މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މަޤާމުގައި ހުންނެވި އަލްފާޟިލް ޢަބްދުﷲ އަމީނާއި، މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ ނައިބުގެ މަޤާމުގައި ހުންނެވި އަލްފާޟިލް މުޙަންމަދު މަލީހު ޖަމާލް، މަޤާމުން މިއަދު ވަކިކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިދެބޭފުޅުން މަޤާމުން މި ވަކިކުރެއްވީ، 7 ފެބްރުއަރީ 2012 ގައި ސަރުކާރު ބަދަލުވިއިރު، ކޯލިޝަންގައި ހިމެނުނު ޕާޓީތަކަށް ދެވުނު މަޤާމުތަކުގެ ތެރެއިން މި ދެމަޤާމަކީ ޤައުމީ ޕާޓީއަށް ދެވިފައިވާ ދެ މަޤާމު ކަމަށްވުމާއެކު، އެދެބޭފުޅުންގެ ބަދަލުގައި އެހެން ދެބޭފުޅަކު ހަމަޖެއްސެވުމަށް އެ ޕާޓީއިން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ހުށަހެޅުއްވުމާ ގުޅިގެންނެވެ. އެ ދެބޭފުޅުންގެ ބަދަލުގައި ޕާޓީއިން ވަނީ އިތުރު ދެބޭފުޅުންގެ ނަން ހުށަހަޅުއްވާފައެވެ. ޕާޓީއިން ހުށަހެޅުއްވި މިދެބޭފުޅުންނަށް ވަޒީފާ ހަމަޖެއްސެވުމުގެ ކަންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް އެބަގެންދަވައެވެ.