މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ލިބޭ ގެއްލުންތަކަށް ތައްޔާރުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަކީ، ބައިނަލްއަޤްވާމީ ޖަމާޢަތެއްގެ ގޮތުން އެންމެންގެ ވެސް ސުލޫކީ ވާޖިބެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ އެކިއެކި ކަންކަމަށް އަހުލުވެރިވުމަށް ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުންނަށް ބޭއްވެވި މަސައްކަތު ބައްދަލުވުން އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބަނޑޮސް އައިލެންޑް ރިޒޯޓުގައި މިއަދު ހެނދުނު އޮތް މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މޫސުމަށް އަންނަ ބޮޑެތި ބަދަލުތަކާ ގުޅިގެން ކުރިމަތިވާ އެކިއެކި ކަންކަމާ ދޭތެރޭ ވިސްނަވާއިރު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އިތުރުން ރާއްޖޭގެ ރައްޔިތުންނާ ދޭތެރޭވެސް ވިސްނެވުމަށް އެ މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ. އަދި ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑެތި އަސަރުތައް ކުރާ އެއް ޤައުމު ކަމަށާއި، އެހެންނަމަވެސް މިފަދަ ބަދަލުތައް އައުމަށް އެންމެ ކުޑަކޮށް ޙިއްޞާވާ އެއްޤައުމު ކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކަށް އަހުލުވެރިވުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމުގައިވާއިރު، ފަތުރުވެރިކަމުގެ ތަރައްޤީއަށްޓަކައި ރޭވޭ އެކިއެކި މަޝްރޫޢުތައް ދާންވާނީ މިކަމާ ގުޅިގެންކަމުގައި ވިދާޅުވިއެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށް ތައްޔާރުވެ ތިބުމާއި، އެފަދަ ކަންކަމަށް އިންވެސްޓްކުރުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މިހާރުވެސް ކަންކުރަމުން އަންނަންޖެހޭ ގޮތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކަށް އަހުލުވެރިވުމަށްޓަކައި މިހާރު އަޅާ ފިޔަވަޅުތަކުގެ ސަބަބުން، އެ ފިޔަވަޅުތައް ނާޅައި ތިބެއްޖެނަމަ ކުރިމަތިލާންޖެހޭނެ ގެއްލުންތަކުން ސަލާމަތްވެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، ރާއްޖޭގެ ޤުދުރަތީ ރީތިކަމާ އެއްވަރަށް، މޫސުމަށް އަންނަ ބަދަލުތަކަށް އަހުލުވެރިވުމުގެ ޤާބިލުކަމާއި، ޤުދުރަތީ ކާރިޘާތަކުން ރައްކާތެރިވުމުގެ ޤާބިލުކަން މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.