ރާއްޖޭގެ ތަޢުލީމީ ޙާލަތު މިހާރު އޮތް ހިސާބުން ކުރިއަށް ގެންދިޔުމަށްޓަކައި އާ ވިސްނުންތަކެއް ގެންގުޅެންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން އިފްތިތާޙު ކުރެއްވުމަށް މިއަދު ހެނދުނު އިސްލާމީ މަރްކަޒުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ރާއްޖެ މިއޮތީ 1970ގެ އަހަރުތަކުގެ ތެރޭގައި ނޫންކަމާއި، މިއަދު ދުނިޔެއަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް، އަޅުގަނޑުމެން ކިޔަވައިދެމުންގެންދާ އުޞޫލުތަކަށް މާބޮޑު ބަދަލުތަކެއް އައިސްފައިނުވާ ކަމަށާއި، މިއަދުވެސް ކިޔަވައިދެމުން ގެންދަނީ، ވަރަށްކުރީގެ މޮޑެލަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކިޔަވައިދިނުމުގެ އުޞޫލުތައް ރޭވިފައި ހުރީ، ގިނަ ޢަދަދެއްގެ ކުދިންނަށް އެއްޗެތި ދަސްކޮށްދިނުމުގެ ވިސްނުމުގައި ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންވީމާ، ޒަމާނީ ޓެކްނޯލޮޖީގެ ވަސީލަތްތަކުގެ އެހީގައި ކުދިންނަށް ޢިލްމީ ޤާބިލުކަން ހޯދައިދިނުމުގެ ގޮތްތައް މިއަދު ރާވަންޖެހޭ ކަމަށް ވިދާޅުވެ، އެކަމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކޮންމެ މީހަކީވެސް އަބަދާއި އަބަދު މަޢުލޫމާތު ހޯދައި، ޢިލްމު ހޯދުމުގެ މަސައްކަތް ކުރަންޖެހޭ މީހެއް ކަމަށާއި، މިގޮތަށް މަސައްކަތް ކުރަމުން ނުދާނަމަ، އެކަމުގެ ސަބަބުން ޤައުމުގެ ތަރައްޤީއަށް ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދު އިފްތިތާޙު ކުރެއްވި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ މަސައްކަތްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލައްވަމުން، އެ އިންސްޓިޓިއުޓްގައި މަސައްކަތް ކުރައްވަން ތިއްބަވަން ޖެހޭނީ، އެކި މާއްދާތައް ކިޔަވައިދެއްވުމުގެ ތަޖްރިބާކާރު މާހިރުން ކަމަށާއި، މިމަސައްކަތް ވަރަށް ރަނގަޅަށް ކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި މިމަސައްކަތް ނުކުރެވޭ ކަމަށްވާނަމަ، ތަޢުލީމީ ނިޒާމުވެސް މަޑުމަޑުންދާނީ ދަށަށް ކަމަށާއި، އޭގެ ސަބަބުން ޤައުމުގެ ވިސްނުމާއި، ޤައުމުގެ ކުރިއެރުން ވަރަށް ބޮޑަށް ބަނަވެގެން ހިނގައިދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތާރީޚަށް ބައްލަވައިލައްވަމުން، ރާއްޖޭގައި އެކިދުވަސްވަރު ވެރިކަން ކުރެއްވި ބޭފުޅުންނާއި، ތަޢުލީމީ ވުޒާރާ ހިންގެވި ބޭފުޅުން، ރާއްޖޭގެ ތަޢުލީމު ކުރިއަށް ގެންދެވުމަށް ދެއްވި އަހަންމިއްޔަތު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި މިޒަމާނުގެ ތަޢުލީމުދޭން ފެށުނު ގޮތުގެ މައްޗަށް ބައްލަވައިލައްވަމުން، ރާއްޖެއިން ބޭރުން ތަޢުލީމީ އެކި ފަންނުތަކުން މަތީ ތަޢުލީމު ޙާޞިލު ކުރައްވައިގެން ވަޑައިގެންނެވި ބޭފުޅުން، ރާއްޖޭގެ ތަޢުލީމީ ނިޒާމު ބައްޓަން ކުރައްވައި، ކުރިއަށް ގެންދެވުމަށް ކުރެއްވި މަސައްކަތްޕުޅުތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.