އޮސްޓްރޭލިއާގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް ކެވިން ރަޑް ދެވަނަ ފަހަރަށް ހަވާލުވެވަޑައިގަތުމާ ގުޅިގެން، އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ކެވިން ރަޑަށް، ވަރަށް ހޫނު ތަޙުނިޔާއެއް ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ. އަދި ކެވިން ރަޑްގެ ޒަޢާމަތުގައި، ބައިނަލްއަޤްވާމީ ކަންކަމުގައި އޮސްޓްރޭލިއާ ސަރުކާރުން އިސް ދައުރެއް އަދާކުރައްވަމުން ގެންދަވާނެ ކަމަށް ޔަޤީންކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، ދިވެހިރާއްޖެއާއި އޮސްޓްރޭލިއާ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އަދި އޮސްޓްރޭލިއާގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ފާގަތި މުސްތަޤްބަލަކަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.