بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ޤުރްއާން ކިޔެވުމުގެ 28 ވަނަ ޤައުމީ މުބާރާތުގެ އެކި ޢުމުރުފުރާތަކުގައި ބައިވެރިވި ހުރިހާ ކުދިންނާއި، އަމިއްލަގޮތުން މުބާރާތުގައި ބައިވެރިވި ފަރާތްތައް، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙަންމަދު ޝަހީމް ޢަލީ ސަޢީދު، އެމިނިސްޓްރީގެ އިސްވެރިން، ކީރިތި ޤުރްއާނާބެހޭ މަރްކަޒުގެ އިސްވެރިންނާއި މުވައްޒަފުން، ވަޒީރުން، ސަރުކާރުގެ އިސްވެރިން އަދި މި ޖަލްސާއަށް ޙާޒިރުވެވަޑައިގެން ތިއްބެވި ސްކޫލްތަކުގެ ވެރިންނާއި، ބެލެނިވެރިންނާއި، އެންމެހާ ބޭފުޅުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

ކީރިތި ޤުރްއާން ކިޔެވުމުގެ 28 ވަނަ ޤައުމީ މުބާރާތުގެ އެކި ޢުމުރުފުރާތަކުން ވަނަ ޙާޞިލުކުރި ހުރިހާ ދަރިވަރުންނަށާއި، އަދި ވަނަތައް ހޯދި ސްކޫލްތަކަށާއި، ޤުރްއާން ކްލާސްތަކަށާއި، މުއައްސަސާތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އަދާކުރަން. ހަމައެހެންމެ، މުބާރާތުގައި ކުދިން ބައިވެރިކުރެއްވި ސްކޫލް މަދްރަސާތަކަށާއި، ޤުރްއާން ކްލާސްތަކަށާއި، ޤުރްއާން ކިޔަވައިދެއްވާ މުދައްރިސުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން.

މިއަހަރުގެ މި މުބާރާތް ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައްވާފައިވާކަމީވެސް އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. އެހެންކަމުން، ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ތެރެއިން އެންމެމޮޅު ފަސް ކުދިންގެ ގޮތުގައި ހޮވުނު ކުދިންނަށް އަޅުގަނޑު ހިތުގެ އެންމެ ފުންމިނުން ތަހުނިޔާ އަދާކުރަން.

ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަކީ، މުޖުތަމަޢުގެ ޚާއްޞަ ފުރުޞަތުތައް ދޭންޖެހޭ ކުދިން. އެފަދަ ކުދިންނަށް ސަރުކާރުން ވަރަށްބޮޑު ސަމާލުކަމެއް ދެމުން އެބަގެންދަން. މިފަދަ މުބާރާތެއްގައި އެކުދިން ބައިވެރިވެ، ވަނަ ޙާޞިލުކުރިކަން އެއީ، އެކުދިންނަށްވެސް އެކި ރޮނގުތަކުން ކުރިއަށް ދިޔުމުގެ ފުރްޞަތު އޮތްކަން ހާމަވެގެންދާ ކަމުގެ ކުލަގަދަ ދަލީލެއް. އަދި ހަމައެހެން، ފުރްޞަތު ދެވުމުން، ރަނގަޅު ނަތީޖާވެސް ފެންނާނެ ކަމުގެ ދަލީލެއް.

މީގެއިތުރުން، ޤުރްއާން ހިތުދަސްކުރައްވައިގެން ޙާފިޡު ކަމުގެ ތާޖާއި އިނާމު ޙާޞިލު ކުރެއްވި އަލްޙާފިޡު ޢަބާން ޢަބްދުﷲ އަށާއި، އަލްޙާފިޡު ޢަބްދުއްރައޫފް ޢަބްދުލްޣަފޫރަށާއި، އަލްޙާފިޡާ ޙުސްނާ ޙުސައިނަށާއި، އަލްޙާފިޡާ ޚަދީޖާ އިބްރާހީމަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން.

ސަރުކާރުން ކޮންމެ އަހަރަކު ބާއްވަމުން މިގެންދާ ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ، ވަރަށް މަތިވެރި މަޤްޞަދެއްގައި ބާއްވަމުން ގެންދާ މުބާރާތެއް. އެންމެބޮޑު އެއް ބޭނުމަކީ، އަޅުގަނޑުމެންގެ ޅަދަރިންނާއި، ސްކޫލްތަކުގެ ދަރިވަރުންނާއި، ޒުވާނުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް އޮތް ލޯބި އިތުރުކޮށް، ޤުރްއާނަށް އޮތް ޝައުޤުވެރިކަން ދެމެހެއްޓުން. ކީރިތި ޤުރްއާނަކީ އަޅުގަނޑުމެންގެ ދުސްތޫރު. އިލާހީ ޤާނޫނު. މާތްﷲގެ ކަލާމްފުޅު. އަޅުގަނޑުމެން އެންމެންވެސް އެފޮތް ދަސްކޮށް، ﷲގެ ވަޙީގެ ބަސްފުޅުތަކާ ދޭތެރޭ ވިސްނާ ފިކުރުކޮށް، އަޅުގަނޑުމެންގެ ޙަޔާތުގައި ޢަމަލީގޮތުން ތަބާވާންޖެހޭ.

އަޅުގަނޑުމެންގެ ޅަދަރިންނަށް ކީރިތި ޤުރްއާން ރީތިކޮށް ކިޔެވުމަށާއި ހިތުދަސްކޮށްދެއްވުމަށް މައިންބަފައިންނާއި ބެލެނިވެރިން މިއަދު އެކުރައްވަމުން ގެންދަވާ މަސައްކަތްތައް އަޅުގަނޑު މި ފުރްޞަތުގައި ހަނދާންކުރަން. ހަމައެހެންމެ، އެކި ޢުމުރުފުރައިގެ ކުދިންނާއި މީހުން ރީތިކޮށް ޤުރްއާން ކިޔެވުމަށާއި، ޤުރްއާން ހިތުދަސްކުރުމަށް ދެމުންގެންދާ އަހަންމިއްޔަތުގެ މަތިންވެސް އަޅުގަނޑު ހަނދާންކުރަން. އަޅުގަނޑު ދެކޭގޮތުގައި، އެއީ އަޅުގަނޑުމެންގެ ދީނީ ޢަޤީދާ ވަރުގަދަވެ، އިސްލާމްދީނަށް އަޅުގަނޑުމެންގެ ހިތްތަކުގައި އޮންނަ ލޯބި އިތުރުވެ، ވަރުގަދަވެގެންދާނެ ކަމެއް.

ކީރިތި ޤުރްއާނާބެހޭ މަރްކަޒުން މިހާރު ހިންގަވަމުން ގެންދަވާ 500 ޙާފިޡުން ތަމްރީނު ކުރުމުގެ ޕްރޮގްރާމަކީ، ވީހާވެސް ގިނަ ބަޔަކަށް ޤުރްއާން ހިތުދަސްކުރުމަށް ފުރްޞަތު ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެއް. މި ޕްރޮގްރާމަކީ ސަރުކާރުންވެސް ވަރަށްބޮޑު އަހަންމިއްޔަތުކަމެއްދީގެން ހިންގާ ޕްރޮގްރާމެއް. އެ މަރްކަޒުން ޤުރްއާން ހިތުދަސްކޮށްދެއްވުމަށް ހިންގަވާ އެކި ކްލާސްތަކުގައި މިއަދުވެސް 350 ކުދިންނާއި މީހުން އެބަތިބި. މިއީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. މިހުރިހާ ކުދިންނަށާއި މީހުންނަށް އަޅުގަނޑު ކާމިޔާބީއަށް އެދެން. މިކަންކަމުން އެނގިގެންދަނީ ކީރިތި ޤުރްއާން ހިތުދަސްކުރުމަށާއި، ކީރިތި ޤުރްއާން ރީތިކޮށް ކިޔަވަން ދަސްކުރުމުގެ ޝައުޤުވެރިކަން، ހުރިހާ ޢުމުރުފުރައެއްގެ ދަރިވަރުންނާއި އަދި ޢާންމު ރައްޔިތުންގެ މެދުގައި އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާކަން. އަދި އަޅުގަނޑުމެން ދީނީ ކަންކަމަށްދޭ އަހަންމިއްޔަތާއި، އަޅުގަނޑުމެންގެ ތެރޭގައި ދީނީ ހޭލުންތެރިކަން އިތުރުވަމުންދާ މިންވަރުވެސް މިކަންކަމުން އެބަ ދޭހަވަމުން ދޭ.

މި ފުރްޞަތުގައި، ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ކުރައްވަމުން މިގެންދަވާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް، އެ މަރްކަޒުގެ ޑިރެކްޓަރ އައްޝައިޚް ޢަބްދުލްޢަޒީޒު ޙުސައިނަށާއި، އެ މަރްކަޒުގެ މުދައްރިސުންނަށާއި، ހުރިހާ މުވައްޒަފުންނަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. މިފަދަ މުބާރާތެއް ހިންގެވުމަކީ ޙަޤީޤަތުގައި ވަރަށްބުރަ މަސައްކަތެއް. އެހެންކަމުން، މިމުބާރާތް އިންތިޒާމް ކުރައްވައި ހިންގަވާ ކަމަށްޓަކައިވެސް އަޅުގަނޑު އެބޭފުޅުންނަށް ޝުކުރު ދަންނަވަން. އަދި މިއަހަރުގެ މުބާރާތުގެ އިންތިޒާމުތައް ގެންދެވިލެއް ފުރިހަމަކަން ފާހަގަކޮށް، އެ މަރުކަޒުގެ ވެރިންނަށާއި މުދައްރިސުންނަށާއި، މުވައްޒަފުންނަށް އަދިވެސް އެއްފަހަރު އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެއާއެކު، މިކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވެދެއްވާ އެހީތެރިކަމާއި އެއްބާރުލުމުގެ މަތިން ހަނދާންކޮށް، މިނިސްޓަރ މުޙަންމަދު ޝަހީމް ޢަލީ ސަޢީދަށާއި، އެމިނިސްޓްރީގެ ވެރިންނަށާއި މުވައްޒަފުންނަށްވެސް ޝުކުރު ދަންނަވަން.

ރާއްޖޭގައި ރީތިކޮށް ޤުރްއާން ކިޔަވާ ކުދިންނާއި މީހުންނާއި އަދި ޤުރްއާން ހިތުދަސްކުރާ ކުދިންނާއި މީހުންގެ ޢަދަދު، އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނައިރު، ޤައުމީ ފެންވަރުގައި ބޭއްވޭ ޤުރްއާން މުބާރާތްތަކުން މަތީ ވަނަ ހޯދާ ކުދިންނާއި މީހުންގެ ޤުރްއާން ކިޔެވުމުގެ އަޑު، އަޅުގަނޑުމެންނަށް އިވޭލެއް ވަރަށްމަދު. މިކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުންނާއި އަދި އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި، މީޑިއާއިންނާއި، އަމިއްލަ ފަރާތްތަކުން ވަރަށްބޮޑު ސަމާލުކަމެއް ދެއްވަންޖެހޭކަން އަޅުގަނޑު ފާހަގަކުރަން. މިހެން މި ދެންނެވީ، ސަރުކާރުންނާއި އަދި އެނޫން އެހެން ފަރާތްތަކުން ބާއްވާ އެކިއެކި ޖަލްސާތަކާއި، ރަސްމިއްޔާތުތަކުގައި ޤުރްއާން ކިޔެވުމުގެ ފުރްޞަތު، އެފަދަ ކުދިންނަށާއި މީހުންނަށް ލިބޭނެ އިންތިޒާމްތަކެއް ހަމަޖެހުމުގެ މުހިންމުކަން އަޅުގަނޑަށް އިޙްސާސް ކުރެވޭތީ. ހަމައެހެންމެ، ރާއްޖޭގެ ރޭޑިއޯ ސްޓޭޝަންތަކާއި ޓީ.ވީ ސްޓޭޝަންތަކުންވެސް އެ ކުދިންނަށާއި މީހުންނަށް އެ ފުރުސަތު ލިބޭނެ ގޮތް ހަމަޖެހުމުގެ ބޭނުންތެރިކަން އަޅުގަނޑަށް ވަޒަން ކުރެވޭތީ.

ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސް ކަމަށްވުމާއެކު، މިދެންނެވި ކުދިންނަށާއި މީހުންނަށް އެކިއެކި ޕްރޮގްރާމްތަކުން ފުރްޞަތު ލިބޭނެގޮތަށް މަސައްކަތް ކޮށްދެއްވުމަށް، މީޑިއާގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ހުރިހާ ފަރާތްތަކަށާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އަޅުގަނޑު އިލްތިމާސްކޮށް ދަންނަވަން. އަދި ސަރުކާރުގެ އެކި ފަރާތްތަކުންނާއި އަމިއްލަ ޖަމްޢިއްޔާ، ޖަމާޢަތްތަކުންނާއި އަދި އެނޫން އެހެން ފަރާތްތަކުން ބާއްވާ އެކި ޖަލްސާތަކާއި ރަސްމިއްޔާތުތަކާއި ޙަފްލާތަކުގައި އެކުދިންނަށް ކިޔެވުމުގެ ފުރުސަތު ލިބޭނެ ގޮތަކަށް ކަންތައްތައް އިންތިޒާމު ކޮށްދެއްވުމަކީ، އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް.

އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިން، ޤައުމީ ޤުރްއާން މުބާރާތުން އެކި ވަނަތައް ހޯދި ފަރާތްތަކަށް އަޅުގަނޑު އަދިވެސް އެއްފަހަރު ތަހުނިޔާ ދަންނަވަން. އަދި ޙާފިޒުކަމުގެ ސަނަދު ހާސިލު ކުރެއްވި ބޭފުޅުންނަށްވެސް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ޝުކުރު ދަންނަވަން.

މާތްﷲ އަޅުގަނޑުމެންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް އޮންނަ ލޯބި އިތުރުކުރައްވާށި! ކީރިތި ޤުރްއާނުގައި އަންގަވާފައިވާ މަތިވެރި އުޞޫލުތަކާ އެއްގޮތަށް އުޅުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވާށި! ކީރިތި ޤުރްއާން ކިޔެވުމަށާއި އުނގަންނައިދިނުމަށް، ކަމާބެހޭ ހުރިހާ އިދާރާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި މާތްﷲ ބަރަކާތް ލައްވާށި!

والســّلام عليــكم ورحـمــة اللّـه وبـركاتـه.