"އަންހެނުން އިޤްތިޞާދީ ގޮތުން ފުދުންތެރިކަން އިތުރުކޮށް، ސިޔާސީ މައިދާނުގަޔާއި، އެކިއެކި މުހިންމު ނިންމުންތައް ނިންމާ ފަންތީގައި މަސައްކަތްކުރާ އަންހެނުންގެ ޢަދަދު އިތުރުކުރުމަކީ، ސަރުކާރުން އަބަދުވެސް އިސްކަންދޭނެ ކަމެއް" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމުގައި މިއަދު ހަވީރު ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެއްވެސް ޤައުމަކަށް އެ ޤައުމެއްގެ އާބާދީގެ ދެބައިކުޅައެއްބައި މީހުންނަށް ހަމަހަމަކަމާއެކު އެބައިމީހުންގެ ޙައްޤުތައް ނުލިބި، ތަރައްޤީއެއް ނުވެވޭނެ ކަމަށާއި، މުޖްތަމަޢުގައި އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަކަން ޤާއިމްކުރުމަށް ކުރެވޭ މަސައްކަތްތަކަކީ ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޤައުމުގެ ތަރައްޤީގައި ރާއްޖޭގެ އަންހެން ބޭފުޅުންގެ ފަރާތުން ލިބޭ ޙިއްޞާ އިތުރުވެގެންދާކަން ފާހަގަކުރައްވަމުން، ރާއްޖޭގެ މައިގަނޑު ހުރިހާ ދާއިރާއެއްގައި ހަރަކާތްތެރިވާ އަންހެނުންގެ އަދަދު އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަން އެބަޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، އަންހެނުންނަކީ ކަންކަމުގައި ޤާބިލް ބަޔަކަށް ހެދޭނީ، އެމީހުންނަށް ތަޢުލީމާއި، ތަމްރީނުގެ ފުރުޞަތު ތަނަވަސްވެގެންކަން އެމަނިކުފާނު ބަޔާން ކުރެއްވިއެވެ. އަދި، މިކަމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުންނާއި، ތަޢުލީމީ ދާއިރާތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކުންނާއި، ރާއްޖޭގައި މީހުން ބިނާކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ މުއައްސަސާތަކުން ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި ޖިންސީ އަނިޔާ ލިބެމުންދާ ކުޑަކުދިންނާއި އަންހެނުން އިތުރުވަމުންދާކަމީ ވަރަށް ހިތާމަހުރި ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ. މިގޮތުން، އަންހެނުންނަށް ލިބެމުންދާ އަނިޔާތައް އިތުރުވަމުންދާއިރު، އަންހެނުންނަށް ފުރިހަމަ އިންޞާފު ހޯދައިދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރާއްޖޭގައި ކުޑަކުދިންނަށާއި، ނިކަމެތިންނަށާއި، އަންހެނުންނަށް އެކި އަނިޔާތައް ލިބެމުންދާއިރު، ދައުލަތުގެ ފަރާތުން އެމީހުން ޙިމާޔަތް ކުރުމަށް ކުރަންޖެހޭ ކަންކަމުގައި ސަރުކާރުން ފަސްޖެހިވަޑައިނުގަންނަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އަދި އެކަންކަމާމެދު ވާހަކަ ދައްކައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމާއި، އަންހެނުންނާއި ކުޑަކުދިންނާއި، ޢުމުރުން ދުވަސްވީ މީހުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުން އަޑު އުފުލައި، ޙައްޤުބަސް ބުނުމުގައި ސަރުކާރުން އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނުޖެހޭނެ ކަމުގެ ޔަޤީންކަންވެސް އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް އަރުވަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.