بســم اللّـه الرّحمـن الرّحيــم

السّــلام عليــكم

އަޅުގަނޑު މިއަދު މީޑިއާގެ ބޭފުޅުންނާ މި ބައްދަލުކޮށްލީ، އިއްޔެ އަޅުގަނޑު މިއައީ ރަސްމީ ދަތުރެއްގައި، ބައިތުލްމަޤްދިސަށް ކުރި ދަތުރަކަށްފަހުގައި. އެހެންވީމާ، މި ދަތުރާ ބެހޭގޮތުން ކުޑަކޮށް މަޢުލޫމާތު ދަންނަވާލުމަށްޓަކައި މިއަދު އަޅުގަނޑު މި ބައްދަލުކޮށްލީ.

އެނގިވަޑައިގަންނަވާނޭ ފަދައިން، ފަލަސްޠީނުގެ މައްސަލައަކީ އެއީ، ދިވެހި ރައްޔިތުން ވަރަށްގިނަ ދުވަސްތަކެއް ވަންދެން އެކަމަކާ ދޭތެރޭގައި ވިސްނައި އަދި ފަލަސްޠީނުގެ މައްސަލަ ޙައްލު ކުރުމުގައި، ދިވެހިރާއްޖޭގެ ފަރާތުން ކުރެވެންހުރި ހުރިހާ މަސައްކަތެއް އަބަދުވެސް ކުރަމުން ގެންދާ މައްސަލައެއް. ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމަށްޓަކައި ދިވެހި ދައުލަތުގެ ފަރާތުން އަބަދުވެސް ގެންދަވަނީ މަސައްކަތް ކުރައްވަމުން. ބައިނަލްއަޤްވާމީ އެކިއެކި މުނާސަބަތުތަކުގައި، އެކި ޖަލްސާތަކުގައި ފަލަސްޠީނަށް ތާއީދުކޮށް އަޅުގަނޑުމެން މިގެންދަނީ މަސައްކަތް ކުރަމުން.

އަޅުގަނޑުގެ މިދަތުރަކީ އެއީ، ރައީސް މަޙްމޫދު ޢައްބާސް ދެއްވި ދަޢުވަތަކަށް ބައިތުލްމަޤްދިސާ ބެހޭ ބައިނަލްއަޤްވާމީ 4 ވަނަ ކޮންފަރެންސްގައި ބައިވެރިވުމަށް ދެއްވި ދަޢުވަތެއް. މި ދަޢުވަތުގައިވާ ގޮތުގެ މަތިން ހަމަ މިޖަލްސާ ފެށުމުގެ ސެރަމަނީގައި އަޅުގަނޑު ބައިވެރިވިން. އަދި އެޖަލްސާގައި އަޅުގަނޑުވާނީ ތަޤްރީރުކޮށްފައި. އަޅުގަނޑުގެ ވާހަކައިގައި، އަޅުގަނޑު ދެންނެވިން، ބައިތުލްމަޤްދިސަކީ އެއީ ހަމައެކަނި ފަލަސްޠީނު މީހުންގެ ތަނެއްވެސް ނޫނޭ. އިޒުރާއީލް މީހުންގެ ތަނެއްވެސް ނޫނޭ. އެއީ، ދުނިޔޭގައި ތިބި ހުރިހާ މުސްލިމުންގެ ތަނެކޭ.

މަސްޖިދުލްއަޤްޞާއަކީ އެނގިވަޑައިގަންނަވާނޭ ފަދައިން، މުސްލިމުންގެ ފުރަތަމަ ޤިބްލަ. އަދި މުސްލިމުންގެ އެންމެ މުޤައްދަސް ތަންތަނުގެ ތެރެއިން މަސްޖިދުލްޙަރަމާއި، މަސްޖިދުއްނަބަވީއަށްފަހުގައި ދެން ތިންވަނައަށް އެންމެ މުޤައްދަސް ތަނަކީ މަސްޖިދުލްއަޤްޞާ. އެހެންވީމާ، މަސްޖިދުލްއަޤްޞާއަށް ޒިޔާރަތް ކުރުމަކީ، މަސްޖިދުލްއަޤްޞާގައި ނަމާދު ކުރުމަކީ އެއީ، މުސްލިމުންނަށް ވަރަށް މުހިންމު ކަމެއް. ޙަޤީޤަތުގައި މުސްލިމް ޤައުމުތަކުގެ ރައްޔިތުން ޤުދުސަށް ޒިޔާރަތްކޮށް، މަސްޖިދުލްއަޤްޞާގައި ނަމާދު ކުރުމަކީ އެއީ، ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެން.

އަޅުގަނޑުމެން ފަލަސްޠީނުގެ ރައްޔިތުންނަށް ތާއީދު ކުރުމުގެ ގޮތުން ވަރަށްގިނަ ވާހަކަ ދައްކަން. އެހެން ނަމަވެސް، ޙަޤީޤަތުގައި ފަލަސްޠީނަށް ތާއީދު ކުރުމަކީ، މިއަދު ފަލަސްޠީނުގެ ދައުލަތެއް ބިނާކުރުމަށްޓަކައި ކުރާ މަސައްކަތުގައި ބައިވެރިވުން. މިދިޔަ އަހަރު އ.ދ.ގެ ޖެނެރަލް އެސެމްބްލީގައި މިވަނީ ފަލަސްޠީނަކީ އ.ދ.ގެ އޮބްޒަރވަރ ދައުލަތަކަށް ހަމަޖައްސާފައި. އަޅުގަނޑުމެންގެ އުންމީދަކީ، މުސްތަޤްބަލުގައި ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ހަމަޖެހިގެން އައުން. އަޅުގަނޑުގެ އުންމީދަކީ، ވަރަށް ކައިރި މުސްތަޤްބަލެއްގައި ފަލަސްޠީނު މިނިވަންވެ، އިޒްރާއީލާ ޖެހިގެން ޞުލްޙަވެރިކަމާއެކީގައި އޮންނަ މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ފަލަސްޠީނު ހަމަޖެހިގެން ދިޔުން.

އަޅުގަނޑަށް ލިބުނު އަދި ދިވެހިރާއްޖެއަށް ލިބުނު ވަރަށްބޮޑު ފަޚުރެއް، ވަރަށްބޮޑު ޝަރަފެއް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޙައިޘިއްޔަތުން ފަލަސްޠީނަށް ޒިޔާރަތް ކުރުމުގެ ޝަރަފަކީ. 1967 ވަނަ އަހަރުގެ ފަހުން، ޢަރަބި އިޒްރޭލީ ހަނގުރާމައިގެ ފަހުން އިސްލާމީ ޤައުމެއްގެ ރައީސަކު ފަލަސްޠީނަށް ޒިޔާރަތްކޮށްފައެއްނުވޭ، އުރުދުންގެ ރަސްގެފާނު ފިޔަވައި. އަދި ޚާއްޞަކޮށް، ފަލަސްޠީނުގެ ބައެއް ވަރަށްދަތި ޙާލުގައި މިހާރުހުރި ބައެއް ސިޓީ، ހެބްރޫން. ހެބްރޫނަކީ އެއީ އިބްރާހީމްގެފާނުގެ މިސްކިތް ހުންނަ ރަށް. އެރަށަށް އެއްވެސް ޤައުމެއްގެ ރައީސަކު މިހާތަނަށް ޒިޔާރަތް ކުރައްވާފައެއްނުވޭ. އެހެންވީމާ، އަޅުގަނޑުގެ މިދަތުރަކީ މިއީ، ފަލަސްޠީނުގެ ރައްޔިތުންނަށް ލިބުނު ވަރަށްބޮޑު ހިތްވަރެއް. ދިވެހިރާއްޖެއަކީ ކުޑަކުޑަ ޤައުމެއް ކަމުގައިވިނަމަވެސް، ރާއްޖެއަކީ ސަތޭކައިންސަތޭކަ މުސްލިމް ޤައުމަކަށްވުމާއި، ފަލަސްޠީނު އަބަދުވެސް ތާއީދުކުރާ ޤައުމެއްގެ ޙައިޘިއްޔަތުން ދިވެހިރާއްޖޭގެ ފަރާތުން ފަލަސްޠީނުގެ ރައްޔިތުންނަށް މިދެވުނު ހިތްވަރަކީ، އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުރެވުނު ވަރަށް މުހިންމު ކަމެއް.

މިކަން ގަބޫލު ކުރައްވައި، އެނގިވަޑައިގަންނަވާނޭ ފަދައިން، ފަލަސްޠީނުގެ ސަރުކާރުގެ ފަރާތުން ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ވަނީ ފަލަސްޠީނުގެ ފަރާތުން ދެއްވާ އެންމެމަތީ ލަޤަބް [ސްޓާރ އޮފް ޕަލަސްޓައިން] ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޙައިޘިއްޔަތުން އަޅުގަނޑަށް އަރުވާފައި. އަޅުގަނޑުގެ މިދަތުރުގައި އަޅުގަނޑު ޒިޔާރަތްކުރީމު، ބައިތުލްމަޤްދިސްގައި މަސްޖިދުލްއަޤްޞާއަށާއި އަދި ޤުއްބަތުއްޞަޚްރާއަށް. ޤުދުސްއަކީ އެއީ، އެނގިވަޑައިގަންނަވާނޭ ފަދައިން، މުސްތަޤްބަލުގައި ފަލަސްޠީނު ޤައުމަކަށްވެގެން، ވަކި މުސްތަޤިއްލު ދައުލަތަކަށްވާއިރުގައި، އީސްޓް ޖެރޫސަލަމް ވާނީ އެތާނގެ، އެޤައުމުގެ، އެދައުލަތުގެ ކެޕިޓަލްސިޓީ ކަމަށް އަޅުގަނޑުމެން އުންމީދު މިކުރަނީ. އަޅުގަނޑުމެން ބޭނުންވާ ގޮތަކީ އެއީ. ދިވެހި ދައުލަތުގެ ސިޔާސަތަކީ މިހާރު އޮތް ޕޮޒިޝަނަކީ، ޓޫ ސްޓޭޓް ސޮލިއުޝަނެއް، އެއީ، ދެ ދައުލަތް އެތާނގައި ބިނާވުން. އިޒުރޭލީ ދައުލަތަކާއި ފަލަސްޠީނުގެ ދައުލަތެއް. ފަލަސްޠީނުގެ ދައުލަތް ބިނާވާންޖެހޭނީ 1967ގެ ސަރަޙައްދުގައި، އެ ބޯޑަރލައިންގައި. އަދި އިރުމަތީ ޤުދުސް، އެ ޤައުމުގެ ވެރިރަށް ކަމުގައި. މިއީ އަޅުގަނޑުމެން ބައިނަލްއަޤްވާމީ ގޮތުން މިހާތަނަށް ނަގަމުން އައި ޕޮޒިޝަނަކީ. އަދި ކުރިއަށް އޮތް ތާނގައިވެސް އަޅުގަނޑުމެން ގަބޫލުކުރާ ގޮތަކީވެސް. އެހެންވީމާ، ޤުދުސަށް ޒިޔާރަތް ކުރުމަކީ، އެއީ ވަރަށް މުހިންމު ކަމެއް، ސިޔާސީ ގޮތުންނާއި އަދި ދީނީގޮތުން.

މަސްޖިދުލްއަޤްޞާއަށް އަޅުގަނޑާއި އަޅުގަނޑާ އެކީގައި ވަޑައިގެންނެވި ބޭފުޅުން، ޚާއްޞަކޮށް، އަޅުގަނޑުމެންގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ވަޑައިގެން، މަސްޖިދުލްއަޤްޞާގައި ނަމާދު ކުރެއްވި. މަސްޖިދުލްއަޤްޞާއަކީ އެއީ، އިސްލާމްދީން އައުމުގެ ކުރިންވެސް ހުރި ޢިމާރާތެއް. އެތާނގެ މުސްކުޅި ޢިމާރާތް. މުސްލިމުންގެ ފުރަތަމަ ޤިބްލައަކަށް އެ މިސްކިތް ހަމަޖެހިގެންދިޔައީ. އެއަށްފަހުގައި، އެ މިސްކިތަށް އެކިއެކި ބަދަލުތައް ގެނެވިފައިވޭ. ބޮޑުކުރެވިފައިވޭ އެކިދުވަސްވަރު. މިހާރު މަސްޖިދުލްއަޤްޞާއާ ވިދިގެން އޮތް ބިމުގައި އިޒުރާއީލުގެ ފަރާތުން ކޮންމެވެސްވަރެއްގެ ކޮނުމުގެ މަސައްކަތްތަކެއްވަނީ ހިނގާފައި. މިކަމަކީ މި މިސްކިތަށް ލިބޭ ވަރަށްބޮޑު ނުރައްކަލެއް ކަމަށް ފަލަސްޠީނުގެ ބޭފުޅުން ދެކެވަޑައިގަންނަވަނީ. އެހެންވީމާ، އަޅުގަނޑު މިދިޔަ ކޮންފަރެންސްގެވެސް އެންމެ މުހިންމު މަޤްޞަދަކީ، ފަލަސްޠީނުގައިވާ އިސްލާމީ އަދި ކްރިސްޓިއަން އެކިއެކި ތަންތަން ޙިމާޔަތް ކުރުން. އެތަންތަނަށް ގެއްލުން ނުލިބުން.

މަސްޖިދުލްއަޤްޞާގެ ފަހުން އަޅުގަނޑުމެން ޒިޔާރަތްކުރީ ޤުއްބަތުއްޞަޚްރާއަށް. އެނގިވަޑައިގަންނަވާނޭ ފަދައިން، މިދަތުރު އިއްތިފާޤުން ދިމާވީވެސް ކީރިތި ރަސޫލާގެ އިސްރާއާއި މިޢުރާޖުގެ ދުވަސްވަރުކަމަށް ފަލަސްޠީނުގައި ގަބޫލުކުރާ ދުވަހާ މި ދިމާވީ. ޤުއްބަތުއްޞަޚްރާގައިވެސް ނަމާދު ކުރުމުގެ ނަޞީބު އަޅުގަނޑުމެންނަށް ލިބުނު. އިނގިރޭސިބަހުން އެތާނގެ ނަމަކީ ޑޯމް އޮފް ދަ ރޮކް. ބައެއް ބޭފުޅުންނަށް އެގޮތަށް އެނގިވަޑައިގެންފައި އޮންނާނީ.

ދެން އެއަށްފަހުގައި، އަޅުގަނޑުމެން ދިޔައީމު، ބައިތުލަޙަމަށް. ބައިތުލަޙަމުގައި ޢީސާ ޢަލައިހިއްސަލާމް އުފަންވެވަޑައިގަތް ތަނަށްވެސް އަޅުގަނޑުމެން ޒިޔާރަތް ކުރީމު. އެނގިވަޑައިގަންނަވާނޭ ފަދައިން، އެތަނަކީ އެއީ ވަރަށްގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ތަނެއް. އެއަށްފަހު އަޅުގަނޑުމެން ދިޔައީ ހެބްރޫނަށް. ހެބްރޫނަކީ އެއީ ވަރަށް ހާލުގައި އޮތް ތަނެއް. އިޒްރާއީލުގެ ސެޓްލަރސް، ބޭރުން އައި އެކިއެކި މީސްމީހުން ހެބްރޫންގެ ސިޓީގެ ތެރޭގައި އެކިއެކި ތަންތަންވަނީ ހިފާފައި. ހަތަރުސަތޭކައެއްހާ ބޭރުމީހުން އެތާނގައި އެބަ ދިރިއުޅެމުންދޭ. އެމީސްމީހުން ޙިމާޔަތް ކުރެވިފައިވަނީ، އިޒްރާއީލުގެ ސިފައިންގެ ޙިމާޔަތުގެ ދަށުގައި. ނަތީޖާއެއްގެ ގޮތުން، އެ ސިޓީގެ ތެރޭގައި ދަތުރުފަތުރުކޮށް އުޅުމަކީ އެއީ ވަރަށް އުނދަގޫ ކަމަކަށްވެފައި މި އޮންނަނީ. ހެބްރޫނަކީ އެއީ އިބްރާހީމް ޢަލައިހިއްސަލާމް އަދި އިސްޙާޤުގެފާނާއި، ޔަޢުޤޫބުގެފާނުގެ މަޤްބަރާ ހުންނަ ތަން. އަދި އިބްރާހީމްގެފާނުގެ މިސްކިތް ހުންނަ ތަން. އިބްރާހީމްގެފާނުގެ މިސްކިތަށް ޒިޔާރަތްކޮށް، އެ މިސްކިތުގައިވެސް ނަމާދު ކުރުމުގެ ނަޞީބު އަޅުގަނޑުމެންނަށް ލިބުނު.

އާދެ! މިދެންނެވީ ފަލަސްޠީނުގައި ހުރި އެންމެ މުހިންމު ދީނީ އަދި ތާރީޚީ އެކިއެކި ތަންތަނަށް އަޅުގަނޑުމެން ޒިޔާރަތްކުރި ވާހަކަ. މިތަންތަނަށް ޒިޔާރަތް ކުރުމުގެ މުހިންމު ކަމަކީ، އަޅުގަނޑު ކުރިން ދެންނެވިހެން އެތަންތަން ޙިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި ހިތްވަރުދިނުން. އެކަމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރެއްގައި ބާރުއެޅުން.

މީގެއިތުރުން، އަޅުގަނޑަށް ބިރްޒެއިތު ޔުނިވަރސިޓީއަށް ޒިޔާރަތް ކުރުމުގެ ނަޞީބު ލިބުނު. ބިރްޒެއިތު ޔުނިވަރސިޓީއަކީ އެއީ، ފަލަސްޠީނުގެ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް ފެންވަރު ރަނގަޅު ޔުނިވަރސިޓީއެއް. ވަރަށް ދުވަސްވީ ތަނެއް. ގާތްގަނޑަކަށް މިހާރު އަށްޑިހަވަރަކަށް، ސަތޭކައެއްހާ އަހަރުވެފައި ހުރި ދުވަސްވީ ޔުނިވަރސިޓީއެއް.

އާދެ! މިދަތުރުގައި އަޅުގަނޑަށް ފަލަސްޠީނުގެ ރައީސާއި، ފަލަސްޠީނުގެ އިސްލާމީ ކަންތަކާއި ވަޤްފާބެހޭ ވަޒީރު ޑޮކްޓަރ އަލްޙައްބާސާއި އަދި ބޮޑުވަޒީރާ ބައްދަލުވި. އެނގިވަޑައިގަންނަވާނޭ ފަދައިން، ފަލަސްޠީނުގެ އާ ސަރުކާރު އުފެދުނީ އަޅުގަނޑު އެތާ ހުއްޓާ. ފަލަސްޠީނުގެ ސަރުކާރު މިހާރު ހިނގަމުންދަނީ ރާމަﷲ ގައި. އެހެންވީމާ، އަޅުގަނޑުމެން ތިބީ ރާމަﷲ ގައި. އެތަނުން އަޅުގަނޑުމެންނަށް މިދެންނެވި ބޭފުޅުންނާ ބައްދަލުވުމުގެ ނަޞީބު ލިބުނު. އަދި މީގެއިތުރުން، ފަލަސްޠީނުގެ ރައްޔިތުންނާ ބައްދަލުކުރުމުގެ ނަޞީބުވެސް ލިބުނު.

އާދެ! ފަލަސްޠީނަށް ދިޔުމުގެ މަގުމަތީގައި އަޅުގަނޑަށް ލިބުނު ދެތިން ގަޑިއިރެއް އުރުދުންގައި، ޖޯޑުންގައި. ޖޯޑްންގައި އެވީ ވަގުތުކޮޅުގެ ތެރޭގައި، އަޅުގަނޑަށް މަލިކު ޢަބްދުﷲ އާ ބައްދަލުވުމުގެ ނަޞީބު ލިބުނު. ކިންގ ޢަބްދުﷲ އަޅުގަނޑާ ބައްދަލުކުރައްވައި، ރާއްޖޭގެ ޙާލަތު އޮޅުންފިލުއްވި. އަދި ރާއްޖޭގައި ޑިމޮކްރަސީގެ ކަންތައް ކުރިއަށްދާގޮތާއި، އުރުދުންގައި ޑިމޮކްރަސީ ގެނައުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތާ ބެހޭގޮތުންވެސް އަލިއަޅުއްވައިލެއްވި. އަޅުގަނޑުގެ މިދަތުރުގެ ސަބަބުން ފަލަސްޠީނާއި ޖޯޑުންއިން ކޮންމެވެސްވަރެއްގެ އެހީތަކެއް ރާއްޖެއަށް ލިބޭގޮތަށް މި ހަމަޖެހެނީ. އެގޮތުން، ފަލަސްޠީނުން މި ކުރިއަށް އޮތް ރަމަޟާންމަހު ރާއްޖޭގައި އިމާމުކޮށް ނަމާދުކޮށްދެއްވުމަށްޓަކައި އިމާމުން ފޮނުއްވައިދެއްވުން ހަމަޖެހިފައިވޭ. އަދި މީގެއިތުރުން ވަރަށް ކައިރި މުސްތަޤްބަލެއްގައި ހައެއްކަ ސްޕެޝަލިސްޓް ޑޮކްޓަރުން ރާއްޖެއަށް ފޮނުއްވިދާނެ ކަމަށް ވިދާޅުވެފައިވަނީ. އަދި އަންނަ އަހަރަށް އިތުރު ޑޮކްޓަރުންނާއި ޓީޗަރުން ފަލަސްޠީނުން ލިބިދާނެ ކަމުގެ ވާހަކަވެސް ވަނީ ވިދާޅުވެފައި. ޖޯޑުންއިންވެސް ބައެއް ދީނީ ޢިލްމުވެރިންނާއި އިމާމުން ރާއްޖެއަށް ލިބިދާނެ ކަމަށް ވިދާޅުވި. އަދި ތަޢުލީމާއި ތަމްރީނުގެ ރޮނގުން އެހީތަކެއް ވެވަޑައިގެންދެއްވާނެ ކަމަށް ރަސްގެފާނު ވަނީ ވިދާޅުވެފައި. މީގެއިތުރުން ޚާއްޞަކޮށް، ޑިމޮކްރަސީ ތަޢާރުފް ކުރެއްވުމަށްޓަކައި ޒުވާނުން އެމްޕަވަރ ކުރެއްވުމަށްޓަކައި ބާރުވެރިކުރުވުމަށްޓަކައި ހިންގަވަމުން ގެންދަވާ ޕްރޮގްރާމްތަކާބެހޭ މަޢުލޫމާތު، ރާއްޖެއާ ޙިއްޞާ ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައި.

އާދެ! މިދެންނެވީ ދެން ވަރަށް ކުރުކޮށް އަޅުގަނޑުގެ މި ދަތުރާ ބެހޭގޮތުން ތިޔަބޭފުޅުންނަށް ދަންނަވާލަންހުރި ބައެއް މަޢުލޫމާތު. އެކަމާ ބެހޭގޮތުން އަޅުގަނޑު ބައެއް ސުވާލަށް ޖަވާބު ދަންނަވާނަން.

ޢާއިޝަތު ލީޒާ – އެމް.ބީ.ސީ:

ފަލަސްޠީނަށް މިކުރެއްވި ދަތުރުފުޅުގައި ވިދާޅުވެއްޖެ، މިހާތަނަށް މަޝްވަރާ ކުރެވިފައިވާ ކަންތައްތައް. ވިޔަފާރީގެ ގޮތުން ދެޤައުމުގެ ދެމެދުގައި އެއްވެސް މަސައްކަތްތަކެއް ކުރުމާ ގުޅޭގޮތުން އެއްވެސްވަރަކަށް މަޝްވަރާ ކުރެވިފައިވޭތޯ؟ އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައިވާ ގޮތުން ވެއްޖިއްޔާ، ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއިން ފަންނީ އެހީތެރިކަން ފަލަސްޠީނަށް ފޯރުކޮށްދިނުމާ ގުޅޭ މަޝްވަރާތަކެއް ކުރެވިފައި އޮތީ. އެއީ ކިހާވަރަކަށް ޕްލޭން ކުރެވިފައި އޮތް ކަމެއްތޯ؟

 

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! އަޅުގަނޑުމެން މި ދަތުރުކުރާއިރުގައި، ވަރަށްގިނަ ޤައުމުތަކުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރާފައިވާ ގޮތުން، ރާއްޖޭގައި ފަތުރުވެރިކަމުގެ ތަޖުރިބާ ވަރަށް ބޮޑަށް ހުރި ކަމަށް ގަބޫލުކުރޭ. އަދި އަޅުގަނޑުމެންނަށް އެހެނިހެން ޤައުމުތަކަށް ފަތުރުވެރިކަމުގެ ރޮނގުން ފަންނީ އެހީ ދެވިދާނެ ކަމަށްވެސް ގަބޫލު ކުރައްވާ. އެހެންވީމާ، އެގޮތުން ފަލަސްޠީނަކީވެސް އެއީ ވަރަށްގިނަ ޢަދަދެއްގެ ފަތުރުވެރިންދާ ތަނެއް، އެކިއެކި ޤައުމުތަކުން. އެހެންވީމާ، ފަލަސްޠީނުގައި ފަތުރުވެރިކަމުގެ ރޮނގުން ކުރެވޭނެ މަސައްކަތް އެބަހުރި. ޚާއްޞަކޮށް، އެނގިވަޑައިގަންނަވާނޭ ފަދައިން، ފަލަސްޠީނުގެ ޑެޑްސީގެ ސާޙިލަކީ އެއީ ވަރަށް ޚާއްޞަ ފަތުރުވެރިކަމެއް، ޖޯޑުންއިން މިހާރުވެސް ކުރަމުންގެންދާ ތަނެއް. ފަލަސްޠީނުން އެބާވަތުގެ މަސައްކަތެއް އަދި ކުރަމަކުން ނުގެންދޭ. އެހެން ނަމަވެސް، މުސްތަޤްބަލުގައި އެބޭފުޅުންވެސް އުންމީދު ކުރަނީ، އެކަހަލަ ފަތުރުވެރިކަންވެސް ފެށިދާނެ ކަމަށް. އެހެންވީމާ، އެރޮނގުން އަޅުގަނޑުމެންނަށް އަދި އެތާނގައި ނޫން ނަމަވެސް، އެހެން ތަންތާނގައިވެސް ހޮޓާ ރަނގަޅު ފެންވަރެއްގައި ހިންގުމުގެ ތަޖްރިބާ ދިވެހިރާއްޖެއިން ދެވިދާނެ ކަމަށް އަޅުގަނޑުމެން ވާހަކަ ދެއްކީ.

ދެން ފަލަސްޠީނަކީ އެނގިވަޑައިގަންނަވާނޭ ފަދައިން، ވަރަށްގިނަ ޢަދަދެއްގެ ފަލަސްޠީނު ރައްޔިތުން ވިޔަފާރީގެ އެކިއެކި ޤައުމުތަކުގައި މަސައްކަތްކުރާ ޤައުމެއް. ޚާއްޞަކޮށް، އެފްރިކާ، ލެޓިން އެމެރިކާ ޤައުމުތަކުގައި. އަދި މެދުއިރުމަތީގައިވެސް. އެހެންވީމާ، އޭގެތެރެއިން ރާއްޖޭގައި އިންވެސްޓް ކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށްވެސް ފުރްޞަތު އޮތް ވާހަކަ އަޅުގަނޑު ވާނީ ދަންނަވާފައި.

އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:

މަނިކުފާނު ވިދާޅުވެއްޖެ، ސްޕެޝަލިސްޓް ޑޮކްޓަރުން އަވަސް ފުރްޞަތެއްގައި ފަލަސްޠީނުން އަންނާނެ ވާހަކަ. އަޅުގަނޑުގެ އެއް ސުވާލަކީ އެއީ ކޮން ދާއިރާތަކެއްގެ ޑޮކްޓަރުންތަކެއްތޯ، ކޮންކަމަކަށް ޚާއްޞަ ޑޮކްޓަރުންތަކެއްތޯ؟ ދެން ދާއިމީކޮށް ފަލަސްޠީނުން ޑޮކްޓަރުންނާއި ޓީޗަރުން ގެނައުމުގެ އެއްވެސް ކަހަލަ ވާހަކަތަކެއް އެއްވެސްވަރަކަށް ދެކެވުނުތޯ؟

ދެން ހުއްދަ ދެއްވައިފިއްޔާ މަޥްޟޫޢުން ބޭރުން ދެ ސުވާލު އެބައޮތް އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ފުރަތަމަ މި ސުވާލުތަކަށް ޖަވާބު ދަންނަވާނަން.
ދާއިމީ ގޮތެއްގައި ފަލަސްޠީނުން ޑޮކްޓަރުންނާއި ޓީޗަރުން ގެނެވޭނެ ގޮތެއްވޭތޯ އަޅުގަނޑުމެން ވާހަކަ ދެއްކީ. އެހެންވީމާ، އަންނަ އަހަރުން ފެށިގެން އެ ޕްރޮގްރާމް ފެށްޓޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން. ދެން ޓީޗަރުންގެ ގޮތުގައި އަޅުގަނޑުމެން މި ފާހަގަކުރަނީ ބޮޑަށް، މެތަމެޓިކްސް، ސައިންސް، މި ރޮނގުތަކުން. ޢަރަބި. ދެން ޑޮކްޓަރުންގެ ވާހަކަ އަޅުގަނޑުމެންނަށް ދެންނެވިފައި އޮތީ. އެހެން ނަމަވެސް، އަދި އަޅުގަނޑުމެންނަށް ހެލްތް މިނިސްޓްރީއާ މަޝްވަރާކޮށްފައި ނޫނިއްޔާ، އެކިއެކި ދާއިރާތައް ކަނޑައަޅާކަށް ފަސޭހައެއް ނުވާނެ. މިހާރު އަޅުގަނޑުމެންނަށް ލިބިފައި ހުރި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ޑޮކްޓަރ ޞަމަދާއި އަޅުގަނޑާ ދެމީހުން އެބޭފުޅުންނަށް ދަންނަވާފައި އޮންނާނީ، ހުރި ދާއިރާތަކުގެ ތެރޭގައި، ގައިނަކޮލޮޖީއާއި، ޕީޑިއެޓްރިކްސްއާއި، އިންޓަރނަލް މެޑިސިން، މި ތިން ދާއިރާ އަޅުގަނޑުމެން ދަންނަވާފައި އޮންނާނީ. ދެން އެހެން ނަމަވެސް، އެއީކީ އަދި މުޅިން ހަމަޖެހިފައި އޮތް ކަމެއް ނޫން. އެދާއިރާތައް އަޅުގަނޑުމެންނަށް މިހާރުން މިހާރަށްވެސް ވީހާވެސް އަވަހަކަށް ފަލަސްޠީނުގައި ދެންނެވުން އެއީ މުހިންމު ކަމެއް. އެހެންވީމާ، ހެލްތް މިނިސްޓްރީއާ ވާހަކަ ދައްކައިގެން އަޅުގަނޑުމެން ފޮރިން މިނިސްޓްރީގެ ފަރާތުން އެކަން ކުރިއަށް ގެންގޮސްދެއްވާނެ.

އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:

އަޅުގަނޑުގެ އެއް ސުވާލަކީ، މިދޭތެރެއިން އެންމެ ހޫނުވި އެއް މައްސަލަ، މި ސޯފާ އެގްރީމަންޓެއްގެ ވާހަކަ. ދެން ޑިފެންސް މިނިސްޓަރ ނާޒިމް އެ ޖަވާބު ދެއްވާފައި އެބައޮތް ރައްޔިތުންގެ މަޖިލީހުގައި. އެހެން ނަމަވެސް، ރައީސް އަދި އެއާ ބެހޭގޮތުން ވަކި އެއްޗެއް ވިދާޅުވެފައި ނެތީމާ، ކޮބައިތޯ މަނިކުފާނުގެ ވިސްނުންފުޅުގައި، އެ އެގްރީމަންޓްގައި ސޮއިކޮށްފިނަމަ، އެއީ އަދި ޑްރާފްޓެއް. ކޮށްފިނަމަ ރާއްޖެއަށް ލިބޭނެ ގެއްލުންތަކަކީ. ދެން އެމެރިކާއިން މިހާރު އެ ނުކުރެވޭނެ ކަމަށް ދަންނަވާފައި އޮތް ކަމަށް ސަރުކާރުގެ އިސް އޮފިޝަލުން ވިދާޅުވެފައި. އެބޭފުޅުންގެ ވިސްނުންފުޅަކީ މިހާރު ކޮބައިތޯ؟ އެމެރިކާގެ އިތުރަށް އެ އެގްރީމަންޓް، މި ޑްރާފްޓް ބަދަލުކުރަން އެބޭފުޅުން އެބައޮތްތޯ ހުށަހަޅުއްވާފައި.

ދެވަނަ ކަމަކަށް ރޭގައިވެސް މަނިކުފާނު ވިދާޅުވި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސްގެ މަޤާމުގައި މިހާރު ހުންނެވި މުޙަންމަދު ފަހުމީ ޙަސަނާ ބެހޭގޮތުން އެބޭފުޅާ އަމިއްލައަށް ގޮތެއް ނިންމަވާނީ، ނިންމަވަންވާނީ އެބޭފުޅާ އަމިއްލައަށޭ. އެހެން ނަމަވެސް، ބަންޑާރަ ނައިބުގެ ލަފާ އެބައޮތް ކަމަށް ވަނީ ރައީސް އޮފީހަށް ދެއްވާފައި. ކޮބައިތޯ ދައުލަތުން މުސާރަ ދެއްވާއިރުގައި، މި ތަފާތު ކޯޅުމެއްގެ ތެރޭގައި މި ތިން ބާރުގެ ތެރެއިން މިދަނީ ފަހުމީގެ މައްސަލައިގައި. ރައީސް އޮފީހުން ސީދާ އޭގައި ފިޔަވަޅު އަޅުއްވަން އެއްވެސްވަރަކަށް ޤަޞްދު ކުރައްވަންތޯ. ނުކުރައްވަނީ ކީއްވެގެންތޯ، އެކަން ނުކުރައްވާނަމަ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ސޯފާ އެގްރީމެންޓާ ބެހޭގޮތުން މިހާރު އަދި ސޯފާ އެގްރީމަންޓެއް ނެތް، އެހެން ނޫންތޯ. ޑްރާފްޓެއް އެމެރިކާ ސަރުކާރުން ދިވެހި ސަރުކާރަށް ހުށަހެޅުއްވި. އެ ޑްރާފްޓް އަޅުގަނޑުމެން ބެލީމު. ބެލިއިރުގައި އެ ޑްރާފްޓަކީ އެއީ، މިހާރު އޮތްގޮތަށް ދިވެހި ސަރުކާރުން ސޮއިކުރެވޭނެ އެއްޗެއް ނޫން. އެހެންވީމާ، އެވާހަކަ ވާނީ އަޅުގަނޑުމެން ދަންނަވާފައި. އެ ޑްރާފްޓްގައި ހުރި ކަންތައްތައް ދިރާސާ ކުރަމުން އެ ގެންދަވަނީ ޑިފެންސް މިނިސްޓްރީގެ ފަރާތުން. ކޮންމެހެން އެ އެގްރީމަންޓަކީ އެއީ މިހާރުން މިހާރަށް ސޮއިކުރަންޖެހޭ އެއްޗެއްވެސް ނޫން. އެބޭފުޅުން އެކަން ކުރައްވަން ޤަޞްދު ކުރެއްވީ، ރާއްޖެއަކީ ހަމަ މިވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި، އާދަކޮށް އެމެރިކާގެ ސިފައިން އައިސް ރާއްޖޭގެ ސިފައިން ތަމްރީނުކޮށްދިނުމާއި، ރާއްޖޭގެ ކަނޑުތައް ޙިމާޔަތްކޮށްދިނުމަށްޓަކައި ކޯސްޓްގާޑާއެކީ މަސައްކަތް ކުރުމާ، މިހެންހުރި ކަންތައްތަކެއް ކުރައްވަމުން ގެންދަވާ ބަޔަކަށްވާތީ، އެކަންކަމާބެހޭ އެއްވެސްކަހަލަ އެގްރީމަންޓެއް ރާއްޖެއާ ކުރެވިފައި ނެތީމާ، އެބޭފުޅުން އެގްރީމަންޓެއް ކުރައްވަން ޤަޞްދު ކުރައްވައިގެން އުޅުއްވަނީ. ދެން ވާނެގޮތަކީ ކޮންމެ ބަޔަކުވެސް އެބަޔަކު ހުށަހަޅާ އެއްޗެއްގައި، އެމީހުން ބޭނުންވާ ހުރިހާ ކަމެއް ހިމަނާނެ. އެއީ ކޮންމެހެން އަޅުގަނޑުމެންނަށް ގަބޫލުކުރަންޖެހޭ ކަންކަމެއް ނޫން. އެހެންވީމާ، މިވަގުތު އަދި އެ އެގްރީމަންޓައިގެން ކުރިއަށްދާކަށް އަޅުގަނޑުމެން ޤަޞްދުކޮށްފައެއް ނެތް. އަދި އެކަމާބެހޭ ވާހަކަތަކެއް އެމެރިކާއާއެކީ ނުވެސް ދެކެވޭ.

އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:

ފަހުމީ މައްސަލައިގައި އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ފަހުމީ މައްސަލައަކީ ތިއީ ވަރަށް އުނދަގޫ މައްސަލައެއް ދެން އިނގޭތޯ. ސަރުކާރުގެ ބާރުތައް، ދައުލަތުގެ ބާރުތަކުގެ ތެރޭގައި އުފެދޭ މައްސަލަތައް ޙައްލުކުރެވޭނެ އެންމެ ޞުލްޙަވެރި ގޮތްތަކެއް އަޅުގަނޑުމެން ހޯދަންޖެހޭނީ. މިހާރު މި މައްސަލައިގައި މިއޮތީ ސުޕްރީމް ކޯޓާއި މަޖިލީހާ ޚިޔާލު ތަފާތުވެފައި. މިކަހަލަ ކަންތައް މިހާ ހިސާބަށް ދިޔުމުން، ދެން އެކަންކަމުގައި ޖެހޭ އެބަ ފަރުދުންވެސް އެމީހުން ޞުލްޙަވެރިކޮށް ކަންކަން ނިންމުމަށްޓަކައި މަސައްކަތް ކޮށްދޭން. ކޮންމެ ކަމެއްގައި ރައީސުލްޖުމްހޫރިއްޔާ ނޫނީ ސަރުކާރު ތާށިވާގޮތަށް ކަންކަން ކުރުމަކީ އެއީކީ އެންމެ ރަނގަޅު ގޮތެއް ނޫން. ދެން މީގައި ތިޔަ ވިދާޅުވިހެން ބަންޑާރަ ނައިބު ވަނީ ލަފާ ދެއްވާފައި. ހަމައެހެން، އެއާ އެކީގައި ސުޕްރީމް ކޯޓުން މިވަނީ ވިދާޅުވެފައި، ފަހުމީއާ ބެހޭގޮތުން ވަކިގޮތަކަށް. އެހެންވީމާ، މީގައި އެންމެ ރަނގަޅު ގޮތެއް ކަމަށް އަޅުގަނޑު ދެކެނީ، ފަހުމީ އިސްނަންގަވައިގެން މިކަމުގައި ޙައްލެއް ހޯއްދެވުން. އެއީ އަޅުގަނޑުގެ ޕޮޒިޝަނަކީ. ދެން މީގައި ރައްޔިތުންގެ މަޖިލީހުން މިކަންތައް ކުރިއަށް ގެންދަވާ ގޮތަކާ ގުޅިގެން ދެން އަޅަންޖެހޭ ފިޔަވަޅެއް އަޅުގަނޑު އަޅާނީ.

އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:

ދެވަނަ ސުވާލު އިނގޭތޯ. މަޖިލީހުން ނަމެއް ފާސްވެ، މިހާރު އެބައޮތް ދެން ޝޯޓްލިސްޓްކޮށްފައި، ނަންތަކެއް ހުށަހަޅުއްވާފައި އެބައޮތް ސިވިލް ސަރވިސް ކޮމިޝަންގެ ރައީސްގެ ހުސްވެފައި އޮތް މަޤާމަށް. ބޭފުޅަކު ހޮއްވަވައިފިއްޔާ އެހިސާބުން ސަރުކާރުން ކޮންގޮތަކަށްތޯ ޢަމަލު ކުރައްވާނީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! އެހާ ހިސާބުން ދެން އަޅުގަނޑު އަނެއްކާވެސް މަޝްވަރާ ކުރާނަން، ބަންޑާރަ ނައިބާވެސް، އަދި ޖުޑީޝަރީއާވެސް. ދެން އެހިސާބުން އެނގޭނީ ދެން ހަދާނެގޮތެއް.

މުރުޝިދު ޢަބްދުލްޙަކީމް – ސަން އޮންލައިން:

ޖީ.އެމް.އާރު އެގްރީމަންޓްގެ މައްސަލައިގައި މަނިކުފާނު ވަރަށް ބޮޑަށް ކޯލިޝަންގައި ހިމެނޭ ޕާޓީތަކާ މަޝްވަރާ ކުރަމުން ގެންދެވީ. ހަމައެހެންމެ، ޕާޓީތަކުން އެދޭ ގޮތް ހޯއްދަވަންވެސް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި. އެއްވެސް ފަރާތަކުން ޚާއްޞަކޮށް، ޕީ.ޕީ.އެމުން މަނިކުފާނަށް ހުށަހެޅުއްވިތޯ، އެގްރީމަންޓާއިގެން ކުރިއަށް ނުގޮސް މަޝްވަރާ ކުރުމަށް. ނުވަތަ އެހެން އެއްވެސް ޕާޓީއަކުންވެސް ހުށަހަޅާފައިވޭތޯ އެގްރީމަންޓާއިގެން ކުރިއަށް ދެވޭނެގޮތެއް ހޯދުމަށް.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ދެން މިހާރު ތިކަންވެސް ހަމަ މުޅިން އަޅުގަނޑުގެ ބޮލަށް. ދެން ތިޔަ ވިދާޅުވިހެން ތިކަން ނިންމުމުގައި އަޅުގަނޑު ވާނީ ހަމަ ހުރިހާ ސިޔާސީ ޕާޓީތަކާ މަޝްވަރާ ކޮށްފައި. ދެން ތެދެއް، އެމް.ޑީ.ޕީ.އާއެކު މަޝްވަރާއެއް ނުކުރެވޭ. އޭގެ ސަބަބުވެސް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެހެން ނަމަވެސް، އެހެން ހުރިހާ ޕާޓީތަކާ، އެހުރިހާ ޕާޓީތައް ތިއްބެވީވެސް އޭރު ކޯލިޝަންގެ ތެރޭގައި. އެހެންވީމާ، އަޅުގަނޑު ހުރިހާ ބޭފުޅުންނާ މަޝްވަރާ ކުރިން. އަދި މަޝްވަރާގެ އިތުރުން، ހުރިހާ ބޭފުޅުން ބޭނުންފުޅުވާގޮތް ލިޔުމުން އަޅުގަނޑު ވާނީ ހޯދާފައި. އެއްވެސް ފަރާތަކުން ވިދާޅެއްނުވޭ، ތިޔަ އެގްރީމަންޓް ބާޠިލް ނުކުރާށެކޭ. އަދި ތިޔަ އެގްރީމަންޓް ބާޠިލްނުކޮށް ވާހަކަ ދައްކައިގެން ތިޔަކަން ހަމަޖެއްސޭތޯ ބަލާށެކޭ. އެހެންވީމާ، އެބޭފުޅުންގެ ލަފާފުޅުގެ މަތިން އަޅުގަނޑު އަޅަންޖެހޭ ފިޔަވަޅެއް އަޅާފައި އެއޮތީ. ދެން އެއީ އަޅުގަނޑަށް ހީވަނީ ދެން މިހާރު ކޮންމެހެން ދައްކަންޖެހޭ ވާހަކައެއްވެސް ނޫންހެން. ނިމިފައި އޮތް މައްސަލައެއްހެން ތިއީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޤައުމަށް އެންމެ ރަނގަޅު ގޮތަށް އެކަން ގޮއްސަ އެއޮތީ.

ޙުސައިން އަމީން ނަޞީރު – ދި ޓީ.ވީ:

އަޅުގަނޑުގެ އެބައުޅޭ ދެ ސުވާލެއްވަރު، މަނިކުފާނުގެ އިޒުނަފުޅު އޮތިއްޔާ. ފުރަތަމަ ސުވާލަކީ، މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން އަޅުގަނޑުމެންނަށް އަޑުއިވިގެންދިޔަ، މަނިކުފާނު ވިދާޅުވި އަޑު، ސަޕްލިމެންޓަރީ ބަޖެޓެއްގެ ވާހަކަ. އެހެން ނަމަވެސް، މި ދައުރަށް މިހާރު މަޖިލިސް ހުޅުވިގެންދިޔައިރުވެސް އަދި އަޅުގަނޑުމެންނަށް ބަޖެޓް މަޖިލީހަށް ހުށަހެޅިގެންދިޔަ ތަނެއް ނުފެނޭ. ދެން ބައެއް މަޢުލޫމާތުތައް ބުނާގޮތުން، ވަޒީރުންގެ މަޖިލީހުގައި ބަޖެޓާ ބެހޭގޮތުން މަޝްވަރާ ކުރެވިފައިވަނީ. ކޮބައިތޯ ކިހާ ހިސާބެއްގައި ބަޖެޓް ހުށަހެޅިގެންދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިހާރު ސަޕްލިމެންޓަރީ ބަޖެޓެއްގެ ޑްރާފްޓެއްވަނީ ތައްޔާރު ކުރެވިފައި. ދެން އެކިއެކި މިނިސްޓްރީތަކުން އެއާ ބެހޭގޮތުން ވިދާޅުވާންޖެހޭ އެއްޗެއް މިހާރު ވިދާޅުވަމުން އެ ގެންދަވަނީ. ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅުމުގެ ކުރިންވެސް ބަޖެޓްގެ ކަންތައް ޙައްލު ކުރެވެންހުރި ގޮތްގޮތް ފިނޭންސް މިނިސްޓަރ އެ ގެންދަވަނީ ބައްލަވަމުން. އެގޮތުން، އެނގިވަޑައިގަންނަވާނޭ ފަދައިން މިހާރު ބަޖެޓަށް އެންމެ ބޮޑަށް އުނދަގޫވެގެން މިއުޅޭ އެއް މައްސަލައަކީ އެއީ، ރިކަރެންޓް ބަޖެޓުން ބައެއް ކަނޑުއްވާލައްވާފައި، އެކިއެކި މަޝްރޫޢުތަކަށް ލެއްވީމަ. އެހެންވީމާ، ޢާންމުކޮށް އަޅުގަނޑުމެން ސަރުކާރު ހިންގުމަށްޓަކައި ބޭނުންވާ ބަޖެޓް އަޅުގަނޑުމެން އަންދާޒާކޮށް ހުށަހެޅުމުން، އެ ބަޖެޓް ވަރަށްބޮޑުތަން ކުޑަކުރައްވާފައި، އެބައި ޕީ.އެސް.އައި.ޕީ.އަށް ލެއްވުމުގެ ސަބަބުން ދިމާވެގެން އުޅޭ ވަރަށް ބޮޑެތި ދަތިތަކެއް އެބައުޅޭ. އެހެންވީމާ، އެކަން ޙައްލު ކުރެއްވޭތޯ ފުރަތަމަ ފިނޭންސް މިނިސްޓަރ މަސައްކަތް ކުރައްވަމުން އެގެންދަވަނީ، މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ މަޝްވަރާ ކުރައްވައިގެން. އެހެންވީމާ، އެކަން ކުރެއްވުމުން އަޅުގަނޑަށް ހީވަނީ އެކަމާ އަދި މިހާރު އަޅުގަނޑުމެން ހުށަހަޅާފައިވާ ރެވެނިއު ބިލްތައް ފާސްވުމުން، މިހާރު ހުރި ދަތިތައް ވަރަށް ބޮޑަށް ޙައްލުވެގެންދާނެ. ދެން ކޮންމެ ގޮތެއްވިޔަސް، މިއަހަރަކީ އިންތިޚާބީ އަހަރަކަށްވުމާއި އަދި ހަމަ އެހެން ރާއްޖޭގެ ޑެފިސިޓް ކުޑަކުރުމަށްޓަކައި ވަރަށްބޮޑު، ވަރަށްބުރަ މަސައްކަތްތަކެއް ކުރަމުންގެންދާ އަހަރަކަށްވުމާ އެކުގައި، މާބޮޑަށް ޚަރަދުތައް ބޮޑުކުރުމަކީ ބަޖެޓް، އާ ބަޖެޓަކުން ޚަރަދު ބޮޑުކުރުމަކީ އެއީކީ، އަޅުގަނޑުމެންގެ މަޤްޞަދެއް ނޫން. އަޅުގަނޑުމެން މިއަހަރުގެ ދެން އޮތް ތާނގައިވެސް މަސައްކަތް ކުރަމުން ގެންދާނީ، ވީހާވެސް އިޤްތިޞާދުކޮށްގެން، ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫނިއްޔާ ނުކޮށް، ޑެފިސިޓް ކުޑަކުރެވޭތޯ.

ޙުސައިން އަމީން ނަޞީރު – ދި ޓީ.ވީ:

އަޅުގަނޑުގެ އަނެއް ސުވާލަކީ، ސަރުކާރަކީ ކޯލިޝަންގެ ސަރުކާރެއް ގޮތުގައި އުފެދިގެން އަޅުގަނޑުމެންނަށް އަދާ ހަމައަށް މި ފެނިގެން މިދަނީ. ހަމައެއާއެކީގައި ކުރިމަތިވަމުން މިދަނީ އިންތިޚާބީ ދުވަސްވަރަކަށްވާތީއާ އެކީގައި، ބައެއް ބޭފުޅުން، އެބޭފުޅުންގެ ސިޔާސީ ކުރިމަގު ބައްޓަން ކުރުމަށްޓަކައި ބައެއްކަހަލަ ނިންމުންތައް ނިންމަވާތަން އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ. އަދި އެފަދަ ނިންމުންތައް ނިންމަވާއިރުގައި، ބައެއް ޕާޓީތަކުން އެބޭފުޅުންނާމެދު ފޯރުވޭ އެކިއެކި ޑިޒިޝަންތައް ނަގާ މަންޒަރުވެސް އެބަ ފެނިގެންދޭ. އެގޮތުން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް މީޑިއާގައި ފާހަގަކުރެވޭ، ޓުއަރިޒަމްގެ މިނިސްޓްރީގެ ނައިބު އަދި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މަޤާމުން ވަކިކުރެއްވުމަށް ހުށަހަޅުއްވާ ކަމަށް. އެއްވެސްވަރަކަށް މަނިކުފާނު އެކަމަށް ގޮތެއް ނިންމަވައި، އަދި މިހާތަނަށް ނިންމަވާފައިވޭތޯ. ކޮބައިތޯ އެކަންތައް އޮތް ހިސާބަކީ. އަދި ހަމަ އެއާ ގުޅުންހުރި ސުވާލެއް. ސަރުކާރުގެ ތެރޭގައި އަޅުގަނޑުމެންނަށް އަދި މިހާތަނަށް ރައީސުލްޖުމްހޫރިއްޔާ ވާދަކުރައްވާއިރުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބެއް ކަނޑައަޅުއްވާފައިނުވޭ. އެހެން ނަމަވެސް، ޢާންމުންގެ ތެރޭގައި ކޮންމެވެސްވަރަކަށް މެސެޖްތައް ޕާސްކުރެވެމުންދޭ. ކޮންމެވެސްވަރެއްގެ ޚިޔާލު ތަފާތުވުންތަކެއް ނައިބު ރައީސެއް ކަނޑައެޅުއްވުމުގައި އުޅުއްވުގައި. އެއަށްވެސް ޖަވާބު ދެއްވުން އެދި.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ތިޔަ ވިދާޅުވިހެން މިއީ ކޯލިޝަން ސަރުކާރެއް. ކޯލިޝަންގެ ބައިވެރިވާ އެކިއެކި ޕާޓީތަކުގެ ބޭފުޅުން މި ތިއްބެވީ. ދެން އެބޭފުޅުންގެ ނަންތައް ހުށަހެޅުއްވީވެސް ޕާޓީތަކުން. އެހެންވީމާ، ޕާޓީއަކުން މިހާރު ދެން ތިމަންނަމެން ބޭނުންވަނީ މި މަޤާމު މިވެނިގޮތަކަށް ބަދަލުކުރާށޭ ވިދާޅުވީމާ، އެކަމަށް އަޅުގަނޑު އެބަޖެހޭ އަޑުއަހަން. އެވާހަކަ އަޑުއަހަންޖެހޭ. އެއީ އަޅުގަނޑުގެ ކޯލިޝަންގައި ބައިވެރިވާ ޕާޓީތަކުގެ ބޭފުޅުން، ޕާޓީތަކުގެ ފަރާތުން އެދޭ ކަންތައްތައް އަޅުގަނޑު ކޮށްދެވޭތޯ ބަލާނަން ވީހާވެސް ބޮޑަކަށް. އެހެންވީމާ، އެގޮތުން ތިޔަ ވިދާޅުވި މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާ ބެހޭގޮތުން މިހާރު ޤައުމީ ޕާޓީން ވަނީ ކަންތައްތަކެއް ހުށަހަޅުއްވާފައި. ދެން އެކަންތައް، އަޅުގަނޑު އިއްޔެ މިއައީ. އެހެންވީމާ، އެކަމާ ބެހޭގޮތުން އަޅުގަނޑު މިއަދު އިރާދަކުރެއްވިއްޔާ، އަޅުގަނޑު ބަލާނަން ހުށަހަޅުއްވާފައި އޮތް ކަންތައްތަކަކީ ކޮބައިތޯ. ކޮންކޮން ބޭފުޅުންގެ ނަންފުޅުތަކެއްތޯ ހުށަހަޅުއްވާފައި ހުރީވެސް.
އާދެ! މިހާރު ދެން އަޅުގަނޑުވެސް ރިޔާސީ އިންތިޚާބަށް ނުކުންނާނެ ވާހަކަ ވާނީ ދަންނަވާފައި. އެހެންވީމާ، އެއީކީ ދެން އާ ވާހަކައެއް ނޫން. އެހެން ނަމަވެސް، އަޅުގަނޑުގެ މަސައްކަތް އަދި ނުފެށޭ. ދެން މިހާރު އެހެން ބޭފުޅުން ވަރަށްބޮޑުތަން ނިންމަވައިގެން އެ ތިއްބެވީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ އެކަމާ ބެހޭގޮތުން އަޅުގަނޑުމެން މާދަމާ އޮންނަ ޕްރެސް ކޮންފަރެންސެއްގައި އަޅުގަނޑު އެއާބެހޭ މަޢުލޫމާތު ދަންނަވާނަން. އަޅުގަނޑު އުންމީދު ކުރަން، ތިޔަ ހުރިހާ ބޭފުޅުންވެސް ވަޑައިގަންނަވާނެ ކަމަށް.

އަދި އިތުރު އެއް ސުވާލެއް، ދެސުވާލެއް. އަދި އިތުރު ދެސުވާލު.

އަޙްމަދު ރިފާޢު – ވީ.ޓީ.ވީ:

އަޅުގަނޑުގެވެސް މައިގަނޑު ދެސުވާލު އެބައޮތް. މަނިކުފާނު އެހެންވީމާ އިޒުނަފުޅު ދެއްވާފައިވާތީވެ، އަޅުގަނޑު މަޥްޟޫޢުން ބޭރުން ދެސުވާލު އަޅުގަނޑު މިކޮށްލަނީ. އެއީ ފުރަތަމަ ސުވާލަކީ މަނިކުފާނުގެ މި ސަރުކާރު އަޅުގަނޑަށް ވަރަށް ބޮޑަށް ފާހަގަކުރެވޭ، ބައެއް މުއައްސަސާތަކަށް ބޭފުޅުން ޢައްޔަން ކުރެއްވުމާއި އަދި އެބޭފުޅުންގެ މަސައްކަތްތައް ހިނގުން ލަސްވާކަން. ޚާއްޞަކޮށް، ޕޮލިސް އިންޓަރގްރިޓީ ކޮމިޝަން ވަރަށް ދުވަސްވެއްޖެ މެންބަރަކު ހަމަނުވެގެން މަސައްކަތްތައް ރަނގަޅަށް ހިނގައިނުގަނެވިފައި ހުންނަތަން. އެބޭފުޅުން އެބަ ވިދާޅުވޭ، ޗުއްޓީއަށް މެންބަރުންނަށް ނުދެވޭ ކަމަށް. ހަމައެއާއެކު، އަޅުގަނޑަށް އެބަ ފާހަގަކުރެވޭ، ކަސްޓަމްސް އިންޓަރގްރިޓީ ކޮމިޝަން. މަޖިލީހުން މެންބަރަށް ރުހުން ދެއްވާފައި އޮތީ. ސަރުކާރުން ބަޖެޓްގެ މައްސަލަ އުޅޭތީ މަސައްކަތް ހިނގައިނުގަނެވިފައި އޮތް ކަމަށް ތިޔަ ވިދާޅުވަނީ. ހަމަ އެއާއެއްކޮށް، ހޯމް މިނިސްޓަރު ވަކިކުރެއްވި ފަހުންވެސް ދުވަސްގަނޑެއް ވެގެން މިދަނީ. ވަޒީރަކު ޢައްޔަން ކުރެއްވި ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ. ވަރަށް ބޮޑަށް ސަރުކާރުން މިކަހަލަ މަޤާމުތައް ޢައްޔަން ކުރެއްވުންވެސް ސްލޯކަން ފާހަގަކުރެވޭ. ކޮބައިތޯ މި މަޤާމުތަކަށް ބޭފުޅުން ޢައްޔަން ކުރެއްވުން މިހާ ބޮޑަށް ލަސްވެގެންމިދާ ސަބަބަކީ؟ އަދި ޚާއްޞަކޮށް، ޕޮލިސް އިންޓަރގްރިޓީ ކޮމިޝަންގެ މެންބަރަކު ހަމަނުޖެހި، މިހާ ދިގުލައިގެން މިދަނީ، ކޮބައިތޯ މީގެ ސަބަބަކީ؟ ފުރަތަމަ ސުވާލުގެ ޖަވާބު ދެއްވީމަ، އަޅުގަނޑު ދެވަނަ ސުވާލާއިގެން ކުރިއަށްދާނީ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ޕޮލިސް އިންޓަރގްރިޓީ ކޮމިޝަނަށް މިހާރުވާނީ އިޢުލާނު ކުރެވި ބޭފުޅުންގެ ނަންތައް ލިބިފައި. އާދެ! މިހާރު ދެން މަޖިލީހުން އިރާދަކުރެއްވިއްޔާ މާލަހެއްނުވެ އަޅުގަނޑު ނަން ފޮނުވާނަން. ދެން ތިޔަ ވިދާޅުވީ، ކަސްޓަމްސް އިންޓަރގްރިޓީ ކޮމިޝަން. މިހާރު ކަސްޓަމްސް އިންޓަރގްރިޓީ ކޮމިޝަންގެ ކަންތައް ހަމަޖެހުނުއިރުގައި، އެބޭފުޅުންނަށް ބަޖެޓެއް ހަމަޖެހިފައެއް ނެތް. ދެން ވާނެގޮތަކީ އަޅުގަނޑުމެންނަށް ޚަރަދު ކުރެވޭނީ، ޚަރަދުކުރަން ބަޖެޓް ކުރެވިފައި ހުރި ކަންކަމަށް. ބަޖެޓްގައި ނުހިމެނޭ ކަންތައްތައް ކުރުމަކީ އެއީ، އަޅުގަނޑުމެންނަށް ފަސޭހަ ކަމެއް ނޫން. އެހެންވީމާ، ބަޖެޓެއް ލިބިގެން އެކަން އަޅުގަނޑުމެންނަށް ކުރެވޭނީ. އެއީ ކޮންމެ ކޮމިޝަނެއްވެސް އަދި މިހުންނަނީ ބޮޑެތި ޚަރަދުތަކަކާ އެކީގައި. މުސާރަފުޅުތަކަކާ އެއްޗެހިވެސް ހަމަޖެހި. އެހެންވީމާ، އެކަންކަން އަޅުގަނޑުމެން ބަޖެޓްގައި ނުހިމެނޭ ކަންތައްތައް ކުރުމުގެ ސަބަބުން މިހާރަށްވުރެވެސް ބޮޑަށް ބަޖެޓަށް އުނދަގޫ ތާށިތައް ވަމުން މިދަނީ. އެހެންވީމާ، އެކަން އިރާދަކުރެއްވިއްޔާ، ބަޖެޓެއް ލިބުނުހާ އަވަހަކަށް އެކަންވެސް ހަމަޖެހިގެންދާނީ.

ދެން ހޯމް މިނިސްޓަރެއް އަޅުގަނޑު ހަމަޖައްސަން ވިސްނަން. އެހެން ނަމަވެސް އަދި އަޅުގަނޑަށް ހޯމް މިނިސްޓަރަކަށް ހަމަޖައްސާނެ ބޭފުޅެއް މުޅިން އަޅުގަނޑަށް އަދި ނުފެންނާތީ، ހަމަނުޖައްސާ މިވަނީ ލަސްކުރެވިފައި. ދެން މިނިސްޓްރީ އަޅުގަނޑު ޙަވާލުކޮށްފައި ވާނީ ވަރަށް ޤާބިލް ބޭފުޅަކު. އެހެންވީމާ، މީގައި އެންމެ މުހިންމު ކަމަކީ މީހުންނެއް ނޫން. އެތަނުން ކުރަންޖެހޭ މަސައްކަތް ކުރެވުން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އެ މަޤާމަށް ޚާއްޞަކޮށް މިނިސްޓަރެއް އަދި ހަމަނުޖެއްސުނަސް، އެ މިނިސްޓްރީގެ މަސައްކަތަކަށް އިތުރު ހީނަރުކަމެއް އައި ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން.

އަޙްމަދު ރިފާޢު – ވީ.ޓީ.ވީ:

އަޅުގަނޑު އަދި ދެވަނަ ސުވާލު އޮތް ވާހަކަ ދަންނަވާލަން.

އަޅުގަނޑުގެ ދެވަނަ ސުވާލަކީ ނެކްސްބިޒްގެ މައްސަލަ. މިއީވެސް ވަރަށް ބޮޑަށް ހޫނުވެގެންދިޔަ މައްސަލައެއް މީގެކުރިން. މިހާރު މި މައްސަލަ ސުޕްރީމް ކޯޓުގައި މިއޮތީ. ދެން ހަމައެއާއެކު، ނެކްސްބިޒްގެ މައްސަލަ މިގޮތަށް އޮއްވައި، އަޅުގަނޑުމެންނަށް ފެނުނު ސަރުކާރުން ބޯޑަރ ކޮންޓްރޯލް ސިސްޓަމެއް ޤާއިމް ކުރުމަށް، ހިލޭ ޤާއިމް ކުރުމަށްޓަކައި އެމެރިކާ ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކުރިތަން. އެ އެއްބަސްވުމުގައި ސޮއިކުރިފަހުން އަޅުގަނޑުމެންނަށް މިހާރު އަޑުއިވެމުން މިދަނީ، ރާއްޖޭގައި ހުރި އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ފިޔަވައި އެހެން އެއަރޕޯޓްތަކުގައިވެސް ނެކްސްބިޒްގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމް މަސައްކަތް ކޮށްފައިވާކަން. އަޅުގަނޑަށް އެ މަޢުލޫމާތު ލިބިފައިވަނީ. އޭ.ސީ.ސީ.އިން އެކަމާ ދެކޮޅުހަދަމުން އެބަދޭ. މަނިކުފާނު ސަރުކާރުން ކީއްވެގެންތޯ، މިހާބޮޑަށް ނެކްސްބިޒްގެ މައްސަލައިގައި މި ދޫ ދެއްވަނީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ތިއީ ވަރަށްބޮޑު ވާހަކައެއް. އަޅުގަނޑަށް އެނގޭ އަޅުގަނޑާ ދިމާއަށް ތިޔަބޭފުޅުން ތިހެން ހީކުރައްވާކަން މި މައްސަލައިގައި. އެހެން ނަމަވެސް، ޙަޤީޤަތަކީ ކޮބައިތޯ. ރާއްޖެއަށް މަހަކު އެބަ ވަދޭ ތިންހާހެއްހާ ބިދޭސީން އިތުރަށް. ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި ރާއްޖޭގައި އުޅޭނެ، ދިވެހިރާއްޖޭގެ ރައްޔިތުންނަށްވުރެ ގިނައިން ބިދޭސީން. މިހާރުވެސް މަސައްކަތްކުރާ ޢުމުރުފުރާގެ ދިވެހި ފިރިހެނުންނަށްވުރެ ގިނައީ ބިދޭސީން. މީގެ ސަބަބުން ވަރަށް ބޮޑެތި މައްސަލަތައް ރާއްޖޭގައި ކުރިމަތިވަމުން މިދަނީ. މީގެ ނުރައްކާތެރިކަން އަޅުގަނޑަށް ހީވަނީ ތިޔަބޭފުޅުންނަށްވެސް އަދި އަޅުގަނޑަށްވެސް ރަނގަޅަށް ނުވިސްނުމަކީ އެކަށީގެންވާ ކަމެއްހެން. މީގެ ސަބަބުން ނުކުންނަ އިޖްތިމާޢީ މައްސަލަތައް. ޚާއްޞަ ގޮތެއްގައި، މިކަމަކީ މިއީ އަޅުގަނޑުމެން ކޮންޓްރޯލް ކުރަންޖެހޭ ކަމެއް. މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، މަސައްކަތުގެ ކޯޓާ ދިނުމުގެ ނަމުގައި ބަޔަކު ވަނީ ވަރަށް ބޮޑެތި ޖަރީމާތަކެއް ހިންގާފައި. މިކަން ތިޔަބޭފުޅުން ތަޙުޤީޤު ކުރައްވަބައްލަވަ. ބައްލަވާލައްވާ، ކީއްވެގެންތޯ މިހާ ގިނަ ޢަދަދެއްގެ މީހުން ރާއްޖެއަށް ވަދެ، ޤާނޫނާއި ގަވާއިދުތަކާ ޚިލާފަށް ރާއްޖޭގައި އުޅެމުން މިގެންދަނީ. އެއީ ކޮންބަޔަކު ދޫ ދޭތީތޯ. ކޮންބައެއްތޯ ކޯޓާ ވިއްކަނީ. ކޮންބައެއްތޯ ދިވެހިރާއްޖެއަށް ވަންނަ ކޮންމެ މީހެއްގެ އަތުން ދެހާސް ތިންހާސް ޑޮލަރު ނަގަނީ. މިކަންކަމަކީ މިއީ ހުއްޓުވަންޖެހޭ ކަންކަން. އެހެންވީމާ، ވަރުގަދަ ބޯޑަރ ކޮންޓްރޯލް ސިސްޓަމެއް ރާއްޖޭގައި އެބަ އޮންނަންޖެހޭ. ރާއްޖެއަށް ނެކްސްބިޒް ގެންނަން ނިންމީ ކުރީގެ ސަރުކާރުން. ކެބިނެޓުން ދެފަހަރެއްގެ މަތިން މަޝްވަރާކޮށްގެން ނިންމާފައި އޮތް މައްސަލައެއް މައްސަލައަކީ. އެހެން ނަމަވެސް، އެއީ ރަނގަޅު ކަމެއް ކަމަށް ފެނިވަޑައިނުގަންނަވައިގެން، ރައްޔިތުންގެ މަޖިލީހުން ވަނީ އެކަން ހުއްޓުވާލާފައި. ނަމަވެސް އެދުވަސްތަކުގެ ތެރޭގައި، އެ ކޮންޓްރޯލް ސިސްޓަމް ވަނީ ކޮންމެވެސްވަރަކަށް ޤާއިމްކޮށް ހިނގާފައި. އެ ސިސްޓަމް އަޅުގަނޑުމެންނަށް ހުއްޓުވާލެވޭނީ އެހެން ސިސްޓަމެއް އެތަނަށްލާފައި. އެހެން ނޫނިއްޔާ މިހާރު ވަންނަ ދެހާސް މީހުންގެ ބަދަލުގައި ހަހާސް މީހުން މަހަކު ރާއްޖެއަށް ވަދެގެންދާނެ. މިހުންނަނީކީ އެހާ ފަސޭހަ ކަންކަމެއް ނޫން. އެހެންވީމާ، މިހާރު ޑިފެންސް މިނިސްޓްރީގެ ދަށަށް އަޅުގަނޑު އިމިގްރޭޝަން ޑިޕާޓްމަންޓް ބަދަލުކޮށް، މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން އާ ނިޒާމެއް އެތާނގައި ޤާއިމް ކުރެވޭތޯ މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ. އެ ނިޒާމް ޤާއިމް ކުރެވެންދެންވެސް ކުރިންހުރި ސިސްޓަމް ހުންނަންޖެހޭ. ހަމަ ކުއްލިއަކަށް ހުރި ސިސްޓަމް އެއްލާލާފައި، އެތާހުރި ކޮމްޕިއުޓަރުތައް ނަގާފައި، އެތަން އެއްވެސް މަސައްކަތެއް ނުކުރެވޭގޮތަށް ހެދުނީމާ، ރާއްޖެއަކަށް އެއްވެސް މީހަކަށް ނުވެސް ވަދެވޭނެ. ރާއްޖެއަށް އަންނަ ޓުއަރިސްޓުންނަކަށްވެސް ނާދެވޭނެ. އެ ގަވާއިދާ ޚިލާފަށް އުޅޭ މީހުންނާ ބެހޭގޮތުންވެސް އެއްވެސް ކަމެއްވެސް ނުކުރެވޭނެ. އަދި ވަންނަ މީހުންނަކަށްވެސް ކަމެއް ނުކުރެވޭނެ. އެހެންވީމާ، ތިއީކީ އެހާ ފަސޭހަ ފަސޭހައިން ކުރެވޭކަހަލަ ކަންތަކެއް ނޫން. އަޅުގަނޑުމެން އެބަޖެހޭ، އާ ސިސްޓަމް ޤާއިމްކޮށްފައި، މިހާރު ހުއްޓާލަންޖެހޭ ސިސްޓަމް ހުއްޓާލަން. އެ ޑިޒިޝަން ވަނީ ނެގިފައި. ރައްޔިތުންގެ މަޖިލީހުން އެގޮތަށް ނިންމެވީމަކާ، ދެން ސަރުކާރަކުންނެއް އެކަމަކާ ބެހޭގޮތުން އިތުރު ގޮތެއް ނުނިންމާނެ. ސަރުކާރުން އެއޮތީ އެކަން ހުއްޓާލަން ނިންމާފައި. އެކަމަކު މިދެންނެވި ގޮތަށް، އެ ނެގޭނީ އޭގެ ބަދަލުގައި އެހެން ސިސްޓަމެއް އެތާ ބަހައްޓާފައި. އެމަސައްކަތް މިހާރު ކުރެވެމުން އެދަނީ.

އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:

ސިސްޓަމް ޤާއިމްކުރެވޭ، ނެކްސްބިޒްގެ ވާހަކަ އިނގޭތޯ. ސިސްޓަމް ޤާއިމް ކުރެވެންދެން މިހާރުހުރި ސިސްޓަމް ފުޅާކުރާކަމަށްވަންޏާ، އޭގައި ބަދަލުދިނުން އިތުރަށް ސަރުކާރަށް ބޮޑު ބުރައަކަށްވެގެން ނުދާނެތޯއޭ؟ ދެންމެ ވީ.ޓީ.ވީ.އިންވެސް ކުރި ސުވާލެކޭ އެއްގޮތަށް، އިތުރަށް އެ އެއަރޕޯޓްތަކަށް އެ ސިސްޓަމް ފުޅާކުރާކަމަށްވަންޏާ، ސަރުކާރަށް އިތުރު ފައިސާގެ ގޮތުން ބޮޑު ބުރައަކަށްވާނެކަން މަނިކުފާނު ގަބޫލު ކުރައްވަންތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

މިހާރު އަލަށް ޤާއިމްކުރާ ނިޒާމަކީ އެއީ، ދެން މާބޮޑު ޚަރަދުތަކެއް ހިނގާނެ ކަމެއް ނޫން ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތީ. މިހާރު ހުރި ސިސްޓަމް އިތުރަށް ފުޅާކުރުމެއް ނެތް. މިހާރުހުރި ސިސްޓަމް މިހާ ހިސާބުން ހުއްޓާލާގޮތަށް ނިންމިފައި އޮތީ. އެހެންވީމާ، އެއަކަށް ދެން އިތުރު ޚަރަދެއް ދާނެ ކަމަކަށް އަޅުގަނޑު ނުވިސްނަން.

ޢާއިޝަތު ލީޒާ – އެމް.ބީ.ސީ:

އަދި އެއް ސުވާލު އަޅުގަނޑު ކޮށްލާނަން. މަނިކުފާނު ވިދާޅުވެއްޖެ، ފަލަސްޠީނުގެ އެންމެ ގިނަ ދުވަސްވީ އެއް ޔުނިވަރސިޓީއަށް ޒިޔާރަތް ކުރެއްވި ވާހަކަ. ދެން މަނިކުފާނު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި، ވަރަށް ޚާއްޞަ އިސްކަމެއް ދެއްވާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ، ތަޢުލީމީ ދާއިރާއަށް. ދެން މިދަތުރުފުޅުގައި އެއްވެސްވަރަކަށް ރާއްޖެއަށް ތަޢުލީމީ ދާއިރާއަށް ފަލަސްޠީނުގެ ފަރާތުން ފުރްޞަތުތަކެއް ހުޅުވިގެންދާނެކަމާމެދު އެއްވެސްވަރަކަށް ބައްލަވައި މަޝްވަރާ ކުރައްވާފައިވާނެތޯ؟

 


ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! އަޅުގަނޑުމެން ބަލަން އެބަޖެހޭ ކިހިނެއްތޯ ބިރްޒެއިތު ޔުނިވަރސިޓީ ކަހަލަ ޔުނިވަރސިޓީތަކަށް ދިވެހި ކުދިންނަށް ކިޔަވަން ދެވޭނީ. ޢާންމު ގޮތެއްގައި އަދި ދަތުރުފަތުރު ކުރުމުގެ ކަންތައްތައް މިއޮންނަނީ އެހާ ފަސޭހަކޮށެއް ނޫން ފަލަސްޠީނަށް. އެހެންވީމާ، އެހެންހުރި ދަތިތަކެއް ހުރެދާނެ. އެހެން ނަމަވެސް، އެ ޔުނިވަރސިޓީތަކުން ތިބީ ދިވެހި ކުދިން ގަބޫލުކުރަން ތައްޔާރަށް. ވިސާގެ މައްސަލަތައް ޙައްލުކުރެވޭ ކަމަށްވާނަމަ. ދެން އެކަން އަޅުގަނޑަކަށް ބަލައިލެވިފައެއް ނެތް އަދި. ދެން މިދެންނެވިހެން ފަލަސްޠީނުގެ ޓީޗަރުން ރާއްޖެއަށް ގެނައުމަށްޓަކައި، އެބޭފުޅުން ތިއްބެވީ ފޮނުއްވައިދެއްވަން ތައްޔާރަށް.

ދެން އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، މިއަދު ޖަލްސާއަށް ތިޔަބޭފުޅުން ވަޑައިގަތީމަ. މި ޕްރެސް ކޮންފަރެންސަށް. ދެން އަޅުގަނޑު އުންމީދު ކުރަން، މާދަމާވެސް ތިޔަބޭފުޅުންނާ އަޅުގަނޑާ ބައްދަލުވާނެ ކަމަށް.

ވަރަށް ބޮޑަށް ޝުކުރިއްޔާ!