ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ފަލަސްޠީނަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އިއްޔެ، ފަލަސްޠީނުގެ ރައީސާ ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިންޓަރނޭޝަނަލް އިސްލާމިކް ކޮންފަރެންސް އޮފް ބައިތުލްމަޤްދިސްގެ 4 ވަނަ ބައްދަލުވުން ޝަރަފްވެރިކޮށްދެއްވުމަށް ފަލަސްޠީނުގެ ރައީސް ދަޢުވަތު ދެއްވި ކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، ޝުކުރު އަދާކުރެއްވިއެވެ. އަދި ފަލަސްޠީނަށް ޒިޔާރަތް ކުރެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށްބޮޑު ޝަރަފެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ފަލަސްޠީނާ ދެޤައުމުގެ ދެމެދުގައިވާ ގުޅުން، މިދަތުރުފުޅުގެ ސަބަބުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން ރާއްޖޭގެ ސިޔާސީ މަސްރަޙާއި، ރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ބެހޭގޮތުން ފަލަސްޠީނުގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު އެރުވިއެވެ.

ފަލަސްޠީނުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ކޮންފަރެންސް ޝަރަފްވެރިކޮށްދެއްވުމަށް ވަޑައިގެންދެއްވި ކަމަށްޓަކައި އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދެންނެވިއެވެ. އަދި ދިވެހި ސަރުކާރުންނާއި ދިވެހި ރައްޔިތުން ފަލަސްޠީނާ ދޭތެރޭ އަބަދުވެސް ބަހައްޓަވަމުން ގެންދަވާ ގާތްކަން ފާހަގަކުރައްވައި، ދިވެހި ރައްޔިތުންނަށާއި، ދިވެހި ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދެންނެވިއެވެ.

މިބައްދަލުކުރެއްވުމަށްފަހު، މިދަތުރުފުޅާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ފަލަސްޠީނުގެ ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވައި މަޢުލޫމާތު ދެއްވިއެވެ.

މި ދަތުރުފުޅުގެ މަޢުލޫމާތު ދެއްވަމުން، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދިވެހި ރައްޔިތުން އަބަދުވެސެ ތިބޭނީ ފަލަސްޠީނުގެ ރައްޔިތުންނާ އެކީގައި ކަމަށާއި، ފަލަސްޠީނު މައްސަލައަށް އަވަސް ޙައްލަކަށް ދިވެހިން އެދިއެދި ތިބި ކަމުގައި ވިދާޅުވިއެވެ.