ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީގެ ނޭވީ ބޯޓުކަމަށްވާ "ޕީސް އާކް" ގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް އޮފް އީސްޓް ސީ ފްލީޓް، މޭޖަރ ޖެނެރަލް ޝެން ހާއޯ އާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ޗައިނާގެ މިބޯޓު ރާއްޖެއަށް ޒިޔާރަތްކޮށް، ރާއްޖޭގެ ރައްޔިތުންނަށް ދެމުން ގެންދާ ޞިއްޙީ ޚިދުމަތްތަކަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. ޚާއްޞަކޮށް އެކިއެކި ރަށްރަށަށް މި ޚިދުމަތް ފޯރުކޮށްދެއްވާ ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި، މިކަމުގެ ސަބަބުން، ޗައިނާއާއި ދިވެހިރާއްޖޭގެ ރައްޔިތުންގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މޭޖަރ ޖެނެރަލް ޝެން ހާއޯގެ ވާހަކަފުޅުގައި، ދިވެހި ސަރުކާރާއި ދިވެހި ސިފައިންގެ ފަރާތުން ދެއްވަމުން ގެންދަވާ މެހެމާންދާރީ ފާހަގަކުރައްވައި، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ޕީސް އާކްގެ މިޝަންތަކާއި، އެކި ޤައުމުތަކަށް ކުރަމުންގެންދާ ދަތުރުތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. މިގޮތުން، ޕީސް އާކްގެ މައިގަނޑު މަޤްޞަދަކީ، އެކި ޤައުމުތަކާއެކު ރަޙުމަތްތެރިކަން ބަދަލުކުރުމާއި، އިޚްލާސްތެރިކަމާއެކީ މި ޚިދުމަތް ފޯރުކޮށްދިނުން ކަމުގައިވެސް މޭޖަރ ޖެނެރަލް ޝެން ހާއޯ ވިދާޅުވިއެވެ.