بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السّــلام عليــكم ورحـمــة اللّـه وبـركاتـه،

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް، ޚާއްޞަކޮށް، ރާއްޖޭގެ ހުރިހާ އަންހެން ކަނބަލުންނަށް ތަހުނިޔާ ދަންނަވަން. އަދި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރަށާއި، އެމިނިސްޓްރީގެ އިސްވެރިންނަށާއި، މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން. އަދި ހަމައެހެން، އަންހެނުންގެ ކުރިއެރުމަށް މަސައްކަތް ކުރައްވާ ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި، އަމިއްލަ ފަރުދުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބަކީ އަދި އުފަލަކީ، ދިވެހި ޤައުމު ތަރައްޤީގެ މަގުގައި ކުރިއަށް ގެންދިޔުމަށްޓަކައި ދިވެހިރާއްޖޭގެ އެންމެހައި އަންހެން ކަނބަލުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ތަޢުރީފުކޮށް، އެކަނބަލުންނަށް ޝުކުރާއި މުބާރަކުބާދު ދެންނެވުން.

މިއަދު އަޅުގަނޑުމެން އަންހެނުންގެ ދުވަސް މި ފާހަގަކުރަނީ، މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމުގައި. މިދުވަހަށް ކަނޑިތީމު މިވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައި. މިރަށް ތައްޔާރު ކުރެއްވުމަށްޓަކައި ރަށުގެ ލޮބުވެތި ރައްޔިތުންނާއި، ރަށު ކައުންސިލުގެ ބޭފުޅުންނާއި، ރަށުގެ އެކިއެކި މުއައްސަސާތަކުގެ ވެރިންނާއި، އަދި ޚާއްޞަކޮށް، އަންހެނުންގެ ކޮމިޓީން ކުރައްވާފައިވާ ބުރަ މަސައްކަތްތައް ފާހަގަކޮށް، އެހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ރާއްޖޭގައި އެންމެ ފުރަތަމަ އަންހެނުންގެ ދުވަސް ފާހަގަކުރެވުނީ 1983 ވަނަ އަހަރު. އެ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް، މިދުވަސް ކުލަގަދަ ގޮތެއްގައި މިދަނީ ފާހަގަކުރެވެމުން. ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން، ރާއްޖޭގައިވެސް މިދުވަސް ފާހަގަކުރަނީ، އަންހެނުންގެ މިއަދުގެ ޙާލަތު ވަޒަންކޮށް، މުސްތަޤްބަލަށް އަމާޒުކޮށްގެން، އެކަނބަލުންނަށް ކުރިއަށް ދިޔުމުގެ އިތުރު ފުރްޞަތުތައް ތަނަވަސްކޮށްދިނުމަށްޓަކައި. އަދި އެކަމުގައި ހުރިހާ ފަރާތެއްގެ އެއްބާރުލުން ހޯދައި، ޤައުމުގެ ތަރައްޤީއާއި ކުރިއެރުމުގައި އެކަނބަލުން އަދާކުރާ ދައުރު ފާހަގަކުރުމަށްޓަކައި.

ތަންކޮޅެއް ފަހުން ކަމުގައިވީނަމަވެސް، މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރަމުންދާއިރު، މިއަދު ރާއްޖޭގެ އަންހެނުންނަށް ކުރިމަތިވެފައިވާ އެކިމައްސަލަތަކާ ދޭތެރޭގައި އަޅުގަނޑުމެން ފުންކޮށް ވިސްނައި، އެކަންކަން ޙައްލުކުރުމަށް އެޅެންހުރި ފިޔަވަޅުތައް އެޅުމަކީ ވަރަށް މުހިންމު ކަމެއް. އަދި މިއީ ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުގެ އިތުރުން، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި، ކަމާބެހޭ އެންމެހާ މުއައްސަސާތަކުންވެސް އިސްކަން ދޭންޖެހޭ ކަމެއް.

ޝައްކެއްނެތް. ޤައުމު ބިނާކޮށް ކުރިއަށް ގެންދިޔުމުގައި، އަންހެނުން އަދާކުރަމުންދާ ދައުރު ފުޅާވެ، އަންހެނުންގެ އެކި ޙަރަކާތްތައް އިތުރުވެގެން ދިޔުމަކީ، ޤައުމަށާއި މުޖްތަމަޢަށް ވަރަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމެއް. ހަމައެހެންމެ، ޤައުމުގެ އެކިކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، އެކަނބަލުންނަށް ހަމަހަމަ ފުރްޞަތުތަކެއް ލިބޭގޮތަށް ކަންތައްތައް އިންތިޒާމްވެގެން ދިޔުމަކީވެސް ވަރަށް ބޭނުންތެރި ކަމެއް.

މިގޮތުން، އަންހެނުން އިޤްތިޞާދީ ގޮތުން ފުދުންތެރިކަން އިތުރުކޮށް، ސިޔާސީ މައިދާނުގަޔާއި، އެކިއެކި މުހިންމު ނިންމުންތައް ނިންމާ ފަންތީގައި މަސައްކަތްކުރާ އަންހެނުންގެ ޢަދަދު އިތުރުކުރުމަކީ، ސަރުކާރުން އަބަދުވެސް އިސްކަންދޭންޖެހޭ ކަމެއް. ޚާއްޞަކޮށް، ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވަމުންދާ އަންހެނުންގެ ޢަދަދު އިތުރުކުރުމަކީ، ރާއްޖޭގެ ކުރިމަގަށްޓަކައި ކޮންމެހެން އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. ޤައުމުގެ ކަންކަމުގައި މިހާރަށްވުރެ ބޮޑަށް، އިސް ސަފުގައި ޙަރަކާތްތެރިވާ އަންހެނުންގެ ޢަދަދު އިތުރުކުރުމަކީ، މިއަދުގެ ޖީލަށާއި، އަންނަން އޮތް ޖީލުތަކަށްވެސް އެކަމުން މުހިންމު ފައިދާތަކެއް ކުރާނެ ކަމެއްކަން ޔަޤީން.

ހަމައެއާއެކު، އަންހެނުންނަށް ލިބެމުންދާ އަނިޔާތައް އިތުރުވަމުންދާއިރު، އަންހެނުންނަށް ފުރިހަމަ އިންޞާފު ހޯދައިދިނުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެއް. ރާއްޖޭގައި ނިކަމެތިންނަށާއި، ކުޑަކުދިންނަށާއި، އަންހެނުންނަށް ތަކުރާރުކޮށް އަނިޔާ ލިބެމުންދާއިރު، އެއަނިޔާތައް ލިބުމަށް މެދުވެރިވާ ސަބަބަކީ ކޮބައިތޯ ބަލައި، އެކަންކަން ޙައްލުކުރުމަށް އަޅަންހުރި ފިޔަވަޅުތައް އަޅަމުން ގެންދަންޖެހޭނެ. އެކަމުގައި އެއްވެސް ފަރާތަކުން އިހުމާލުވެގެން ނުވާނެ. އެހެންކަމުން، ރާއްޖޭގައި ކުޑަކުދިންނަށާއި، ނިކަމެތިންނަށާއި، އަންހެނުންނަށް އެކި އަނިޔާތައް ލިބެމުންދާއިރު، ދައުލަތުގެ ފަރާތުން އެމީހުން ޙިމާޔަތް ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ސަރުކާރުން ފަސްނުޖެހޭނެ ވާހަކަ އަޅުގަނޑު މިއަދު ދަންނަވަން. އަދި އެކަންކަމާމެދު ވާހަކަ ދައްކައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމާއި، އަންހެނުންނާއި ކުޑަކުދިންނާއި، ޢުމުރުން ދުވަސްވީ މީހުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުން އަޑު އުފުލައި، ޙައްޤުބަސް ބުނުމުގައި ސަރުކާރުން އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނުޖެހޭނެ ކަމުގެ ޔަޤީންކަންވެސް އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް އަރުވަން.

މި ފުރްޞަތުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ އަނެއް މުހިންމު ނުކުތާއަކީ، ރާއްޖޭގައި ޖިންސީ އަނިޔާ ލިބެމުންދާ ކުޑަކުދިންނާއި އަންހެނުން އިތުރުވަމުންދާ ވާހަކަ. މިއީ ވަރަށް ހިތާމަހުރި ކަމެއް. ކުޑަކުދިންނަށާއި އަންހެނުންނަށް އެއްވެސް ހާލެއްގައި ޖިންސީ ގޯނާ ކުރެވިގެން ނުވާނެ. ޖިންސީ އަނިޔާދީގެން ނުވާނެ. އަދި އެފަދަ އަނިޔާއެއް ލިބޭގޮތަކަށް އަމަލުކޮށްގެންވެސް ނުވާނެ. މިކަމަށް ދޭންޖެހޭ އަހަންމިއްޔަތުކަން ބޮޑުކަމާއި، އަދި ޖިންސީ އަނިޔާ ލިބެމުންދާ ކުޑަކުދިންނާއި އަންހެނުން ރައްކާތެރިކުރުމުގެ އޮނިގަނޑުގައި ހުރި މައްސަލަތައް، ފަހަކަށްއައިސް ދިމާވެފައިވާ ޙާދިޘާތަކުން ހާމަވެފައިވުމާއެކު، މިކަންކަން ދިރާސާކޮށް، އެ އޮނިގަނޑު ހަރުދަނާކޮށް ފިޔަވަޅު އެޅުމަށްޓަކައި ކަމާބެހޭ ވުޒާރާތައް އެކުލެވޭ ޚާއްޞަ ކައުންސިލެއް މިހާރު އުފެދި، އެކައުންސިލްގެ މަސައްކަތްތައް ވަރަށް ބާރަށް ހިނގަމުންދާ ވާހަކަ ވަރަށް އުފަލާއެކު އަޅުގަނޑު ދަންނަވަން.

ހަމައެއާއެކު، މުޖްތަމަޢުގައި އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަކަން ޤާއިމްކުރުމަށް ކުރެވޭ މަސައްކަތްތަކަކީވެސް ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތު ކަމެއް ދެމުންގެންދާ ކަމެއް. އެއްވެސް ޤައުމަކަށް، އެ ޤައުމެއްގެ އާބާދީގެ ދެބައިކުޅައެއްބައި މީހުންނަށް ހަމަހަމަކަމާއެކު އެބައިމީހުންގެ ޙައްޤުތައް ނުލިބި ތަރައްޤީއެއް ނުވެވޭނެ. މިވާހަކަ މިގޮތަށް ދަންނަވާއިރު، ޤައުމުގެ ތަރައްޤީގައި ރާއްޖޭގެ އަންހެން ބޭފުޅުންގެ ފަރާތުން ލިބޭ ޙިއްޞާ އިތުރުވެގެންދާކަން އަޅުގަނޑު ޚާއްޞަ ގޮތެއްގައި ފާހަގަކުރަން. މި ޙިއްޞާ އިތުރުވެގެންދާއިރު، ރާއްޖޭގެ މައިގަނޑު ހުރިހާ ދާއިރާއެއްގައި ޙަރަކާތްތެރިވާ އަންހެނުންގެ އަދަދު އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭ. އަންހެނުންނަކީ ކަންކަމުގައި ޤާބިލް ބަޔަކަށް ހެދޭނީ، އެމީހުންނަށް ތަޢުލީމީ ރޮނގުން ކުރިއަށް ދިޔުމުގެ މަގު ތަނަވަސްވެގެން. އަދި އެކި ތަމްރީނުތަކުގައި ބައިވެރިވުމުގެ ފުރްޞަތު ހުޅުވިގެން. އެހެންކަމުން، މިކަމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުންނާއި، ތަޢުލީމީ ދާއިރާތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކުންނާއި، ރާއްޖޭގައި މީހުން ބިނާކުރުމަށް މަސައްކަތް ކުރަމުން ގެންދާ މުއައްސަސާތަކުން ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އަޅުގަނޑު އިލްތިމާސްކޮށް ދަންނަވަން. އަދި އަންހެނުންނަށް އަދާކުރެވޭނެ ވަޒީފާތަކަކީ ކޮބައިތޯ ބަލައި، އަންހެނުންނަށް ހުޅުވިފައިވާ މަސައްކަތުގެ ދާއިރާތައް މިހާރަށްވުރެ ފުޅާކޮށް، ޤައުމަށް އެންމެ ފައިދާހުރި ގޮތެއްގައި ދެޖިންސަށްވެސް ހަމަހަމަ ފުރްޞަތުތައް ލިބޭނޭ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ މުހިންމުކަމާމެދު އަޅުގަނޑުމެން ވިސްނަންޖެހޭ.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން:

އަޅުގަނޑުގެ ވާހަކަ ކުރިއަށް ގެންދިޔުމުގެ ކުރީގައި، ރާއްޖޭގައި ތިއްބެވި ހިތްވަރުގަދަ ޚިދްމަތްތެރި އަންހެން ކަނބަލުންގެ މަތިން މިއަދު އަޅުގަނޑުމެން ހަނދާން ކުރަންޖެހޭ. އެކަނބަލުންނަށް ފަށްފަށުން ތަޢުރީފާއި ޝުކުރު އަދާކުރަންޖެހޭ. އެގޮތުން މިއަދު "ރެހެންދި އެވޯޑު"ގެ ނަމުގައި އެވޯޑެއް ކަނޑައެޅުއްވިކަން އަޅުގަނޑު ވަރަށް އުފަލާއެކީ ފާހަގަކޮށް، އެކަމަށްޓަކައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް، އެމިނިސްޓްރީގެ މިނިސްޓަރާއި، އަދި ހުރިހާ އިސްވެރިންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި މި އެވޯޑް ހަމަޖެއްސެވުމުގައި މަސައްކަތް ކޮށްދެއްވި ކޮމިޓީއަށް، ޚާއްޞަކޮށް، ޑޮކްޓަރ ޢަބްދުއްސަތާރު ޔޫސުފް މިކަމުގައި އެހީވެވަޑައިގެން ދެއްވިކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އެންމެހައި ދިވެހި އަންހެން ކަނބަލުން؛

ތަރައްޤީގެ މަގުގައި ރާއްޖެ ޙާޞިލުކުރާ ކޮންމެ ކާމިޔާބީއަކީވެސް ނިސްބަތުން އަންހެނުންގެ ތަރައްޤީއަށް ލިބެމުންދާ ކުރިއެރުމެއް ކަމުގައި ވާންޖެހޭނެ ކަމަށް އަޅުގަނޑު ދެކެން. ތަރައްޤީގެ މަގުގައި މިފަހަކަށްއައިސް، ރާއްޖެ އެޅި އެންމެ މުހިންމު އެއް ފިޔަވަޅަކީ 2008 ގައި ދިވެހިން ބަލައިގަތް ޤާނޫނުއަސާސީ ކަމުގައި ޤަބޫލުކުރަންޖެހޭ. އެ ޤާނޫނުއަސާސީގައި ރައްޔިތުން ބާރުވެރިކުރުވުމަށް އެޅިފައިވާ އެންމެ ބޮޑު ފިޔަވަޅަކީ، ސީދާ ރައްޔިތުންގެ ވޯޓުން އިންތިޚާބުކޮށްފައިވާ ކައުންސިލްތައް ނުވަތަ ލޯކަލް ގަވަނަންސްގެ ނިޒާމު، މިގޮތަށް ރަޔިތުންގެ ކަންކަން ނިންމުމުގެ ނިޒާމު ބަދަލުކުރަށްފަހު، އަންހެނުންގެ ކޮމިޓީތައް އަލުންވަނީ އިންތިޚާބު ކުރެވިފައި. އަޅުގަނޑު ހިތާމަކުރަން، އަދިވެސް ވަރަށް ގިނަ ރަށްރަށުގައި އެ ކޮމިޓީތައް އެކުލެވިފައިނުވާތީ. އެކަން ކުރިއަށް ގެންދެވުމަށް، އަޅުގަނޑު ކަމާބެހޭ މުއައްސަސާއަށް އިލްތިމާސްކޮށް ދަންނަވަން.

ނަމަވެސް މިދެންނެވި ތަރައްޤީގެ ސަބަބުން އަންހެނުންގެ ތަރައްޤީއަށް އެޅިފައިވާ ފިޔަވަޅުތައް ޖެހިފައިވަނީ ފަހަތަށް ކަމުގައި ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައި. ވުމާއެކު މިކަންކަން ރަނގަޅުކޮށް، އަންހެނުންގެ ކޮމިޓީތައް ބާރުވެރިކުރުވައި، މަސައްކަތްތައް އަވަސްކުރުމަށްޓަކައި ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމުގެ މަސައްކަތް، ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަޅުގަނޑު އެކަމުގައި މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން. އަދި އަންހެނުންގެ ކޮމިޓީތަކަށް ބޭނުންވާ ވަސީލަތްތައް ހޯދައި، އަންހެނުންގެ ކޮމިޓީތަކުގެ މުދަލާއި ފައިސާ އަނބުރާ ހޯދުމަށް ޖެންޑަރ މިނިސްޓްރީއިން ކުރައްވަމުން ގެންދަވާ މަސައްކަތަށް، އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ވާހަކަ ދަންނަވަން.

ލޮބުވެތި އަޚުންނާއި އުޚުތުން؛

ކުރިއަރަމުންދާ ދުނިޔޭގައި ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ ޒިންމާތަކެއްވާ ބައެއް. އ.ދ.ގެ މެންބަރު ޤައުމެއްގެ ގޮތުން ދިވެހިރާއްޖެއިން އަދާކުރަންޖެހޭ ބައިނަލްއަޤްވާމީ ޒިންމާތަކެއްވޭ. މިޒިންމާތަކުގެ ތެރޭގައި އަންހެނުންނަށާއި، އަންހެން ކުދިންނަށް އަދާކުރަންޖެހޭ ވަކި ޒިންމާތަކެއްވާކަން އަޅުގަނޑުމެން ހަނދާންކުރަންޖެހޭ. މިގޮތުން، ގެވެށި އަނިޔާއާއި، އަންހެނުންނާއި އަންހެން ކުދިންނަށް ކުރެވޭ ޖިންސީ އަނިޔާގެ މައްސަލަތަކުގައި އަމަލުކުރެވޭ ގޮތްތައް ހަރުދަނާކޮށް، އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަކީ އ.ދ.ގެ މެންބަރު އެހެން ޤައުމުތަކެކޭ އެއްފަދައިން ދިވެހިރާއްޖެއަށްވެސް އޮތް ޤާނޫނީ ޒިންމާއެއް. ވުމާއެކު ރާއްޖޭގައި ބައިނަލްއަޤްވާމީ ގޮތުން ރާއްޖެއިން ނަގާފައިވާ ޒިންމާތަކާ އެއްގޮތަށް ކަންނުކުރެވޭ ކަމަށް ފެންނަނަމަ، އެކަމަށް ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެ ޖަވާބުދާރީކުރުވާނެކަން އަޅުގަނޑުމެން ހަނދާންކުރަން އެބަޖެހޭ.

ދިވެހިންނަކީ ޒަމާނުއްސުރެ ތަޢުލީމަށް ލޯބިކުރާ ބަޔަކު ކަމުގައި އަޅުގަނޑު ޤަބޫލުކުރަން. ދުނިޔޭގެ ފެންވަރުގައި ތަޢުލީމު އުނގަންނައިދެވޭ މަދުރަސާތަކާއި މުއައްސަސާތައް ރާއްޖޭގައި އުފެދުނީ ވަރަށްފަހުން ކަމުގައި ވެދާނެ. އަދި އަންހެން ކުދިންނަށް ތަޢުލީމު ހޯދައިދިނުމުގެ ދޮރުތައް ހުޅުވައިލެވުނީ، އެއަށްވުރެ މާފަހުން ކަމުގައިވެސް ވެދާނެ. އެހެންނަމަވެސް، ސްކޫލްތަކުގެ އިނާމު ދިނުމުގެ ޙަފްލާތަކުންނާއި، ޔުނިވަރސިޓީތަކުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުތަކުންނާއި، ޖީ.ސީ.އީ. އޯ ލެވެލްއާއި އޭ ލެވެލްގެ ނަތީޖާތައް، ދިވެހިރާއްޖޭގެ އަންހެން ކުދިންނަކީ ފިރިހެން ކުދިންނެކޭ އެއްގޮތަށް ތަޢުލީމު ޙާޞިލު ކުރުމުގެ ޤާބިލުކަމުގައި އެއްވެސް ތަފާތެއް ނެތް ބައެއްކަން އެބަ އެނގޭ. އަދި ހަމައެއާއެކު، އަޅުގަނޑުގެ ތަޖުރިބާގައި އަންހެނުންނަކީ ވަޒީފާ އަދާކުރުމުގައި ފިރިހެނުންނަށްވުރެ އެއްވެސް ގޮތަކުން ފަހަތަށް ނުޖެހޭ ބައެއް ކަމުގައިވެސް އަޅުގަނޑު ދަންނަވަން. ދިރިއުޅުމާއި، ދަރިންގެ ޒިންމާތަކާއި ސްކޫލްގެ ގަޑިތަކާއި، ހަފްތާގެ ބަންދުގެ ތެރޭގައި ގޭތެރެ ހަމައަކަށް އެޅުވުމުގެ ޒިންމާ އަދާކުރަމުން، ވަޒީފާ އަދާކުރަމުން، އެބޭފުޅުންނަކީ މުރާލި، ހީވާގި ބައެއްކަން އަޅުގަނޑުމެން މިއަދު ފާހަގަކުރަންޖެހޭ. އެބޭފުޅުންނަކީ އަޅުގަނޑުމެންގެ ތަޢުރީފު ޙައްޤުވާ ބައެއް.
މިއަދު އަޅުގަނޑުމެން އުފަލާއެކު ފާހަގަކުރަންޖެހޭ ކަމެއް، ދިވެހި އަންހެން ކަނބަލުންނަކީ ޒަމާނުއްސުރެ މިޤައުމުގެ ތަރައްޤީއަށްޓަކައި ބޮޑު ޙިއްޞާއެއް ކުރައްވާފައިވާ ބައެއް. އެހެން ގޮތަކަށް މި މުޖްތަމަޢު ބައްޓަންވުމަކީ، ޤައުމަށް ލިބޭ ވަރަށްބޮޑު ނިކަމެތިކަމަކަށް ވެގެންދާނީ. އަންހެން ކަނބަލުންނަކީ އިޤްތިޞާދީ ގޮތުން މަސައްކަތްކޮށްގެން އުޅުނު ބައެއް. އެޒަމާނެއްގެ އިޤްތިޞާދީ ފުރްޞަތުތަކާ އެއްގޮތަށް، އެކަނބަލުން ގެންދެވީ އާމްދަނީ ހޯދުމުގެ މަސައްކަތުގައި ބައިވެރިވަމުން. މަހަށްދާ ދޯނި ލެފުމުން މަސް ކައްކައި، ހިއްކައި، ރާވެރިބޭ ރާ ހިފައިގެން އައުމުން، އެ ރާ ކައްކައި، ހަކުރަކަށް ހަދައި މާލެއަށް ވިއްކަން ފޮނުވަނީ، ހަމަ ދިވެހި އަންހެން ބޭކަނބަލުން. އިއްޔެއާއި މިއަދުވެސް ދަނޑުތަކުގައި ފެންޖަހައި، ގަސްތައް ރުވައި، މިރުހާއި ލުނބޯ ވިއްކައިގެން އާމްދަނީ ހޯއްދަވަނީވެސް ހަމަ ދިވެހި އަންހެން ބޭކަނބަލުން. ވުމާއެކު. އަންހެނުންނަކީވެސް އެމީހުންގެ އަމިއްލަ ވިސްނުމާއި ނިންމުމުގައި، ތަޢުލީމު ޙާޞިލު ކުރުމާއި، ވަޒީފާ އަދާކުރުމާއި އަދި ކައިވެނިކުރުމުގެ ޙައްޤު އެކަނބަލުންނަށް ލިބިދޭންޖެހޭ. އެގޮތް އެއީ އަޅުގަނޑު ޤަބޫލުކުރާ ގޮތް.

ލޮބުވެތި ދިވެހި އަންހެން ކަނބަލުން؛

އަޅުގަނޑު ކުރީގައިވެސް ދަންނަވާފައިވާ ފަދައިން، ތިޔަ ކަނބަލުންނަކީ ވަރަށް ގިނަގުނަ ޚިދްމަތްތަކެއް، ދިވެހި ޤައުމަށް ކޮށްދެއްވާފައިވާ ބައެއް. ޤައުމުގެ ތަރައްޤީގައި، ވަރަށް ޚާއްޞަ ދައުރުތަކެއް އަދާކުރައްވާފައިވާ ބައެއް. ރަސްކަމުގެ ކޮއިލުތަކުގެ ތެރެއިންނާއި، ސަރުކާރުގެ އެންމެ އިސް ވަޒީފާތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހާއި، ފަނޑިޔާރުގެތަކުގެ ތެރެއިން، ރާ ކައްކާ ބަދިގެތަކުންނާއި، ބޮލިހިލާ ފަރުތަކުގެ ތެރެއިން، ދުނިޔޭގައި ނަން ވިދާލާނޭ ދަރިން ތަރުބިއްޔަތު ކުރުމުގެ ތެރެއިން، ކޮންމެ ކާމިޔާބު ފިރިހެނެއްގެ ފަހަތުގައި އަންހެނަކު ހުންނާނޭ ބުނާ މުހާވަރާގައިވާ ފަދައިން، ފިރިންނަށް ހިތްވަރު ދިނުމުގައި ގޭތެރެއިން. ވުމާއެކު، ދިވެހި އަންހެން ކަނބަލުން ދިވެހި ޤައުމަށް ކޮށްދެއްވަމުން ގެންދަވާ ޚިދްމަތްތައް ވަޒަންކުރުމުގެ ގޮތުން، މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ދެވޭ އިނާމެއްގެ ގޮތުގައި، ޤައުމަށް ޚިދްމަތް ކުރައްވާ އަންހެން ބޭފުޅުންގެވެސް ޚިދްމަތްތައް ފާހަގަކޮށް، އެކަނބަލުންނަށް ހިތްވަރު ދިނުމުގެ ގޮތުން، ރެހެންދި ޚިދްމަތުގެ އިނާމު ދިނުމަށް ސަރުކާރުން މިވަނީ ނިންމާފައި. މިއީ ރާއްޖޭގައި އަންހެނުންނަށް ޚާއްޞަކޮށްގެން، މިފަދަ އިނާމެއް ދެވޭ ފުރަތަމަފަހަރު. މި މަސައްކަތްތައް ކޮށްދެއްވި ކަމަށްޓަކައި އަދިވެސް އެއްފަހަރު ޖެންޑަރ މިނިސްޓްރީއަށް އަޅުގަނޑު ޝުކުރު ދަންނަވަން.
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، ދިވެހި އެންމެހާ އަންހެން ކަނބަލުންނަށާއި، އަންހެން ކުދިންނަށް އަޅުގަނޑުގެ ހެޔޮއެދުމާއި ތަހުނިޔާ ދަންނަވަމުން. ޤައުމުގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ހިތްވަރުގަދަ އަންހެން ކަނބަލުންނަށް އަޅުގަނޑުގެ ސާބަސް ރައްދުކުރަމުން. އަދި ވަކި ޚާއްޞަ ޝުކުރަކާއި ތަހުނިޔާއެއް، އަޅުގަނޑުގެ ހުރިހާ ކަމެއް ފޫހިކަމެއްނެތި ބަލަހައްޓަވަމުން ގެންދަވާތީ، އެންމެ އުނދަގޫ ދުވަސްތަކާއި، އެންމެ ފަސޭހަ ދުވަސްތަކުގައިވެސް އަޅުގަނޑުގެ ގާތުގައި ހުރުމުގެ ޝުކުރު، އަޅުގަނޑުގެ ލޯބިވާ އަންހެނުން އިލްހާމަށް ރައްދުކުރަން.

މާތްﷲ ތިޔަ އެންމެ ކަނބަލުންނަށް އުފާވެރިކަން ދެއްވާށި! ކާމިޔާބު ދުވަސްތަކެއް ދައްކަވާށި! اللّـه سبحـانـه وتعـالى ތިޔަ އެންމެހާ ކަނބަލުންނަށް ރަޙްމަތް ލައްވާށި!

والســّلام عليــكم ورحـمــة اللّـه وبـركاتـه.
_____________________________