ޕާކިސްތާނުގެ ބޮޑުވަޒީރު ކަމަށް އިންތިޚާބުވެވަޑައިގެންނެވި ނަވާޒް ޝަރީފަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ނަވާޒް ޝަރީފަށް މަރްޙަބާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި، މިއީ ޕާކިސްތާނުގެ ޑިމޮކްރަސީ އިތުރަށް ހަރުދަނާ ކުރުމަށް ލިބިގެންދިޔަ އާ ފުރްޞަތެއް ކަމަށާއި، އަދި ނަވާޒް ޝަރީފްގެ ޒަޢާމަތުގައި، ޕާކިސްތާނުގެ ރައްޔިތުންނަށް އިތުރު ފާގަތިކަމާއި ކުރިއެރުން ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެ ޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެކަން ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.