بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين

މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބްލް މުޙަންމަދު ނާޒިމް، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް، މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ އެންމެހާ ޢިއްޒަތްތެރިން، އެކި ރޭންކްތަކުގެ ހިތްވަރުގަދަ ސިފައިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

121 ވަނަ ސިފައިންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، ދިވެހިރާއްޖޭގެ ފަޚުރުވެރި ސިފައިންނަށާއި ސިފައިންގެ ޢާއިލާތަކަށް އަރިސްކުރަން.

ހަމައެހެންމެ، އެކި ރޮނގުން ފާހަގަކުރެވިގެން މިރޭ އިނާމު ޙާޞިލުކުރާ ސިފައިންނަށް މުބާރިކްބާދީ ދަންނަވަން.

އަދި ހަމައެއާއެކު ސިފައިންގެއަށް އެކި ގޮތްގޮތުން ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކަށް ސިފައިންގެ އެންމެމަތީ ވެރިޔާގެ ހައިސިއްޔަތުން ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. ތިޔަބޭފުޅުން ސިފައިންނަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަކީ، ސިފައިންގެ ހުރިހާ ގިންތިއަކުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަންތައްތަކެއް. އަޅުގަނޑު ދަންނަވާނީ ތިޔަބޭފުޅުންނާއި ސިފައިންގެއާ ދެމެދު މިއޮތްފަދަ ގުޅުމަކީ، މިއަދު ދައުލަތުގެ ކޮންމެ މުއައްސަސާއަކަށްވެސް ބޭނުންވާފަދަ ގުޅުމެކޭ. ދިވެހިރާއްޖެފަދަ ތަރައްޤީވުމަށް މަސައްކަތްކުރާ ޤައުމެއްގައި ކަންކަން ފަސޭހައިން ކުރުމަށް މަގުފަހިވެގެންދާނީ ދައުލަތުގެ މުއައްސަސާތަކާއި، އަމިއްލަ ފަރުދުންނާއި، ޕްރައިވެޓް ސެކްޓަރުން އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެދީގެން. އަތާ އަތް ގުޅާލައިގެން މަސައްކަތްކޮށްގެން. މިއަދު ތިޔަބޭފުޅުން ތިޔަދައްކަވައިދެއްވީ، މިފަދަ ޕާރޓްނަރޝިޕެއްގެ ލާމަސީލު މިސާލެއް.

އާދެ! މިއަދަކީ އަޅުގަނޑަށް ވަރަށް ޚާއްޞަ އުފަލެއް ލިބޭ ދުވަހެއް. އެއީ، ސިފައިންގެ ދުވަހުގެ މުނާސަބަތުގައި، ތިޔަ ލޮބުވެތި ސިފައިންނާއި ބައްދަލުކޮށް މުޚާތަބް ކުރުމުގެ ފުރުޞަތު މާތްﷲ އަޅުގަނޑަށް މިންވަރު ކުރެއްވީތީ.

މިއަދު އަޅުގަނޑު ތިޔަ ލޮބުވެތި ސިފައިންގެ ކުރިމައްޗަށް ހުއްޓި މިހުރީ ފަޚުރުވެރިކަމާއި ހިތްހަމަޖެހުމާއެކު. ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް، ކޮންމެފަދަ ގުރުބާނީއެއްވެގެންވެސް ތިޔަ ސިފައިން ދަމަހައްޓާނެ ކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. ވޭތުވެދިޔަ ތަނުގައި ޤައުމަށް ދިމާވި ކޮންމެ ބޮޑުކަމެއްގައި ސިފައިން ވަނީ އެމީހުންނަކީ ޤައުމަށްޓަކައި ހިތާއި ރޫޙުން ޤުރުބާންވާނެ ޤައުމުގެ ޚާދިމުންކަން ދައްކައިދީފައި.

އާދެ! ޅަފަތުގައި އޮތް ޑިމޮކްރަސީއެއްގެ ގޮތުގައި ދިވެހިރާއްޖެ މިއަދު މިކަޑައްތު ކުރަނީ، ޑިމޮކްރަސީ އަށަގެންނެވުމުގެ އެންމެ އުނދަގޫ މަރުޙަލާ. މިމަރުޙަލާގައި ސިފައިންނަށް ވަރަށް ގިނަ އަދި ދަތި އުނދަގޫ ކަންތައްތަކަކާ ކުރިމަތިލާންޖެހޭ. މިގޮތުން ސިފައިންގެ ބަދަހި ސަފުތައް ރޫޅާލުމަށް މަސައްކަތްކުރާ މަންޒަރު އެބަފެނޭ. ސިފައިން ސިޔާސީ ކުރުމަށް ކެނޑިނޭޅި އެބަ މަސައްކަތްކުރޭ. ސިފައިންގެ ތެރޭގައި ދީނީ ޚިޔާލު ތަފާތުވުންތަކާއި ދީނީ ބައިބައިވުންތައް އުފެއްދުމަށް އެބަ މަސައްކަތްކުރޭ. ދިވެހީންގެ ދީނީ ވަޙުދަތަށް ގުޑުން އަރުވާލުމުގެ ރޭވުންތެރި ޙަރަކާތްތަކެއް އެބަ ހިނގާ. އެހެންކަމުން، ނިކަން ފިސާރި ކެރިތިބެ، މިގޮންޖެހުންތަކާ ކުރިމަތިލައި، އެކަންކަމުގެ މައްޗަށް ކުރިހޯދުމަށްޓަކައި މިއަދު ސިފައިން އާކުރަންޖެހޭ ޢަޒުމްތަކެއް އެބަހުރި.

އެއީ، ދިވެހި ސިފައިންނަކީ ތާއަބަދު އިސްލާމްދީނުގެ ހިދާޔަތުގައި ސާބިތުވެ ތިބޭނެ ބައެއްކަމުގެ ޢަޒުމް. އެކަތިގަނޑެއްގެ ގޮތުގައި ދެމިތިބޭނޭ ކަމުގެ ޢަޒުމް. ނުގުޑާފަދަ ޢަޒުމެއްގައި ސާބިތުކަމާއެކު ތިބޭ ބައެއްގެ ޢަޒުމް. ލިބިހުރި ވަސީލަތަކުން އެންމެ ފުރިހަމައަށް ތަމްރީނުވެ ތިބި، ކެރޭ ހުޝިޔާރު ބަޔަކަށްވުމުގެ ޢަޒުމް. ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން އަދި ޤައުމީ މަޞްލަޙަތު، އެހެން ހުރިހާ ކަމެއްގެ ކުރިއަށްނެރޭ ބަޔަކަށްވުމުގެ ޢަޒުމް.

މިއިން އެއްވެސް ކަމެއް އަސްކަރިއްޔާގެ ތެރެއިން އުނިވެއްޖެނަމަ، މިޤައުމަށް ހީވެސް ނުކުރާހާ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެ. އެއީ، މިނިވަން މުސްތަޤިއްލު ކޮންމެ ޤައުމެއްގައިވެސް ޤައުމުގެ ދިފާޢީ ބާރަކީ، އެޤައުމެއްގެ ދިފާޢުގެ އެންމެފަހުގެ އައްޑަނަ. އެ އައްޑަނަ ފެއިލް ވެއްޖެނަމަ، އެޤައުމެއް އަޅުވެތިވެ، ޤައުމުގެ އަމިއްލަވަންތަކަން ނެތިދިޔުން އޮންނާނީ ދާދި ގާތުގައި.

ޑިމޮކްރެސީގެ ޅަފަތުގައި އޮންނަ ބައެއް ޤައުމުތަކުގައި، ޢަސްކަރިއްޔާ، ޤާނޫނީ އިމުން ބޭރުވާތަން އެބަ ފެނޭ. ސަބަބަކީ، ޤައުމީ މަޞްލަޙަތަށްވުރެ ބޮޑަށް ޒާތީ މަޞްލަޙަތަށްޓަކައި ޢަސްކަރިއްޔާ ބޭނުންކުރެވޭގޮތްވުން. އެހެންކަމުން، ދިވެހި ސިފައިންނަކީވެސް ޢަސްކަރީ ޚިދުމަތުގެ ފަންނު، ނުވަތަ "ޕްރޮފެޝަން އޮފް އާރމްސް"ގެ އަސާސީ ސިފަތައް ދަމަހައްޓާ ބަޔަކަށްވާންޖެހޭނެ. ޢަސްކަރިއްޔާ މަސައްކަތް ކުރަންވާނީ، ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ޢަސްކަރިއްޔާއަށް ކަނޑައަޅާފައިވާ ދާއިރާތަކާއި ޒިންމާތަކާއި އިންތަކުގެ ތެރޭގައި.

ޢަސްކަރިއްޔާވާންޖެހޭނީ ރައްޔިތުން އިތުބާރުކުރާ، ރައްޔިތުންގެ އިތުބާރު ހޯދާ އަދި އެ އިތުބާރުގެ ތެރެއިން ބާރުވެރިވާ ބަޔަކަށް. ސިފައިންނާ ގުޅޭ ކަންކަން ސިފައިންގެ ތެރެއިން ތަރުތީބުކޮށް ހިންގާ ބަލަހައްޓާ ބަޔަކަށް. ހަމައެއާއެކު، އަސްކަރިއްޔާގެ މައްޗަށް އޮންނަ ޤާނޫނީ މަދަނީ ކޮންޓްރޯލަށް ފުރިހަމައަށް އިޙުތިރާމްކުރާ ބަޔަކަށް.

ހިތްވަރުގަދަ ދިވެހި ސިފައިން:

ޑިމޮކްރެޓިކް ނިޒާމެއްގައި ހުރިހާ ބާރެއްވެސް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން. އެ ޑިމޮކްރެޓިކް ނިޒާމުގެ އެންމެ މުހިންމު ސިފަ ކަމުގައިވާ މިނިވަންކަމާއި އިސްތިޤްލާލް ރައްކާތެރިކޮށް ޙިމާޔަތްކޮށްދިނުމަށް ރައްޔިތުން މަތިކޮށްފައިވާ ބަޔަކީ ޤައުމުގެ ދިފާޢީ ލަޝްކަރު. އެހެންކަމުން، މިނިވަންކަމާއި އިސްތިޤްލާލަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް ކުރެވިގެން ނުވާނެ. އަދި އެފަދަ ކަމަކަށް، އެހެން ބަޔަކަށް ޖާގަދީގެންވެސް ނުވާނެ.

ސިފައިންގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން، ސިފައިންގެ މުއައްސަސާ އިތުރަށް ތަރައްޤީކޮށް ކުރިއަށް ގެންދިޔުމަކީ، އަޅުގަނޑުގެ އެންމެ އިސް ވާޖިބު. އަޅުގަނޑު ދެކޭގޮތުގައި، މުއައްސަސާއެއް ތަރައްޤީ ކުރުމަށް ބޭނުންވާ އެންމެ މުހިއްމު އެއްވަސީލަތަކީ، އެ މުއައްސަސާގެ އިންސާނީ ވަސީލަތް. މިރޭ ތަޢާރަފް ކުރެވިގެން އެދިޔަ މިލިޓަރީ ކޮލިފިކޭޝަން ފްރޭމްވާރކްގެ ސަބަބުން ސިފައިންގޭގައި ތަޢުލީމީ އާ ޖީލެއް ބިނާކުރުމަށް، އިތުރު ހިތްވަރެއް ލިބި، ގިނަ ކުރިއެރުންތަކެއް ހޯދުމަށް މަގުފަހިވާނެ.

މުޅި ޤައުމަށް ބެލިކަމުގައިވިޔަސް، ދިވެހިރާއްޖެއަކީ މިއަދު ތަޢުލީމީ ރައްޔިތެއް އޮތް ޤައުމެއް. ސަރުކާރުގެ މުއައްސަސާތައް ކަމުގައިވިޔަސް، ޕްރައިވެޓް ސެކްޓަރ ކަމުގައިވިޔަސް، މިއަދު ފެންނަނީ ހުރިހާ ދާއިރާއަކުންވެސް ތަޢުލީމް ލިބިގެން ތިބެ މަސައްކަތްކުރާ ތަނާއި، ތަޢުލީމް ލިބިގަތުމަށް މަސައްކަތްކުރާ ތަން. މީގެތެރެއިންވެސް ސިފައިންގެއަކީ، އެއްފުރާޅެއްގެ ދަށުގައި އެންމެ ގިނަ ޢަދަދަކަށް މަތީ ތަޢުލީމް ޙާޞިލްކޮށްފައިވާ ފަރާތްތައް ތިބި ތަނޭ ދެންނެވުން، އަޅުގަނޑު ހިތުން ދޮގަކަށް ނުވާނެ. މިޙަޤީޤަތާއެކުވެސް، ދަންނަވަންޖެހެނީ ކުރަންޖެހޭ ގިނަ ކަންތައްތަކެއް އަދިވެސް ހުރި ވާހަކަ. ތަރައްޤީކޮށް ކުރިއަރުވަން މަސައްކަތް ކުރަން ޖެހިފައިވާ ބައެއް ދާއިރާތައް އަދިވެސް އެބަހުރި ކަމަށް އަޅުގަނޑަށް ފެންނަ ވާހަކަ ދަންނަވަން. އެހެންކަމުން، ޢަސްކަރީ ދާއިރާގެ ޢިލްމާއި ސައިންސް، އިތުރަށް ކުރިއަރުވައި ތަރައްޤީ ކުރުމަށް އިތުރު ޙަރަކާތްތައް ފެށުމަށް އަޅުގަނޑު އުންމީދު ކުރަން.

މިފަދަ އެއްކަމަކީ ސިފައިންގޭގައި ސްކޮލަރޝިޕް ސްކީމެއް ތަޢާރުފުކުރުން. މި ސްކީމް ކުރިއަށް ގެންދާނީ، ޗީފް އޮފް ޑިފެންސް ފޯސް ލީޑަރޝިޕް ސްކީމްގެ ނަމުގައި. މިއަހަރުގެ ތެރޭގައި، މި ސްކީމް ތަޢާރަފް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ޑިފެންސް މިނިސްޓްރީން މިހާރު ދަނީ ކުރަމުން. މި ސްކީމްގެ ތެރެއިން، ސިފައިންގެ އޮފިސަރުންނާއި އެން.ސީ.އޯއިންނަށް ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމް ޙާޞިލް ކުރުމުގެ ފުރްޞަތު ފަހިވެގެންދާނެ.

ދެވަނަ ކަމަކަށް އަޅުގަނޑު މިތަޢާރަފް ކުރަނީ "ސެކިއުރިޓީ ސެކްޓަރ ރިސާރޗް ގްރާންޓް". މި ރިސަރޗް ގްރާންޓްގެ ބޭނުމަކީ ޓެރަރިޒަމްގެ ނުރައްކަލާއި، ރާއްޖެފަދަ ކުދި ޤައުމުތަކުގެ ޤައުމީ ދިފާޢާ ޤައުމީ ސަލާމަތަށްހުރި ނުރައްކާތަކާ ގުޅޭގޮތުން، އަދި ޖުމްލަކޮށް ސެކިއުރިޓީ ސެކްޓަރގެ ދިރާސާތަކަށް މަގުފަހިކުރުން. ވަކީން ޚާއްޞަކޮށް، ޢަސްކަރީ ޢިލްމާއި ސައިންސާއި ފަންނުގެ ދާއިރާއިން ކުރާ ޢިލްމީ ދިރާސާތަކާއި އީޖާދުތަކަށް ފަންޑު ކުރުމުގެ ފުރްޞަތު ތަނަވަސްކޮށްދިނުން.

އެއްވެސް ދިވެއްސަކު ދެބަސްނުވާނެ ފަދައިން، ލިޔެވި ބަޔާންކުރެވިފައިވާ ދިވެހި ތާރީޚުގެ ބޮޑުބައެއް ޙިއްސާކުރަނީ ޢަސްކަރީ ޚިދުމަތުން. ޢަސްކަރީ ކެމްޕޭންތަކާއި ޙަރަކާތްތަކުން. ނަމަވެސް، ދިވެހިންގެ ތަފްޞީލީ ތާރީޚް ދިވެހިންނަށް އެނގޭ މިންވަރާއި، އެ ތާރީޚް ދިރާސާ ކުރުމަށް ކުރެވޭ މަސައްކަތްތަކާއި، އެ ތާރީޚް އެހެން މީހުންނަށް އުނގަންނައިދިނުމަށް މަސައްކަތްކުރެވޭ މިންވަރު، އެހެން ހުރިހާ ދާއިރާތަކަށްވުރެ ދަށްކަން ޤަބޫލުކުރަންޖެހޭ.

ހަމައެކަނި ޤައުމީ ދާރުލްއާސާރެއް ހުރުމަކުން، ނުވަތަ ޔުނިވަރސިޓީއާއި ކޮލެޖްތަކުގައި ކުރީގެ ޢިލްމުވެރިންނާއި ތާރީޚް ލިޔުންތެރިންގެ ލިޔުންތަކާއި ފޮތްތައް ހުރުމަކުން ނުފުދޭ. އެކިދާއިރާތަކުން ހަލުވި ބަދަލުތަކެއް ޤައުމަށް އަންނަމުންދާއިރު، ދިވެހިންގެ އަޞްލާއި ނަސަބާއި ޘަޤާފަތް އަދި ދިވެހިންގެ ތާރީޚުގެ މަތިން ހަނދާންނެތިގެން ނުވާނެ. ޢިލްމީ ނަޒަރަކުން، ދިރާސާ ކުރުމުގެ ވިސްނުމަކުން، ދިވެހި ތާރީޚް، ވަކީން ޚާއްޞަކޮށް، ދިވެހި ޢަސްކަރީ ތާރީޚާމެދު އެބަ ވިސްނަންޖެހޭ. އެހެންކަމުން، ސިފައިންގޭގައި ތާރީޚް ދިރާސާކުރާ މަޝްރޫޢެއް ޤާއިމްކޮށް، ރާއްޖޭގެ ޢާންމު އަދި ޢަސްކަރީ ތާރީޚް ދިރާސާކޮށް، އަންނަން އޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ވާސިލް ކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް، ހަލުވި ބާރުމިނެއްގައި ކުރިއަށް ގެންގޮސްދެއްވުމަށް، އަޅުގަނޑު ޑިފެންސް މިނިސްޓަރުގެ ކިބައިން އެދެން.

މީގެއިތުރުން، ދިވެހިރާއްޖޭގެ މަދަނީ ދިފާޢުގެ ނިޒާމް ތަރައްޤީކޮށް، އެދާއިރާގެ ތަޢުލީމާއި ތަމްރީނާއި، އެހެނިހެން ޕްރޮގްރާމްތައް، މިހާރަށްވުރެ ހަރުދަނާ އަދި އަވަސްމިނެއްގައި ކުރިއަށް ގެންދިއުމަށް އަޅުގަނޑު ބޭނުން. ދިވެހިރާއްޖޭގެ ޖޯގްރަފީއަށް ބަލާއިރު، ޤުދުރަތީ އެކިއެކި ޙާދިސާތަކާއި ކާރިސާތަކުގެ ނޭދެވޭ އަސަރު، ރާއްޖޭގެ އެކިރަށްރަށަށް އެބަކުރޭ. އެހެންކަމުން، މިދެންނެވި މަދަނީ ދިފާޢުގެ ނިޒާމް ހަރުދަނާ ކުރުމަކީ، ރަށްތަކާއި އަތޮޅުތަކުގެ އިޖުތިމާޢީ ތަރައްޤީއަށާއި، ޤައުމުގެ އިޤްތިޞާދީ ތަރައްޤީއަށްވެސް ވަރަށް މުހިންމުވެފައިވާ ކަމެއް ކަމަށް އަޅުގަނޑު ދެކެން.

ޓޫރިޒަމް އިންޑަސްޓްރީ އާއި ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފަދަ މުހިންމު އިޤްތިޞާދީ ދާއިރާތަކާއި، މޯލްޑިވްސް ރެޑް ކްރެސެންޓް ފަދަ އެން.ޖީ.އޯތަކާއި، އަދި އެންމެ މުހިންމު ކަމަކަށް ރަށްރަށާއި، އަތޮޅުތަކުގެ ރައްޔިތުންނާއި، އެ ރައްޔިތުން ތަމްސީލުކުރާ ކައުންސިލްތަކާއި އިދާރާތައް ޝާމިލްވާ ނިޒާމަކަށް އަޅުގަނޑުމެން އެބަދާންޖެހޭ. އެހެންކަމުން، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި އެމް.އެން.ޑީ.އެފް ގުޅިގެން، މި މަސައްކަތާއިގެން ކުރިއަށްދިޔުމަކީ ވަރަށް މުހިންމު ކަމެއް. އަދި މިދާއިރާއިން ކަމާގުޅޭ ފަރާތްތައް ތަމްރީނު ކުރުމަށްޓަކައި ސިވިލް ޑިފެންސް އެކެޑެމީއެއް ޤާއިމްކުރުމުގެ މަސައްކަތް، އެމް.އެން.ޑީ.އެފް އާއި ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު ގުޅިގެން ކުރިއަށް ގެންގޮސްދެއްވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން.

ހިތްވަރުގަދަ ސިފައިން:

މިދުވަސްވަރަކީ ރާއްޖެއަށް މާލީގޮތުން ވަރަށްގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދުވަސްވަރެއް. މިއަދު ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ބަޖެޓް ނެތުމުގެ ސަބަބުން އަޅުގަނޑުމެން ކުރަން ބޭނުންވާ ކިތަންމެ ކަމެއް މަޑުޖައްސާލަން ޖެހިފައިވާކަން. އެހެންނަމަވެސް، ސަރުކާރުގެ މާލީ ޤާބިލްކަން ހުރި މިންވަރަކުން ސިފައިންގެ ތަރައްޤީ އަދި ވެލްފެއަރގެ ކަންކަން އަޅުގަނޑުމެން ކުރިއަށް އެބަގެންދަން.

މި ސަރުކާރުގެ އަމާޒަކީ، ރާއްޖޭގެ ދިފާޢީ އޮނިގަނޑު ހަރުދަނާ ކުރުމަށް މިހާރުން މިހާރަށް ކުރެވެންހުރި ކަންތަކާއި، މެދުރާސްތާއަށާއި ދުރުރާސްތާއަށް އަމާޒުކޮށްގެން ހިންގޭނެ ކަންތައްތައް ދެނެގަނެ، ޤައުމީ ސަލާމަތާއި ދިފާޢީ ނިޒާމު ހަރުދަނާ ކުރުމަށް މަސައްކަތް ކުރުން. އެހެންކަމުން، ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ ދިފާޢީ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް އަޅުގަނޑުމެން ރާވާފައިވަނީ، މައިގަނޑު ހަތަރު ސިޔާސަތެއްގެ މައްޗަށް ބިނާކޮށް.

އަޅުގަނޑުމެންގެ ފުރަތަމަ ސިޔާސަތަކީ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތީ އޮނިގަނޑު ހަރުދަނާ ކުރުމާއި، ދިފާޢީ ނިޒާމު ވަރުގަދަކުރުން.

މި ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން، ނޭޝަނަލް ސެކިއުރިޓީ އެކްޓް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފާސްކޮށް، 2014 ވަނަ އަހަރު ޢަމަލުކުރަން ފަށައި، މަޢުލޫމާތު އެއްކޮށް، ދިރާސާކޮށް، ވަގުތުން ވަގުތަށް ސަލާމަތީ ޚިދުމަތްތަކާ އިންޓެލިޖަންސް ޙިއްޞާ ކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމަށްޓަކައި ނޭޝަނަލް އިންޓެލިޖަންސް ބިއުރޯއެއް 2015 ވަނަ އަހަރު އުފެއްދުން.

އަދި ރާއްޖޭގެ ސިޔާސީ ސަރަހައްދާއި އިޤްތިޞާދީ ސަރަޙައްދު ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޙިމާޔަތްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްޓަކައި، 2018 ވަނަ އަހަރުގެ ނިޔަލަށް އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫ.އޭ.ވީ) ހޯދައި ބޭނުންކުރަން ފެށުން.

ރާއްޖޭގެ ސަރަހައްދު ދިފާޢުކޮށް، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު، ދިވެހި މަސްވެރިންނަށާއި، އެ ކަނޑު ހުރަސްކޮށް ހިނގާ ބައިނަލްއަޤްވާމީ އިޤްތިޞާދީ ޙަރަކާތްތަކަށް ސަލާމަތްތެރި އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ކޯސްޓް ގާޑަށް އިތުރު އޯފްޝޯރ ޕެޓްރޯލް ވެސަލްތަކާއި ޔުޓިލިޓީ އުޅަނދު 2018 ވަނަ އަހަރުގެ ނިޔަލަށް އަޅުގަނޑުމެން ހޯދުން.

މީގެއިތުރުން، ސިފައިންގެ މެރީންސް ލަޝްކަރުގެ ޤާބިލްކަން އިތުރުކޮށް، ކުރިއަށް އޮތް އަހަރު ނިމުމުގެ ކުރިން އެ ލަޝްކަރު ޒަމާނީ ވަސީލަތްތަކާއެކު އިކްވިޕްކޮށް، ސަރަޙައްދުތަކުގައި ޤާއިމްކޮށްފައިވާ ސިފައިންގެ ކޮމާންޑްތައް، މިހާރަށްވުރެ ވަރުގަދަކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތް.

އަޅުގަނޑުމެންގެ ދެވަނަ ސިޔާސަތަކީ، ސިފައިންގެ ވެލްފެއަރގެ ކަންކަން ދައުލަތުގެ ބައިތުލްމާލަށް ބަރޯސާނުވެ ކުރެވޭނެފަދަ ޙައްލުތަކެއް ހޯދުން.

ﷲ އިރާދަކުރެއްވިއްޔާ، މިމަސްތެރޭގައި ސިފައިންނަށް އަމާޒުކޮށްގެން، ހުޅުމާލޭގައި 300 ފްލެޓް ޢިމާރާތް ކުރުމުގެ މަސައްކަތް ފެށޭނެ. އަދި ހަމައެއާއެކު، ސިފައިންގެ ވެލްފެއަރ ކަންތައްތައް ހަރުދަނާ ކުރުމަށްޓަކައި ސަރުކާރާއި ސިފައިންގެ ކޯޕަރޭޓިވް ޙިއްސާވާގޮތަށް އުފައްދާފައިވާ ސިފައިންގެ ވެލްފެއަރ ކޮމްޕެނީގެ ޢަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފަށައި، 2018 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ، ސިފައިންގެ ވެލްފެއަރގެ އެންމެހާ ކަންތައްތައް ކުރެވޭނެ މާލީ ޤާބިލްކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހޯދާނަން.

ސިފައިންނަށް ދިމާވެފައިވާ ބެރެކްސް އެކޮމޮޑެޝަންގެ ދަތިކަން ޙައްލުކުރުމަށްޓަކައި ސިފައިންގެ އެކިމަރުކަޒުތަކުގައި ބެރެކްސް ޤާއިމްކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުން. މިގޮތުން، ކޮންމެ ސިފައިންގެ މީހަކީވެސް ސިފައިންގެ ކޮންމެވެސް އެއްމަރުކަޒެއްގައި ދިރިއުޅެވޭނެގޮތް ހަމަޖެހިފައިވާ މީހަކަށް، ކުރިއަށް އޮތް ދެއަހަރުތެރޭގައި ވެގެންދާނެކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް.

އަދި ސިފައިން ދިރިއުޅޭ ކޮންމެ ސަރަހައްދެއްގައި އާއިލާއާއެކު ދިރިއުޅެވޭނެ ވެއްޓެއް ޤާއިމްކޮށްދީ، ކުރިއަށް އޮތް ފަސްއަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސިފައިންނަށް ޚާއްޞަކޮށްގެން، ހައުސިންގ ޔުނިޓް އެޅުމަށްވަނީ ހަމަޖެހިފައި.

ހަމަމިއާއެކު، ސެނަހިޔާ ހޮސްޕިޓަލަކީ، 2014 ވަނަ އަހަރު ނިމެންވާއިރަށް، ޑައިގްނޯސްޓިކް ސެންޓަރަކާއެކު، ހުރިހާ ދާއިރާއެއްގެ ސްޕެޝަލިސްޓުން ޚިދުމަތްދޭ ތަނަކަށް ހެދުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުންދާކަން އަޅުގަނޑު އުފަލާއެކީ ފާހަގަކުރަން.

އަޅުގަނޑުމެންގެ ތިންވަނަ ސިޔާސަތަކީ، ސިފައިންގެ އިންފްރާސްޓްރަކްޗަރ ބިނާކޮށް ތަރައްޤީ ކުރުން. މިގޮތުން، ކޯސްޓްގާރޑްގެ ކުދި އުޅަނދުތައް އެލޯންގް ސައިޑްކޮށް ރައްކާތެރިކަމާއެކު ބޭއްވޭނެފަދަ ބަނދަރެއް ހުޅުމާލޭގައި މިއަހަރު ޤާއިމްކުރުމަށް މިދަނީ މަސައްކަތް ކުރަމުން. ހަމައެއާއެކު، ކޯސްޓްގާރޑްގެ ބޮޑެތި އުޅަނދުފަހަރަށް ބަންކަރިން ފެސިލިޓީއާއެކު ބަނދަރެއް ޤާއިމްކުރުމަށްޓަކައި، އުތުރު ތިލަފަޅުގެ މަޝްރޫޢު މިއަހަރު ފެށޭނެ. އަދި އިރާދަކުރެއްވިއްޔާ، 2016 ވަނަ އަހަރުގެ ނިޔަލަށް މިބަނދަރުގެ މަސައްކަތް ނިންމައި، ޚިދުމަތް ލިބެން ފަށާނެ.

މީގެއިތުރުން، މާފިލާފުށީގައި ބިންގާ އަޅާފައިވާ ކޮމްޕޮސިޓް ޓްރެއިންގ ސެންޓަރުގައި ޤާއިމްކުރަން ބޭނުންވާ ޢިމާރާތްތައް 2015ގެ ނިޔަލަށް ނިންމައި، ސިފައިންގެ އެއްގަމާއި ކަނޑުގެ ބާރުތަކުގެ ތަމްރީނުތައް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވެން ފެށޭނެ.

މީގެއިތުރުންވެސް، ސިފައިންގެ ދީނީ ވަޙުދަތު އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ސިފައިންގެ އަހަރީ ދުވަހު ވަނީ ކަޅުތުއްކަލާ ކޮށީގައި މިސްކިތެއްގެ ބިންގާ އަޅާފައި. އިރާދަކުރެއްވިއްޔާ، އެމިސްކިތުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެ.

މިދާއިރާގެ ތަރައްޤީގެ ހަތަރުވަނަ ސިޔާސަތަކީ، ސިފައިންނަށް ރަނގަޅު ފެންވަރުގެ ތައުލީމާއި ތަމްރީނުގެ ފުރްޞަތުތައް ހޯދައިދިނުން.

އަޅުގަނޑު ކުރިންވެސް ފާހަގަކުރި ފަދައިން، ތަޢުލީމާއި ތަމްރީނަށް އިސްކަންނުދީ، ޤައުމުގެ އެއްވެސް ދާއިރާއެއް ކުރިއެއް ނާރާނެ.

ސިފައިންނަށް ތަޢުލީމާއި ތަމްރީނު ދިނުމުގެ ނިޒާމް ފުޅާކޮށް، ދެވޭ ތަޢުލީމާއި ތަމްރީނުގެ ފެންވަރު ރަނގަޅުކޮށް، ދިވެހި ސިފައިންނަކީ ޢަދަދުގެ ގޮތުން މަދު ނަމަވެސް، ޤާބިލް ޕްރޮފެޝަނަލް ބަޔަކަށް އަޅުގަނޑުމެން ހަދާނަން. މިގޮތުން ކުރިއަށް އޮތް 5 އަހަރުތެރޭގައި ޑިފެންސް އިންސްޓިޓިއުޓް، ޑިފެންސް ކޮލެޖެއްގެ ފެންވަރަށް ތަރައްޤީކޮށް، މި އިންސްޓިޓިއުޓަކީ ތަޢުލީމާއި ތަމްރީނު އަދި ދިރާސާ ކުރުމުގެ ރޮނގުން ފާހަގަކުރެވޭ މަރުކަޒަކަށް ހަދައި، އެތަނުގެ އޮނިގަނޑުގެ ތެރެއިން ހިންގާ ތަމްރީނުތަކަކީ، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ޤަބޫލުކުރާ ތަމްރީނުތަކަކަށް ﷲ އިރާދަކުރެއްވިއްޔާ ހަދާނަން. އަދި އެތަނުގައި ޕޯސްޓް ގްރެޖުއޭޓް ފެންވަރަށް ކިޔަވައިދޭން ފަށާނެ ވާހަކަވެސް ދަންނަވަން.

ހަމައެހެންމެ، ރަޙުމަތްތެރި ޤައުމުތަކާ ގުޅިގެންނާއި އަދި ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ޔުނިވަރސިޓީތަކާ ގުޅިގެން ސިފައިންނަށް މަތީ ތަޢުލީމުގެ ފުރްޞަތުތައް ހޯދައިދީ، ސިފައިންނަކީ ތަޢުލީމީ ގޮތުން ޤާބިލް ބަޔަކަށް ހެދުމަކީ އަޅުގަނޑު އެންމެ އިސްކަންދޭނެ ކަންތައް.

ދެންމެ މި ހާމަކުރި ސިޔާސަތުތައް، ހަލުވި މިނެއްގައި ތަންފީޒު ކުރުމަކީ، އަޅުގަނޑު ދެކޭގޮތުގައި، ރާއްޖޭގެ ދިފާޢީ ނިޒާމު ވަރުގަދަ ކުރުމަށްޓަކައި ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް. އެހެންކަމުން، މިކަންކަން ޙާޞިލް ކުރުމަށް ޑިފެންސް މިނިސްޓްރީ އަދި ސިފައިންގެ ހުރިހާ ގިންތިއަކުން ވިސްނުންތެރިކަމާއެކު ގަދައަޅާ މަސައްކަތް ކުރުމަށް ދަންނަވަން.

އަޅުގަނޑު ސިފަކުރަނީ، ދިވެހި ސިފައިންގެ ޙަޔާތުން މިފާއިތުވެދިޔަ އަހަރަކީ، ދެންމެ ފެނިގެން އެދިޔަ ރިޕޯރޓުންވެސް ފާހަގަވެގެންދިޔަ ފަދައިން، ޤައުމީ ޚިދުމަތުގައި އިތުރު ކުރިއެރުމާއި ކާމިޔާބު ހޯދުނު އަހަރެއްގެ ގޮތުގައި. ޅަފަތުގައި އޮތް ޑިމޮކްރެސީ ނަގަހައްޓައި ދެމެހެއްޓުމަށް މުހިންމު އަދި ފާހަގަކުރެވޭ މަސައްކަތްތަކެއް ކުރެވުނު އަހަރެއްގެ ގޮތުގައި. ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކޮށް، ސިޔާދަތާއި އިސްތިޤްލާލް ޙިމާޔަތްކޮށް ރައްކާތެރިކުރުމުގައި، އިތުރު ހަރުފަތްތަކެއް ގިރާކުރެވުނު އަހަރެއްގެ ގޮތުގައި. އެހެންކަމުން، ކުރިއަތް އޮތް އަހަރުވެސް މިގޮތުގައި ސާބިތުކަމާއެކު ތިއްބެވުމަށް ދަންނަވަން. އަދި ކުރިއަށް އޮތް ދުވަސްތަކަކީ، އިންތިޚާބުގެ ދުވަސްވަރު ކަމުން ސިފައިންނަށްވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެކަން ދެނެތިބެ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް ދިމާވެދާނެ ކޮންމެފަދަ ގޮންޖެހުމަކަށް ފުރިހަމައަށް ތައްޔާރުވެ ތިއްބެވުމަށް އެންމެހައި ސިފައިންނަށް ދަންނަވަން.

އަޅުގަނޑުގެ ވާހަކަ ނިންމާލާނީ، ސިފައިންގެ ޤައުމީ ޚިދުމަތާއި، ސިފައިންގެ އާއިލާތަކުގެ ޤުރުބާނީ ވަޒަންކޮށް، އެންމެހާ ސިފައިންނަށާއި، ސިފައިންގެ ލޮބުވެތި އާއިލާތަކަށް އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވަމުން. އަދި ސިފައިންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، ހުރިހާ ސިފައިންނަށާއި ސިފައިންގެ ލޮބުވެތި އާއިލާތަކަށް އަދިވެސް އެއްފަހަރު އަރިސްކުރަމުން.

މާތް ﷲ، ތިޔަ އެންމެހާ ސިފައިންނާއި، ތިޔަބޭފުޅުންގެ ޢާއިލާތަކަށް ރަޙްމަތް ލައްވާށި! ދިވެހިރާއްޖެއާއި ރާއްޖޭގެ ރައްޔިތުން ޙިމާޔަތް ކުރައްވައި ރައްކާތެރި ކުރައްވާށި. އާމީން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.