ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ފަލަސްޠީނުގެ ރައީސް ޑޮކްޓަރ މަޙްމޫދު ޢައްބާސްގެ ދަޢުވަތަކަށް، އިންޓަރނޭޝަނަލް އިސްލަމިކް ކޮންފަރެންސް އޮފް ބައިތުލް މަޤްދިސްގެ 4 ވަނަ ބައްދަލުވުން ޝަރަފުވެރިކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅުގައި އިއްޔެ ފަލަސްޠީނަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ރަސްމީގޮތުން މަރްޙަބާ ދެންނެވުން އޮތީ، ރާމަﷲ ގައި ހުންނަ ފަލަސްޠީނުގެ ރައީސްގެ ގަނޑުވަރުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ފަލަސްޠީނުގެ ރައީސްގެ ގަނޑުވަރަށް ވަޑައިގަތުމާއެކު، މަރްޙަބާ ވިދާޅުވީ ފަލަސްޠީނުގެ ރައީސް ޑޮކްޓަރ މަޙްމޫދު ޢައްބާހެވެ. އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާއާއި ފަލަސްޠީނުގެ ރައީސް ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، ދިވެހިރާއްޖެއާއި ފަލަސްޠީނާ ދެޤައުމުގެ ޤައުމީ ސަލާން ކުޅުނެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް ގާޑް އޮފް އޮނަރެއް އެރުވިއެވެ.