[މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް]ގެ ނަމުގައި ކުންފުންޏެއް އުފެއްދެވުމަށް ވަޒީރުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުއްވުމާ ގުޅިގެން، އެ ކުންފުނި އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ނިންމަވައިފިއެވެ. މިކުންފުނި އުފެއްދެވުމުގެ އެންމެބޮޑު ބޭނުމަކީ، ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމަކަށްވެފައި، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ޙައްޖަށް ދިޔުމުގެ ގަސްތުގައި ފައިސާ ޖަމާކުރާ ފަރާތްތަކުގެ ފައިސާ، ރައްކާތެރިކަމާއި އަމާނާތްތެރިކަމާއެކު ބަލަހައްޓައި، އެފައިސާއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ މަގު ތަނަވަސްކޮށްދެއްވުމެވެ. އަދި މިއީ ދައުލަތަށް ފައިދާ ހޯއްދެވުމަށްވުރެ ބޮޑަށް ޚިދްމަތެއް ފޯރުއްވައިދެއްވުމަށް އުފައްދަވާ ކުންފުންޏެކެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްވާނީ ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ޙިއްޞާ އެކުލެވިގެންވާ ކުންފުންޏަކަށެވެ.

މިކުންފުނި އުފެއްދެވި ކަމުގައިވިޔަސް، ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހުއްދަ ދެއްވާ އަމިއްލަ ޖަމާޢަތްތަކުން މީހުން ޙައްޖަށް ގެންދިޔުމަށް ހުރަސްނޭޅޭނެ ކަމަށް އިޤްތިޞާދީ ކޮމިޓީން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ލަފާއަރުއްވާފައެވެ.