بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުން، އޮޑިޓަރ ޖެނެރަލް، އޭ.ސީ.ސީ.ގެ ރައީސް އަދި އެ ދެމުއައްސަސާގެ ވެރިން. ސަރުކާރުގެ އެކިއެކި މިނިސްޓްރީތަކާ ޙަވާލުވެވަޑައިގެން ތިއްބެވި ވަޒީރުންނާއި، އެ މިނިސްޓްރީތަކުގެ މާލީ ކަންކަމުގައި މަސްއޫލުވެވަޑައިގަންނަވާ އިސްވެރިން. އަދި އަޅުގަނޑަށް ފެންނަ ގޮތުގައި މިތާ މި ތިއްބެވީ ގިނައިން ޕަރމަނަންޓް ސެކްރެޓަރީން.

السّــلام عليــكم ورحـمــة اللّـه وبـركاتـه.

އަޅުގަނޑު ވަރަށް އުފާކުރަން މިއަދު މި ކުރު އެހެނަސް މުހިންމު ވާރކްޝޮޕްގައި ތިޔަ ހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގެންދެއްވާތީ. ދައުލަތް ހިންގުމުގައި، ވީހާވެސް ރަނގަޅަށް އެކަން ކުރުމަކީ، އަޅުގަނޑުމެން އެންމެންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެއް. ރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތައް ހެދިފައި މިހިރީ، މި ޤައުމުގައި ދިރިއުޅޭ އެންމެންނަށްވެސް ފައިދާހުރި ގޮތަކަށް، ވެރިކަމުގެ ކަންކަން އިންތިޒާމުކޮށް ހިންގުމަށްޓަކައި. އެހެންވީމާ، އެކަންކަމުގައި އެންމެ އިސް ރޯލެއް ކުޅެންޖެހޭ ސަރުކާރުގެ އެކިއެކި މުވައްޒަފުންނާއި، ޚާއްޞަކޮށް، އެގްޒެކެޓިވް ބްރާންޗްގެ ތެރޭގައި ހިމެނޭ އެކިއެކި މުއައްސަސާތަކުން އެބަޖެހޭ ވީހާވެސް ރަނގަޅަށް ހެޔޮ ވެރިކަމެއް ކުރުމަށްޓަކައި މަސައްކަތް ކުރުމަށް.

ދެން މިހާރު މި އާ ނިޒާމުގެ ތެރެއިން އަދި ވަރަށް ކުޑަދުވަސްކޮޅެއްމިވީ. ޤާނޫނުއަސާސީގެ ދަށުން އަޅުގަނޑުމެން މި ހިންގާ އާ ނިޒާމުގެ ތެރޭގައި، ތަފާތު އެކިއެކި އުނދަގޫތަކާއި މައްސަލަތައް އެބަހުރި. އެހެން ނަމަވެސް، އެކަންކަން ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ މަސައްކަތް ކުރަން. އަދި މިހާރު ހުރި ޤާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިންވެސް ކަންކަން ތަންފީޛު ކުރެވޭނެގޮތްގޮތް އަޅުގަނޑުމެން އެބަޖެހޭ ހޯދަން.

ރައްޔިތުންގެ ފައިސާ އަޅުގަނޑުމެން އެންމެންވެސް މި ބޭނުންކުރަނީ، އަޅުގަނޑުމެން އެންމެންގެ މުސާރަތަކާއި، އަޅުގަނޑުމެންގެ އޮފީސް ހިންގުމަށާއި، މިހުރިހާ ކަމަކަށްވެސް އަޅުގަނޑުމެން ބޭނުންކުރަނީ ހަމަ ރައްޔިތުންގެ ފައިސާ. ރައްޔިތުންގެ އަތުން ނެގޭ އެއްޗަކުން. އެހެންވީމާ، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް އަޅުގަނޑުމެން މަސައްކަތް ކުރުމަކީ އެއީ އަޅުގަނޑުމެންނަށް ލާޒިމްކުރާ ކަމެއް. އެކަންކަން އެގޮތަށް ކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ. އެހެން ނަމަވެސް، ރަނގަޅު ކުރަންޖެހޭ ކިތަންމެ ކަންތައްތަކެއް އެބަހުރި. އަޅުގަނޑުމެންގެ އޮފީސްތައް ހިނގާ ނުހިނގާގޮތް މިހާރަށްވުރެ އެބަ ރަނގަޅުކުރަންޖެހޭ. އަޅުގަނޑުމެންގެ އޮފީސްތަކުގެ މެނޭޖްމަންޓް މިހާރަށްވުރެ ރަނގަޅު ކުރަން އެބަޖެހޭ. އަޅުގަނޑުމެންނަށް ލިބިފައިވާ ވަސީލަތްތަކެއް އެންމެ އެފިޝަންޓްކޮށް، އެންމެ އެފެކްޓިވްކޮށް ބޭނުންކުރެވޭނެ ގޮތްތައް، އަބަދާއި އަބަދު ހޯދައި، އިޤްތިޞާދު ކުރެވޭނެގޮތް އަޅުގަނޑުމެން އެބަޖެހޭ ވިސްނަން.

އެހެންވީމާ، އޮފީސް އޮފީހުގެ މެނޭޖްމަންޓްގެ ކަންތައް ހިނގާ ނުހިނގާގޮތް ބެއްލެވުމާއި، އޮފީސް އޮފީހަށް ލިބިފައިވާ ވަސީލަތްތައް، ބަޖެޓް ބޭނުންކުރެވޭގޮތާ، އިންސާނީ ވަސީލަތްތައް ބޭނުންކުރެވޭގޮތާ، މިހުރިހާ ކަމަކަށް އަޅުގަނޑުމެން އަބަދާއި އަބަދު ރިޢާޔަތްކޮށް، އެކަންކަން އެއްދުވަހަށްވުރެ އަނެއް ދުވަހު ރަނގަޅަށް ކުރެވޭނެގޮތެއް ހޯދުމަށްޓަކައި އަޅުގަނޑުމެން އެންމެން އެބަޖެހޭ މަސައްކަތް ކުރަން. ޚާއްޞަކޮށް، އެކަމުގައި ސަރުކާރުގެ ވުޒާރާތަކާއި އޮފީސްތަކަށް އެހީވެވަޑައިގެން ދެއްވުމަށްޓަކައި އުފެދިފައިވާ ތިން މުއައްސަސާ، ސިވިލް ސަރވިސް ކޮމިޝަނާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، އޯޑިޓް އޮފީހަކީ.

އެހެންވީމާ، އެ މުއައްސަސާތަކުން އަޅުގަނޑުމެންގެ މިނިސްޓްރީތައް ހިނގާ ނުހިނގާގޮތާ ބެހޭގޮތުން، އޮފީސްތައް ހިނގާ ނުހިނގާގޮތާ ބެހޭގޮތުން ދެއްވާ ލަފައާއި އޮބްޒަރވޭޝަންތަކަކީ އެއީ އަޅުގަނޑުމެން، އޭގެ ހެޔޮގޮތުގައި ބަލައިގަނެ، އެކަންކަން ތަންފީޛު ކުރުމަށްޓަކައި މަސައްކަތް ކުރަންޖެހޭ ތަންތަން. އެގޮތުން، ޚާއްޞަކޮށް، ސަރުކާރުގެ ވަރަށްގިނަ އޮފީސްތައް، ވަރަށްގިނަ ވުޒާރާތައް، ވަރަށްގިނަ މުއައްސަސާތައް މިހާރުހުރީ އޮޑިޓް ކުރެވިފައި. އެ އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކުރެވިފައި ހުރި ކަންކަމަކީ އެއީ އަޅުގަނޑުމެން އިޞްލާޙު ކުރަންޖެހޭ ކަންކަން. އެކަންކަން އިޞްލާޙުކޮށް، ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި އެކަމުގައި އަޅުގަނޑުމެންނަށް ކުރިއަށް ދެވިފައިވާވަރު އެބަޖެހޭ ޢާންމުކޮށް އެނގެން. ފުރަތަމަ އޮޑިޓަރ ޖެނެރަލްގެ އޮފީހަށް، އެ މަޢުލޫމާތު އަޅުގަނޑުމެން ފޮނުވަންޖެހޭ. އަދި ހަމައެއާއެކީގައި، ވަރަށް ހުޅުވިފައިވާ މާޙައުލެއްގައި އަޅުގަނޑުމެން އެންމެންނަށް އެބަ އެނގެންޖެހޭ، އަޅުގަނޑުމެންގެ ސަރުކާރުގެ، ޖުމްލަކޮށް ސަރުކާރުގެ މަސައްކަތް ހިނގާ ނުހިނގާ ގޮތަށް، އަންނަމުންދާ ކުރިއެރުން. މީގައި ފަހަތަށްދާ ކަމަށްވަންޏާ ފަހަތަށްދާ މިންވަރު.

އޭގެތެރެއިން އެއްކަމެއް، އޯޑިޓް އޮފީހުގެ ރިޕޯޓްތަކުގައި ކަނޑައެޅިފައި ހުރި ކަންކަން އަޅުގަނޑުމެން ފޮލޯއަޕް ކުރުން. ޚާއްޞަކޮށް، މިއަދު ދެންމެގައި ކެބިނެޓް ސެކްރެޓެރީ އެ ފާހަގަކުރެއްވި ފަދައިން، އެކިއެކި ފަރާތްފަރާތުން ސަރުކާރަށް ލިބެންޖެހޭ، ދައްކަންޖެހޭ ފައިސާ ސަރުކާރަށް ނުނެނގި އެބަހުރޭ. އެގޮތަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ އެބަހުރި ކަމަށް އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބެނީ. އެ ފައިސާ ހޯދަންޖެހޭ. އެއީ، ރައްޔިތުންގެ ޙައްޤެއް. ރައްޔިތުންގެ ފައިސާ އެއީ. އަޅުގަނޑުމެންނަށް މުސާރަ ދީފައި، ވަޒީފާދީފައި ބައިތިއްބާފައި މިތިބެނީ އެމަސައްކަތް ކުރަން. އެހެންވީމާ، އެކަން ނުކުރެވި ހުރެގެން ނުވާނެ. އަޅުގަނޑުމެން ބަލަންވީ ކިހިނެއްތޯ އެކަން ކުރާނީ. އެހެންވީމާ، މިއަދު މިބައްދަލުވުމުގައި ތިޔަ ހުރިހާ ބޭފުޅުން ވިސްނާވަޑައިގެންދެއްވާ، ކިހިނެއްތޯ އެކަން ކުރާނީ. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ.

އަޅުގަނޑު ވަރަށް ބޮޑަށް އެދެން، މިއީ ވަންޓައިމް، އެއްފަހަރު ކޮށްލާފައި ނިންމާލާ ކަމަކަށްނުވުން. މިކަމަށް އުޞޫލެއް ކަނޑައެޅިގެން، މިކަމަށް އެކިއެކި އިޖުރާޢަތުތައް ކަނޑައެޅިގެން މުސްތަޤްބަލުގައި އަޅުގަނޑުމެންނަށް މިކަން ކުރެވޭނެގޮތެއް ތިޔަބޭފުޅުން ހޯއްދަވައި، އެކަން އިންސްޓިޓިއުޝަނަލައިޒް ކުރަން. އެހެން ނޫނިއްޔާ އަނެއްކާވެސް އެއް އަހަރު ދުވަސް ފަހުން އަޅުގަނޑުމެން އަނެއްކާވެސް އެނބުރި އައިސް އަޅުގަނޑުމެން ހަމަ ހުންނާނެ ނުކުރެވި ހުރި ބައިވަރު ކަންތައްތައް. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް ޔަޤީންކުރަން، މިއަދުގެ މިބައްދަލުވުމަކީ ވަރަށް ބޭނުންތެރި، ވަރަށް ޢަމަލީ މަޝްވަރާތަކެއް ކުރެވި، ނަތީޖާތަކެއް ނެރެވޭނެ ބައްދަލުވުމަކަށްވާނެ ކަމަށް.

ދެން މިއަދުގެ ބައްދަލުވުން، މިއީ ކާމިޔާބު ބައްދަލުވުމަކަށް ވެއްޖިއްޔާ، އަޅުގަނޑު ޔަޤީންކުރަން، ވާނެކަމަށް. ވެއްޖިއްޔާ މިފަދަ އިތުރު ބައްދަލުވުންތައް އަޅުގަނޑުމެން އަނެއްކާވެސް ބާއްވައި، އެހެން ކަންކަމުގައިވެސް އަޅުގަނޑުމެންނަށް މަގު ހޯދޭނެގޮތް އިރާދަކުރެއްވިއްޔާ، ރައީސް އޮފީހުން އަޅުގަނޑުމެން ފަހިކުރާނަން.

އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށް، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ސިވިލް ސަރވިސް ކޮމިޝަނާއި، އޭ.ސީ.ސީ އާއި އޯޑިޓް އޮފީހުގެ ވެރިން މީގައި ބައިވެރިވެވަޑައިގެންދެއްވީތީ. ވަޒީރުންގެ ތެރެއިންވެސް ވަރަށްގިނަ ބޭފުޅުން ވަޑައިގެން އެބަ ތިއްބެވި. އެހެންވީމާ، އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންގެ މި މަސައްކަތްޕުޅަށް ހެޔޮއެދެން. މޫސުމުގެ ގޮތުން ހުރިހާ ބޭފުޅުންނަށްވެސް ރަމަޟާން މަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ ދަންނަވަން. ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަކީ، ތިޔަބޭފުޅުންނަށާއި ތިޔަބޭފުޅުންގެ ޢާއިލާތަކަށް މި މައްސަރުގެ ޘަވާބާއި ދަރުމަ ލިބިވަޑައިގަންނަވާނެ މަހެއް ކަމުގައި އަޅުގަނޑު އުންމީދުކޮށް، އެކަމަށް ދުޢާކުރަން.

ޝުކުރިއްޔާ!