ތައިލެންޑުން ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތައް، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ދެގުނައަށް އިތުރުކުރުމަށް ޤަޞްދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖެއާއި ތައިލެންޑާ ދެޤައުމުގެ ދެމެދުގައި މިއަދު ހަވީރު މުލީއާގޭގައި ބޭއްވެވި ރަސްމީ ވާހަކަފުޅުތަކަށްފަހު، ޚަބަރުފަތުރާ ވަސީލަތްތަކަށް މަޢްލޫމާތު ދެއްވަމުންނެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، ތައިލެންޑްގެ ބޮޑުވަޒީރުގެ މި ދަތުރުފުޅަކީ، މި އަމާޒަށް ވާސިލްވުމަށް އެޅުނު އިތުރު ބާރެއް ކަމުގައި ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއާއި ތައިލެންޑާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުމުގެ މައްޗަށް ބައްލަވައިލައްވަމުން، ރާއްޖޭގެ ގާތްގަނޑަކަށް 30 ޕަސެންޓް އެކްސްޕޯޓް ކުރަނީ ތައިލެންޑަށް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި މިއަދަދު އިތުރުކުރުމަށް ރާއްޖެއިން ބޭނުންވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ދެޤައުމުގެ ގުޅުމުގެ މައިބަދައަކީ ވިޔަފާރި ކަމަށާއި، މިއަދު ކުރެވުނު ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން މި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ތައިލެންޑްގެ ބޮޑުވަޒީރު އިތުރަށް މަޝްވަރާ ކުރެއްވި ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ތައިލެންޑަކީ، އެ ޤައުމު ހިމެނޭ ސަރަޙައްދީ ޖަމްޢިއްޔާ ކަމުގައިވާ އާސިއާން ކުރިއެރުވުމަށް ވަރަށް އިސް ދައުރެއް އަދާކޮށްފައިވާ ޤައުމެއް ކަމަށްވާއިރު، އަދި ދިވެހރާއްޖެއަކީ ސާކްގެ މިހާރުގެ ޗެއަރ ކަމުގައިވާތީ، މި ދެ ސަރަޙައްދީ ޖަމްޢިއްޔާގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅަށްފަހު، ތައިލެންޑްގެ ބޮޑުވަޒީރު އިންގލަކް ޝިނަވަޓްރާ، ވާހަކަފުޅު ދެއްކެވިއެވެ. އެކަމަނާގެ ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި ބޭއްވުނު ރަސްމީ ވާހަކަފުޅުގައި މަޝްވަރާ ކުރެވުނު ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުން އިތުރު ދާއިރާތަކުން ފުޅާކުރެއްވުމަށް ބޭނުންފުޅުވާ ކަމުގައި ހާމަކުރެއްވިއެވެ.