މިއަހަރުގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު، ދުވަހުގެ ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް އަރިސް ކުރަމެވެ. އަދި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޑޮކްޓަރ މަރްޔަމް ޝަކީލާއަށާއި، އެ މިނިސްޓްރީގެ އެހެން ވެރިންނަށާއި، އެންމެހާ މުވައްޒަފުންނަށާއި، ރާއްޖޭގައި ތިމާވެށްޓަށް ޚިދުމަތް ކުރައްވަމުން ގެންދަވާ އަމިއްލަ ފަރުދުންނަށާއި، އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކަށްވެސް މުބާރަކްބާދީ ދަންނަވަމެވެ. ހަމައެއާއެކު، ރާއްޖޭގެ ތިމާވެށި ޙިމާޔަތްކޮށް އަންނަން އޮތްޖީލުތަކަށް ރައްކާތެރިކޮށްދިނުމުގެ ބުރަ މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ ފަރާތްތަކުން، އެ ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އެފަރާތްތަކަށްވެސް ތަހުނިޔާ ރައްދުކޮށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.

މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިޢާރަކީ "ކާބޯތަކެތި. އިސްރާފުނުކުރުމަށް. ވިސްނަވާ" "Think.Eat.Save." މި ޝިޢާރެވެ. މި ޝިޢާރު މިއަހަރަށް ކަނޑައެޅުމުގެ މައިގަނޑު މަޤްޞަދަކީ، އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގައި ކާބޯތަކެތި އިސްރާފުކުރާ މިންވަރާއި އެކަމުގެ ސަބަބުން ތިމާވެށްޓަށާއި ކާބޯތަކެތީގެ ރައްކާތެރިކަމަށް އަސަރުފޯރާ މިންވަރު ދުނިޔޭގެ ސަމާލުކަމަށް ގެނައުމެވެ. އެފް.އޭ.އޯ.ގެ ހިސާބުތަކުން ދައްކާ ގޮތުން އަހަރަކު 1.3 ބިލިއަން ޓަނުގެ ކާބޯތަކެތި އުކާލެވޭއިރު ދުނިޔޭގައި ދުވާލަކު 20 ހާސް ކުޑަކުދިން، ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވެގެންދެއެވެ. ކަން މިހެން ހުރި ކަމުގައިވިޔަސް ދުނިޔޭގައި ދިރިއުޅޭ 7 ބިލިއަން މީހުންގެ ބޭނުމަށް އުފައްދާ ކާބޯތަކެތީގެ ތިންބައިކުޅަ އެއްބައި ބޭކާރުވެގެން އުކާލެވެއެވެ. މިކަމުގެ ސަބަބުން ޤުދުރަތީ ވަސީލަތްތަކަށް ބާރުބޮޑުވެ ތިމާވެށީގެ ގިނަމައްސަލަތަކެއް ކުރިމަތިވެއެވެ. ހިތާމަޔާއެކު ދަންނަވަން ޖެހެނީ ރާއްޖޭގައިވެސް މިކަން މިއަދު އޮތީ މިގޮތަށްކަމެވެ. ދިވެހިރާއްޖޭގައި އުކާލެވޭ ކުނީގެ 41 އިންސައްތައަކީ ކާބޯތަކެތި އެކުލެވޭ އޯގަނިކް ކުންޏެވެ. ތިމާވެށީގެ ގޮތުން ބަލާއިރު ކާބޯތަކެތި އިސްރާފުކުރުންވަނީ ކުނި މެނޭޖްކުރުމާ ވަރަށް ބޮޑަށް ގުޅި ލާމެހިފައެވެ. މިގޮތުން އުކާލެވޭ ކުނީގެ ވަރަށް ބޮޑު ބައެއް ހިއްސާކުރަނީ ފަނާވެދާ ޒާތުގެ ކުނި ކަމުގައިވާތީ، ސަރުކާރުގެ އަމާޒަކީ، މިފަދަ ކުނި އަލުން ބޭނުންކުރެވޭނެ ނިޒާމެއް ޤާއިމު ކުރުމެވެ. ސަރުކާރުން އަރިއަތޮޅު އުތުރުބުރީ އުކުޅަހުގައި މި ފަދަ ނިޒާމެއް ފުރަތަމަ ފަހަރަށް ޤާއިމު ކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ. މި އަހަރުގެ ނިޔަލަށް މި ނިޒާމު އަރިއަތޮޅު އުތުރުބުރީގެ 5 ރަށެއްގައި ޤާއިމުކުރުމަށް ވަނީރޭވިފައެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތި ލިބެން ހުންނާނޭ ގޮތްތައް ރައްޔިތުންނަށް ތަނަވަސްކޮށްދިނުމަކީ، ސަރުކާރުން ކޮށްދޭންޖެހޭ ކަމެކެވެ. މިހެންކަމުން، ފުޑް ސެކިއުރިޓީ ސްޓްރެޓަޖީއެއް އެކުލަވައިލުމުގެ މަސައްކަތް މިހާރުވަނީ ފެށިފައެވެ. މި ސްޓްރެޓަޖީގައި ދަނޑުވެރިކަމާއި މަސްވެރިކަމުގެ އުފެއްދުންތެރިކަން މިހާރަށްވުރެ އިތުރުކުރެވޭނެ ގޮތްތަކާއި، ޞިއްޙަތަށް ފައިދާހުރި ގޮތުގައި ކާބޯތަކެތި އުފައްދައި ބޭނުންކުރުން ކުރިއަރުވާނެ ގޮތްތަކާއި، މިކަންކަން ކުރިއެރުވުމަށްޓަކައި އިދާރީ ހިންގުން ހަރުދަނާކުރާނެ ގޮތްތައް ރޭވޭނެއެވެ.

ކުނި މެނޭޖްކުރުމުގެ މައްސަލައަކީ، ރާއްޖޭގެ ނާޒުކު ތިމާވެށްޓަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި އަދި ޙައްލުކުރުމަށް މާލީގޮތުންނާއި އިޤްތިޞާދީގޮތުން ބޮޑެތި ގޮންޖެހުންތަކެއް ހުރި ވަރަށް ފަންނީ މައްސަލައެކެވެ. ކުނި މެނޭޖުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމުގެ މަސައްކަތް، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކާމިޔާބުކަމާއެކު ހިނގަމުންދާކަން މިފުރުޞަތުގައި ފާހަގަކުރަމެވެ. މި ގޮތުން، އުތުރުގެ މީހުން ދިރިއުޅޭ 4 އަތޮޅުގެ ހުރިހާ ރަށެއްގައި ކުނި މެނޭޖުކުރާނެ ގޮތުގެ ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ފެށި، 12 ރަށެއްގައިވަނީ މި މަސައްކަތް މުޅިން ނިމިފައެވެ. ކުނި މެނޭޖުކުރާނެ ސަރަޙައްދީ ފެސިލިޓީއެއް ގާއިމުކުރުމަށް ރ. އަތޮޅު ވަންދޫ ކަނޑައަޅައި، އެކަމުގެ ޢަމަލީ މަސައްކަތްވަނީ ފެށިފައެވެ. މި މަސައްކަތް ނިމުމުން، މި ސަރަޙައްދުގެ ހުރިހާ ރަށެއްގައި އެންމެ ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމު ކުރެވިގެންދާނެއެވެ. މާލޭ ސަރަޙައްދުގެ ކުނި މެނޭޖުކުރުމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން، ތިލަފުށީގައި ކުނި މެނޭޖުކުރުމުގެ އެކަށީގެންވާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެއެވެ.

މިއަދު ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ތިމާވެށީގެ ދުވަހު، އަޅުގަނޑަށް ލިބޭ އެންމެބޮޑު އެއް އުފަލަކީ، ރާއްޖެ ކަޑައްތު ކުރަމުންމިދާ ހަލަބޮލި ސިޔާސީ މާޙައުލުގައިވެސް ފާއިތުވި އަހަރު ތިމާވެށީގެ ދާއިރާއިން ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާތީ އެކަން ފާހަގަކުރުމެވެ. އަދި އެކަމަށްޓަކައި މާތްﷲ އަށް ޙަމްދާއި ޝުކުރު ދެންނެވުމެވެ.

ހަކަތަ އުފެއްދުމަށްޓަކައި ތެލަށް ކުރެވޭ ބޮޑު ހޭދައާ ދޭތެރޭގައި އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ތިމާވެށްޓާ ރައްޓެހި އިޢާދަކުރަނިވި ހަކަތަ ހޯދައިދިނުމަކީވެސް ސަރުކާރުގެ މުހިންމު އަމާޒެކެވެ. މިގޮތުން ދިވެހިރާއްޖޭގައި ހަކަތައިގެ ސަލާމަތްކަން (އެނަރޖީ ސެކިއުރިޓީ) އިތުރުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ ލިބެން ހުރުމަށް މަގުފަހި ކުރުމުގެ ގޮތުން، އިޢާދަ ކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށްޓަކައި 139 މިލިއަން ޔޫ.އެސް.ޑޮލަރުގެ އިންވެސްޓްމަންޓް ޕްލޭނެއް އެކުލަވާލައި އެ ޕްލޭނުގައި ހިމެނިފައިވާ މަޝްރޫޢުތައް ތަންފީޒުކުރުމުގެ މަސައްކަތް މިހާރުވަނީ ފެށިފައެވެ. މި ޕްލޭނުގެ ދަށުން އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން 10 ރަށެއްގައި ކަރަންޓު އުފެއްދުމާއި، 15 ރަށެއްގެ ކަރަންޓުގެ ނިޒާމު، ޒަމާނީ ފެންވަރަށް ރަނގަޅުކުރުމާއި، 30 ރަށެއްގައި އެރަށެއްގެ ދުވާލު ގަޑީގައި ބޭނުންވާ އެންމެ މަތީ ކަރަންޓުގެ މިންވަރުގެ 30 އިންސައްތަ އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފެއްދުން ހިމެނެއެވެ. އަދި ކަމާބެހޭ ޤާނޫނީ އޮނިގަނޑު އިތުރަށް ފުރިހަމަ ކުރުމާއި، އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން އިންސާނީ ވަސީލަތްތައް ބިނާކުރުމާއި، މިދާއިރާގެ ޤާބިލުކަން އިތުރުކޮށް، ރާއްޖެއަކީ ކާރބަން ނިއުޓްރަލް ޤައުމަކަށްވުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް ކުރަމުންގެންދާ މަސައްކަތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް މި ޕްލޭނުގެ ދަށުން ލިބިގެންދާނެއެވެ.

ތިމާވެށީގެ ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޒު ކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމުގެ ގޮތުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ފުލުހުންގެ ތެރޭގައި ތިމާވެށީގެ ފުލުހުން (އެންވަޔަރަންމެންޓަލް ޕޮލީސް) ޤާއިމު ކުރުމުގެ މަސައްކަތްތައް ބައިނަލްއަޤްވާމީ ފަރާތްތަކުގެ ފަންނީ އެހީތެރިކަމާއެކު މިއަދު މިވަނީ ފެށިފައެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރެވި، ތިމާވެށީގެ ނޭދެވޭ ޢަމަލުތައް ހުއްޓުވައި، އެފަދަ ކަންތައްތައް ކުރާމީހުން، ޝަރީޢަތުގެ ކުރިމައްޗަށް ގެނެވި، ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބުދިނުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެކަމަށް އަޅުގަނޑު އުންމީދު ކުރަމެވެ.

ރާއްޖޭގެ މި ނާޒުކު ތިމާވެށި ޙިމާޔަތްކޮށް އަންނަން އޮތްޖީލުތަކަށް ރައްކާތެރިކޮށްދިނުމަށްޓަކައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ސަރުކާރަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމުގައި އަޅުގަނޑު ދެމި ހުންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް މިފުރުޞަތުގައި އަރުވަމެވެ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، މާތްﷲ، ތިމާވެށީގެ އެކި ނުރައްކާތަކުން ރާއްޖެއާއި ރާއްޖޭގެ ރައްޔިތުން ސަލާމަތް ކުރެއްވުމެވެ. އަޅުގަނޑުމެންނަށާއި އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއި ސަލާމަތްކަން ޤާއިމުކޮށްދެއްވުމެވެ. ތިމާވެށި ޙިމާޔަތްކޮށް، އިސްރާފު ކުރުމުގެ ނުރައްކާތެރިކަމުން އަޅުގަނޑުމެންގެ މުޖުތަމަޢު ސަލާމަތް ކޮށްދެއްވުމެވެ.