ގދ. ފަރެސް މާތޮޑާއިން ޑިންގީއެއްގައި ފުރިފަހުން ޚަބަރެއްނުވެގެން ހޯދަމުންދިޔަ ގދ.ފަރެސް މާތޮޑާ ރޯޒީސައިޑް މުޙަންމަދު ފަލާޙު 14 ދުވަސް ފަހުން ފެނުމާ ގުޅިގެން، އޭނާއާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ފޯނުން ގުޅުއްވައި، އޭނާގެ ޙާލު ބައްލަވައިލައްވައިފިއެވެ. ރާއްޖެއާ 900 މޭލު ދުރުން މުޙަންމަދު ފަލާޙު ފެނިގެން ކަނޑުމަތިން އޭނާ ނަގާފައިވަނީ މެލޭޝިޔާއަށް ދަތުރުކުރި ޖަރުމަނުވިލާތުގެ ބޯޓަކަށް އިއްޔެ މެންދުރުގެ ވަގުތެއްގައެވެ.

މުޙަންމަދު ފަލާޙާ ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވައި، އޭނާ ފެނުނު ކަމަށްޓަކައި ﷲގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ދަންނަވާ ކަމަށް ވިދާޅުވެ، އޭނާއަށާއި އޭނާގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ހެޔޮއެދުންތައް ފޮނުއްވިއެވެ. އަދި ބޯޓު މެލޭޝިޔާއަށް ދިޔުމާއެކު، ވެވަޑައިގެންނެވިހާ އަވަހަކަށް އޭނާ ރާއްޖެ ގެންނެވުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތްތައް، ސަރުކާރުން ކުރައްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.

މުޙަންމަދު ފަލާޙު ދެއްކެވި ވާހަކައިގައި، ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވައިލެއްވީތީ، ވަރަށް ބޮޑަށް އުފާކުރައްވާކަން ހާމަކުރައްވައި، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދެންނެވިއެވެ.