بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ޢިއްޒަތްތެރި މިނިސްޓަރުން، އެމް.ޕީ.އެލް ގެ ބޯޑުގެ ޑިރެކްޓަރުން އަދި ސީ.އީ.އޯ، އެމް.ޕީ.އެލް ގެ މުވައްޒަފުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށްފިން، ފުރަތަމަ އެމް.ޕީ.އެލް ގެ ފަރާތުން ރޭއްވެވި ޙަފްލާއަކަށް އަޅުގަނޑަށް އައުމުގެ ފުރުޞަތު ފުރަތަމަ ފަހަރަށް ލިބުނީމަ. އަދި ހަމައެހެން، މި މުހިންމު މަޝްރޫޢު ނިމުމަކަށް ގެންނަވައި، ހުޅުމާލޭގެ ކޮމަރޝަލް ހާބަރ ޓަރމިނަލް މިއަދު ހުޅުވިގެންދާތީ. މިފަދަ މުހިންމު މަޝްރޫޢެއް މިހާ ހިސާބަށް ކާމިޔާބާއެކީ ގެނެސްދެއްވީތީ، އަޅުގަނޑު އެމް.ޕީ.އެލް.ގެ ހުރިހާ މުވައްޒަފުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އެމް.ޕީ.އެލް.ގެ ހީވާގި މުވައްޒަފުން ރާއްޖޭގެ ވިޔަފާރިއަށްޓަކައި ކުރައްވަމުން ގެންދަވާ ޚިދުމަތް އަޅުގަނޑު އުފަލާއެކީގައި ފާހަގަކުރަން. ތިޔަބޭފުޅުން ރެޔާއި ދުވާލު ތިޔަ ކުރައްވާ މަސައްކަތުގެ ސަބަބުން ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގެނީ. ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދާ ރައްޔިތުންނަށް ގެނެސްދެވެނީ. އެ މަސައްކަތް ހީވާގިކަމާއި މުރާލިކަމާއެކީގައި ތިޔަބޭފުޅުން ކުރައްވަމުން ގެންދަވާކަން އެއީ، އަޅުގަނޑު ވަރަށް އުފަލާއެކީގައި ފާހަގަކުރާކަމެއް. އަދި އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ދިވެހި ހުރިހާ އަޚުންނާއި އުޚުތުން އެކަން ޝުކުރުވެރިކަމާއެކީގައި ޤަބޫލުކުރާ ކަމެއް.

އަޅުގަނޑުގެ އުންމީދަކީ ދުވަހަކަށްވުރެ ދުވަހެއް ކާމިޔާބާއެކީގައި ޕޯޓްސްގެ މަސައްކަތްތައް ކުރިއަށް ދިޔުން. އަޅުގަނޑަށް އެނގޭ، ވަރަށްބުރަކަމާއެކީގައި ވަރަށް ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރައްވަމުން ގެންދަވާކަން. 800 މުވައްޒަފުންނަކީ މަދު އަދަދެއް ނޫން. އެއް އޯގަނައިޒޭޝަނެއްގައި. އެހެންވީމާ، އެ ހުރިހާ އެންމެންގެ މަސައްކަތް ރާވައި މަސައްކަތް ދާނުދާ ގޮތް ބަލައި، ކަންކަން އިންތިޒާމު ކުރުމަކީ ކުޑަކުޑަ މެނެޖްމަންޓް ޗެލެންޖެއްވެސް ނޫން. އެހެންވީމާ އަޅުގަނޑު މިއަދު އެންމެ ފުރަތަމަ މި ކުރާ ކަމަކީ އެކަން އަޅުގަނޑު ޤަބޫލުކުރާ ކަމަށް އެކަން އެކްނޮލެޖްކޮށް، ތިޔަބޭފުޅުންނަށް އެވާހަކަ ދެންނެވުން.

އާދެ! ހުޅުމާލެއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ބާރު ސްޕީޑެއްގައި ތަރައްޤީވަމުން އަންނަ ތަން. މާލޭ ސިޓީގެ ވަރަށް މުހިންމު އަވަށެއް. އަޅުގަނޑުމެންގެ ލޯތައް މަތީގައި އެއް ދުވަހުން އަނެއް ދުވަހަށް ވަރަށް ބޮޑެތި ބަދަލުތައް ހުޅުމާލެއަށް އަންނަމުން މިދަނީ. ހުޅުމާލޭގެ އާބާދީ ވަރަށް ބޮޑަށް ވަރަށް ބާރު ސްޕީޑެއްގައި އިތުރުވަމުން މިދަނީ. މިހާރު މިރަށުގައި އެބަ ދިރިއުޅޭ ގާތްގަނޑަކަށް އައްޑުއަތޮޅުގައި އުޅޭހާ މީހުން. އެވަރުގެ ބޮޑު އާބާދީއެއް. ހަމައެކަނި ހުޅުމާލޭގައި. އެހެންވީމާ، މި އާބާދީއަށް ލިބެންޖެހޭ އެކިއެކި ޚިދުމަތްތައް ފުރިހަމަވެގެން ދިޔުމަކީ އެއީ ސަރުކާރުގެވެސް އަދި ސަރުކާރު ބައިވެރިވާ އެހެނިހެން ކުންފުނިތަކާއި، އޭޖެންސީތަކާއި، ޖަމާޢަތްތަކުގެވެސް ވަރަށް ބޮޑު އަހަންމިއްޔަތަކަށްވާނީ. އެގޮތުން މިއަދު މި ހުޅުވޭ ކޮމަރޝަލް ހާބަރ ވިޔަފާރީގެ ބަނދަރަކީ މިރަށަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމެއް. މީގެ ސަބަބުން ހުޅުމާލޭގައި ވިޔަފާރިކުރާ އެކިއެކި ވިޔަފާރިވެރިންނަށާއި، ހުޅުމާލޭގައި އެކިއެކި ޢުމްރާނީ މަސައްކަތްތައް ހިންގާ ކުންފުނިތަކަށާއި، އަދި ސަރުކާރުގެ ފަރާތުން ހިންގަންޖެހޭ އެކިއެކި މަޝްރޫޢުތަކަށް ގެންނަންޖެހޭ ތަކެތި ގެނައުމުގައި ވަރަށް ބޮޑު ލުއިކަމެއް ލިބިގެންދާނެ. އަޅުގަނޑު އުންމީދު ކުރަނީ ހަމައެގޮތަށް ހުޅުމާލޭގައި މުސްތަޤްބަލުގައި އުފެއްދޭ ތަކެތިވެސް ފަސޭހަކަމާއެކީގައި ރާއްޖޭގެ އެހެނިހެން ދިމަދިމާއަށް ފޮނުވުމާއި އަދި ރާއްޖެއިން ބޭރަށް ފޮނުވުމުގައި ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް.

އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ސީޕޯޓެއް އެއާޕޯޓަކާ ގުޅިފައި އޮތުމަކީ އެއީ، ވަރަށް މުހިންމު ކަމެއް. އަދި އެގޮތުން މިހާރު މިއަދު ހުޅުވޭ ބަނދަރަކީ މިއީ، އަޅުގަނޑުމެންގެ ބައިނަލްއަޤްވާމީ މައި ވައިގެ ބަނދަރާ ގުޅިފައި އޮތް، އެއްގަމު މަގުން ގުޅިފައި އޮތް ބަނދަރެއް. އޭގެ ސަބަބުން މި ބަނދަރަށް ލިބިގެންދާ ޚާއްޞަ އެޑްވާންޓޭޖްތަކެއް ހުންނާނެ. އަދި އޭގެ ސަބަބުން ކަނޑުމަގުން ގެންނަ މުދަލާއި، ވައިގެ މަގުން ގެންނަ މުދަލާ، މި ދެބައި މިހާރަށްވުރެ އިތުރުވެގެންދާނެ ކަމަށް އަޅުގަނޑަށް ޔަޤީންކުރެވޭ. ވައިގެ މަގުން ނަމަވެސް ހާބަރަށް ކަމުގައިވީނަމަވެސް މި ހުޅުވުމުން، މީގެ ސަބަބުން ކޮންމެ ތަނެއްގެވެސް ތަރައްޤީއަށް ވަރަށް ބޮޑެތި ކުރިއެރުން ލިބިގެންދާނެ. އެހެންވީމާ އަޅުގަނޑު ޝައްކެއް ނުކުރަން، މިއަދު މި ބަނދަރު ހުޅުވުމުގެ ސަބަބުން ހުޅުމާލެއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް. އެކަމަށްޓަކައި ހުޅުމާލޭގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންވެސް މިއަދު ޖެހޭ ވަރަށް ބޮޑަށް އުފާކުރަން. މިއީ ހުޅުމާލޭގެ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ލުއިފަސޭހަކަމެއް ވަރަށް ބޮޑު ކުރިއެރުމެއް. އެހެންވީމާ، މިކަން މިހާ ފުރިހަމަކޮށް ނިންމަވައި، އަދި އައި.އެފް.ޕީ.އެސް.ގެ ސްޓެންޑަޑާ އެއްވަރަށް މިކަން ތަރައްޤީ ކުރައްވައި މިއަދު ހުޅުވައިދެއްވާ ކަމަށްޓަކައި އަދިވެސް އެއްފަހަރު މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، މާތް ﷲ ދިވެހިރާއްޖޭގެ އިޤްތިޞާދު ފުޅާކުރައްވައި، ރާއްޖޭގެ ރައްޔިތުންނަށް އަދަށްވުރެ ފަހި މާދަމައެއް މިންވަރު ކުރެއްވުން. ތިޔަބޭފުޅުން ތިޔަ ކުރައްވަމުން ގެންދަވާ މަސައްކަތުގައި ﷲ ބަރަކާތް ލައްވައި، ރާއްޖޭގެ ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ހެޔޮ ނަޞީބު އިތުރުކުރެއްވުން.

والســّلام عليــكم ورحـمــة اللّـه.

___________________________