގައި މި ޖަލްސާ ތި ބާއްވަވަނީވެސް. މިކަމަށް ޝައުޤުވެރިވާ މީހުން ހަމަ މަދީބާވައޭ. އަޅުގަނޑު ހީކުރަން، އެއީ ނޫންކަން ޙަޤީޤަތަކީ.

ވަރަށް ބޮޑަށް ޝުކުރިއްޔާ، ތިޔަ ކޮށްދެއްވާ މަސައްކަތަށް. އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން، ތިޔަބޭފުޅުންނަށް އޮންނާނެ ކަމުގެ ޔަޤީންކަން އަރުވަމުން ނިންމާލަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.