ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން މެންބަރަކު އިސްތިޢުފާ ދެއްވާފައިވާތީ، އެކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 18 އޮކްޓޯބަރ 2012 ގައި ކުރައްވާފައިވާ އިޢުލާން ބާޠިލުކޮށް، ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލުން މިއަދު ހުޅުއްވާލައްވައިފިއެވެ. މިފުރްޞަތު ހުޅުއްވާލައްވައި، އެ އޮފީހުން ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިޢު ކުރައްވާފައިވާ އިޢުލާންގައިވާ ގޮތުން، މި ފުރްޞަތު ހުޅުއްވާލައްވާފައިވަނީ، މިއަދުން ފެށިގެން 4 ޖޫން 2013ވާ އަންގާރަ ދުވަހުގެ 3:00 ގެ ނިޔަލަށެވެ.

ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު)ގެ 21 ވަނަ މާއްދާގައި، ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަނުކުރާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ޝަރުޠުތައްވެސް މިއަދު ގެޒެޓް ކުރެއްވި އިޢުލާންގައި ބަޔާންކުރައްވާފައިވެއެވެ.

ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އިޤްރާރު ދޫކުރުމާއި، ފޯމާއި އިޤްރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު، ހެނދުނު 8.00 އިން މެންދުރުފަހު 3.00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި މި ފޯމާއި އިޤްރާރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ވެބްސައިޓްގެ އެޑްރެހަކީ www.presidencymaldives.gov.mv އެވެ.