20 ނޮވެމްބަރ 2012ގެ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ހުށަހަޅުއްވައި، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ދިރާސާ ރިޕޯޓަށް ބަހުސް ކުރެއްވުމަށްފަހު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 187 ވަނަ މާއްދާގެ ދަށުން، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރު އަދި އެ ކޮމިޝަނުގެ ރައީސްކަމުން ގ. ކޮއްކިރި އަލްފާޟިލް މުޙަންމަދު ފަހުމީ ޙަސަން ވަކިކުރުމަށް ފާސްކުރައްވައިފިކަމަށް ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް އެންގެވުމާ ގުޅިގެން، ޤާނޫނު ނަންބަރު 2010/9 (ސިވިލް ސަރވިސްގެ ޤާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ނ)ގައިވާ ގޮތުގެ މަތިން، އޭނާ ވަޒީފާއިން ވަކިކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާއަށް އަންގަވާފައެވެ.

އަދި، މިކަން ހިނގާފައިވަނިކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2012/ސީ-އެސް.ސީ/35 ނަންބަރު ޤަޒިއްޔާއިން އެ ވަޒީފާއިން ވަކިކުރިކުރުން ބާޠިލުކުރައްވާފައިވާތީ، އަލްފާޟިލް މުޙަންމަދު ފަހުމީ ޙަސަން ވަޒީފާއިން ވަކިކުރައްވާފައިވާކަން އަންގަވައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީ ރައީސުލްޖުމްހޫރިއްޔާ ބާޠިލުކުރައްވައި އޭނާއަށް އެންގެވިއެވެ. އެހެންނަމަވެސް، އޭނާ އެ މަޤާމަށް ނުކުންނަވާކަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައެއްނުވެއެވެ.