بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وأصـحابه أجمعـين.
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް ރިޓަޔަރޑް މުޙަންމަދު ނާޒިމް، ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް، ޖެނެރަލް އޮފިސަރުން، މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ އެންމެހާ ޢިއްޒަތްތެރިންނާއި، އެންމެހާ ބޭފުޅުން.
السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ، އެންމެ ފުރަތަމަވެސް އަޅުގަނޑު ބޭނުންވަނީ، ދިވެހިރާއްޖޭގައި ތަމްރީންކޮށް، ދިވެހި އަސްކަރިއްޔާއަށް މިއަދު އަލަށް ކޮމިޝަން ކުރެވޭ ތިޔަ ހުރިހާ ބޭކަލުންނާއި ބޭކަނބަލުންނަށް މަރުޙަބާ ދެންނެވުން. އަދި މިފަދަ މަތީ ފެންވަރުގެ ތަމްރީންތައް، ދިވެހި އަސްކަރިއްޔާއިން ފަރުމާކޮށް، ކާމިޔާބުކަމާއެކު ރާއްޖޭގައި ހިންގާ ކަމަށްޓަކައި ޑިފެންސް މިނިސްޓަރ މުޙައްމަދު ނާޒިމަށާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމަށް އަޅުގަނޑު ޝުކުރު ދަންނަވަން. މިކަންކަމުން ހާމަވެގެންދަނީ، ދިވެހި އަސްކަރިއްޔާގެ ޤާބިލްކަން ކުރިއަރާފައިވާ މިންވަރު. ދިވެހި ސިފައިންގެ ކުޅަދާނަކަމާއި މޮޅުކަން. ކުޑަ ޤައުމަކަސް، ވަސީލަތްތައް މަދަސް، ހިންމަތާއި މިންނަތުން ކުރިއެރުން ހޯދޭނެކަން.

ޝައްކެއްވެސްނެތްގޮތުގައި، ދިވެހިރާއްޖޭގެ ދިގު ތާރީޚުގެ ބޮޑުބައެއް ޖަރީވެފައިވަނީ ފަޚުރުވެރި ޢަސްކަރީ ޚިދުމަތްތަކުން. އެންމެ ކުރީގައި އެ ޚިދުމަތަށް ނުކުތީ، އަމިއްލައަށް އިސްނެގި ހިތްވަރުގަދަ ފަރުދުންތަކެއް. ޤައުމާއި ދީނަށްޓަކައި ޤުރުބާންވުމަށް ކެރިތިބި ފަހުލަވާނުންނާއި އަބުޠާލުންތަކެއް އަމިއްލައަށް ނުކުމެ ކުރި ޖިހާދުތަކާއި ޢަސްކަރީ ކެމްޕޭންތައް. އޭރަކު ސިފައިން ކިޔާ ބަޔަކު ނެތް. އެހެންނަމަވެސް، ދިވެހިރާއްޖޭގެ ޢަސްކަރީ ތާރީޚް ފެށުނީ އެހިސާބުން. އޭގެފަހުން ރަސްކަމުގެ ފަރާތުން އެކުލަވައި ތަރުތީބުކޮށް ގެންގުޅުނު ވަރުތައް – ހަނގުބޭކަލުންނާއި ދޮށީ ބޭކަލުން. "ސިފައިން"ގެ ގޮތުގައި ނަންދެވިގެން ބަޔަކު އުފެއްދީ އޭގެފަހުން. އެހެންކަމުން، ދިވެހި ސިފައިންގެ ޚިދުމަތަށް 121 އަހަރުވީނަމަވެސް، ދިވެހި ޢަސްކަރީ ޚިދުމަތް ފެށުނީ، އޭގެ އެތައް ޤަރުނެއް ކުރިން. އެހެނެއްކަމަކު، އޭރުވެސް އަދި މިހާރުވެސް އެ ޢަސްކަރީ ޚިދުމަތުގެ މަޤްޞަދަކަށް ބަދަލެއް ނާދޭ. އޭރުވެސް، އަމިއްލަ ފަރުދުންވެސް ނިކުތީ މިނިވަންކަން ހޯދަން. އަމާންކަން ޤާއިމްކުރަން. އަމިއްލަވަންތަ ދިރިއުޅުން ރައްކާތެރިކުރަން. 2008 ގައި ޢަމަލުކުރަން ފެށި ޤާނޫނުއަސާސީގައިވެސް ސިފައިންގެ ޚިދުމަތުގެ މައިގަނޑު މަޤްޞަދެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއާއި، ދިވެހިރާއްޖޭގެ ސަރަޙައްދާއި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާއި، ރައްޔިތުން ރައްކާތެރިކޮށް ޙިމާޔަތްކުރުން." މިކަން އަޅުގަނޑު މިފާހަގަކުރަނީ، ސިފައިންގެ ތެރެއިންވެސް ކޮމިޝަންޑް އޮފިސަރުންނަށް ވަކީން ބޮޑަށް މިކަން އޮޅުންފިލާފައި އޮތުމަކީ ވަރަށް މުހިންމު ވާޖިބެއް. ސިފައިންނަކީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރާ ބަޔަކަށްވީނަމަވެސް، ސިފައިންގެ ޚިދުމަތުގެ މައިގަނޑު މަޤްޞަދު ޙާޞިލު ކުރުމަށް، އިސްވެ ޒިންމާ ކުރުވާފައި ތިބޭ ބަޔަކީ ކޮމިޝަންޑް އޮފިސަރުން ކަމުގައިވާތީ.

ޤާނޫނުއަސާސީއާއި ދައުލަތް ޙިމާޔަތްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް އަދި ސިޔާދަތު ޙިމާޔަތްކޮށް ދިފާޢުކުރުމާއި، ޤާނޫނީ ވެރިކަމަށް އުނިކަމެއް އަތުވެދާނޭ ޤާނޫނާ ޚިލާފް ކޮންމެ ކަމަކުން ޤާނޫނީ ވެރިކަން ޙިމާޔަތް ކުރުމަކީ، އެންމެ އިސްކަންދީގެން ސިފައިން އަދާކުރަންޖެހޭ ޤައުމީ އަދި ޤާނޫނީ ވާޖިބުތައް. މިކަންކަން ޙާޞިލްކުރެވޭ ގޮތަށް މަސައްކަތް ކުރެވޭކަން ޢަސްކަރިއްޔާގައި ޔަޤީންކުރަންޖެހޭ ބަޔަކީ، އަޅުގަނޑު ދެކޭގޮތުގައި އޮފިސަރުން. މިސަބަބުތަކަށްޓަކައި ކޮމިޝަނަކީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ޙަވާލުކުރެވޭ ބާރުތަކަކާއި އިޚްތިޔާރުތަކެއް.

އަޅުގަނޑު ޔަޤީންކުރާހިތްއޮތީ މިއަދު ކޮމިޝަން ކުރެވޭ ހުރިހާ އޮފިސަރުންވެސް، މިކަންކަން ޔަޤީން ކުރައްވާނެ ކަމަށް. ހިތްވަރާއި ސާބިތުކަމާއި ޙިކުމަތާއެކު ދުޝްމަނުންނާއި އަދިވެސް އެހެނިހެން އެފަދަ ރޭވުންތަކާއި ބާރުތަކާއި ކުރިމަތިލުމަށް ތައްޔާރަށް ތިބި ބަޔަކަށްވާނެކަމަށް. އޮފިސަރ ޓްރޭނިންގ ވިންގުގެ މޮޓޯ ކަމުގައިވާ "ސަރވް ޓު ލީޑް" ގައި އެބުނާފަދަ ޚިދުމަތްތެރި ލީޑަރުންނަށްވާނެ ކަމަށް. ރައްޔިތުންގެ ޚާދިމުންގެ ގޮތުގައި ތިބެ، ހަރުދަނާ ލީޑަރުންގެ ގޮތުގައި މަސައްކަތް ކުރާނެ ކަމަށް. ޢަސްކަރީ ހުނަރުގެ ފަންނު ކުރިއަރުވައި ދަމަހައްޓާ ބަޔަކަށްވެ ތިބުމަށާއި، ޤާނޫނީ އިމުގެ ތަރަޙައިން ބޭރުނުވެ، ސަރުކާރާއި ރައްޔިތުންގެ އިތުބާރާއި ލޯބި އަދި ރުހުން ލިބޭ ބައެއްގެ ގޮތުގައި ދެމިތިބޭނެ ކަމަށް. މި އިތުބާރާއި ލޯތްބާއި ރުހުމަކީ ޢަސްކަރީ ޕްރޮފެޝަނަލް އިންތަކާއި މިންތަކުގެ ތެރޭގައި ތިބޭހާ ހިނދަކު ލިބިލިބި ހުންނާނެ އެއްޗެއް.

އާދެ! ޅަފަތުގައި އޮތް މި ދިވެހި ޑިމޮކްރަސީގެ ބާރުވެރިންނަކީ ދިވެހި ރައްޔިތުން. ދިވެހި ރައްޔިތުން އެދޭ ގޮތަކީ އަދި ބޭނުންވާ ގޮތަކީވެސް، އެ ޑިމޮކްރެޓިކް ނިޒާމު ރައްކާތެރިކޮށް ޙިމާޔަތްކޮށްދިނުމަށް، ފަހު ނޭވަޔާ ޖެހެންދެން ތިޔަބޭފުޅުން މަސައްކަތް ކޮށްދެއްވުން. އެއީ ތިޔަ ހުރިހާ އޮފިސަރުންނަށްވެސް ލާޒިމު ކަމެއް. ކޮންމެ ބަޔަކު ކޮންމެ ގޮތަކަށް ވާހަކަ ދެއްކިޔަސް، އެކަމުން ރެކެވެން ނޯންނާނެ ވާޖިބެއް. ޒަމާން ވަރަށް ބޮޑަށް މިއޮތީ ބަދަލުވެފައި. ދުނިޔޭގެވެސް، އަދި ދިވެހިރާއްޖޭގެވެސް ސަލާމަތީ މަސްރަޙު މިއަދު ވަރަށް ތަފާތު. މިއީއަކީ ހަމައެކަނި ކަނޑިއާއި ބަޑި ހިފައިގެން ޤައުމެއްގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީން ކުރެވޭނޭ ޒަމާނެއް ނޫން. އެއްވެސް ޝައްކެއްނެތްގޮތުގައި، ކޮންމެ ޤައުމެއްގައިވެސް ޤައުމީ ސަލާމަތަކީ ޚާރިޖީ ގުޅުންތަކާއި، ދިފާޢީ ނިޒާމާއި، ޤައުމުގެ އިޤްތިޞާދީ އަދި މާލީ ޙާލަތާއި، އިޖްތިމާޢީ ޙާލަތާއި އަދި ޤައުމުގެ ތަޢުލީމީ ނިޒާމްތަކާއި ޙާލަތު އެކުލެވިގެން ކަށަވަރު ކުރެވޭ އެއްޗެއް. ދިވެހިރާއްޖެއަށް ބަލާއިރުވެސް މިޙަޤީޤަތް ވަރަށް ސާފު.

އެހެންކަމުން، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތީ އެންމެމަތީ މަޞްލަޙަތުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ހަރުދަނާ ޚާރިޖީ ސިޔާސަތެއް ގެންގުޅެންޖެހޭ. އެސިޔާސަތަކީ ޤައުމުގެ އަމިއްލަވަންތަކަން ގެއްލި، އެހެން ބަޔަކަށް އަޅުގަނޑުމެންގެ ކަންކަން ހިންގުމުގެ ފުރުޞަތު ތަނަވަސްކޮށްދޭ ސިޔާސަތަކަށް ވެގެންނުވާނެ. ސަރުކާރުން މިއަދު މި މަސައްކަތްކުރަނީ ޤައުމުގެ މުހިންމު ކަންކަމުގެ މުގޫ، ދިވެހިންގެ އަތުން ބީވެގެންދިޔަނުދީ، ސިޔާސީ ގޮތުންނާއި، ސްޓްރެޓީޖިކް ގޮތުން މުހިންމު ޚާރިޖީ ގުޅުންތައް ޤާއިމްކޮށް ދެމެހެއްޓުމަށް. އެ ގުޅުންތަކުގެ ތެރެއިން ދިވެހިރާއްޖޭގެވެސް އަދި އެކުވެރި ޤައުމުތަކުގެވެސް މަޞްލަޙަތު ހިފެއްޓޭ ސިޔާސަތެއް ޤާއިމްކޮށް ދެމެހެއްޓުމަށް. މާތްﷲގެ އިރާދަފުޅާއެކު، މިކަމުގައި ދިވެހިރާއްޖެއަށް މިވަނީ ގިނަ ކުރިއެރުންތަކެއް ލިބިފައި.

ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތީ އެންމެމަތީ މަޞްލަޙަތުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި، ދެން ވިސްނަންޖެހޭ އެންމެ މުހިންމު ކަމަކީ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކޮށް ކުރިއެރުވުން. ރާއްޖޭގެ އިޤްތިޞާދީ މުހިންމު ސިނާޢަތްތައް ހަލުވިކަމާއެކު، އެހެނަސް ހަރުދަނާކަމާއި ރޭވުންތެރިކަމާއެކު ކުރިއެރުވުން. އިޤްތިޞާދީ އަޅުވެތިކަމެއްގެ ތެރެއަށް ޤައުމު ގޮސްފިނަމަ، މިނިވަންކަމާއި އަމިއްލަވަންތަކަމުގެ ވާހަކައަކީ މާނައެއްހުރި ވާހަކަޔަކަށް ނުވާނެ. އެހެންކަމުން، ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ހުރަސްއަޅަން އެއްވެސް ބަޔަކު މަސައްކަތްކުރާނަމަ އެއީ އަޅުގަނޑުމެން ކަންބޮޑުވާނެ ކަމެއް. އަދި އެއީ، ޤައުމުގެ މަޞްލަޙަތަށް އުނިކަން ލިބޭނެ ކަމެއް. މި ސަބަބަށްޓަކައި، ފަތުރުވެރިކަމުގެ ޞިނާޢަތް، ދަތުރުފަތުރާއި ޝިޕިންގގެ ސިނާޢަތް، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ޞިނާޢަތް، ޢިމާރާތް ކުރުމުގެ ސިނާޢަތާއި، ޞިއްޙީ ދާއިރާއަކީ، މިއަދު އެ ޞިނާޢަތްތަކުގެ ތަރައްޤީ، ވަރަށް ކައިރިން ބަލަންޖެހޭ ކަންކަން. ޤައުމުގެ މިފަދަ އިޤްތިޞާދީ އަދި އިޖްތިމާޢީ ޞިނާޢަތްތައް ރައްކާތެރިކޮށް ޙިމާޔަތް ކުރުމަކީ، ޤައުމީ ސަލާމަތުގެ މުޅި ވިއުގައިގެ މުހިންމު ބައެއް. އެހެންކަމުން، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ކުރިމަތިވާ ހުރިހާ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި ޤައުމުގެ މިފަދަ އިޤްތިޞާދީ ޞިނާޢަތްތަކާއި އަދި އިޖްތިމާޢީ ނިޒާމްތައްވެސް ރައްކާތެރިކުރަންޖެހޭ. ސަލާމަތީ ޚިދުމަތްތަކުން މިފަދަ އެންމެހާ ކަންކަމަށް ސަމާލުކަންދީ، މިކަންކަން ބެލުމަކީ ވަރަށް މުހިންމު ކަމެއް. ހަމައެހެންމެ، ޤާނޫނު ތަންފީޒު ކުރުމުގެ ދާއިރާއާއި، ދިވެހިރާއްޖެއަށް އެތެރެވެ ބޭރުވާ މީހުން، މިހާރަށްވުރެ ރަނގަޅަށް ބެލެވޭނެ ނިޒާމްތައް ހަރުދަނާ ކުރުމަށް މިދަނީ މަސައްކަތް ކުރަމުން.

ޤައުމީ ސަލާމަތަކީ ހަމައެކަނި ސިފައިންގެ ޒިންމާއެއް ނޫން. އަދި ކިއެއްތަ ފުލުހުންގެވެސް ހަމައެކަނި ޒިންމާއެއް ނޫން. އެއީ ހަމަ ކޮންމެ ދިވެހި ރައްޔިތެއްގެވެސް ޒިންމާއެއް. އެހެންކަމުން، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށްވެސް އަދި ޤައުމީ މަސްލަޙަތުތަކަށްވެސް ބުރޫއަރާ އެއްވެސް ކަމެއް ނުކުރުމަކީ، ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިންވެސް އަޅުގަނޑު އެދޭ އެދުމެއް. މިފަދަ ކަންކަމަށް ސަލާމަތީ ބާރުން ސަމާލުކަންދީ ފާރަވެރިވާންޖެހޭނެ. މިއަދު ކޮމިޝަން ކުރެވޭ ކޮންމެ އޮފިސަރަކީވެސް ޤައުމުގެ ދިފާޢީ ނިޒާމް ހަރުދަނާކޮށް، ރާވައި ހިންގާ ބެލެހެއްޓުމަށް ލިބިފައިވާ ވަސީލަތްތަކުގެ ޗޭނަށް އިތުރުވެގެންދާ ބޮޅެއް. އެހެންކަމުން، ތިޔައިން އެއްވެސް އޮފިސަރަކީ އެ ޗޭނުގެ ބަލިކަށި ގުޅުމަކަށްނުވެ، އެ ޗޭނުގެ ވަރުގަދަކަން އިތުރުކޮށްދޭ ބާރަކަށްވުމަށް އަޅުގަނޑު އެދެން.

ތިޔަ ހުރިހާ އޮފިސަރުންނާއި ތިޔަ އޮފިސަރުންގެ ޢާއިލާތަކަށް އަޅުގަނޑު މަރުޙަބާ ކިޔައި ތަހުނިޔާ ރައްދުކުރަން. މިވަގުތުކޮޅު މިންވަރު ކުރެއްވި ކަމަށްޓަކައި اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ކުރަން. ދިވެހި ރައްޔިތުންނަށް ބާއްޖަވެރި ދުވަހަކަށް އެދެން. މި ލޮބުވެތި ޤައުމު، އަބަދުމެ މިނިވަންކަންމަތީ ލަހައްޓަވާށި. އާމީން.

والســّلام عليــكم ورحـمــة اللّـه وبـركاتـه

___________________________