ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، އުރުދުނަށް ވަޑައިގެން، އުރުދުންގެ ރަސްގެފާނު ޢަބްދުﷲ ދެވަނައާ އިއްޔެ ބައްދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އުރުދުންގައި މަޑުކޮށްލެއްވީ، ފަލަސްޠީނުގެ ރާމަﷲ ގައި މިއަދު ފެށޭ އިންޓަރނޭޝަނަލް އިސްލަމިކް ކޮންފަރެންސް އޮފް ބައިތުލް މަޤްދިސްގެ 4 ވަނަ ބައްދަލުވުން ޝަރަފުވެރިކޮށްދެއްވުމަށް ފަލަސްޠީނަށް ވަޑައިގަންނަވަމުންނެވެ.

މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި އުރުދުނާ ދެޤައުމުގެ ދެމެދުގައިވާ ގާތް ރަޙްމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ޚާއްޞަކޮށް، އިޤްތިޞާދީ ދާއިރާއިންނާއި، ޞިއްޙީ ދާއިރާއިންނާއި، ތަޢުލީމީ ދާއިރާއިންނާއި، މެޑިކަލް ޓުއަރިޒަމްގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވައިލެއްވިއެވެ. އަދި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް މިއަދު ކުރިމަތިވެފައިވާ މައްސަލަތަކުގެ މައްޗަށްވެސް ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް އުރުދުންގެ ރަސްގެފާނަށް ދަޢުވަތު އެރުއްވިއެވެ. އަދި އިޤްތިޞާދީ ދާއިރާއިންނާއި، އެނޫން އެހެން ދާއިރާތަކުން ރާއްޖެއާ ގުޅުން ބަދަހިކުރެއްވުމަށް ވަރަށް ބޮޑަށް ޝައުޤުވެރިވެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.