މިދިޔަ އަހަރު އޯ ލެވެލް އިމްތިޙާނުގައި މުޅި ދުނިޔެއިން 1 ވަނަ ހޯދި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް، އަންނަ ހޯމަ ދުވަހުގެރޭ ދެއްވާނެއެވެ. މި މެޑެލްތައް ދެއްވާނީ މިއަހަރު ސާނަވީ އިމްތިޙާނުން އެކިވަނަތައް ހޯދި ދަރިވަރުންނަށް އިނާމު ދެއްވުމަށް އެރޭ 9 ޖަހާއިރު ދަރުބާރުގޭގައި ބާއްވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދެވެ. މެޑެއްޔާއެކު ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި ހަނދާނީ ލިޔުންވެސް، މި ރަސްމިއްޔާތުގައި އެކުދިންނަށް ދެއްވާނެއެވެ.
މިއަހަރު މުޅި ދުނިޔެއިން އެކި މާއްދާތަކުން 5 ދަރިވަރުން 1 ވަނަ ޙާޞިލުކޮށްފައިވެއެވެ.


އެނގިވަޑައިގަންނަވާނޭ ފަދައިން، އޯ ލެވެލް އިމްތިޙާނުގައި، އެކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހޯދާ ދަރިވަރުންނަށާއި އަދި އޭ ލެވެލް އިމްތިޙާނުގައި މުޅި ދުނިޔެއިން 1 ވަނަ ހޯދާ ދަރިވަރުންނަށް މިއަހަރުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެލްގެ ނަމުގައި ޚާއްޞަ މެޑެލެއް ދެއްވުމަށް ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނު ކުރެއްވީ، މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި، ތަޢުލީމީ ދާއިރާއިން ވޭތުވެދިޔަ އަހަރު ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، އޯ ލެވެލް އިމްތިޙާނުގައި މިހާތަނަށް ތަޖުރިބާ ކުރެވުނު އެންމެބޮޑު ކުރިއެރުން ހޯދާފައިވަނީ މިދިޔަ އަހަރުކަން ފާހަގަކުރައްވައި، ސަރުކާރުގެ އަމާޒަކީ، މިފަދަ ހުނަރުވެރި ދަރިވަރުންނަށް މަގުފަހިކޮށްދެއްވުން ކަމުގައި ވިދާޅުވިއެވެ.