މަސްތުވާތަކެތީގެ މައްސަލައަށް ޙައްލެއް ހޯއްދުމަށްޓަކައި، ޤައުމުގައި އިންވެސްޓް ކުރުމުގައި އަހަންމިއްޔަތުކަންދޭ ކަންކަމާމެދު ވިސްނަން ޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ ގޮތުން މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް ރަސްމީކޮށް ފާހަގަކުރެއްވުމަށް، ރޭ ސްޓެލްކޯ ޖަލްސާކުރާ މާލަމުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަސްތުވާތަކެތީގެ މައްސަލައަކީ މުޅި ޤައުމަށް ކުރިމަތިވެފައިވާ ވަރަށްބޮޑު މައްސަލައެއްކަން ފާހަގަކުރައްވަމުން، މިކަމަކީ ޤައުމުގެ ޞިއްޙީ ނިޒާމަށާއި އަދި މުޅި މާލިއްޔަތަށްވެސް ބޮޑެތި އަސަރުކުރާނެ މައްސަލައެއް ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން، މިކަން ޙައްލުކުރުމަށް ފައިސާ ހޭދަކުރަން އެބަޖެހޭ ކަމަށާއި، އެކަން މިހާރު ނުކޮށްފިނަމަ، ފަހުން ކުރަންޖެހޭ ހޭދަ، މާ ބޮޑުވެގެން ހިނގައިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިމޭރުމުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މިކަމަކީ ޤައުމަށް ކުރިމަތިވެފައިވާ އެހާ ބޮޑު މައްސަލައަކަށްވީއިރުވެސް، ސިޔާސީ ދާއިރާތަކުގައި މިކަމާ ގުޅޭގޮތުން ވާހަކަ ދެކެވޭ މިންވަރު ކުޑަކަމުގައި ފާހަގަކުރެއްވިއެވެ.

"ރަށެއްގެ ބަނދަރު ނޭޅުނީމާ، ނޫނީ ނަރުދަމާ ނޭޅުނީމާ، އެވާހަކަ ވަރަށް ގަދައަށް އެބަ ދެކެވޭ. އެކަމަކު އަޅުގަނޑުމެންގެ ޒުވާނުންގެ މުޅި ޙަޔާތް ހަލާކުވެގެންދާއިރުގައި، އެކަން މާބޮޑުކަމަކަށްވެގެން، އަބަދު ވާހަކަ ދައްކައި، އެކަމާ ގުޅޭ ޕްރޮގްރާމްތަކަށް ފައިސާދީ، މިކަންކަމެއް ނުކުރޭ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ބަޖެޓުން ވަރަށް ރަނގަޅަށް މިކަން ހާމަވާ ކަމަށާއި، ބަޖެޓްގައި މަސްތުވާތަކެތި ޙައްލު ކުރުމަށާއި، ޞިއްޙީ ޚިދުމަތްތަކަށް ކަނޑައަޅާފައި އޮތް ފައިސާ، ސަރުކާރަށް ޖެހިވަޑައިގެންނެވީ އެހެން ދިމަދިމާލަށް ބަދަލުކުރައްވަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރެވޭނީ، މިމަސައްކަތަށް އިތުރު ވަސީލަތްތައްވެސް ލިބިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ވަރުގަދަކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރޭގެ ޖަލްސާގައި، ނޭޝަނަލް ޑްރަގް އޭޖެންސީއަށާއި، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކުން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރައްވައި، އެ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.