بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ލިމިޓެޑްގެ މެނެޖިންގ ޑިރެކްޓަރ، ކެބިނެޓްގެ މިނިސްޓަރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އަދި އައްޑުއަތޮޅުގެ ލޮބުވެތި ރައްޔިތުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދަކީ ތާރީޚީ ދުވަހެއް. ވަރަށް އުފާވެރި ދުވަހެއް. ސަބަބަކީ ދެކުނު އަތޮޅުތަކުގެ ތަރައްޤީއަށްޓަކައި އަދި ޚާއްޞަކޮށް، އައްޑުއަތޮޅުގެ ތަރައްޤީއަށްޓަކައި އެންމެ މުހިންމު އެއް މަޝްރޫޢު މިއަދު ފެށުނީތީ. އާދެ! މި މަޝްރޫޢު ފެށުނުކަމީ އަޅުގަނޑުމެންނަށް ލިބުނު ވަރަށްބޮޑު ނަޞީބެއް. ޚާއްޞަކޮށް، އައްޑުއަތޮޅުގެ ލޮބުވެތި ރައްޔިތުންނަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު ނިޢުމަތެއް. އެކަމަށްޓަކައި އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް މަރްޙަބާއާއި މުބާރަކްބާދު ދަންނަވަން. އަދި ހަމައެހެން، މި ނިޢުމަތް ދެއްވި ކަމަށްޓަކައި اللّـه سبحـانـه وتعـالىއަށް ޙަމްދާއި ޝުކުރުކުރަން.

ދެންމެ ތިޔަ އިވިވަޑައިގަތް ފަދައިން، މި މަޝްރޫޢުގެ ފުރަތަމަ ފޭސްގައި މިއޮތީ ގަން އެއަރޕޯޓްގެ ރަންވޭ ދިގުކުރުން. އަދި ރަންވޭ އަލުން ތާރުއަޅައި ރަނގަޅުކުރުން. އެހެންވީމާ، އެމަސައްކަތް މިއަދު މިފެށުނީ. ދެންމެ ތިޔަ ފެނިވަޑައިގެންނެވި ފަދައިން ޑްރެޖިންގެ މަސައްކަތް މިހާރު އެ ފެށުނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ހަތަރު ފަސްމަހެއްގެ ތެރޭގައި ހިއްކަންޖެހޭ ބިން ހިއްކައި ނިމޭނެ. އަދި އަޅުގަނޑުމެންގެ އުންމީދަކީ، އަންނަ އަހަރުގެ އޮކްޓޯބަރުގެ ކުރިން މި ފުރަތަމަ ފޭސް ނިމުން. އެއީ، ރަންވޭ ދިގުކުރުމާއި، އަދި މިހާރު އޮތް ރަންވޭ ރީސަރޗް ކުރުން. މިމަސައްކަތް ކުރުމުން އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ އެލިބުނީ ބައިނަލްއަޤްވާމީ ފެންވަރުގެ ބޮޑު އެއަރޕޯޓެއް. އެއަރޕޯޓް ލިބުމުން މިތަނަށް ވަރަށްބޮޑު ބަދަލެއް އައިސްގެން އެދިޔައީ. މި އެއަރޕޯޓަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިގެން އެދިޔައީ. އޭގެ ސަބަބުން ދުނިޔޭގައި މިހާރު ބޭނުންކުރާ ބޮޑެތި ހުރިހާ މަތިންދާބޯޓުތަކެއް މި އެއަރޕޯޓަށް ޖެއްސޭނެ.

ދެންމެ އިވިވަޑައިގެންނެވި ފަދައިން ރާއްޖޭގެ ޖިއޮގްރަފީ އޮތްގޮތުން އަދި ޚާއްޞަކޮށް، އައްޑުއަތޮޅުގެ މި ގަން އެއަރޕޯޓް އޮތް ތަނުގެ ސަބަބުން، އޮތް ލޮކޭޝަންގެ ސަބަބުން މުޅި އިންޑިއާ އޯޝަންގެ ރިމްގައި ހިމެނޭ ހުރިހާ ޤައުމުތަކަކުން ވަރަށް ފަސޭހަކަމާއެކީގައި މި އެއަރޕޯޓަށް ދަތުރުކުރެވޭނެ. ހުރިހާ ޤައުމުތަކަކުން ވަރަށް ފަސޭހަކަމާއެކީގައި މި އެއަރޕޯޓަށް ދަތުރުކުރެވޭނެ. އަދި މި އެއަރޕޯޓް ވެގެންދާނީ ބައިނަލްއަޤްވާމީ ދަތުރުފަތުރު ކުރުމުގެ ވަރަށްބޮޑު ހަބަކަށް. އޭގެ ސަބަބުން އަޅުގަނޑު ދަންނަވާނީ، މުޅި މި ސަރަޙައްދަށް، ދެކުނުގެ ހުރިހާ އަތޮޅުތަކަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާނޭ.

ދެންމެ ތިޔަ އިވިވަޑައިގެންނެވި ފަދައިން، މި އެއަރޕޯޓް ތަރައްޤީ ކުރުމުގައި ހަމައެކަނި ކުރާ ކަމަކީ އެއަރޕޯޓް ބޮޑުކުރުމެއް ނޫން. މި އެއަރޕޯޓްގައި ބޮޑެތި އެއަރކްރާފްޓްތައް ޖެއްސުމަށްޓަކައި ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ޤާއިމުކުރެވި، އެކަމަށް ދޭންޖެހޭ ޚިދްމަތްތައް ބަރާބަރަށް ދެވޭނެ. އެކަން ކުރުމަށްޓަކައި މިހާރުވަނީ މި ކުންފުންޏާއި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ލިމިޓެޑް ކުންފުންޏާ އެކީގައި އެހެން ކުންފުނިތަކާ ވާންޖެހޭ އެއްބަސްވުންތައް ވެވިފައި. އަދި އެއެއްބަސްވުންތައް ވެވިފައިވަނީ، ސަރުކާރުގެ މެޖޯރިޓީ ޝެއަރ އޮންނަގޮތަށް. ސަރުކާރުގެ ކޮންޓްރޯލް އޮންނަގޮތަށް. މި އެއަރޕޯޓުން ލިބޭ ފައިދާއެއްގެ ބޮޑުބައި ދިވެހި ރައްޔިތުންނަށް ލިބެން އޮންނަ ގޮތަށް. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރިއަށް އޮތް 5 އަހަރު، 10 އަހަރުގެ މުއްދަތުގެ ތެރޭގައި، ވަރަށްބޮޑު ޙިއްޞާއެއް މި އެއަރޕޯޓް ކުރާނޭ. އަދި ދެންމެ ތިޔަ އިވިވަޑައިގެންނެވި ފަދައިން، އެއަރޕޯޓް ތަރައްޤީ ކުރުމުގެ ތެރޭގައި އެބައޮތް، ހަމަ މި ފުރަތަމަ ފޭސްގައިވެސް ސީ ޕްލޭންގެ ބޭސްއެއް ހެދުން. އޭގެ މާނައަކީ މިހާރު ރާއްޖޭގައި އެންމެ ބޭސްއެއް މިއޮންނަނީ. އެއީ، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓްގައި. އެހެން ނަމަވެސް، މި އެއަރޕޯޓް ހެދުމުގެ ތެރޭގައި، ކުރިއަށް އޮތް އަހަރުގެ ތެރޭގައި، އައްޑުއަތޮޅު ގަމުގައިވެސް، ސީ ޕްލޭންގެ ހަބެއް އުފެދިގެންދާނެ. އޭގެ ސަބަބުން ދެކުނު އަތޮޅުތަކުގެ ދަތުރުފަތުރުގެ ނިޒާމަށް ވަރަށްބޮޑު ބަދަލުތަކެއް އައިސް އަދި މި އަތޮޅުތަކުގައި މިހާރު ހެދިފައިވާ ރިޒޯޓްތަކާއި، އަލަށް ހަދަން ރޭވިފައި ހުރި ރިޒޯޓްތަކަށް ވަރަށްބޮޑު ފަސޭހަކަމެއް ލިބިގެންދާނެ. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، މިއަދު މިފެށުނު މަސައްކަތަކީ މިއީ މިއަތޮޅުގެ ތަރައްޤީއަށް ވަރަށްބޮޑު އިންޤިލާބެއް ގެންނާނެ މަސައްކަތެކޭ.

އާދެ! ދެން އަޅުގަނޑުމެން މި އެއަރޕޯޓް ހަމައެކަނި ހެދުމުގެ މަސައްކަތެއް ނޫން މިކުރަނީކީ. މި އެއަރޕޯޓުން ދަތުރުފަތުރު ކުރެވޭނެ އިންތިޒާމްވެސް ހަމަޖެއްސޭތޯ މަސައްކަތް ކުރަމުން މިގެންދަނީ. އެގޮތުން މިހާރު އަޅުގަނޑަށް އެނގޭ ގޮތުގައި، އައްޑުއަތޮޅުގެ ރައްޔިތުންނަށް، އައްޑުއަތޮޅުގެ ރައްޔިތުން އެންމެ ބޮޑަށް އެދިވަޑައިގަންނަވާ އެއްކަމަކީ، ސީދާ ގަމުން ފުރައިގެން ދުނިޔޭގެ އެހެން ތަންތަނަށް ދެވޭނެގޮތެއް ހަމަޖެހުން. އަދި އަވަށްޓެރި ޤައުމުތަކުން ސީދާ ގަމަށް އާދެވޭނެ އިންތިޒާމް ހަމަޖެހުން. އެހެންވީމާ، މިކަމަށްޓަކައި އަޅުގަނޑުމެންވަނީ މަސައްކަތްތަކެއް ކޮށްފައި. އެނގިވަޑައިގަންނަވާނެ، ކޮންމެވެސްވަރަކަށް މިހާރު ރޭޑިއޯއާއި ޓެލެވިޜަނުން ތިޔަބޭފުޅުންނަށް އިވިވަޑައިގެންފައި އޮންނާނީ، ސްރީލަންކަންއާ އެކީގައި ކޮންމެވެސްވަރެއްގެ މަޝްވަރާތަކެއް ކުރެވިފައިވާކަން. މި މަޝްވަރާތަކުގެ މައްޗަށް ބިނާކޮށްފައި، އަޅުގަނޑުމެންނަށް އެންމެފަހުން ފެނުނީ، ރާއްޖެއަށް އެންމެ ފައިދާހުރި ގޮތަކީ، އަޅުގަނޑުމެންގެ ޤައުމީ އެއަރލައިން [މޯލްޑިވިއަން] ބޭނުންކޮށްގެން މިކަން ކުރުން ކަމަށް. އެހެންވީމާ، ހަމަޖެހިފައި މިހާރު މިއޮތީ މޯލްޑިވިއަންގެ ފްލައިޓްތައް އައްޑޫ ގަމުން ރާއްޖެއިން ބޭރަށް ފުރާ ގޮތަށް. މިކަން އިރާދަކުރެއްވިއްޔާ، މިއަންނަ އޯގަސްޓް މަހުގެ 7 ވަނަ ދުވަހު ފަށާގޮތަށް ވަނީ ހަމަޖެހިފައި.

އާދެ! މިދެންނެވި މަޝްރޫޢުތައް، މިކަންކަން ހިނގައިގަތުމުން އައްޑުއަތޮޅަށް ޙަޤީޤީ ތަރައްޤީ އަންނަން ފަށާނެ. އެންމެ ފުރަތަމަ އޭގެ ސަބަބުން ގަން އެއަރޕޯޓްގައި، އިންޓަރނޭޝަނަލް އެއަރޕޯޓްގެ ވަޒީފާތައް އިތުރުވެގެންދާނެ. އަދި މިސަރަޙައްދުގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރައިގެން ދިޔުމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއިންވެސް އިތުރު ވަޒީފާތައް އުފެދިގެންދާނެ. މީގެއިތުރުން މި އެއަރޕޯޓުންދޭ އެކިއެކި ތަފާތު ޚިދްމަތްތަކުގެ ވިޔަފާރި އިތުރުވެ، ﷲ އިރާދަކުރެއްވިއްޔާ، މިއަތޮޅަށް އަދި ދެކުނުގެ އަތޮޅުތަކަށް ވަރަށްބޮޑު ތަރައްޤީއާއި ކުރިއެރުން ލިބިގެންދާނެ.

އާދެ! ދެންމެގައި މެނެޖިންގ ޑިރެކްޓަރ އެ ވިދާޅުވި ފަދައިން، މިއީ މުހިންމު އެއަރޕޯޓެއް. އާދެ! މި އެއަރޕޯޓް ހަދާ ނިމުނުއިރުގައި، މީގެ 50 އަހަރު ކުރިން ނިމުނުއިރުގައި، މި ސަރަޙައްދުގައިވެސް މިވަރުގެ އެއަރޕޯޓެއް ނެތްވަރުގެ އެއަރޕޯޓެއް. މިވޭތުވެދިޔަ 50 އަހަރު މިއޮތީ އެއަރޕޯޓް ތަރައްޤީ ކުރުމުގެ ގޮތުން، އެއަރޕޯޓްގެ ރަންވޭ އިތުރުކުރުމުގެ ގޮތުން މާބޮޑު މަސައްކަތެއް ނުކުރެވި. ވަރަށްގިނަ ވާހަކަ ދެކެވޭ. އެހެން ނަމަވެސް، މިހާރު މި މަސައްކަތް މިފެށުނީ. މިއީކީ ކޯއިންސިޑެންސެއް ނޫން. މިކަން މިގޮތަށް މިވީ ބަޔަކު އެކަން ކުރަން ބުރަ މަސައްކަތްތަކެއް ކުރީމަ. ކެރިގެން މަސައްކަތް ކޮށްގެން. އެހެން މީހުން ލައްވައި މިކަން ކުރުވަން މަސައްކަތް ކުރީމަ. އެގޮތުން އެންމެ ފުރަތަމަ މި މުހިންމު ޑިޒީޝަން ނެންގެވީތީ، އަޅުގަނޑު އައްޑުއަތޮޅުގެ އައްޑޫ އެއަރޕޯޓް ޑިވެލޮޕްމަންޓް ކަމްޕެނީ ލިމިޓެޑްގެ ބޯޑް އޮފް ޑިރެކްޓަރުންނަށާއި، މެނެޖިންގ ޑިރެކްޓަރަށް އަޅުގަނޑު މުބާރަކްބާދު ދަންނަވަން. އާދެ! އެކަން އެގޮތަށް ވެގެންދިޔައީ ސަރުކާރުން ވަރަށްބޮޑު ހިތްވަރެއްދީގެން. ސަރުކާރުން އެކަން ބޭނުންވެގެން އެކަމާ އުޅުނީމަ. އަޅުގަނޑުމެން މިމަސައްކަތާ ޙަވާލުވެ މިތިބީ ސިޔާސީ ކުޅިވަރު ކުޅޭކަށް ނޫން. އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންނަށް ބޭނުންވާ ޚިދްމަތްތައް ފޯރުކޮށްދިނުން. ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތައް ފެށްޓުން. އެ މަޝްރޫޢުތައް ނިންމުން. ވީމާ، އެ މަޤްޞަދުގައި އައްޑުއަތޮޅުގެ ތަރައްޤީގެ މަޝްރޫޢުތައް އަޅުގަނޑުމެން ފަށައިގެން އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން. އަދި މީގެކުރިން ދުވަހަކުވެސް އައްޑުއަތޮޅަށް ކުރެވިފައިނުވާވަރުގެ ބޮޑެތި ތަރައްޤީގެ މަޝްރޫޢުތައް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހިންގާނަން. އާދެ! އެ ޢަޒުމުގައި އެ ކެރުމާއެކީގައި އަޅުގަނޑުމެން މަސައްކަތް ކުރަން ތިބީމާ، މިއަދު ތިޔަބޭފުޅުންނަށް މި ޙަޤީޤަތް ތިޔަ ފެނިވަޑައިގަންނަވަނީ. އެހެންވެގެން މިއަދު މި މަޝްރޫޢު މިފެށުނީ. އެހެންވެގެން، އިރާދަކުރެއްވިއްޔާ، އޯގަސްޓް 7 ވަނަ ދުވަހު މޯލްޑިވިއަންގެ ފްލައިޓްތައް ގަމުން ސްރީލަންކާއަށް ފެށޭނީވެސް. އަދި ހަމައެއާ އެއްވަރުގެ ވަރަށް މުހިންމު ވާހަކައެއް މިއަދު އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލާނަން.

އައްޑުއަތޮޅަކީ ދިވެހިރާއްޖޭގެ ރައްޔިތުން ދިރިއުޅޭ އެންމެ މީހުން ގިނަ ދެވަނަ ސިޓީ. މިސިޓީގައި، ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދްމަތްތަކެއް ބަރާބަރަކަށް ލިބެމަކުންނުދޭ. މިހެން މިދެންނެވީ، ދާދިފަހުން އަޅުގަނޑު އައްޑޫސިޓީއަށް އައިސް، ފެނުގެ ޚިދްމަތް ގޭގެއަށް ލިބޭނެގޮތް، އެ މަސައްކަތް ފެށުނީ. އަދިވެސް ހުރިހާ ގެޔަކަށް ނުލިބޭ. އެހެންވީމާ، އެމަސައްކަތްވެސް އެބަ ކުރަންޖެހޭ. ވަރަށްގިނަ ޢަދަދެއްގެ ޢާއިލާތަކަށް އަދިވެސް ބޯފެނުގެ ޚިދުމަތެއް ނުލިބޭ. ހަމައެހެން، ފާޚާނާ ކުރުމުގެ ނިޒާމު، މިއީވެސް ކުރަންޖެހޭ ކަމެއް. މިކަންވެސް އޮތީ ހަމަނުޖެހި. ވީމާ، ވަރަށް މުހިންމު ޑިސިޝަނެއް ކަމަށް އަޅުގަނޑު ދެކެނީ. މިހާރު އަޅުގަނޑުމެންނަށް މި ނިންމޭ ކަމަކީ. އަޅުގަނޑުމެން މި ޤަޞްދުކުރަނީ، އައްޑޫ ސިޓީގެ ބޯފެނާއި، ނަރުދަމާއާއި ކަރަންޓާ މި ތިން ޚިދުމަތް އަޅުގަނޑުމެން އެމް.ޑަބްލިޔޫ.އެސް.ސީ.އާ ޙަވާލުކުރަން.

އެނގިވަޑައިގަންނަވާނެ، އެމް.ޑަބްލިޔޫ.އެސް.ސީ.އަކީ އެއީ މިހާރު ރާއްޖޭގައި ހިނގާ ކުންފުނިތަކުގެ ތެރެއިން އެންމެ އެފިޝަންޓްކޮށް، އެންމެ މިޒަމާނުގެ ޓެކްނޯލޮޖީ ބޭނުންކޮށްގެން ހިންގާ އެއް ކުންފުނި. ދާދިފަހުން އަޅުގަނޑުވާނީ އެބޭފުޅުން ހިންގަވާ އެހެން ޕްރޮޖެކްޓެއް އިފްތިތާޙުކޮށްދީފައި. އަޅުގަނޑަށް ވަރަށް ސާފުކޮށް އެބަ އެނގޭ، އެބޭފުޅުންގެ ކެޕޭސިޓީ ހުރީ ކިހާވަރަކަށްކަން. އެނގިވަޑައިގަންނަވާނޭ ފަދައިން، އެމް.ޑަބްލިޔޫ.އެސް.ސީ.އަކީ މިހާރު ޖަޕާނުގެ ހިޓާޗީ ކުންފުންޏާ އެކީގައި ގުޅިގެން މަސައްކަތް ކުރައްވާ ކުންފުންޏެއް. އެހެންވީމާ، މިދެންނެވި ރޮނގުރޮނގުން ލިބެންހުރި އެންމެ މިހާރުގެ ޓެކްނޯލޮޖީ އެކުންފުންޏަށް އެކްސަސް ކުރެވޭގޮތަށް ހުރީ. އެހެންވީމާ، އަޅުގަނޑުގެ ޔަޤީންކަން އެބައޮތް، އިރާދަކުރެއްވިއްޔާ، އައްޑުއަތޮޅުގެ މިދެންނެވި ޚިދުމަތްތައް މިހާރަށްވުރެ ރަނގަޅަށް ރޭވިގެން ހުރިހާ ރައްޔިތުންނަށް ބަރާބަރަށް ލިބޭނެގޮތެއް އިންތިޒާމްވެގެންދާނެ ކަމަށް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ ކޮންމެހެން ކުރަންޖެހޭ ކަމެއް. އަދި މިހާރު މި ހަމަޖެހިގެންދާ ގޮތުން އިރާދަކުރެއްވިއްޔާ އެކަން ކުރެވޭނެ. އެކަމުގައި ދަތިތަކެއް އެބަހުރި. އެހެން ނަމަވެސް، އެ ދަތިތައް ފިލުވައިގެން އަޅުގަނޑުމެން ޖެހޭނެ އެކަން ކުރަން.

އާދެ! އަޅުގަނޑު އައްޑުއަތޮޅުގެ ރައްޔިތުންނަށް ވަޢުދުވީ، މިދިޔަ މަސް ނިމުމުގެ ކުރިން އަޅުގަނޑު އަންނާނެ ވާހަކަ. އެހެން އެކަން އެގޮތަކަށްނުވި. އެހެން އެކަންނުވީ، އަޅުގަނޑުމެންގެ މާބޮޑު ކޮންޓްރޯލެއް އޭގައި ނެތީމާ. އަޅުގަނޑުމެން މަސައްކަތް ކުރިން، ވަރަށް އަވަދިނެތި މަސައްކަތް ކުރިން، އެކަން ކުރެވޭތޯ. އެހެން ނަމަވެސް، މޫސުމް ތަން ނުދިނުމާއި، އަދި އަޅުގަނޑުމެން މިތަނަށް ގެންނަންޖެހޭ މުހިންމު އިކްވިޕްމަންޓްތަކާއި މެޝިނަރީ ނުގެނެވުމުގެ ސަބަބުން ލަސްވެގެން ކޮންމެވެސްވަރަކަށް ހިނގައްޖެ. އެހެން ނަމަވެސް، ކަން ކުރަންވާނީ، އަޅުގަނޑަށް އެހެން އެކަން ބުނެވުނީތީ ކުރާ ގޮތަކަށް ނޫން. އެކަން ކުރަންވާނީ، އެކަން ކުރެވޭނެ ގޮތަށް. އެކަން ކުރިއަށް ގެންދެވޭނެ ގޮތަށް. އަޅުގަނޑަށް އާދެވުނީސް، މަސް ނިމުމުގެ ކުރިން. އައިސް މިތާނގައި ޑްރެޖަރެއް ބާއްވައިގެން، އެއަށް އަރާ އިނދެގެން ވަޅެއް ކޮނެލައި، ތިޔަބޭފުޅުންނަށް މަންޒަރެއް ދައްކައިލެވުނީސް. އެހެން ނަމަވެސް، އެއީ އެކަން ކުރަންވާ ގޮތެއް ނޫން. އެހެންވީމާ، ތަންކޮޅެއް ލަސްވި ކަމުގައިވި ނަމަވެސް، މި މަޝްރޫޢު ރަނގަޅަށް ފެއްޓިގެން، މިތަނަށް ޑްރެޖަރުވެސް ގެނެވިގެން، އެއިން ކޮންނަން ފެށުނީމާ، މަސައްކަތް ކުރިއަށްދާނީ. އެހެންވީމާ، ތަންކޮޅެއް ލަސްވީ. އެކަމަށްޓަކައި އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުން މަޢާފަށް އެދެން.

އަޅުގަނޑުގެ އުންމީދަކީ، އައްޑުއަތޮޅަށް އަދަށްވުރެ ފަހި މާދަމައެއް މިންވަރު ކުރެއްވުން. އަޅުގަނޑުމެންގެ މަސައްކަތަކަށްވާނީ، ތިޔަބޭފުޅުންގެ ޚިދްމަތުގައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުން ގެންދިޔުން. އަޅުގަނޑުމެން ތިޔަބޭފުޅުންނަކަށް ކަންކަން އޮޅުވާލައެއް ނުހަދާނަން. އަޅުގަނޑުމެންނަށް ނުކުރެވޭވަރުގެ ކަމެއްގެ ވާހަކަ އަޅުގަނޑު ތިޔަބޭފުޅުންނަކަށް ނުދަންނަވާނަން. އަދި އަޅުގަނޑުމެންނަށް ކުރެވެންހުރި ކަންތައް ވީހާވެސް ހަރުދަނާ ކަމާއި ސާބިތުކަމާ އެކީގައި، އެކަންކަން ފުރިހަމަކުރެވޭތޯ މަސައްކަތް ކުރާނެ ވާހަކަ އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން. އައްޑުއަތޮޅުގެ ރައްޔިތުން އަޅުގަނޑުމެން ހަނދާންނައްތައެއްނުލާނަން. އަދި އައްޑުއަތޮޅަށް ކުރަންޖެހޭ ކަންތައްތައްވެސް އަޅުގަނޑުމެން ބަލައިގަނެ، އެކަންކަން ކުރުމުގައި އެންމެ ތަންކޮޅެއްވެސް އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން.

އަޅުގަނޑުގެ ދުޢާއަކީ، މާތްﷲ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ބަރަކާތް ލައްވައި، ރައްޔިތުންނަށް އަޅުގަނޑުމެން ކޮށްދޭން މަސައްކަތްކުރާ ކަންކަން ކުރުމުގެ ފުރިހަމަ ތައުފީޤު މިންވަރު ކުރެއްވުން.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

والســّلام عليــكم ورحـمــة اللّـه


_____________________________