ފަލަސްޠީނުގެ ދަރިން، އުންމީދުން މަޙުރޫމް ކުރެވިގެން ނުވާނެ ކަމަށާއި، އަމިއްލަ ޤައުމެއްނެތި ބޮޑެތިވެގެން ދިޔުމަކީ، ފަލަސްޠީނުގެ ދަރިންނަށް ވެވޭ ބޭއިންސާފެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރާމަﷲގައި މިއަދު ފެށުނު އިންޓަރނޭޝަނަލް އިސްލަމިކް ކޮންފަރެންސް އޮފް ބައިތުލްމަޤްދިސްގެ 4 ވަނަ ބައްދަލުވުން އިފްތިތާޙް ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައްޔިތުން ބޭނުންވަނީ ސުލްހަވެރިކަމާއި، ހަމަޖެހުމާއި، ރައްކާތެރިކަން ކަމަށް ވިދާޅުވަމުން، ދިގުލައިގެން ގޮސްފައިވާ މި މައްސަލައިގެ ސަބަބުން ގެއްލުން ލިބޭ ފަރާތްތަކުގެ އަޑުއެހުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބައިތުލް މަޤްދިސްގެ ވާހަކަދައްކާއިރު، ފަލަސްޠީނުގެ ރައްޔިތުންނަށް ޖެހިފައިވާ ހާލާ ބެހޭގޮތުން ވާހަކަނުދައްކާ ދޫކޮށްލެވޭކަށް ނެތް ކަމަށާއި، މި މައްސަލައަކީ ދީނީ މައްސަލައެއް ކަމުގައި ދެކި، ވަކި ފަރާތަކަށް ބުރަވުމަށް ފަސްޖެހި، ދުނިޔޭގެ ޤައުމުތަކަށް މިވަނީ ފަލަސްޠީނުގެ ރައްޔިތުން ނިކަމެތި ކުރެވިފައި ކަމުގައި ވިދާޅުވިއެވެ. އަދި މިއީ ޙައްލު ނުކުރެވޭނެ މައްސަލައެއްކަމަށް މިހާރު ވަރަށް ގިނަ ފަރާތްތައް ދެކޭ ކަމަށާއި، އެހެންނަމަވެސް، ފަލަސަޠީނުގެ މައްސަލައަކީ، އިންސާނީ މައްސަލައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "ޝައްކާއި، ބިރުވެރިކަމުގެ ތެރޭގައި ފަލަސްޠީނުގެ ކުދިން ބޮޑުވާން ޖެހުމަކީ ދެމިގެންވާ ސުލްހަވެރިކަމެއް ޤާއިމުކުރުމަށް އެޅޭނެ ހުރަހެއް. އަމާން، ސުލްހަވެރި އަދި ރައްކާތެރި މުސްތަޤްބަލެއް އެ ކުދިންނަށް ފަލަސްޠީނާއި އިޒްރޭލުގެ ވެރިން ހޯދައިދޭން ޖެހޭ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފަލަސްޠީނުގެ މައްސަލައާބެހޭގޮތުން ރާއްޖެއިން ދެކޭގޮތް ވަރަށް ސާފުކަމުގައި ވިދާޅުވަމުން، މިނިވަން ދައުލަތެއް ބިނާކޮށް، 1967 ވަނަ އަހަރު އިސްރާއީލުން ކުރި ހަނގުރާމައިގައި ހިފާފައިވާ އިރުމަތީ ޤުދުސް، ފަލަސްޠީނުގެ ވެރިރަށަކަށް ހެދުމަށް، ރާއްޖެއިން ތާއީދުކުރާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި 2002 ވަނަ އަހަރުގެ ޢަރަބި ޞުލްހައިގެ ޕްލޭނަށްވެސް ރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން ހާމަކުރައްވަމުން، އެމެރިކާއިން އިސް ނަގައިގެން މިހާރު ހިނގަމުންދާ ސުލްހައިގެ މަސައްކަތުން ރަނގަޅު ނަތީޖާއެއް ނުކުންނާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މިއީ ޢަމަލުން ކަންކަން ދައްކައިދިނުމުގެ ވަގުތު. މިއީ، މަޝްވަރާއާއި ދެ ފަރާތުންވެސް އެއްބަޔަކު އަނެއްބަޔަކުގެ ވާހަކަތައް އަޑުއަހަންޖެހޭ ވަގުތު. އަދި، މިއީ ބައިތުލްމަޤްދިސްއާއި މިނިވަން ދައުލަތެއް ޤާއިމުކުރުމާމެދު ފަލަސްޠީނުގެ ރައްޔިތުން ދައްކާ ވާހަކަތައް، ދުނިޔެއިން ކަނުލާ އަޑުއަހަންޖެހޭ ވަގުތު" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.