ޕާކިސްތާނުގެ އާ ބޮޑުވަޒީރު ނަވާޒު ޝަރީފަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު ނަވާޒު ޝަރީފަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، މި މުނާސަބަތުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އިޚްލާޞްތެރި ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ނަވާޒު ޝަރީފުގެ ޒަޢާމަތުގައި، ސަރަޙައްދީ ކަންކަމުގައި ޕާކިސްތާނު ސަރުކާރުން އިސް ދައުރެއް އަދާކުރައްވަމުން ގެންދަވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެ، ޕާކިސްތާނުގެ ރައްޔިތުންނަށް އިތުރު ފާގަތިކަމާއި ކުރިއެރުން ލިބިގެން ދިޔުމަށް އެދިވަޑައިގެންފައިވެއެވެ.