ޤަޠަރުގެ އަމީރު ކަމަށް އަލަށް އިސްކުރެއްވި ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ، އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީއަށް ފޮނުއްވި ތަހުނިޔާގެ މެސެޖްގައި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އިޚްލާޞްތެރި ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

މީގެއިތުރުން، ރާއްޖެއާއި ޤަޠަރާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އަދި ޤަޠަރާއި އެޤައުމުގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ފާގަތި މުސްތަޤްބަލަކަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.