ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، ކުރީގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓްގެ ދަށުން ހިނގަމުންދިޔަ ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް ސެންޓަރު، 2012 މެއި 6 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖެއްސެވުމާ ގުޅިގެންނާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ހިނގަމުންދިޔަ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން، 2012 ޑިސެމްބަރ 28 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖެއްސެވުމާ ގުޅިގެންނާއި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް، 2013 ޖެނުއަރީ 1 ވަނަ ދުވަހު އުފައްދަވައި، އެތަން އެ ތާރީޚުން ފެށިގެން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖެއްސެވުމާ ގުޅިގެން، އެ މިނިސްޓްރީގެ މަސައްކަތުގެ ދާއިރާއަށް އައިސްފައިވާ ބަދަލުތައް ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމަށްޓަކައި އެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވުމުން، އެ ބަދަލުތައް ގެންނެވުމަށް ފެނިވަޑައިނުގަންނަވާކަމަށް މިއަދު އޮތް އެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 4 ވަނަ ޖަލްސާއިން ފާސްކުރައްވާފައިވާތީ، ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާ ކަނޑައެޅުއްވުމަށް ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، މި މުއައްސަސާތަކާމެދު ތިރީގައި މިވާ ގޮތުގެމަތީން ޢަމަލުކުރެއްވުމަށް ނިންމަވާފައިވާކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

1. ކުރީގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓްގެ ދަށުން ހިނގަމުންދިޔަ ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް ސެންޓަރު، 2012 މެއި 6 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި އަލުން ހަމަޖެއްސެވުން.

2. މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ހިނގަމުންދިޔަ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން، 2012 ޑިސެމްބަރ 28 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި އަލުން ހަމަޖެއްސެވުން.

3. 2013 ޖެނުއަރީ 1 ވަނަ ދުވަހު އުފައްދަވައި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުން ހިނގަމުންދާގޮތަށް ހަމަޖައްސަވާފައިވާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް، އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި އަލުން ހަމަޖެއްސެވުން.