بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

މިނިސްޓަރ އޮފް އެޑިޔުކޭޝަން، ވަޒީރުންގެ މަޖިލީހުގެ މެންބަރުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިސްވެރިން، އެން.އައި.އީ.ގެ ޑިރެކްޓަރ ޖެނެރަލް، ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިންނާއި، ތަޢުލީމީ ދާއިރާގެ އެންމެހާ ބޭފުޅުން، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސާއި މެންބަރުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދަކީ ވަރަށް ތާރީޚީ ވަރަށް އުފާވެރި ދުވަހެއް. ދިވެހިރާއްޖޭގެ ތަޢުލީމު މިހާރު މިއޮތް ހިސާބުން ކުރިއަށް ގެންދިޔުމަށްޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތްތައް ކުރުމަށްޓަކައި ޤައުމީ ފެންވަރުގެ މުއައްސަސާއެއް އިފްތިތާޙުކުރެވޭ ދުވަސް. [ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން] ގެ ނަމުގައި މިއަދު މި އާ މުއައްސަސާ އިފްތިތާޙު ކުރުމުގެ ނަޞީބު އަޅުގަނޑަށް ލިބުނު ކަމަށްޓަކައި އަޅުގަނޑު، اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ކުރަން.

އާދެ! މިއަދު މިއުފެދުނު މުއައްސަސާއަކީ މިއީ އާ މުއައްސަސާއެއް ކަމުގައިވީނަމަވެސް، މި މުއައްސަސާ އުފެދިގެން މިދަނީ، ވަރަށްދިގު ތާރީޚެއްގައި ކުރެވުނު ވަރަށްބުރަ މަސައްކަތްތަކުގެ ބިންގަލުގެ މައްޗަށް. އެން.އައި.އީ އުފެއްދެވުމަށްޓަކައި ޚާއްޞަކޮށް، މިނިސްޓަރ އޮފް އެޑިޔުކޭޝަން ކުރެއްވި މަސައްކަތަށްޓަކައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާޞިމް އަޙްމަދަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި ހަމަ އެފަދައިން، އެ މިނިސްޓްރީގެ އިސްވެރިންނާއި، އީ.ޑީ.ސީ އާއި ސެންޓަރ ފޮރ ކޮންޓިނިއުނިންގ އެޑިޔުކޭޝަންގެ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! މިއަދު އަޅުގަނޑުމެންނަށް ދިވެހިރާއްޖެއިން ފެނިގެން މިދަނީ، އަޅުގަނޑުމެންގެ ދަރިންގެ ތެރެއިން ގިނަ ކުދިބަޔަކު، ދުނިޔޭގެ އިމްތިޙާނުގައި 1 ވަނަ ހޯދަމުންދާތަން. ޤައުމީ ފެންވަރުގައި ބޭއްވޭ އެކިއެކި އިމްތިޙާނުގައި 1 ވަނަ ހޯދަމުންދާތަން. އަދި ރާއްޖޭގެ ވަރަށްގިނަ ސްކޫލްތަކެއްގައި އޯ ލެވެލްއާއި އޭ ލެވެލްގެ އިމްތިޙާނުތައް ބޭއްވި، އެއިމްތިޙާނުތަކުން މަތީ ވަނަތައް ހޯދަމުންދާތަން. މި ވަނަތައް ހޯދަމުން މިދަނީ، މި ނަތީޖާ ނެރެމުން މިދަނީ، ބަޔަކު ވަރަށްބުރަ މަސައްކަތްތަކެއް ކޮށްގެން. އެގޮތުން، ތަޢުލީމު ކުރިއެރުވުމަށްޓަކައި، ތަޢުލީމު ވަރުގަދަ ކުރެއްވުމަށްޓަކައި، ފެންވަރު ރަނގަޅު ކުރެއްވުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ ފަރާތްތަކަށް، ޚާއްޞަކޮށް، ސްކޫލްތަކުގެ ވެރިންނާއި މުދައްރިސުންނަށް، އަޅުގަނޑު މި ފުރްޞަތުގައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! މިއަދު އަޅުގަނޑުމެންނަށް ވާރުތަވެފައިވާ ތަޢުލީމީ ނިޒާމަކީ އެއީ ގިނަ ދުވަސްތަކެއްގައި މަސައްކަތްކޮށް، ދިގު ތާރީޚެއްގައި މިހާ ހިސާބަށް ގެނެވިފައިވާ ނިޒާމެއް. ދެންމެ ތިޔަ ފެނިވަޑައިގެންނެވި ފަދައިން، މީގެ ފަސްދޮޅަހަކަށް އަހަރު ކުރީގައި، ދިވެހިރާއްޖޭގެ ތަޢުލީމީ ކަންކަންހުރީ ވަރަށްވެސް އާދައިގެ ގޮތަކަށް. ރާއްޖޭގެ މަދު ރަށެއްގައި މެނުވީ، ސްކޫލެއް ޤާއިމު ކުރެވިފައެއް ނުހުރޭ. އެދުރުގެތަކަކުން އަޅުގަނޑުމެން ކިޔަވަމުން އައީ، ގާތްގަނޑަކަށް ފަސްދޮޅަހަކަށް އަހަރުގެ ކުރިން. ރާއްޖޭގައި ޘާނަވީ މަދްރަސާތައް އުފެދި، އެވެސް މާލޭގައި، ބައެއް މަދްރަސާތަކާއި، އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ޘާނަވީ ފެންވަރަށް ކިޔަވައިދޭ މަދްރަސާތަކެއް އުފެދިގެން ދިޔައީ، ވަރަށްމަދު ސްކޫލްތަކެއްގައި. އެހެންވީމާ، 1980ގެ އަހަރުތަކާ ހަމައަށް އަންނަންދެން، ރާއްޖޭގެ ގިނަ ރަށްރަށުގައި ރަނގަޅު ފެންވަރަކަށް ކިޔަވައިދެވޭނެ ސްކޫލްތަކެއް ނެތިދިޔައީ.
އާދެ! މިދެންނެވި ގޮތަށް ތަޢުލީމު ކުރިއެރުވުމަށްޓަކައި، ރާއްޖޭގައި ތަޢުލީމުގެ ބިންގާ އެޅުއްވުމަށްޓަކައި މިޒަމާނުގެ ތަޢުލީމު އަޅުގަނޑުމެންގެ ދަރިންނަށް ގެނެސްދެއްވުމަށްޓަކައި ވަރަށްގިނަ ފަރާތްތަކެއްގެ މަސައްކަތްވަނީ ކުރެވިފައި. ކުރިން ދެންނެވި ސްކޫލްތައް ޤާއިމު ކުރެއްވުމުގައި، އޭރުވެސް ރާއްޖޭގެ ވެރިކަމުގައި ތިއްބެވި ބޭފުޅުން ވިސްނާވަޑައިގެން، އެކަމުގައި މަސައްކަތް ކުރެއްވި. އަޅުގަނޑު ޚާއްޞަ ގޮތެއްގައި، ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް އަލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ނަންފުޅު ފާހަގަކުރަން. އަދި ހަމައެހެން، އެދުވަސްވަރު ރާއްޖޭގެ ތަޢުލީމަށްޓަކައި، ތަޢުލީމު ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރެއްވި އެހެނިހެން ބޭފުޅުންވެސް އަޅުގަނޑުމެން މިއަދު ފާހަގަކުރަންޖެހޭ. ޚާއްޞަ ގޮތެއްގައި، އައްޝައިޚް އިބްރާހީމް ރުޝްދީ، ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީންފަދަ ބޭބޭފުޅުން.

އަޅުގަނޑުމެން މަދްރަސީ ޙަޔާތާ ކުރިމަތިލީއިރުގައި، އެއީ ފަސްދޮޅަހުގެ އަހަރުތަކުގެ ތެރޭގައި. އޭރުވެސް ރާއްޖޭގެ ތަޢުލީމު ކުރިއެރުވުމަށްޓަކައި، ރަނގަޅު ތަޢުލީމެއް ދިނުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅުންތަކެއް ތިއްބެވި. އޭރުގެ ރައީސް އިބްރާހީމް ނާޞިރު. އަދި އެމަނިކުފާނުގެ ޒަޢާމަތުގެ ދަށުގައި ދެންމެ ތިޔަ ވީޑިއޯއިން އެ ފެނިވަޑައިގަތް ކުރީގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްފާޟިލް ޢަބްދުއްސައްތާރު މޫސާދީދީފަދަ ބޭފުޅުން ވަރަށްބުރަ މަސައްކަތްތަކެއް ކުރެއްވި. އަދި ހަމައެހެން، އައްޝައިޚް މުޙަންމަދު ޖަމީލް، އަލްއުސްތާޛު އިބްރާހީމް ޝިހާބް، އަލްފާޟިލާ އާމިނަތު ޙުސައިން، މިފަދަ ބޭފުޅުން، އެދުވަސްވަރު ރާއްޖޭގެ ތަޢުލީމު ކުރިއެރުވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި.

އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، އަޅުގަނޑުމެންނަށް މިފެންނަ ތަޢުލީމީ ނިޒާމަކީ، މިއީ މިއަދު އަޅުގަނޑުމެން އުފައްދައިގެން އެއްޗެއް ނޫނޭ. އާދެ! ކުރިން ފާހަގަކުރެއްވި ފަދައިން، ރާއްޖޭގެ ތަޢުލީމު، މިޒަމާނުގެ ތަޢުލީމަކަށް ބަދަލުކުރުމަށްޓަކައި އެކަމުގެ ބިންގާ އެޅުމުގެ ބުރަ މަސައްކަތް ފެށުނީ 1970ގެ މެދުތެރޭގައި. އޭރު އަޅުގަނޑު ހަނދާންވާ ގޮތުގައި އޭރުވެސް މިނިސްޓަރ އޮފް އެޑިޔުކޭޝަނަކަށް ހުންނެވީ ޢަބްދުއްސައްތާރު މޫސާދީދީ. އިބްރާހީމް ނާޞިރާއި، ޢަބްދުއްސައްތާރު މޫސާދީދީއާ ދެބޭފުޅުންގެ ޒަޢާމަތުގެ ދަށުން އ.ދ.ގެ އެހީ ހޯއްދަވައި، ޔުނެސްކޯ، ޔޫ.އެން.ޑީ.ޕީ އަދި ޔުނިސެފްގެ އެޑިޔުކޭޝަން ޕްރޮޖެކްޓެއް، 1976 ވަނަ އަހަރު ފެށްޓެވި. އެ ޕްރޮޖެކްޓް ހިންގެވުމާ ޙަވާލުކުރެއްވީ އަލްއުސްތާޛު ޑޮކްޓަރ މުޙަންމަދު ޒާހިރު ޙުސައިނާ. ޒާހިރު ޙުސައިންގެ ބެއްލެވުމުގެ ދަށުން އެ މަޝްރޫޢު އުފެދި، ބޭރުގެ މާހިރުންނާ އެކީގައި، މިޒަމާނުގެ ތަޢުލީމުގެ ބިންގާ އަޅުއްވައިދެއްވަން ފެށްޓެވި. 1970ގެ ފަހުކޮޅު. އެދުވަސްވަރު އެ ޕްރޮޖެކްޓްގެ ތެރޭގައި މަސައްކަތް ކުރުމުގެ ނަޞީބު ލިބުނު ދެމީހުން، މި އިންނެވި ޑޮކްޓަރ މުޙަންމަދު ލަޠީފާއި އަޅުގަނޑާ. އެހިސާބުން ފެށިގެން އެޑިޔުކޭޝަން ޕްރޮޖެކްޓް އޮފީސް، އޮފީހުން ކުރަމުން އައި މަސައްކަތްތަކުގެ ތެރޭގައި، ދެންމެ ތިޔަ އިވިވަޑައިގަތް ފަދައިން، ރާއްޖޭގެ ޕްރައިމަރީ ތަޢުލީމުގެ މަންހަޖެއް ފުރަތަމަ އެކުލަވައިލުމުގެ މަސައްކަތް ފެށީ. އަދި އެ މަންހަޖާ އެއްގޮތްވާ ގޮތުގެ މަތިން ޓެކްސްޓް ފޮތް ތައްޔާރު ކުރެއްވި. އެ މަންހަޖު ކިޔަވައިދޭނެ މުދައްރިސުން ތައްޔާރު ކުރުމުގެ މަސައްކަތް ފެށި. އަދި ރާއްޖޭގައި 1979، 1980ހާ ތާނގައި ރާއްޖޭގެ ރައްޔިތުންނަކީ ލިޔަންކިޔަން ދަންނަ ބަޔަކަށް ހެދުމަށްޓަކައި، މުޅި ރާއްޖޭގައި އަސާސީ ތަޢުލީމުގެ މަޝްރޫޢެއް ރޭވި، އެ މަޝްރޫޢު ހިންގެވުމުގައި ސީދާ އެޑިޔުކޭޝަން މިނިސްޓަރފަދަ އަދި ދައުލަތުގެ އެހެން ވަޒީރުން ބައިވެރިވެވަޑައިގަންނަވައިގެން މިކަން ކުރެއްވީ. އޭގެ ނަތީޖާއެއްގެ ގޮތުން، ދިވެހިރާއްޖެ ވެގެންދިޔައީ، ދުނިޔޭގައި އޮތް ލިޔަންކިޔަން ދަންނަ އެންމެ ގިނަ ޢަދަދެއްގެ ނިސްބަތުން ތިބި މީހުން ތިބި އެއްޤައުމު ކަމުގައި.

އާދެ! އެޑިޔުކޭޝަން ޕްރޮޖެކްޓް އޮފީސް، ދެން ބަދަލުވެގެންދިޔައީ، އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރަށް. އެތަނުން ކުރެވޭ މަސައްކަތްތައް އިތުރުވެ، ރާއްޖޭގެ ތަޢުލީމު ކުރިއަށް ގެންދާނެ ގޮތަކާ ބެހޭގޮތުން އާ ވިސްނުންތަކެއް އަނެއްކާވެސް ވިސްނެވި. އެހާތަނުން މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ މަޤާމުގައި ހުންނެވީ ޑޮކްޓަރ މުޙަންމަދު ޒާހިރު ޙުސައިން. އެމަނިކުފާނުގެ ޒަޢާމަތުގެ ދަށުން އަލުން ވިސްނުންތަކެއް ވިސްނަން ފެށުނު. އޭރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނެވީ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް. އެދުވަސްވަރަކީ ރާއްޖޭގެ ތަޢުލީމަށް ވަރަށްބޮޑު ކުރިއެރުމެއް އައި ދުވަސްވަރެއް. މިހާތަނާ ޖެހެންދެންވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، ރާއްޖޭގެ ތަޢުލީމީ ކަންކަން ކުރިއެރުވުމުގައި، އެންމެބޮޑު ރޯލެއް ކުޅުއްވާފައިވަނީ ޢަރަބި ތަޢުލީމު ޙާޞިލު ކުރައްވާފައި ތިއްބެވި ބޭފުޅުން. އެގޮތުން، އެދުވަސްވަރު ތަޢުލީމު ޙާޞިލު ކުރައްވައިގެން ރާއްޖެއިން ބޭރުން ވަޑައިގެން، ތަޢުލީމީ ކަންކަން ކުރިއެރުވުމަށްޓަކައި އެންމެ އިސް ސަފުގައި މަސައްކަތް ކުރެއްވި ބޭފުޅުންނަކީ މިދެންނެވީ. އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، މުޙަންމަދު ޒާހިރު ޙުސައިން، އަލްއުސްތާޛު ފަތުޙުﷲ ޖަމީލް، އޭރުގެ އުއްތަމަ ފަނޑިޔާރު މޫސާ ފަތުޙީ، މިފަދަ ބޭބޭފުޅުން މިޞުރުން ކިޔަވައިވިދާޅުވެގެން ވަޑައިގެން، ފުރަތަމަފަހަރަށް ރާއްޖޭގައި ތަޢުލީމުގެ ތަރުބިއްޔަތުގެ އެކިއެކި ފަންނުތައް ކިޔަވައި ވިދާޅުވެގެން ތިއްބެވި ބޭފުޅުން ރާއްޖެ ވަޑައިގެން، ތަޢުލީމު ކުރިއަރުވަން މަސައްކަތް ފެށްޓެވި. އެޑިޔުކޭޝަނަލް ސައިކޮލޮޖީ، އެޑިޔުކޭޝަނަލް ފިލޯސަފީ، ޕެރޮގޮޖީ، މިދާއިރާތަކުން ކިޔަވައި ވިދާޅުވި ބޭފުޅުންތަކެއް ފުރަތަމަ ރާއްޖެ ވަޑައިގެން، ރާއްޖޭގެ ތަޢުލީމު ކުރިއެރުވުމަށްޓަކައި މަސައްކަތް ފެށްޓެވީ އެދުވަސްވަރު. އެބޭފުޅުންގެ ޢަޒުމަކަށްވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި މަދްރަސާތައް ބިނާކުރެއްވުން. ރާއްޖޭގެ ހުރިހާ ރައްޔިތުންނަކީ ލިޔަންކިޔަން ދަންނަ ބަޔަކަށް ހެއްދެވުން. އެހެންވީމާ، އެ ވިސްނުންފުޅުގެ ދަށުން އެ މަޝްރޫޢު ކުރިއަށް ގެންދެވުމަށްޓަކައި އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރ، އަނެއްކާވެސް އާ ވިސްނެވުމަކުން ވިސްނަވައި ފުޅާކުރެއްވި. އެތަނަށް [ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރްކަޒު] މިނަމުން ނަން ދެއްވި. ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރްކަޒުގެ ދަށުން އަތޮޅުތެރޭގައި، ކޮންމެ އަތޮޅެއްގައި އަތޮޅު ތަޢުލީމީ މަރްކަޒެއް ޤާއިމުކުރުމުގެ ވިސްނުންފުޅު އެހާތަނުން އައި. އޭރުވެސް ވިސްނަމުންދިޔައީ ރާއްޖޭގެ ތަޢުލީމު ކުރިއެރުވުމަށްޓަކައި ވިސްނައި، އާ ގޮތްގޮތް ހޯދާނެ މަރްކަޒެއް، ޤައުމީ ފެންވަރުގައި ހުންނަންޖެހޭ ކަމަށް. އަދި އެ ވިސްނުން އަތޮޅުގެ ފެންވަރުގައި ކުރިއަށް ގެންދިޔުމަށްޓަކައި، ކޮންމެ އަތޮޅެއްގައިވެސް މަރްކަޒެއް ހުންނަންޖެހޭ ކަމަށް. އަތޮޅުގައި އެ ހުންނަ މަރްކަޒަކީ އެއީ އަތޮޅުގެ ހުރިހާ ސްކޫލްތަކަށް އެހީވެދީ، އަތޮޅުގެ ހުރިހާ ސްކޫލްތައް ކުރިއަރުވަން މަސައްކަތްކުރާ މަރްކަޒުތަކެއް. މި ވިސްނުމުގެ ދަށުން އޭރުވެސް ރޭވިގެންދިޔަ. ކުޑަދުވަސްކޮޅަކު އަޅުގަނޑަށް ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރްކަޒުގެ ޑިރެކްޓަރުގެ މަޤާމުގައި ހުރުމުގެ ނަޞީބު ލިބުނު. އެއަށްފަހުން އެ ބުރަ މަސައްކަތް ކުރިއަށް ގެންދެވި ބޭފުޅަކީ ޑޮކްޓަރ ލަޠީފް. އެ މަރްކަޒުގެ ޑިރެކްޓަރެއްގެ މަޤާމުގައި ހުންނަވައިގެން އަދި އޭގެފަހުން މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ މަޤާމުގައި ހުންނަވައިގެން. އެހެންވީމާ، މިއަދު މި ޖަލްސާގައި އެމަނިކުފާނު އިންނެވިކަން އެއީ އަޅުގަނޑުމެން އުފާކުރަންޖެހޭ ކަމެއް. ޖަލްސާއަށް ވަޑައިގެންދެއްވި ކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނެއްގައި ކުރާނެ މަސައްކަތްތަކާ ބެހޭގޮތުން ކޮންމެހެން އަޅުގަނޑު އިތުރު ތަފްޞީލަކަށް ނުދާނަން. ތިޔަބޭފުޅުންނަށް ތިޔަ ލިބިވަޑައިގެންނެވި އަތްމަތީ ފޮތުގައި ވަރަށް ސާފުކޮށް، މި އެން.އައި.އީ.ގެ މަޤްޞަދުތަކާއި، ކުރާނެ މަސައްކަތްތަކާ، މިހުރިހާ ކަމެއް އެކުލެވިފައި އެބައޮތް.

އަޅުގަނޑު އިތުރަށް އެއްޗެއް ދަންނަވާލަން ބޭނުންވަނީ، މިއަދު ރާއްޖޭގެ ތަޢުލީމީ ޙާލަތު މިއޮތް ހިސާބުން ކުރިއަށް ގެންދިޔުމަށްޓަކައި އަޅުގަނޑުމެން ގެންގުޅެންޖެހޭ އާ ވިސްނުންތަކަކާ ބެހޭގޮތުން.

އަޅުގަނޑު ނުދެންނެވި ނަމަވެސް، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިއަދު ދިވެހިރާއްޖެ މިއޮތީ 1970ގެ އަހަރުތަކުގެ ތެރެއަކު ނޫން. ދުނިޔެއަށް ވަރަށް ބޮޑެތި ބަދަލުތައް އަތުވެއްޖެ. 1975ހާ ތާނގައި އަޅުގަނޑުމެން ފުރަތަމަ މަންހަޖު އެކުލަވައިލަން މަސައްކަތް ކުރިއިރުގައި އަދި ކޮމްޕިއުޓަރ އިންޑަސްޓްރީގައި ފުރަތަމައަށް ސެމީ-ކޮންޑަކްޓަރު އުފައްދަވައިގެން، ކޮމްޕިއުޓަރުގެ ވަރަށް ބޮޑެތި މޮޑެލްތަކެއް ހަދައިގެން އުޅުނީ. އޭރުން ފަށައިގެން ކޮމްޕިއުޓިންގ ސްޕީޑް މިއަންނަނީ، ކޮންމެ 18 މަހަކުން ޑަބަލްވަމުން. އެނގިވަޑައިގަންނަވާނޭ ފަދައިން އެއަށް ކިޔަނީ މޯޒްލޯ. އޭރުގެ އިންޓެލް ކުންފުނީގެ ވެރިޔަކަށް ހުންނެވި ބޭފުޅާގެ ނަމުގެ ފަހަތުން. އެހާ ބާރު ސްޕީޑެއްގައި ކޮމޕިއުޓިންގ ސްޕީޑް ބަދަލުވަމުން މިއަންނަނީ. އޭރު ދިވެހިރާއްޖޭގައި އަޅުގަނޑުމެން މުވާޞަލާތުކޮށް އުޅެނީ [ވޯކީޓޯކީ] ކިޔާ އެއްޗަކުން. އެއްރަށުން އަނެއް ރަށަށް މެސެޖް ފޮނުވައި އުޅެނީ ވަޔަރލެސް ޓެލިގްރާފް ބޭނުންކޮށްގެން. އެއާ ޚިލާފަށް މިއަދު ވިސްނިވަޑައިގަންނަވާނެ، އަޅުގަނޑުމެން ކޮންމެ މީހެއްގެ އަތުގައި އެބައޮތް ސްމާޓް ފޯނު. ހުރިހާ އެންމެން މޯބައިލް ކޮމްޕިއުޓިންގގައި މަސައްކަތް ކުރަމުން މިގެންދަނީ. އެހާބޮޑު ބަދަލެއް އައިސްފައި މިއޮތީ. އަޅުގަނޑުގެ ސުވާލަކީ، އަޅުގަނޑުމެން ކިޔަވައިދިނުމުގެ އުޞޫލުތަކަށް އެފަދަ ބަދަލެއް އަތުވެއްޖެތޯއޭ؟ އަދިވެސް ކްލާސްރޫމްތަކުގައި އަޅުގަނޑުމެން ކިޔަވައިދެމުން މިގެންދަނީ ވަރަށް ކުރީގެ މޮޑެލަކަށް. ކިޔަވައިދިނުމުގެ ކްލާސްރޫމް ރޭވުމާއި، ކިޔަވައިދިނުމުގެ އުޞޫލުތައް ރޭވިފައި މިހިރީ 19 ވަނަ ޤަރުނުގެ ފެކްޓްރީ މޮޑެލަށް. ގިނަ ޢަދަދެއްގެ ކުދިބަޔަކަށް، ކަނޑައެޅިފައިވާ ވަކި އެއްޗެއް ދަސްކޮށްދިނުމަށް.

މިއަދު އަޅުގަނޑުމެން އެބަ ވިސްނާލަންޖެހޭ، އެގޮތަށްތޯ އަޅުގަނޑުމެންގެ ކުދިންނަށް ކިޔަވައިދޭންވީ. ކޮމްޕިއުޓިންގ ސްޕީޑް ބަދަލުވި ބާރުމިނުގައި ނޮލެޖް، ޢިލްމު އިތުރުވެގެން ހިނގައްޖެ. މިއަދު ކުޅަދާނަ ކަމެއް ނޫން، އެއްވެސް ޓީޗަރަކަށް ހުރިހާ އެއްޗެއް އަޅުގަނޑުމެންގެ ދަރިވަރުންނަށް ކިޔަވައިދިނުމަކީ. އެއީކީ ކުރެވޭނެ ކަމެއް ނޫން. އެހެންވީމާ، މިއަދު އަޅުގަނޑުމެން ކުދިންނަށް ދަސްކޮށްދޭން މިޖެހެނީ، ކިޔަވާނެ ގޮތުގެ ހުނަރުތައް. ޢިލްމު ހޯދާނެގޮތުގެ ހުނަރުތައް ދަސްކޮށްދޭން މިޖެހެނީ. ވީމާ، މި ކޮމްޕިއުޓަރު ހުނަރުގެ މިސާލުގައި ހިފަހައްޓަމާ ހިންގަވާ. މިއަދު ކޮމްޕިއުޓަރު ބޭނުންކުރަން ނޭނގުމަކީ އެއީ، ވަރަށްބޮޑު ނުކުޅެދުންތެރިކަމެއް. ކޮމްޕިއުޓަރ ބޭނުންކޮށްގެން، ޢިލްމު ހޯދުމަށާއި، ޢިލްމު އުފެއްދުމަށް އަޅުގަނޑުމެންގެ ޅަދަރިންނަށް މިއަދު ދަސްކޮށްދޭން އެބަޖެހޭ. އެކަން ނުކުރެވޭ ކަމަށްވާނަމަ، ދެންވާނެ ގޮތެއް ވިސްނާވަޑައިގަންނަވާ. އަޅުގަނޑުމެން ދާނީ ފަހަތަށް. އަޅުގަނޑުމެން ފަހަތަށް ބަލާނީ ހަމައެކަނި އަޅުގަނޑުމެންނަށް އެނގިހުރި އެއްޗަކުން މަޢުލޫމާތުގެ މައްޗަށް. ހަމައެކަނި އަޅުގަނޑުމެންނަށް ދަސްވެފައި، އަޅުގަނޑުމެންނަށް ފޮތުން އަޅުގަނޑުމެންގެ ޓީޗަރުން ދަސްކޮށްދީފައި ހުރި އެއްޗެއްގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެން ނަގަންޖެހޭ ޑިޒީޝަންތައް ނަގާނީ. އަޅުގަނޑުމެން މިދުނިޔެއާ ދޭތެރޭގައި ކަންކަން ދެކޭނީ. އަޅުގަނޑުމެން ކުރިއަށް ދިޔުމަށްޓަކައި ވިސްނާ ވިސްނުންތައް ވިސްނާނީ. އާ ހޯދުމެއް ހޯދައި، އާ އެއްޗެއް ދަސްކުރުމުގެ ހުނަރުވެރިކަމެއް ކުދިން ގައިގައި ނުހުންނާނެ. ކިޔެވުމަކީ އެއީ ހަމައެކަނި މަދްރަސީ ދައުރު ނިމުމުން، އެހިސާބުން ނިމެންޖެހޭ އެއްޗެއް ނޫން. އަޅުގަނޑުމެން ކޮންމެ މީހަކީވެސް އަބަދާއި އަބަދު އިތުރު މަޢުލޫމާތު ހޯދަންޖެހޭ، އިތުރަށް ޢިލްމު ހޯދަންޖެހޭ މީހުން. އަޅުގަނޑުމެން ކުރާ މަސައްކަތްވެސް ރަނގަޅަށް ކުރެވޭނީ އޭރުން. އެހެންނަމަވެސް، އެކަން ކުރަން ނޭނގޭގޮތަށް އަޅުގަނޑުމެން ތަޢުލީމު ދެވިއްޖެ ކަމުގައިވާނަމަ، މުޅި ޤައުމުގެ ތަރައްޤީއަށްޓަކައި ވަރަށްބޮޑެތި ހުރަސްތަކެއް އެޅިގެންދާނެ. އަޅުގަނޑުމެންނަށް ހަމައެކަނި ބެލޭނީ، އަޅުގަނޑުމެންނަށް ކިޔެވިފައި ހުރި ފޮތެއްގައި ހުރި އެއްޗަކަށް. އަލަށް އެއްޗެއް އުފައްދާކަށް، އާ ވިސްނުމެއް ގެންނާކަށް ހަމަ އެއްގޮތަކަށްވެސް ނޭނގޭނެ.

މިހާތަނާ ހަމައަށް އަޅުގަނޑުމެންގެ ތަޢުލީމީ މި ނިޒާމު، ރާއްޖޭގައި ތިއްބެވި ދުރުވިސްނިވަޑައިގަންނަވާ ޤައުމުގެ ވެރިންނާއި، ޤައުމުގައި ތިއްބެވި އެންމެ ތަޖުރިބާކާރު ތަޢުލީމީ ބޭފުޅުން މަސައްކަތް ކުރައްވައިގެން މިހިސާބަށް އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމު ގެންނެވުމުން، މިއަދު މިޤައުމުގެ ހިންގުމުގެ ކަންކަމާ ޙަވާލުވެ ތިބި މީހުންގެ ޒިންމާއެއް، ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ޒިންމާއެއް، އަޅުގަނޑުމެން ޓީޗަރުންގެ ޒިންމާއެއް، މިހިސާބުން މި ތަޢުލީމު، މިއަށްވުރެ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުން. އެ މުހިންމު މަސްއޫލިއްޔަތު މިއަދު އަޅުގަނޑުމެން މި މުއައްސަސާގައި މި ޤާއިމުކުރީ. އެހެންވީމާ، މި މުއައްސަސާގައި މަސައްކަތް ކުރައްވާ ބޭފުޅުންވާންޖެހޭނީ، ތަޢުލީމީ ދާއިރާގައި އަދި އެކިއެކި މާއްދާތަކުގެ ދާއިރާތަކުގައިވެސް ތިއްބެވި އެންމެ ކުޅަދާނަ، އެންމެ ނޮލެޖަބަލް، އެންމެ ބޮޑެތި މާހިރުންނަށް. މި މަރުކަޒަށް ގެންނަވަންވާނީ، އެކަމުގެ އެންމެ ކުޅަދާނަ ބޭފުޅުން. އެބޭފުޅުންނަށް އަޅުގަނޑުމެން ދޭންޖެހޭ މުސާރައާއި، ޢިނާޔަތްތަކާ ދީގެން، އެބޭފުޅުންނަށް ދޭންޖެހޭ އެހެނިހެންވެސް ވަސީލަތްތަކާއި އެހީތެރިކަންދީގެން، މި މަސައްކަތް އަޅުގަނޑުމެން އެބަޖެހޭ މިތާނގައި ވަރަށް ރަނގަޅަށް ކުރަން. އެހެން އެކަން ނުކުރެވޭ ކަމަށްވާނަމަ، ދެންވާނެ ގޮތަކީ، ތަޢުލީމީ ނިޒާމުވެސް މަޑުމަޑުން ހުރެގެން ދަށަށްދާނީ. އަދި އޭގެ ސަބަބުން ޤައުމުގެ ވިސްނުމާއި، ޤައުމުގެ ކުރިމަގު ވަރަށް ބޮޑަށް ބަނަވެގެންދާނީ.

މިވާހަކަ އަޅުގަނޑު މިއަދު މިދަންނަވަނީ، މިއީ ކޮންމެހެން އަޅުގަނޑުމެން ވިސްނަންޖެހޭ ކަމަކަށްވާތީ. މި މުއައްސަސާ މިއަދު މިއުފެދުނީ މިކަމަށްޓަކައި އަޅުގަނޑުމެން މަސައްކަތްތަކެއް ކުރަންޖެހޭތީ. ހަމައެކަނި އީ.ޑީ.ސީއާއި ސީ.ސީ.އީ. ގުޅުވާލުމެއް ނޫން އޭގެ މަޤްޞަދަކީ. އެހެންވީމާ، އެން.އައި.އީ.ގެ އިސްވެރިންނާއި، ތަޢުލީމީ ދާއިރާގެ ހުރިހާ ބޭފުޅުންގެ މަޝްވަރާއާ އެކުގައި މިމަސައްކަތް ކުރިއަށް ގެންދެވޭނެގޮތެއް ހޯއްދަވައި ދެއްވުން އެއީ އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް. އަޅުގަނޑުމެންގެ ތަޢުލީމު މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި، އަޅުގަނޑުމެންގެ ކުދިންނަށް އެ ފުރްޞަތުތައް ހުޅުވާލަދިނުމަށްޓަކައި ތަޢުލީމަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކުރައްވައި، އެބަދަލުތައް ގެންނަވަންޖެހޭނެ.

އަޅުގަނޑު ކިޔަވަން އުޅުނުއިރުގައި، އަޅުގަނޑަށް ކިޔަވައިދޭން އުޅުނު މީސްމީހުން ބުނަމުންދިޔަ، މިއަދު އުފަންވާ އިންސާނަކީ މިހާތަނަށް ދުނިޔޭގައި ކުރެވުނު ހުރިހާ ވިސްނުންތަކާއި، އުފެއްދުނު ހުރިހާ އުފެއްދުންތަކެއް، އެ އިންސާނެއްގައި އެކުލެވިގެންވާ މީހެކޭ. މިއަދު އުފަންވާ ކުއްޖަކީ، މިހާތަނަށް އަޅުގަނޑުމެންގެ މުޅި އިންސާނީ ތަހުޒީބު، ނަސްލު އުފެއްދިފައި ހުރި ހުރިހާ އެއްޗެއް، އެ ކުއްޖެއްގެ ބޭނުމަށްޓަކައި، އެކުއްޖަކު ތަރައްޤީވުމަށްޓަކައި، އެކުއްޖަކު ކުރިއެރުވުމަށްޓަކައި ލިބެންހުރި ކުއްޖެއް. އެހެންވީމާ، އެ ފުރްޞަތު ކޮންމެ ކުއްޖަކަށް ހޯދައިދިނުމަކީ އަޅުގަނޑުމެންގެ ވާޖިބެއް. މަންމައަކަށްވާތީ، ބައްޕައަކަށްވާތީ، މުދައްރިސަކަށްވީތީ އަދި އެކިއެކިވަރުވަރުގެ ވެރިންނަށްވީތީ، އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް އެއީ. އަޅުގަނޑުމެންގެ ވާޖިބެއް އެއީ. އެހެންވީމާ، އަޅުގަނޑުމެން މިއަދު އާ ވިސްނުމަކަށް ދާން މިޖެހެނީ. އަޅުގަނޑަކަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނުނު، ކީއްވެގެންކަމެއް އަޅުގަނޑުމެން 10 ކުދިންނަށް ޓީޗަރަކު ލައިގެން، 4 ކުދިންނަށް ޓީޗަރަކު ލައިގެން ކިޔަވައިދެމުން މިގެންދަނީކީ. މިއަދު ދިވެހިރާއްޖެއަކީ މިއީ ޓީޗަރސް ސްޓޫޑަންޓް ރޭޝިއޯ އެންމެމަތީ ޤައުމު، މުޅި ދުނިޔޭގައި އޮތް. އަޅުގަނޑުމެންގެ އެޑިޔުކޭޝަން ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ވިސްނުންފުޅު ޖެހޭހެން އަޅުގަނޑަށް ހީވަނީ އެހެންވީމާ، މިކަމުގައި އެހެން ގޮތަކަށް ބައްޓަން ކުރައްވަން. ތަޢުލީމުދޭނެ އުޞޫލުތަކާއި، އެގޮތްތަކާ، މިކަންކަމާ ދޭތެރޭގައި އާ ވިސްނުމެއް އަޅުގަނޑުމެން ގެންނަން އެބަޖެހޭ. އެ ޗެލެންޖް އަޅުގަނޑު ތިޔަބޭފުޅުންނަށް މިއަދު މިއަރުވަނީ.

އަޅުގަނޑުގެ ދުޢާއަކީ، ދިވެހިރާއްޖޭގެ ހުރިހާ ދަރިންނަކީ، ވިސްނުންތޫނު، ޢިލްމުވެރި ބައެއް ކަމުގައި މާތްﷲ ލެއްވުން. ދިވެހިރާއްޖޭގެ ތައުލީމު ކުރިއެރުވުމަށްޓަކައި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވައި، އަޅުގަނޑުމެންނަށް ތައުފީޤު ދެއްވުން.

والســّلام عليــكم

___________________________