ރާއްޖެ ކަޑައްތު ކުރަމުންމިދާ ހަލަބޮލި ސިޔާސީ މާޙައުލުގައިވެސް ފާއިތުވި އަހަރު ތިމާވެށީގެ ދާއިރާއިން ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ، މިއަދަކީ، ބައިނަލްއަޤްވާމީ ތިމާވެށީގެ ދުވަސް ކަމަށްވުމާއެކު، މިއަދުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. މިއަދުގެ މުނާސަބަތުގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން މިއަދު ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާގެ މި ޚިޠާބު އިއްވަވައިދެއްވީ، މިނިސްޓަރ ޑޮކްޓަރ މަރްޔަމް ޝަކީލާއެވެ.

މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިޢާރު ކަމަށްވާ [ކާބޯތަކެތި އިސްރާފު ނުކުރުމަށް ވިސްނަވާ.] މި ޝިޢާރުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލައްވަމުން، މި ޝިޢާރު ކަނޑައެޅުމުގެ މައިގަނޑު މަޤްޞަދަކީ، އަޅުގަނޑުމެންގެ ޢާންމު ދިރިއުޅުމުގައި، ކާބޯތަކެތި އިސްރާފުކުރާ މިންވަރާއި، އެކަމުގެ ސަބަބުން ތިމާވެށްޓަށާއި ކާބޯތަކެތީގެ ރައްކާތެރިކަމަށް އަސަރުފޯރާ މިންވަރު، ދުނިޔޭގެ ސަމާލުކަމަށް ގެނައުން ކަމަށް ވިދާޅުވެފައިވެއެވެ. މިރޮނގުން ޚިޠާބު ކުރިއަށް ގެންދަވަމުން، ދިވެހިރާއްޖޭގައި އުކާލެވޭ ކުނީގެ 41 އިންސައްތައަކީ، ކާބޯތަކެތި އެކުލެވޭ ކުނި ކަމަށާއި، ތިމާވެށީގެ ގޮތުން ކާބޯތަކެތި އިސްރާފު ކުރުންވަނީ ކުނި މެނޭޖް ކުރުމާ ވަރަށްބޮޑަށް ގުޅި ލާމެހިފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ކުނި މެނޭޖް ކުރުމަކީ، ރާއްޖޭގެ ނާޒުކު ތިމާވެށްޓަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި އަދި ޙައްލު ކުރުމަށް މާލީގޮތުންނާއި، އިޤްތިޞާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ހުރި ވަރަށް ފަންނީ މައްސަލައެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ކުނި މެނޭޖް ކުރުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޛު ކުރެއްވުމުގެ މަސައްކަތް، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކާމިޔާބުކަމާއެކު ހިނގަމުންދާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވައިލައްވަމުން، ރާއްޖޭގެ މި ނާޒުކު ތިމާވެށި ޙިމާޔަތްކޮށް، އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކޮށްދެއްވުމަށްޓަކައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ސަރުކާރަށް ކުރެއްވެންހުރި ހުރިހާ ކަމެއް ކުރެއްވުމުގައި އެމަނިކުފާނު ދެމިހުންނަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައިވެއެވެ.