ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ދެކުނުގެ އަތޮޅުތަކަށް ލިބެމުންދާ ގެއްލުންތަކާބެހޭ މަޢުލޫމާތު ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އިސް އޮފިސަރުންނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސް އޮފިސަރުންނާއި އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރގެ އިސްބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިކަމަށްޓަކައި މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ބޯކޮށް ވާރޭވެހި، ބައެއް ރަށްރަށުގައި ފެންބޮޑުވެ، ނަރުދަމާ ނިޒާމަށް ލިބުނު ގެއްލުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ، ފެން ހިއްކުމުގެ މަސައްކަތް، އެރަށްރަށުގެ ރައްޔިތުންނާ ގުޅިގެން އެ މުއައްސަސާތަކުން ހިންގަމުންދާ ގޮތުގެ އެންމެފަހުގެ މަޢުލޫމާތު ސާފުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިކަމުގައި ސަރުކާރުން ދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ސަރުކާރުން މިހާރުވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކޮންޓިންޖެންސީ ބަޖެޓުން މިހާރުން މިހާރަށް އެރަށްތަކަށް ބޭނުންވާ އެހީތެރިކަން ދެއްވުމަށް ބޭނުންވާ ފައިސާ ދޫކުރެއްވުމަށާއި، ވިއްސާރައިގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ދަތިވެ، ކާޑުގެ ބާވަތްތައް ހުސްވެފައިވާ ރަށްރަށަށް އެސް.ޓީ.އޯ މެދުވެރިކޮށް ކާޑުގެ ބާވަތްތައް ފޯރުކޮށްދެއްވޭނެ ގޮތްތަކެއްވެސް ހަމަޖައްސަވާފައެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްފާޟިލް މުޙަންމަދު ވަޙީދުއްދީނާއި، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް ޢަބްދުﷲ ޖިހާދާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޑޮކްޓަރ މަރްޔަމް ޝަކީލާ ބައިވެރިވެވަޑައިގެންނެވިއެވެ.