بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަން. އަދި މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި، އެ މާތް ނަބިއްޔާގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ހިތަދޫގެ ލޮބުވެތި އަޚުންނާއި އުޚުތުން.

السّــلام عليــكم ورحـمــة اللّـه،

އާދެ! މިއަދަކީ އަނެއްކާވެސް ވަރަށް އުފާވެރި މަސައްކަތެއް، މިތާނގައި ފެށޭ ދުވަސް. މިހާރު އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުމެން ކުރަމުން މި ގެންދަނީ، ހިތަދޫގެ ބޮޑެތި މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް، މަގުތައް ހެދުމުގެ މަސައްކަތް. އެގޮތުން މިހާތަނަށް ސަރުކާރުގެ ފަރާތުންވަނީ ޣާޒީ މަގުގެ ބޮޑު ބައެއްގައި ތާރުއަޅައި ނިމިފައި. އެހެންނަމަވެސް، ނުނިމި އޮތް ބައިވެސް މިހާރު ދެން ނިންމާލުމުގެ މަސައްކަތް މި ފެށެނީ. އަދި ހަމައެއާއެކީގައި، މި ފިޔަވަހީގައި މިހާރު ދެންމެ ޗާޓުން ދެއްކެވި ފަދައިން، 2.3 ކިލޯމީޓަރުގެ މަގު ހެދިގެންދާނެ. އެމަސައްކަތް އިރާދަ ކުރެއްވިއްޔާ، މިއަދު މި ފެށެނީ. އަޅުގަނޑުމެން ވާހަކަ ދައްކާ ނިމުމަށްފަހުގައި މަސައްކަތް މިއަދު ފެށޭނެ.

ހަމައެއާއެކީގައި ދެންމެ ތިޔަ ފެނިވަޑައިގަތީ ރޯޑު ކޯޕަރޭޝަނާއި ސަރުކާރާ ދޭތެރޭގައި ސޮއިކުރުމުގެ ރަސްމިއްޔާތު. އެ އެގްރިމެންޓްގެ ދަށުން މިދެންނެވި ފުރަތަމަ ފޭސް 2.3 ކިލޯމީޓަރުގެ މަގުގެ އިތުރުން އަދި އަންނަ އަހަރު ޖެނުއަރީގެ ތެރޭގައި ފެށޭނެ 2.8 ކިލޯމީޓަރުގެ މަގުތައް. އެހެންވީމާ އިރާދަކުރެއްވިއްޔާ، ހިތަދޫގެ ބޮޑެތި ހުރިހާ މަގުތަކެއްގައި ތާރުއަޅައި ނިމޭނެ މިއަންނަ އަހަރު.

މިއަދު މި ފެށޭ ފިޔަވަހި 1 ގެ މަގުތައް، އެއީ 2.3 ކިލޯމީޓަރުގެ މަގު، ޗާޓުން އެ ފެނިވަޑައިގަންނަވަނީ ފެހި ކުލައިގައި ހުރި މަގުތައް. އެމަގުތައް ހަދާ ނިމޭނެ އިރާދަކުރެއްވިއްޔާ މިއަހަރު.

އާދެ! މިގޮތަށް އައްޑުއަތޮޅުގެ އެހެނިހެން ރަށްރަށުގައިވެސް، މަގުތައް ހެދުމުގެ ޕްލޭން ވަނީ ރޭވިފައި. އެހެންވީމާ އަދި މިދަތުރުގައި އިރާދަކުރެއްވިއްޔާ، އެހެން ދިމަދިމައިގައިވެސް މަގު ހެދުމުގެ މަސައްކަތް ފެށްޓޭނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން.

ދެން އަޅުގަނޑު ދަންނަވާލާ ހިތް އޮތީ، މި ރީޖަން، ޚާއްޞަކޮށް، އައްޑޫގެ ރަށްތައް ތަރައްޤީ ކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ވަރަށްބޮޑު އަހަންމިއްޔަތެއްދީގެން މަސައްކަތް ކުރަމުން މިގެންދަނީ. އެގޮތުން، އައްޑޫގެ ރަށްރަށުގެ އިންފްރާސްޓްރަކްޗަރ ހެދުމަކީ އެއީ، އިޤްތިޞާދީ ތަރައްޤީއަށްޓަކައި އެންމެ މުހިންމު އެއް ކަންތައް. ރަށުގެ މަގުތައް ހެދުން، ރަށުގެ ނަރުދަމާގެ ނިޒާމު ޤާއިމުކޮށް ނިމުން. ހަމައެހެން ހުރިހާ ގެއެއް، ގެތަކަކަށް އަދި ހުރިހާ ވިޔަފާރިތަކަކަށްވެސް، ރެސްޓޯރަންޓްތަކަށާއި، ހޮޓާތަކަށާއި، ތަންތަނަށްވެސް ސާފު ބޯފެން ލިބޭނެގޮތް ހަމަޖެހިފައި ހުރުމަކީ އެއީ، މިރަށްތައް ތަރައްޤީ ކުރުމަށްޓަކައި ކޮންމެހެން ބޭނުންކަމެއް. މިރަށްތަކަކީ މިއީ ތަރައްޤީގެ ވަރަށް ބޮޑެތި ފުރުޞަތުތައް ﷲ އިރާދަކުރެއްވިއްޔާ، ކުރިމަތީގައި ހުރި ރަށްތަކެއް. އަޅުގަނޑުމެންނަށް އެބަ ފެނޭ، އިރާދަކުރެއްވީތީ މިކަން ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާނެކަން.

އެނގިވަޑައިގަންނަވާނެ ފަދައިން، ކުރިން ރޭވިފައި އޮތީ ހަމަ މިދަތުރުގައި ގަމު އެއަރޕޯޓްގެ މަސައްކަތްވެސް އަޅުގަނޑު ފަށާގޮތަށް. އެހެން ނަމަވެސް ކަންދިމާވިގޮތުން ކުޑަތަންކޮޅެއް ލަސްކޮށްލަން ޖެހުނީ. އެހެންނަމަވެސް އިރާދަކުރެއްވިއްޔާ، މި މަސް ނިމުމުގެ ކުރިން އަޅުގަނޑު އަނެއްކާ އަންނާނަން، އެ މަސައްކަތް ފަށަން.

އާދެ! ގަން އެއަރޕޯޓް ތަރައްޤީވުމަކީ އެއީ ވަރަށް މުހިންމު ކަމެއް. މި އަތޮޅަށް، މި ރީޖަނަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމެއް. އަޅުގަނޑުގެ ހަމަ ފުރިހަމަ ޔަޤީންކަން އެބައޮތް، މިހާރު އަޅުގަނޑުމެންނަށް އެއްބަސްވެފައިވާ އެގްރީމަންޓްގެ ދަށުން އެމަސައްކަތް ވަރަށް ބާރަށް ކުރިއަށް ގޮސް، އަޅުގަނޑުމެންނަށް މި ބޮޑު އެއަރޕޯޓެއް މިތަނުން ފެނި، ގިނަ ފްލައިޓްތައް މިތަނަށް އައިސް، ގިނަ ޢަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް އަންނަ ތަން. އަދި ވިޔަފާރީގެ ކަންކަން މިހާރަށްވުރެ ބޮޑަށް ފުޅާވެގެންދާތަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އިޤްތިޞާދީ ގޮތުން މިކުރެވޭ މަސައްކަތްތަކަކީ މިއީ ވަރަށް އަވަސް ފުރްޞަތެއްގެ ތެރޭގައި، މި އަތޮޅުގެ ރައްޔިތުންނަށް އޭގެ ފޮނި ނަތީޖާ ފެންނާނެ މަޝްރޫޢެއްކަން އަޅުގަނޑު އުންމީދު ކުރަން.

އަޅުގަނޑުގެ ހުރިހާވެސް ދުޢާއަކީ، މާތް ﷲ އަޅުގަނޑުމެންގެ ދިރިއުޅުން ފަހިކުރައްވައި ފާގަތިކޮށްދެއްވުން.

والســّلام عليــكم ورحـمــة اللّـه