ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާއި އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން، ފަލަސްޠީނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިއްޔެ ބިރްޒެއިތް ޔުނިވަރސިޓީއަށް ޒިޔާރަތްކުރައްވައިފިއެވެ.

ބިރްޒައިތް ޔުނިވަރސިޓީއަކީ، ފަލަސްޠީނުގައި އުފެއްދުނު މަތީ ތަޢުލީމު އުނގަންނައިދޭ ފުރަތަމަ ޔުނިވަރސިޓީއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބިރްޒެއިތް ޔުނިވަރސިޓީއަށް މި ކުރެއްވި ޒިޔާރަތުގައި، އެ ޔުނިވަރސިޓީގެ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ކަންތައްތައް ކުރިއެރުވުމަށް އެފަރާތުގެ އެހީތެރިކަން ހޯއްދެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އެ ޔުނިވަރސިޓީއަށް ޒިޔާރަތް ކުރެއްވުމާ ގުޅިގެން ޔުނިވަރސިޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް އެރުވިއެވެ.

މި ޒިޔާރަތުގައި އެ ޔުނިވަރސިޓީގައި ކިޔަވާ ބައެއް ދަރިވަރުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިއެވެ. މޫސުމަށް އަންނަ ބަދަލުތަކާއި، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުން ދަރިވަރުން ސުވާލު ދެންނެވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކަކީ، ރާއްޖޭގެ ތަރައްޤީއަށާއި ކުރިއެރުމަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަން ޙައްލުކުރެއްވުމަށް ޤައުމީ ފެންވަރުގަޔާއި ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ، ދަރިވަރުންނަށް މަޢުލޫމާތު ދެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަކީ، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ކަންތައް ކަމަށް ވިދާޅުވެ، މިކަން ޙާޞިލުކުރެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.