ފަލަސްޠީނަށް މިކުރެއްވި ދަތުރުފުޅުގެ ސަބަބުން، ދިވެހި ޤައުމަށް ލިބުނީ ވަރަށް ބޮޑު ފަޚުރަކާއި ވަރަށް ބޮޑު ޝަރަފެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ފަލަސްޠީނުގެ ރައީސް ޑޮކްޓަރ މަޙްމޫދު ޢައްބާސްގެ ދަޢުވަތަކަށް، އިންޓަރނޭޝަނަލް އިސްލަމިކް ކޮންފަރެންސް އޮފް ބައިތުލް މަޤްދިސްގެ 4 ވަނަ ބައްދަލުވުން ޝަރަފުވެރިކޮށްދެއްވުމަށް މި މަހުގެ 3 ން 8 އަށް ފަލަސްޠީނަށް ކުރެއްވި ދަތުރުފުޅާބެހޭ މަޢުލޫމާތު ދެއްވުމަށް، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިގޮތުން، 1967ވަނަ އަހަރުގެ ޢަރަބި-އިޒްރާއީލުގެ ހަނގުރާމައިގެ ފަހުން، އުރުދުންގެ ރަސްގެފާނު ފިޔަވައި، އިސްލާމީ ޤައުމެއްގެ ވެރިޔަކު ފަލަސްޠީނަށް ޒިޔާރަތްކުރައްވާފައި ނުވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ޚާއްޞަކޮށް، ހެބްރޫން ސިޓީއަކީ، އެއްވެސް ޤައުމެއްގެ ވެރިޔަކު މިހާތަނަށް ޒިޔާރަތްކުރައްވާފައި ނުވާ ރަށެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "އެހެންވީމާ، އަޅުގަނޑުގެ މި ދަތުރަކީ، ފަލަސްޠީނުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް. ދިވެހިރާއްޖެއަކީ ކުޑަކުޑަ ޤައުމެއް ކަމުގައިވިޔަސް، ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމަކަށްވުމާއި، ފަލަސްޠީނަށް އަބަދުވެސް ތާއީދުކުރާ ޤައުމެއްގެ ޙައިޞިއްޔަތުން ދިވެހިރާއްޖޭގެ ފަރާތުން، ފަލަސްޠީނުގެ ރައްޔިތުންނަށް މި ދެވުނު ހިތްވަރަކީ، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ވަރަށް މުހިންމު ކަމެއް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ މި ދަތުރުފުޅުގައި ޒިޔާރަތްކުރެއްވި ބައެއް ތަންތަނާބެހޭ މަޢުލޫމާތު، ނޫސްވެރިންނާ ޙިއްޞާ ކުރެއްވިއެވެ. އަދި، މި ޒިޔާރަތްތަކުގެ އެންމެ ބޮޑު މަޤްޞަދަކީ، މިތަންތަން ޙިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި ހިތްވަރު ދެއްވުން ކަމުގައި ވިދާޅުވިއެވެ.

ފަލަސްޠީނަށް މިކުރެއްވި ދަތުރުފުޅުގައި، އެ ޤައުމުގެ ރައީސް މަޙްމޫދު ޢައްބާސާއި އަދި އެހެނިހެން އިސްބޭފުޅުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގެ ތަފުސީލުވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. މި ގޮތުން، ފަލަސްޠީނުގެ ރައީސާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، މިއަހަރުގެ ރަމަޟާންމަހު ރާއްޖޭގެ މިސްކިތްތަކުގައި އިމާމުކަން ކުރައްވާނެ ބައެއް އިމާމުން ފަލަސްޠީނުން ރާއްޖެއަށް ފޮނުއްވާނެކަމަށް ފަލަސްޠީނުގެ ރައީސް ވިދާޅުވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުންވެސް، ރާއްޖެއަށް ޓީޗަރުންނާއި ޑޮކްޓަރުންވެސް ފޮނުއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ފަލަސްޠީނަށް ވަޑައިގަންނަވަމުން، އުރުދުންގައި މަޑުކޮށްލައްވައި، އުރުދުންގެ ރަސްގެފާނު ޢަބްދުﷲ ދެވަނައާ ބައްދަލުކުރައްވާފައިވުމާއެކު، މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތަކާބެހޭ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާ، ނޫސްވެރިންނާ ޙިއްޞާ ކުރެއްވިއެވެ.

މިދަތުރުފުޅާ ގުޅޭގޮތުންނާއި އަދި އެނޫން ބައެއް އެހެން ކަންކަމާ ގުޅޭގޮތުން ނޫސްވެރިން ދެންނެވި ސުވާލުތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ޖަވާބު ދެއްވިއެވެ.