ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ ދަޢުވަތަކަށް ތައިލެންޑްގެ ބޮޑުވަޒީރު ހަރ އެކްސަލަންސީ ޔިންގްލަކް ޝިނަވަޓްރާގ، ޖޫން މަހުގެ 1 ން 3 އަށް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.

މިދަތުރުފުޅުގައި ތައިލެންޑްގެ ބޮޑުވަޒީރު، ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވާނެއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަވެސް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި ބައްދަލުކޮށްލެއްވުމަށްފަހު، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކަކުން 7 އެއްބަސްވުމެއްގައި ސޮއިކުރެވޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ތައިލެންޑްގެ ބޮޑުވަޒީރު، ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި، ދަތުރުފުޅާބެހޭ މަޢުލޫމާތު ދެއްވުންވެސް އޮންނާނެއެވެ.

ތައިލެންޑްގެ ބޮޑުވަޒީރުގެ ޝަރަފުގައި، ރައީސުލްޖުމްހޫރިއްޔާ ރަސްމީ ޖާފަތެއްވެސް ދެއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.