ސިޔާސީ ނުފޫޒުތަކުން ފުލުހުންގެ މުއައްސަސާ ހިމާޔަތް ކުރެވިފައި އޮތުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ފުލުހުންގެ ސްޕެޝަލް ކޮންސްޓެބުލަރީ އިފްތިތާޙު ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިކަމަށްޓަކައި މިއަދު ހެނދުނު އިސްލާމީ މަރްކަޒުގައި ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެފަދަ ނުފޫޒުތައް ފުލުހުންގެ ތެރެއަށް ވަނަނުދެއްވުމަށްޓަކައި ފުލުހުންގެ ވެރިން މަސައްކަތް ކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ފުލުހުންގެ މުއައްސަސާގެތެރެއަށް ސިޔާސީ މީހުން އަތްބާނަން ވެއްޖެނަމަ، ޕްރޮފެޝަނަލް ފުލުސް މުއައްސަސާއެއް ނުއުފެއްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދާދި ފަހަކާ ޖެހެންދެން ފުލުހުންގެ މުއައްސަސާއަކީ، އެވަގުތަކު އެ ހުންނެވި ވެރިޔަކު، އެ ވެރިޔަކު ބޭނުންވާ ކަންކަން ކުރައްވައި، ބަންދު ކުރައްވަންޖެހޭ މީހުން ބަންދުކުރައްވައި، ދޫކުރައްވަންޖެހޭ މީހުން ދޫކުރައްވައި ހެއްދެވުމަށް ބޭނުންކުރެއްވި މުއައްސަސާއެއް ކަމުގައި ވިދާޅުވިއެވެ. އެހެން ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ އެމަނިކުފާނު ޙަވާލުވެވަޑައިގަތުމަށްފަހު، މިވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި، ވަކިމީހަކު ހައްޔަރު ކުރައްވާކަށް ނުވަތަ ވަކިމީހަކު ދޫކޮށްލައްވަން އަންގަވާފައި ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ފުލުހުންގެ މުއައްސަސާއަށް ފުރިހަމަ މިނިވަންކަން ދެއްވައި، އެ މުއައްސަސާ ތަރައްޤީ ކުރުމަށްޓަކައި ފުލުހުންގެ އިސްވެރިންގެ އިރުޝާދުގެ މަތިން ކުރައްވަންޖެހޭ ކަންކަން ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، ރާއްޖެ ސަލާމަތް ތަނެއްގެ ގޮތުގައި އަދި އަމާން ތަނެއްގެ ގޮތުގައި ދެމެހެއްޓޭނީ، ފުލުހުންގެ މުއައްސަސާ ވަރުގަދަވީ ވަރަކުންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްކެވި ވާހަކަފުޅުގައި، ޤައުމަށްޓަކައި ހެޔޮއެދުމަކީ ހަމަޖެހުން ޤާއިމްކުރެވިފައިވާ މުޖްތަމަޢަކަށް ހެދުމަށްޓަކައި އެންމެން މަސައްކަތް ކުރުން ކަމުގައި ވިދާޅުވިއެވެ. "އަމިއްލަ އެދުމަށްޓަކައި، އަމިއްލަ ފައިދާއަކަށްޓަކައި، ތަން ހަލަބޮލިކުރުވުމަށްޓަކައި ނުވަތަ ބިރުވެރިކަން އުފެއްދުމަށްޓަކައި މަސައްކަތް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން. އެފަދަ މަސައްކަތްކުރާ މީހުންގެ ނިޔަތާ ދޭތެރޭގައި އަޅުގަނޑުމެން ސުވާލުކުރަންޖެހޭނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރައްޔިތުން ޞުލްޙަވެރިކަމާ އެކީގައި، އުފާވެރިކަމާ އެކީގައި، ހިތްހަމަޖެހުމާ އެކީގައި ދިރިއުޅޭ މާޙައުލު ކިލަނބު ކުރުމަށްޓަކައި މަސައްކަތްކުރާ މީހުންގެ ނިޔަތާ ދޭތެރޭގައިވެސް އަޅުގަނޑުމެން ސުވާލުކުރަންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ޕޮލިސް ފޯސްއެއް އެންމެ ފުރަތަމަ އުފެދުނީ، ރާއްޖޭގެ ރައްޔިތުންނަށް އަމާން ވެށްޓެއް ޤާއިމް ކުރުމަށްޓަކައިކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މިވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި، ފުލުހުންނަށާއި ފުލުހުންގެ މުއައްސަސާއަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ފުލުހުންގެ މުއައްސަސާ ވަރަށް ބޮޑަށް ތަރައްޤީ ކުރެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ސްޕެޝަލް ކޮންސްޓެބުލަރީ ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކަމުގެ ލިޔުން، ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒާ ޙަވާލުކުރެއްވުން އޮތެވެ. ސްޕެޝަލް ކޮންސްޓެބުލަރީންގެ ގޮތުގައި ހޮވިފައިވާ ފަރާތްތަކަށް، ވަޒީފާއަށް ހޮވިފައިވާ ކަމުގެ ލިޔުން ޙަވާލުކޮށްދެއްވީވެސް ރައީސުލްޖުމްހޫރިއްޔާއެވެ.

ފުލުހުންގެ ވަޒީފާއަށާއި، ސްޕެޝަލް ކޮންސްޓެބުލަރީންގެ ވަޒީފާއަށް އަލަށް ގުޅުނު ފަރާތްތައް ހުވާކުރުންވެސް މި ރަސްމިއްޔާތުގައި އޮތެވެ.