بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين

ޘާނަވީ މަރްޙަލާ ނިންމާ އިމްތިޙާނުން މަތީ ކާމިޔާބީތައް ހޯދި ދަރިވަރުން، މިނިސްޓަރ އޮފް އެޑިޔުކޭޝަން، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ސްކޫލްތަކުގެ ޕްރިންސިޕަލުން، ސްކޫލް ބޯޑުތަކާއި، ޕީ.ޓީ.އޭ.ގެ މެމްބަރުން، ސްކޫލްތަކުގެ ހީވާގި ޓީޗަރުން، ޢިއްޒަތްތެރި ބެލެނިވެރިން، ލޮބުވެތި ކިޔަވާ ކުދިން، އަދި ޙަފްލާ ދުރާއި ގާތުން ބައްލަވަމުން ގެންދަވާ އެންމެހައި ލޮބުވެތި އަޚުންނާއި އުޚުތުން.
السّــلام عليــكم ورحـمــة اللّـه وبـركاتـه،

މިރޭ އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމުގައި ދެކެނީ، އެކިއެކި ވަނަތައް ހޯއްދެވި އިނާމުވެރިންނަށް ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރުން. މީގެއިތުރުން، މިރޭ ތަހުނިޔާއާއި މުބާރަކްބާދީ އަދި ހިފެހެއްޓުމެއްނެތި ޝުކުރު އަދާކުރަންޖެހޭ ވަރަށް މުހިންމު ފަރާތްތަކެއްވޭ. އާދެ! އެއީ މިރޭގެ ކާމިޔާބީތައް ހޯދި ދަރިވަރުންގެ ފަޚްރުވެރި ބެލެނިވެރިން. އެ ބެލެނިވެރިންގެ އަގުނުކުރެވޭފަދަ އިޚްލާޞްތެރި ބުރަ މަސައްކަތާއި އަޅާލުންތެރިކަމަށް އައްސަރިބަހާއި ސާބަސް ދެންނެވުން ޙައްޤު [ކާމިޔާބު] ބެލެނިވެރިން. އެހެންކަމުން، ތިޔަ ހުރިހާ ބެލެނިވެރިންނަށް ޝުކުރާއި އައްސަރިބަހާއި ސާބަސް ދަންނަވަން. އާދެ! ހަމަ މިނޭވާގައި، އެއްވެސް ވަރުބަލިކަމެއްނެތި، ވަރަށް އަވަދިނެތި ކެތްތެރިކަމާއެކު، ކިޔަވައިދެއްވުމުގެ ބުރަ އަދި ބޮޑު ޒިންމާ އުފުއްލަވަމުން ގެންދަވާ، ހީވާގި މުދައްރިސުންނާއި، ސްކޫލްތަކުގެ ވެރިންނަށް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން.

އާދެ، ދިވެހިރާއްޖޭގެ ގަދަ 10 ގައި ޖުމްލަ 426 ދަރިވަރުން ހިމެނި، ރާއްޖޭގެ މަތީ ވަނަތައް 11 ދަރިވަރަކު، ދުނިޔޭގެ 1 ވަނަ 5 ދަރިވަރަކު، ދުނިޔޭގެ މަތީ ވަނަތައް 30 ދަރިވަރަކު އަދި ކޭމްބްރިޖް އިންޓަރނޭޝަނަލް އެގްޒެމިނޭޝަންސް އިން ދެއްވާ ހައި އެޗީވްމަންޓް އެވޯޑުގައި 12 ދަރިވަރަކު ހިމެނޭކަމީ، އަޅުގަނޑު ނިހާޔަތަށް އުފާކުރާ ކަމެއް. އަދި 60 އިންސައްތައަށްވުރެ ގިނަ ދަރިވަރުން 5 މާއްދާއިން ފާސްވެގެން 2011 ވަނަ އަހަރު 22 ސްކޫލަކުން އެޗީވްމަންޓް އެވޯޑް ޙާޞިލްކޮށްފައިވާއިރު، ވޭތުވެދިޔަ އަހަރު 31 ސްކޫލަކުން އެ އެވޯޑު ޙާޞިލް ކުރުމާއި، 2011 ވަނަ އަހަރަށްވުރެ 5 މާއްދާއިން ފާސްވި މިންވަރު 10 އިންސައްތަ ނުވަތަ އެއަށްވުރެ މަތީ ކުރިއެރުމެއް ހޯދައިގެން 62 ސްކޫލަކުން ސްކޫލް ޕްރޮގްރެސް އެވޯޑް ޙާޞިލްކޮށްފައިވާކަމީ، މިރޭގެ އުފާވެރިކަން ވަރަށް އިތުރުވެގެންދާ ކަމެއް.

އާދެ، މިރޭ ބޭއިޚްތިޔާރުގައިވެސް އަޅުގަނޑަށް ޚާއްޞަކޮށް ފާހަގަކޮށްލެވޭ ދެސްކޫލެއް އެއީ އަމީނިއްޔާ ސްކޫލާއި ޝަރަފުއްދީން ސްކޫލް. މި ދެސްކޫލަށާއި އަދި ވަނަތައް ހޯދި ހުރިހާ ސްކޫލްތަކަށް އަޅުގަނޑު ފަށްފަށުން މަރްޙަބާއާއި މުބާރަކްބާދާއި ޝުކުރު ދަންނަވަން.

އާދެ! މިހާގިނަ ޢަދަދެއްގެ ކުދިން، މިހާ ރަނގަޅު ނަތީޖާތަކެއް ހޯދިކަމާމެދު އަޅުގަނޑުމެން މިރޭ އެބަޖެހޭ އުފާކޮށް، އެކަމާ ދޭތެރޭގައި ކުޑަކޮށް ވިސްނާލަން. ކިހިނެއްތޯ، އެހާ ގިނަ ކުދިން އެހާ ރަނގަޅު ނަތީޖާ މި ހޯދީ. ކޮންމެވެސް ސަބަބުތަކެއް ހުރެގެން. ކޮންމެވެސް ކަންތަކެއް ރަނގަޅަށް ކުރެވިގެން. އެކަންކަން އަޅުގަނޑުމެންނަށް ދެނެގަތުމުން އަޅުގަނޑު ގަބޫލުކުރާގޮތުގައި، މުޅި ތަޢުލީމީ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކަށް ކޮންމެވެސްވަރެއްގެ އަލިކަމެއް އޭގެ ސަބަބުން ވެގެންދާނެ. އަޅުގަނޑަށް ފާހަގަކުރެވޭ ބައެއް ކަންކަން އެބަހުރި. އަޅުގަނޑަށް ފާހަގަކުރެވޭގޮތުގައި، އެންމެ މުހިންމު އެއްކަމަކީ ދަރިވަރުންގެ ހިތްވަރާއި ޢަޒުމް. ކާމިޔާބު ހޯދުމަށްޓަކައި ކުދިން އެކަމަށް އުންމީދުކޮށް، އެކަމަށް ޢަޒުމް ކަނޑައެޅުން. އަދި ބެލެނިވެރިން އެކުދިންނަށް، ޙާޞިލްކުރަންޖެހޭ އެކިއެކި ލަނޑުދަނޑިތައް ފާހަގަކޮށް، މަތީ ޓާގެޓްތަކެއް އެކުދިން ޙާޞިލް ކުރުމަށް ބެލެނިވެރިންގެ އުންމީދުވެސް އޮތީމަ. ހަމައެހެން، އެކުދިންގެ ކާމިޔާބުގައި ބެލެނިވެރިންގެ ވަރަށްބޮޑު ޙިއްޞާއެއްވޭ. ތިޔަ ކުދިން ތިޔަކުރި މަސައްކަތް ތިހާ ފުރިހަމަ ކާމިޔާބީއާއެކު ތިޔަ ނިންމާލެވުނީ ތިޔަ ކުދިންގެ ލޮބުވެތި މައިންބަފައިންނާއި ބެލެނިވެރިން ވަރަށްބޮޑު އެހީތެރިކަމެއްދީގެން. އެހެންވީމާ، ތިޔަކުދިން ޝުކުރު އަދާކުރަންޖެހޭ އެންމެ މުހިންމު ފަރާތަކީ ތިޔަ ކުދިންގެ ބެލެނިވެރިން.

އާދެ! ކުދިން ތަޢުލީމުގައި ކާމިޔާބު ހޯދުމަށްޓަކައި ބޭނުންވާ އެހެނިހެން ސަބަބުތައްވެސް ޝަރުޠުތައްވެސް އެބަހުރި. އޭގެތެރެއިން ކިޔެވުމަށް ބޭނުންވާ ރަނގަޅު ސްކޫލަކާއި، އެ ސްކޫލްގެ ވަސީލަތްތައް ފުރިހަމަވެފައި ހުރުން އެއީ ވަރަށް މުހިންމު ކަމެއް. މިރޭ އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ، ރާއްޖޭގެ އެންމެ އުތުރުން ފެށިގެން އެންމެ ދެކުނާ ހަމައަށް ވަރަށްގިނަ ޢަދަދެއްގެ ސްކޫލްތައް ކާމިޔާބު ހޯދި ތަން. އަޅުގަނޑުވެސް އެ ސްކޫލްތަކަށް ދަން. އަޅުގަނޑަށްވެސް ފެނޭ ސްކޫލްގެ ޙާލަތު ހުންނަގޮތްވެސް. ތެދެއް، ކުރިއާ އަޅާބަލާފައި އަޅުގަނޑުމެންގެ ސްކޫލްތަކުގެ ވަސީލަތްތައް މިހާރު ވަރަށް ރަނގަޅު. އެހެން ނަމަވެސް، ގިނަ ސްކޫލްތަކަކީ އަދިވެސް ކޮމްޕިއުޓަރ ކްލާސްވެސް ރަނގަޅަށް ނުހިނގާ، ނޫނީ ލެބްވެސް ރަނގަޅަށް ނުހިނގާ، އަދި ސްކޫލަށް ބޭނުންވާ ބައެއް ތަކެތި ހޯދަންޖެހޭ ތަންތަން. އެހެން ނަމަވެސް، އެސްކޫލްތަކަށް ލިބިފައިވާ މަދު ވަސީލަތްތައް ބޭނުންކޮށްގެން، ސްކޫލްގެ ޚާއްޞަކޮށް، ހިންގުންތެރިންނާއި ޓީޗަރުން އެކޮށްދިން ބުރަ މަސައްކަތް އަޅުގަނޑުމެން މިރޭ އުފަލާއެކީ ފާހަގަކުރަން. އެބޭފުޅުން އެކޮށްދެއްވި މަސައްކަތް، އެ ވަސީލަތްތައް ރަނގަޅަށް ބޭނުންކުރެއްވުމުގެ ނަތީޖާ މިރޭ އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ.

ޝައްކެއްނެތް، ސްކޫލެއްގައި ރަނގަޅު ނަތީޖާ ނެރުމަށްޓަކައި އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ރަނގަޅު ޓީޗަރުން ތިބުން. ފެންވަރު ރަނގަޅު، ތަމްރީނު ލިބިފައި ތިބި ޓީޗަރުން ތިބުމުން، ރަނގަޅު ނަތީޖާ ނެރެވޭނެކަން މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ. އެހެންވީމާ، މުދައްރިސުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑުމެން ކެނޑިނޭޅި މަސައްކަތް ކުރުން އެއީ ވަރަށް މުހިންމު ކަމެއް. އަދި ހަމައެހެން، އަޅުގަނޑަށް ފާހަގަކުރެވޭ ގޮތުގައި، ސްކޫލް ދައުރުގައި، އެ ޢުމުރުފުރާގައި ކުދިން ޙިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެންގެ މުޖްތަމަޢު މިހާރު މިދަނީ ވަރަށް ބާރު ސްޕީޑެއްގައި ބަދަލުވަމުން. ކުދިންނަށް އެކިއެކި ނުފޫޒުތައް އެކިގޮތްގޮތުން އަންނަމުން. ޓީ.ވީ.ގެ ޒަރީޢާއިން ނަމަވެސް، ނޫނީ ރަށުތެރެއިން ނަމަވެސް. އެހެންވީމާ، އަޅުގަނޑުމެންގެ ޅަދަރިންނަށް ޚާއްޞަކޮށް، ކިޔަވާ ޢުމުރުފުރާގައި އެކުދިންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން، ޙިމާޔަތް ލިބިދިނުމަކީ އެއީ ސްކޫލްގައި ކާމިޔާބު ހޯދުމަށް ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން.

އާދެ! މިރޭ އަޅުގަނޑުމެން މި ފޮނި ނަތީޖާތައް އަހަމުންދިޔައިރުގައި، އަޅުގަނޑުމެން އެބަ ހަނދާން ބަހައްޓަންޖެހޭ، މި ފެންވަރުގައި ނިމޭ ގިނަ ކުދިންނަކީ މިހާ ރަނގަޅު ނަތީޖާ ނެރެވޭ ކުދިން ނޫންކަން. އެއީ ރާއްޖޭގައި މިހާރު އޯ ލެވެލް އިމްތިޙާނުގައި މި ބައިވެރިވަނީ ގާތްގަނޑަކަށް ހައެއްކަހާސް ކުދިން. އޭގެތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ކުދިންނަށް އޭ ލެވެލަށް ދިޔުމުގެ ފުރްޞަތު މި ލިބެނީ. ލިބޭއިރުގައި މިހާތަނަށް ޙަޤީޤަތުގައި އޭ ލެވެލްގައި ބައިވެރިވަނީ އޭގެތެރެއިންވެސް ދެބައިކުޅަ އެއްބައި ކުދިން. އެހެންވީމާ، އަދިވެސް ވަރަށްމަދު ކުދިންނަށް މަތީ ޘާނަވީ ތަޢުލީމަށް މި ކުރިއަށްދެވެނީ. އެހެން ހުރިހާ ކުދިންނަށްވެސް އަޅުގަނޑުމެން އެބަޖެހޭ ފުރްޞަތުތައް ހޯދައިދޭން. އަޅުގަނޑު ތަކުރާރުކޮށް އެބަ ދަންނަވަން. އަދި އަޅުގަނޑު އުންމީދު ކުރަން، މުސްތަޤްބަލުގައި މިއީ ސަރުކާރުގެ ސިޔާސަތު ކަމަށް ކަނޑައެޅިގެން، މިކަމަށް ރޭވުންތަކެއް ރޭވިގެންދާނެ ކަމަށް. އެއީ ޢުމުރުން 18 އަހަރު ވަންދެން، ކޮންމެ ކުއްޖަކީވެސް ކޮންމެވެސް ތަޢުލީމީ ނުވަތަ ތަމްރީނުގެ ޕްރޮގްރާމެއްގައި އުޅޭ ކުއްޖަކަށް ހެދުން. އޭރުން އިރާދަކުރެއްވިއްޔާ، 16 އަހަރުވެގެން، ސްކޫލް ނިމިގެން، ދެން ކުރާނެ ކަމެއް ނޭނގިގެން މާލެއަށް އައިސް، ނޫނީ އެހެން ތަނަކަށް ގޮސް މަގުމަތީގައި ގިނަވެގެން އިޖްތިމާޢީ އެކިއެކި ކަންތައްތަކުގެ ތެރޭގައި ކުދިންނަށް ގެއްލުން ލިބޭކަށް ނުޖެހޭނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެއީ އަޅުގަނޑުމެން ޙާޞިލްކުރަން ޤަޞްދުކުރާ މަޤްޞަދު.

އާދެ، މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން އަޅުގަނޑުވާނީ، ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް ކުރާނެ ބައެއް ކަންކަން ހާމަކޮށްފައި. މިގޮތުން އޯލެވެލް އިމްތިހާނުގައި މުޅި ދުނިޔޭން 1 ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މެޑެލް ދެވޭނޭކަން އަޅުގަނޑުވާނީ ފާހަގަކޮށްފައި. މިރޭ އެކަން ކުރެވުނު ކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށްފިން. އަދި ޚާއްޞަކޮށް، މިރޭ އެ ވަނަތައް ހޯދި 5 ދަރިވަރުންނަށް އަޅުގަނޑު މުބާރަކްބާދީއާއި ތަހުނިޔާ ދަންނަވަން.

އަދި އަޅުގަނޑު ދަންނަވާފައިވާނޭ ފަދައިން، އިތުރު ސްކޫލްތަކެއްގައި އޭލެވެލަށް ކިޔަވައިދޭން ފަށާނެ ކަމުގައިވެސް އަޅުގަނޑުވާނީ ފާހަގަކޮށްފައި. މިކަންކަން ކުރެވި، މިދާއިރާ އިތުރަށް ފުޅާވަމުންދާކަމުގެ އެދެވޭ ހެކިތައް އަޅުގަނޑުމެންނަށް މިހާރު މިދަނީ ފެންނަމުން. 2012 ވަނަ އަހަރުގެ ޘާނަވީ އިމްތިހާންތަކުން ދަރިވަރުން ހޯދި ނަތީޖާ ރަނގަޅުވުމުގެ ސަބަބުން 2013 ވަނަ އަހަރު އޭ ލެވެލަށް ކިޔަވައިދޭން ފެށުމަށް ޝަރުތު ފުރިހަމަވެގެން އަތޮޅުތެރޭގައި ޖުމްލަ 14 ސްކޫލެއްގައި މިއަހަރު ޖޫން މަހުގައި އޭ ލެވެލަށް އަލަށް ކިޔަވައިދޭން ފެށޭނެކަމީ، މިދާއިރާ ފުޅާވެ، ތަޢުލީމީ ފުރުޞަތުތައް، އާބާދީގެ ބޮޑުބަޔަކަށް ލިބެމުންދާ ކަމުގެ އަދި ކާމިޔާބު ނަތީޖާތަކެއް ޙާޞިލް ކުރެވެމުންދާކަން ފެންނަމުންދާ ޙަޤީޤަތް. އަދި މީގެއިތުރުން، ދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން، ޚިދުމަތުގައި ތިއްބެވި ޓީޗަރުންގެ ފެންވަރު މަތިކުރުމަށް ނޭޝަނަލް އިންސްޓިއުޓް އޮފް އެޑިއުކޭޝަނުން (އެން.އައި.އީ) އިން-ސަރވިސް ޕްރޮގްރާމްތައް އަދި ޑިޕްލޮމާ ކޯސްތައް ހިންގޭނެ. އަޅުގަނޑު ދެކޭގޮތުގައި އެން.އައި.އީ އަކީ، ތަޢުލީމީ ދާއިރާ ތަރައްޤީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ މުހިންމު މުއައްސަސާއެއް.

އާދެ، ރާއްޖޭގެ އެހެން ދާއިރާތަކެކޭ އެއްފަދައިން، ތަޢުލީމީ ދާއިރާގައިވެސް ބިދޭސީ މުވައްޒަފުންގެ ޢަދަދު ގިނަ. އެހެންކަމުން، މިދާއިރާއަށް ޤާބިލް ދިވެހިން ކުރިމަތިލުމަށް އަޅުގަނޑު އިލްތިމާސް ކުރަން. ރާއްޖޭގެ ނިސްބަތުން ވަރަށް ކުޅަދާނަ، ތޫނުފިލި ކުދިން މިދާއިރާއަށް ޚިދުމަތް ކުރުމަށް ފަސްޖެހޭކަމީ، ދާއިރާގެ ކުރިމަގަށް، ލިބޭނޭ ދެރައެއް ކަމުގައި ނޫނީ ނުވާނެ. ދިވެހިންގެ އާދަކާދައާއި، ދިވެހިންގެ ތާރީޚާއި، ދިވެހިންގެ ގޮތްފޮތް އެންމެ ރަނގަޅަށް، އެންމެ ފުރިހަމައަށް އުނގަންނައިދޭން އެނގޭނީ ދިވެހިންނަށް ކަމަށްވީއިރު، އުނގަންނައިދިނުމުގެ ދާއިރާގައި ދިވެހިން އިތުރަށް ޙަރަކާތްތެރިވުމަކީ ވަރަށް މުހިންމު ކަމެއް. މިއަދު މަތީ ތަޢުލީމަށްދާ ކުދިންގެ ތެރެއިން އެޑިޔުކޭޝަންގެ ރޮނގުން ކިޔަވަން ބޭނުންވަނީ، އެންމެ ނަތީޖާ ދަށް ކުދިން. އަދި ބައެއް ކުދިން، އެކުދިން ބޭނުން ރޮނގަކުން ކިޔެވުމުގެ ފުރްޞަތު ނުލިބެނީސް މަތީ ތަޢުލީމަށް ނުދާން ތިބެ، ވަރަށްގިނަ ކުދިންނަށް އެއްވެސް ފުރްޞަތެއް ނުލިބި، ގެއްލިގެންވެސް އެބަދޭ. ޓީޗަރުކަން ދަސްކުރަން ކުދިން ބޭނުންނުވާ ސަބަބުތައް ހުރިކަން އަޅުގަނޑުމެންނަށް އެނގޭ ވަރަށް ކުރިއްސުރެވެސް. އޭގެތެރޭގައި ޓީޗަރުންނަށް ދެވޭ މުސާރައާއި ޢިނާޔަތްތައް ހިމެނޭ. އަދި ޓީޗަރުންނަކީ ގިނަ ވަގުތު މަސައްކަތުގައި އުޅެންޖެހޭ، އުނދަގޫ މަސައްކަތެއް ކުރާ ބައެއްކަން އަޅުގަނޑަށްވެސް އެނގޭ.

އާދެ! މިހާރު ސްކޫލްތައް ހިންގުމުގައި ޓީޗަރުންނަށް ޚާއްޞަކޮށް، އެބަޖެހޭ އަޅުގަނޑުމެން އަހަންމިއްޔަތުކަންދޭން. ސްކޫލްތަކުގައި ދަރިވަރުން ތަރުބިއްޔަތު ކުރުމުގެ ފަންނާނީންނަކީ ޓީޗަރުން ކަމުގައިވީހިނދު، ޓީޗަރުންނަށް ދަރިވަރުން ތަރުބިއްޔަތު ކުރުމުގައި އިޚްތިޔާރުތަކެއް ދޭންޖެހޭކަމަށް އަޅުގަނޑު ދެކެން. އަދި ސްކޫލްތަކުގެ ވެރިންނަށްވެސް ސިޔާސަތުތައް ތަންފީޛު ކުރުމުގައި ބާރުތަކެއް ލިބިދޭންޖެހޭ. އެހެންކަމުން، ސްކޫލް ބޯޑުތަކުން، މިހާރަށްވުރެ ބޮޑަށް ސްކޫލްތައް ހިންގުމުގައި، މަޝްވަރާގެ ރިވެތި އުޞޫލުތަކުގެ އަލީގައި، ސްކޫލްތަކުގެ ހިންގުން އިޞްލާޙް ކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން.

އާދެ! ދާދިފަހުން އަޅުގަނޑު އައްޑޫސިޓީގެ ޝަރަފުއްދީން ސްކޫލަށް ދިޔައީމު. ދިޔައިމާ އެސްކޫލްގެ ދަރިވަރުން އަޅުގަނޑަށް ހަދިޔާކުރީ ވަރަށްބޮޑު ފޮތިގަނޑެއް. މިފޮތުގަނޑުގައި ހުރީ ސްޓިކަރ ނޯޓްތަކެއް ހަރުކޮށްފައި، މުޅި ފޮތިގަނޑު ފުރެންދެން. މިއިން ކޮންމެ ކަރުދާސްކޮޅެއްގައި ވަނީ ކޮންމެވެސް ކުއްޖެއްގެ އުންމީދު. އޭގެތެރެއިން އަޅުގަނޑު ޚާއްޞަ ގޮތެއްގައި އަޅައިގަތް އެއް ކަރުދާސްކޮޅު އޮތް. އެ ކަރުދާސްކޮޅުގައި އެ ދަރިވަރަކު ލިޔެފައި އޮތީ ތިމަންނަގެ އުންމީދަކީ، ޞުލްޙަވެރި މާޙައުލެއްގައި ތިމަންނައަށް ބޮޑުވުމުގެ ފުރްޞަތު ލިބުން.

އާދެ، ޤައުމުގެ ޙާލަތު މިއަދު މިވަނީ ވަރަށް ހަލަބޮލިވެފައި. މިއަދު އަޅުގަނޑުމެންގެ ޤައުމުގެ ކޮންމެ ދިމާލަކުންވެސް އިވެމުންދަނީ، [ޙައްޤުތަކުގެ] ވާހަކަ. އެހެންނަމަވެސް، އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަމަކީ، އެ ޙައްޤުތަކަކީ، އޭގައި އެއްވެސް އިމެއްނެތި ލިބިދޭ ޙައްޤުތަކެއް ނޫންކަން. އަދި އެ ޙައްޤުތަކާއި އަދި މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަކީ ވަކިކުރެވޭނޭ އެއްޗެއް ނޫންކަން. ކޮންމެ ޙައްޤަކާއެކު އަޅުގަނޑުމެން އަދާކުރަންޖެހޭ ވާޖިބެއްވެސްވާކަން. އަނެކުންގެ ޙައްޤުތަކަށާއި މިނިވަންކަމަށް އިޙްތިރާމްކޮށް، އެއަށް ރައްކާތެރިވެ، އެކަކު އަނެކަކަށް އިޙްތިރާމްކޮށް، ދިވެހިރާއްޖޭގެ ސިޔާދަތާއި އެއްބައިވަންތަކަމާއި، އަމަންއަމާންކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ، ޤާނޫނުއަސާސީން އަޅުގަނޑުމެންގެ އެންމެންގެ މައްޗަށް ލާޒިމްކުރާކަމެއް. ކޮންމެ މީހަކުވެސް މިއަދު ދަންނަންޖެހޭ ކަމެއް.

އޭލެވެލް އިމްތިޙާނު ނިންމާ ދަރިވަރުންގެ ތެރެއިން އެއްވަނައަށްދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ސްކޯލަރޝިޕް، ކޮންމެ އަހަރަކުވެސް ދެމުންދާއިރު، މި ސްކޯލަރޝިޕްތަކުގެ ޒަރީޢާއިން ކިޔެވުމަށްފަހު، އެނބުރި ރާއްޖެ އައިސް، ޤައުމަށް ޚިދުމަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް. އެފަދަ މޮޅު ދަރިންތަކަކަށް، ޤައުމު އެފަދަ ބޮޑު އިންވެސްޓްމަންޓެއް ކުރަނީ، ތަޢުލީމީ ޤާބިލް ދަރިންނަކީ ވަރަށްބޮޑު ރައުސްމާލެއް ކަމަށްވާތީ. އެހެންވީމާ، އެ ސްކޯލަރޝިޕްތަކުގައި ކިޔަވާ ދަރިވަރުން، ޤައުމަށް އެނބުރި އައިސް ޚިދުމަތް ކުރަން އަޅުގަނޑު ގޮވާލަން. މިކަމަކީ އަޅުގަނޑުމެން މިހާތަނަށް ހިތާމަކުރަންޖެހޭ ކަމެއް.

އާދެ، މިފުރުޞަތުގައި އަޅުގަނޑު ވަރަށް އުފާވެރި ކަމެއްވެސް ޙިއްސާކޮށްލަން ބޭނުން. އެއީ، ޤައުމީ ފެންވަރުގައި މަތީ ޘާނަވީ އިމްތިހާނުގައި ގަދަ 10 ގައި ހިމެނޭ ދަރިވަރުންގެ ތެރެއިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ތަޢުލީމް ޙާޞިލްކުރަން ބޭނުންވާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ތަޢުލީމް ޙާޞިލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ސްކޯލަރޝިޕް ދިނުމަށް އަޅުގަނޑު ނިންމި ވާހަކަ.

ކުރިމަގަށް ވިސްނާއިރު، އަޅުގަނޑުމެން ވިސްނަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި. އަޅުގަނޑުމެން ވިސްނާލަންޖެހެނީ، ގިނަ ކަންތައްތަކެއް ކުރަންވެފައި ހުރިކަން. ސްކޫލްތައް މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކިތަންމެ ކަންތައްތަކެއް އެބަހުރި. އެކަންކަން ރަނގަޅު ކުރުމަށް ސަރުކާރުގެ ފުދުންތެރިކަން ހުރި މިންވަރަކުން އެ މަސައްކަތް ކުރާނެ ވާހަކަ ތިޔަބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީ ދަންނަވަން.

އަޅުގަނޑު އެދެނީ، ތަރައްޤީގެ މަގުގައި ކުރިއަށްދާ ދިޔުމުގައި އަޅުގަނޑުމެން އެންމެން ޤަބޫލުކުރާ އުޞޫލުތަކާއި ސިޔާސަތުގައި އެންމެންވެސް ހިފެހެއްޓުން. އަޅުގަނޑުމެންގެ މުޖުތަމަޢުގެ އެންމެން، ޤައުމުގެ ކޮންމެ މުއައްސަސާއަކުންވެސް، ތަޢުލީމީ ދާއިރާއަށް ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދެއްވައި، ކުރަންހުރި ގިނަ މަސައްކަތުގެ އަދި ގޮންޖެހުންތަކުގެ ތުރާ ޙިއްޞާކޮށް، ތަޢުލީމީ ދާއިރާއަކީ ނަތީޖާ ނެރެވޭ ދާއިރާއަކަށް ހެއްދެވުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކުންވެސް އެހީވެވަޑައިގެން ދެއްވުން.

މިއުފާވެރި ޙަފްލާ ޝަރަފުވެރިކޮށްދިނުމަށް އަޅުގަނޑަށް ދަޢުވަތު ދެއްވި ކަމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވެރިންނަށް ނުހަނު އިޚުލާޞްތެރިކަމާ އެކީގައި އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، ދިވެހި ތަޢުލީމަށް اللّـه سبحـانـه وتعـالى ކުރިއެރުން ދެއްވުން. ދިވެހިރާއްޖޭގެ ތަޢުލީމަށް ހެޔޮ އިޞްލާޙުތައް ގެނައުމުގެ ތައުފީޤު މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.