ނައިޖީރިއާގެ ނައިބު ރައީސް މިސްޓަރ އާރކް ނަމަދީ ސަމްބޯ ޖީ.ސީ.އީ.އެން.ގެ ދެކަނބަލުން، ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ޗައިނާއަށް ވަޑައިގަންނަވަމުން މިއަދު ހެނދުނު އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި މަޑުކޮށްލައްވައިފިއެވެ. އެދެކަނބަލުންނަށް އެއަރޕޯޓުން މަރްޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްފާޟިލް މުޙަންމަދު ވަޙީދުއްދީނެވެ.

މަރުޙަބާ ދެންނެވުމަށްފަހު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ނައިޖީރިއާއާ ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، ކަނޑުފޭރުމާއި، ޓެރަރިޒަމްފަދަ ޤައުމީ ސަލާމަތީ ކަންތައްތަކުގެ ދެޤައުމުގެ ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. އަދި މީގެއިތުރުން، ތަޢުލީމާއި، ފަތުރުވެރިކަމާއި، ދަނޑުވެރިކަން އަދި ހަކަތަ އުފެއްދުމުގެ ދާއިރާފަދަ ޤައުމުގެ ތަރައްޤީ އާއި ގުޅިފައިވާ ދާއިރާތަކުން ދެޤައުމުގެ ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.