بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ހުޅުދޫމީދޫގެ ލޮބުވެތި އަޚުންނާއި އުޚުތުން، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޢިއްޒު، މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގެ ޗެއަރމަން އަދި މެނެޖިންގ ޑިރެކްޓަރ، ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދު އަޅުގަނޑުމެން ދެންމެގައި މި ދުށީ، ދިވެހި ސަރުކާރުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި، މޯލްޑިވްސް ރޯޑް ކޯޕަރޭޝަނާ ދޭތެރޭގައި އެއްބަސްވުމެއްގައި ސޮއިކުރިތަން. މި އެއްބަސްވުމުގެ ދަށުން ކަނޑައެޅިފައި މިއޮތީ، މިއަހަރު ނިމުމުގެ ކުރީގައި، މި ޗާޓުގައި ތިޔަ ފެނިވަޑައިގަންނަވާ ފެހި ކުލައިގެ ހުރިހާ މަގުތަކުގައި ގާއަޅައި މަގުތައް ހަދަން ނިންމުން. އެ މަގުތައް ނިމުމަށްފަހުގައި، ދެން ނޫކުލައިން ތިޔަ ފެނިވަޑައިގަންނަވާ މަގުތައް އެއީ މިދެރަށުގެ ބޮޑެތި މަގުތައް، މައި މަގުތައް. އެ މައި މަގުތަކުގައި ތާރުއަޅާގޮތަށް. އެހެންވީމާ، މިއަހަރު އަޅުގަނޑުމެން ގާއަޅައިގެން ހަދާ މަގުތަކުގެ ޖުމްލަ ދިގުމިނަކީ 2.7 ކިލޯ މީޓަރު. ދެން ތާރުއަޅައިގެން ހަދާ މަގުތަކުގެ ދިގުމިނަކީ ގާތްގަނޑަކަށް 5 ކިލޯ މީޓަރު.

އާދެ! މިއީ އަޅުގަނޑުމެން ދެކެމުން އައި ވަރަށްބޮޑު ހުވަފެނެއް. ކުރަމުން އައި އުންމީދުތަކެއް. މިރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދި، ޑްރޭނެއިޖް ލެވިފައި މަގުތައް ހެދުން. އެހެންވީމާ، ﷲ އިރާދަކުރެއްވީތީ، އެ މަސައްކަތް މިއަދު މި ފެށެނީ. ފެށިގެން އަޅުގަނޑުގެ އުންމީދަކީ، އެއްގޮތަކަށްވެސް މެދުނުކެނޑި ގޮސް މަގުތައް ހަދާ ނިންމުން.

އާދެ! ހަމަ މިގޮތަށް އެނގިވަޑައިގަންނަވާނޭ ފަދައިން، ހަމަ 5 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަޝްރޫޢެއް އަޅުގަނޑުމެން މިއައީ ހިތަދޫގައިވެސް ފަށާފައި. އައްޑުއަތޮޅުގެ ބޮޑެތި ރަށްރަށުގެ މަގުހެދުމަކީ އެއީ މިއަތޮޅުގެ ތަރައްޤީއަށްޓަކައި ވަރަށް މުހިންމު ކަމެއް. މި މަގުތައް ހެދުމުން، މީގެ ސަބަބުން މިރަށްރަށުގެ އިޤްތިޞާދަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އަޅުގަނޑަށް ޔަޤީންކުރެވޭ. އަދި ހަމައެހެން، ވަރަށްބޮޑު ފަސޭހަތަކެއް ވެގެންދާނެ. އެއީ އަޅުގަނޑަށް ހަމަ ރަނގަޅަށް ފެނޭ އަދި އެނގޭ، ތިޔަބޭފުޅުން، ތިޔަބޭފުޅުންގެ ތުއްޕުޅު ބޭފުޅުން ސްކޫލަށް ގެންދިޔުމުގައިވެސް، މަގުތަކުގައި އަޑިގުޑަންވެ، މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ވަރަށްދަތި ހާލުގައި، ޚާއްޞަކޮށް، ވިއްސާރަ މޫސުމުގައި އުޅުއްވަން ޖެހިވަޑައިގަންނަވަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އެކަމުން ސަލާމަތް ކުރެވޭތޯ އަޅުގަނޑުމެން މިހެން މިކަން މިކުރަނީ. ވީމާ، އިރާދަކުރެއްވިއްޔާ، އަންނަ އަހަރުގެ ތެރޭގައި، މިހުރިހާ މަގުތައް މުޅިން ހަދާ ނިމޭނެ.

އާދެ! އަޅުގަނޑު ވަރަށް ބޮޑަށް ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން، މިއަދު އަޅުގަނޑުމެން މިރަށަށް އައުމުން، އަޅުގަނޑުމެންނަށް މަރްޙަބާ ވިދާޅުވުމަށްޓަކައި ތިޔަބޭފުޅުން ނުކުމެވަޑައިގަތުމުން. ތިޔަބޭފުޅުން އަޅުގަނޑުމެންނާ ބައްދަލުކުރެއްވީމަ، އަޅުގަނޑުމެން ވަރަށް ބޮޑަށް އެކަމާ އުފާކޮށް، އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އުންމީދަކީ، ވީހާވެސް ބޮޑަކަށް މިރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް، ވީހާވެސް އަވަސް ބާރުމިނެއްގައި ކުރިއަށްދިޔުން. އެގޮތުން، ކުރަންހުރި ކިތަންމެ ކަންތައްތަކެއް އެބަހުރި. އޭގެތެރޭގައި، ނަރުދަމާގެ ނިޒާމު ޤާއިމުކުރުމާއި، ބޯފެނުގެ ނިޒާމު ޤާއިމުކުރުންވެސް ހިމެނޭ. އެގޮތުން މިހާރު އެނގިވަޑައިގަންނަވާނެ ފަދައިން، މިއަދު އަޅުގަނޑުމެން މިއައީ ހިތަދޫގައި ފުރަތަމަ 2500 ގެޔަށް ބޯފެން ލިބުމުގެ މަޝްރޫޢު ހުޅުވާފައި. އޭގެ ނަތީޖާއެއްގެ ގޮތުން، މިއަދު އަދި ފުރަތަމަ 20 ގެޔަކަށް ފެން ލިބިފައި އެހެރީ. އެހެން ނަމަވެސް، ފެންހޮޅި ގުޅައިދިނުމަށް އެދި އެޕްލައިކޮށް އެޕްލިކޭޝަން ފުރައިގެން، އެކަން ހުއްޓުމެއްނެތި ކުރިއަށްދާނެ، އިރާދަކުރެއްވިއްޔާ ހުރިހާ ގެޔަކަށްވެސް ފެން ލިބޭވަރަށް.

އަޅުގަނޑުގެ އުންމީދަކީ، ކުރިއަށް އޮތް ތާނގައި، ހަމަ ދާދި އަވަހަށް ހުޅުދޫމީދޫގައިވެސް ހަމަ އެގޮތަށް ފެނުގެ ނިޒާމެއްވެސް ޤާއިމްވެގެންދިޔުން. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑުމެން ހަމަ ކެނޑިނޭޅި މަސައްކަތްކޮށް، ދާދި އަވަހަށް ތިޔަބޭފުޅުންނަށް އެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު އަރުވާނަން.

އާދެ! އަޅުގަނޑު އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ބޭފުޅުން މިތަނަށް ވަޑައިގެންނެވީތީ ޝުކުރު ދަންނަވަން. އަދި މިމަސައްކަތް ފަށްޓަވައި، މިކަމުގައި ޢަމަލީގޮތުން މަސައްކަތް ކުރައްވާ ޚާއްޞަކޮށް، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޗެއަރމަނާއި މެނެޖިންގ ޑިރެކްޓަރަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުގެ ހެޔޮއެދުމާއި އަޅުގަނޑުގެ ދުޢާއަކީ، ތިޔަ ލޮބުވެތި ރައްޔިތުންނަށް މާތްﷲ ދުޅަހެޔޮ ޞިއްޙަތެއް ދެއްވައި އަދި އުފާވެރި ފާގަތި ދިރިއުޅުމެއް މިންވަރު ކުރެއްވުން. މާތްﷲ ތިޔަ ހުރިހާ ބޭފުޅުންނަށް ރަޙްމަތް ލައްވާށި!

والســّلام عليــكم ورحـمــة اللّـه