بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ހުޅުމާލޭގެ ލޮބުވެތި އަޚުންނާއި އުޚުތުން، އެމް.ޓީ.ސީ.ސީ.ގެ ޗެއަރމަން، ސީ.އީ.އޯ، ބޯޑުގެ ޑިރެކްޓަރުން، އަދި އެމް.ޓީ.ސީ.ސީ.ގެ ހީވާގި މުވައްޒަފުން، ވަޒީރުންގެ މަޖިލީހުގެ މެންބަރުން، ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ، މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. ޖޫން މަހުގެ 14 ވަނަ ދުވަހަކީ، ދިވެހިރާއްޖޭގެ ތާރީޚުގައި، އެއްގަމު ދަތުރުފަތުރުގެ ތާރީޚުގައި، ކުލަގަދަ ގޮތެއްގައި ފާހަގަކޮށްލެވޭނެ ދުވަހެއް. އެއީ ކީއްވެތޯ! އަޅުގަނޑުމެން މިއަދު މި އުފާކުރަނީ ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި މެޓްރޯ ބަސް ސަރވިސް، ދުނިޔޭގެ ފެންވަރުގައި ތަޢާރުފު ކުރެވޭތީ. އެކަމަށްޓަކައި އަޅުގަނޑު، اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ކުރަން. މިކަން މިހާ ފުރިހަމަކޮށް ރާއްވަވައި ތަޢާރުފު ކޮށްދެއްވީތީ، އެމް.ޓީ.ސީ.ސީ.އަށް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން.

އާދެ، މިރޭ އުފާކުރަންޖެހޭ އެންމެ ބޮޑު އަނެއް ސަބަބަކީ، އެމް.ޓީ.ސީ.ސީ މިރޭ މި ރަމްޒު ކޮށްދެނީ އެމް.ޓީ.ސީ.ސީ.އަށް އައި ބަދަލު. އައި ކުރިއެރުން. ރައްޔިތުންގެ ހިއްސާ އޮތް، ސަރުކާރު ބައިވެރިވާ ކުންފުންޏަކުން މިފަދަ ބޮޑު ކާމިޔާބީއެއް ހާސިލު ކުރުމަކީ، އެއީ ރާއްޖޭގެ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އެކަން އަޅުގަނޑު ކުލަގަދަ ގޮތެއްގައި ފާހަގަކުރަން.

އާދެ، ވިސްނާވަޑައިގަންނަވާ! 2008 ގައި ސަރުކާރު ބަދަލުވުމަށްފަހު ދެން ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި މި ކުންފުނިން ޖުމްލަ 69 މިލިއަންރުފިޔާ ގެއްލުންވެފައިވޭ. އޭގެފަހުން، އަޅުގަނޑުމެން ކުންފުންޏާ ހަވާލުވެގެން ހިންގަން ފެށިފަހުން އައި 12 މަސް ދުވަހުގެ ތެރޭގައި، 24 މިލިއަންރުފިޔާ ފައިދާވެފައިވޭ. އެ ޙަޤީޤަތް އަޅުގަނޑުމެންނަށް ހާމަވެގެން އެ ދިޔައީ، ބައެއްގެ ވަރަށް ބުރަ މަސައްކަތާއި ހިތްވަރުން. އެންމެ ފުރަތަމަ އެކަމުގެ ޙައްޤު ޝުކުރުވެރިންނަކީ، އެމް.ޓީ.ސީ.ސީ.ގެ ހީވާގި މުވައްޒަފުން. އަޅުގަނޑު އެހެންވީމާ، އެމް.ޓީ.ސީ.ސީ.ގެ ހުރިހާ މުވައްޒަފުންނަށް މުބާރަކުބާދީއާއި ތަހުނިޔާއާއި ޝުކުރު ދަންނަވަން. ހަލާކުވަމުން ފުނޑުފުނޑުވަމުންދިޔަ ބޮޑު ކުންފުންޏެއް، ދިވެހިރާއްޖޭގެ ތާރީޚުގައި އުފެދުނު އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރެއިން ކުންފުނި ހަލާކުވަމުން ދަނިކޮށް، އެ ކުންފުނި ނަގާ ކޮއްޅަށް ޖެއްސެވީ ތިޔަބޭފުޅުން. ޚާއްޞަކޮށް، ކުންފުނީގެ ޗެއަރމަނާއި ބޯޑުގެ ޑިރެކްޓަރުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ހަމައެހެންމެ، ކުންފުނީގެ ސީ.އީ.އޯ، ޚާއްޞަ ގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލަން. ޒުވާން ސީ.އީ.އޯ.އެއް މިހާބޮޑު ކާމިޔާބީއެއް ހޯއްދެވިކަން އެއީ، އަޅުގަނޑުމެން އެންމެން އުފާކުރާ ކަމެއް.

އަޅުގަނޑުމެން ދެކޭ މުސްތަޤްބަލަކީ، ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ފަސޭހަތައް މިއަށްވުރެ ބޮޑަށް ފަހިވެގެން ދިޔުން. ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެ ދުވަސް ދާދި އަވަހަށް ފެނިގެންދާނެ. މިއަދު އޭގެ ވަރަށް ފުރިހަމަ ނަމޫނާއެއް އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ.

އަދިވެސް އެއްފަހަރު އަޅުގަނޑު އެމް.ޓީ.ސީ.ސީ.ގެ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. ހުޅުމާލޭގެ ރައްޔިތުންނަށް މުބާރަކުބާދު ދަންނަވަން. އިރާދަކުރެއްވިއްޔާ މީގެ ސަބަބުން ތިޔަބޭފުޅުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިވަޑައިގަންނަވާނެ. ޝުކުރިއްޔާ، މަރްޙަބާ، މުބާރަކުބާދު، ހުރިހާ ބޭފުޅުންނަށް.

اللّـه سبحـانـه وتعـالى، އަޅުގަނޑުމެންނަށް މިފަދަ ހެޔޮ ނިޢުމަތް މިންވަރު ކުރައްވާށި!

والســّلام عليــكم ورحـمــة اللّـه وبـركاتـه.