ރާއްޖޭގެ ޒުވާނުންނަށް ވަޒީފާގެ ފުރްޞަތުތައް އިތުރުކުރެއްވުމަށްޓަކައި ލުއި އިންޑަސްޓްރީޒްތަކުގެ ޚިދްމަތް ފުޅާކުރެއްވުމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާއަށް މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ. މިގޮތުން، ރާއްޖޭގައި ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުކޮށް، ޚިދްމަތް ފުޅާކުރުމަށްޓަކައި ވަކިބާވަތްތަކެއްގެ މުދާ ރާއްޖޭގައި އުފެއްދުމަށް ބޭނުންވާ ތަކެތި ބޭރުން ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގައި އެތަކެތި ބަންދުކޮށް ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމާއި އަދި މިފަދަ ޞިނާޢަތްތައް ކުރިއަށް ގެންދިޔުމަށްޓަކައި ބޭނުންވާ މެޝިނަރީއާއި އަދި އެފަދަ ފެކްޓްރީތައް ހެދުމަށްޓަކައި ގެންނަ ތަކެތީގެ އިމްޕޯޓް ޑިއުޓީ، ކަނޑައެޅޭ އުޞޫލަކުން މަޢާފްކުރެއްވުމަށް ނިންމެވުން ހިމެނެއެވެ. އަދި އެފަދަ ފެކްޓްރީތައް ޤާއިމްކުރުމަށްޓަކައި ހުޅުމާލޭ ޞިނާޢީ ސަރަޙައްދުން، ކަނޑައެޅޭ އުޞޫލަކުން ބިން ދޫކުރެއްވުންވެސް ހިމެނެއެވެ.

މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި، ދިރިއުޅުމަށް ބޭނުންވާ އަސާސީ މުދަލަކީ، މުޅިންހެން އިމްޕޯޓް ކުރަންޖެހޭ ބާވަތްތައްކަން ފާހަގަކުރެއްވިއެވެ. އަދި ކާބޯތަކެތީގެ ރައްކާތެރިކަމާއި، ތަކެތީގެ އަގުތައް ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާއިރު، ރައްޔިތުންގެ ދިރިއުޅުމަށް ބޭނުންވާ އަސާސީ މުދާ، ހެޔޮ އަގެއްގައި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށްވެސް މެންބަރުން ވިދާޅުވިއެވެ. ޚާއްޞަކޮށް، ޢާންމު ރައްޔިތުން ކެއުމަށް ބޭނުންކުރާ ބާވަތްތަކާއި، ޢާންމު ދިރިއުޅުމަށް ބޭނުންކުރާ ތަކެތި ހެޔޮ އަގެއްގައި ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މުހިންމު ކަމުގެ މައްޗަށް މެންބަރުން ބައްލަވައިލެއްވިއެވެ.